ސްކޫލް ގައިޑް: ކުދިން ބަދިގޭގެ މަސައްކަތަށް

ސްކޫލް ދުވަސްވަރު ސްކޫލުން ދޭ ފިލާވަޅުތަކާއި ދާން ޖެހޭ ޓިއުޝަންތައް ގިނަކަމުން ގިނަ ދަރިވަރުންނަށް އޮންނަނީ ދިރިއުޅުމުގައި ދަސްކުރަން ޖެހޭ ކަންކަމަށް ވަގުތު ނުވެފަ އެވެ. ނަމަވެސް ސްކޫލް ޗުއްޓީ ދުވަސްވަރަކީ ކިޔެވުމުން ކުޑަ ބްރޭކެއް ދީ، ހިތްހަމަޖެހިލަން ލިބޭ ދުވަސްކޮޅެކެވެ. މި ދުވަސްކޮޅުގެ ބޭނުން ހެޔޮ ގޮތުގައި ހިފުން ވަރަށް މުހިއްމެވެ.


ބަދިގެއަށް ވަނުމުގެ ފުރުސަތު

ސްކޫލް އުމުރުގެ ކުދިންނަށް ދެވޭނެ އެންމެ މުހިއްމު އެއް ތަރުބިއްޔަތަކީ ބަދިގެތެރޭގެ މަސައްކަތްތައް ދަސްކޮށްދިނުމެވެ. އެގޮތުން ގްރޭޑް އެކަކަށް އަދި ނުވަން އުމުރުގެ ކުޑަކުދިންނަށް ފިޔާ/ ލޮނުމެދު ކަހަލަ ތަކެތި ނޮޅާލަން ދެވިދާނެ އެވެ. އޭރުން އިނގިލިތަކުގެ ހަރަކާތްތައް ދަސްވާނެ އެވެ. އެއަށް ވުރެ ތަންކޮޅެއް ބޮޑެތި ކުދިންނަށް ފުށް މޮޑުން ނުވަތަ ސެލެޑް ފަދަ ތަކެތި އެއްކުރަން ދިނުން ފަދަ މަސައްކަތްތައް ހަވާލު ކުރެވިދާނެ އެވެ. އަދި އަޅުގަނޑުމެން ކައްކަން ބޭނުންވާ ތަކެތި ދަރިން ލައްވައި ހަމަކުރާ ނަމަ ދަރިފުޅަށް ތަފާތު ކާނާ އާއި ކައްކަން ބޭނުންކުރާ އެއްޗެހީގެ ނަންތައް ދަސްވާނެ އެވެ.

ފިރިހެން ކުދިންނަށް ވެސް އެނގެން ޖެހޭ

ތަންކޮޅެއް ބޮޑެތި ކުދިންނަށް ކާން ހަދަން ހަވާލުކޮށް ނުވަތަ ކައި ނިމުމުން ތަށި ދޮންނަން ހަވާލުކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. މިފަދަ ކަންކަމުގައި މަސައްކަތް ހަވާލުކުރާނީ ހަމައެކަނި އަންހެން ކުދިންނަށް އެކަންޏެއް ނޫނެވެ. ބަދިގެ ތެރޭގެ މަސައްކަތްތައް ފިރިހެން ކުދިންނަށް ދަސްކޮށްދިނުން ވެސް މުހިއްމެވެ.

ގްރޭޑް އަށަކާ ހިސާބަށް ދާއިރު ކުދިންނަށް ކައްކަން ދަސްކޮށްދިނުމުން މައިންބަފައިންނަށް ވެސް ލުއިފަސޭހަވެ ކުއްޖާ އެކަނި އުޅެން ޖެހިއްޖެ ހާލަތެއްގައި އެ ގާބިލްކަން ހުންނާނެ އެވެ.

ބަދިގެތެރޭގެ މަސައްކަތް ދަސްކޮށް ދިނުމަކީ ކުދިންގެ ކެއުމުގެ އާދަތައް ރަނގަޅު ކުރުވައި، ކުއްޖާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވެދެވޭ އެހީއެކެވެ. ޚާއްސަ ވަކި ބާވަތެއް އެއްޗެއް ނުކާން އުޅޭ ކުދިން މިފަދަ ބާވަތްތައް ކެއުމަށް ޝައުގުވެރިކަން އުފެދި ކުދިންގެ ކެއުން ރަނގަޅުވާ ކަމެކެވެ.