ސްކޫލު ގައިޑް: އީޖާޒުގެ ނަސޭހަތާއި ތަޖުރިބާ

ތައުލީމީ ހަޔާތުގެ ފުރަތަަމަ 10 އަހަރު ނިމުނީ އެވެ. ތަފާތު އެކި މުބާރާތްތަކާއި އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ އަހުމަދު އީޖާޒު ހުސެއިނަށް ވަނީ ގިނަ ކަންތައްތަކެއް ދަސްވެފަ އެވެ. އެ ދަސްވި ކަންތައްތަކާ އެކު އޯލެވެލް އިމްތިހާނުގައި އޭނާ ބައިވެރިވީ ފޮނި އުއްމީދުތަކާ ވެސް އެކުގަ އެވެ.


އީޖާޒަށް ފާހަގަކުރެވުނު ކަމަކީ އެ ދުވަހުން ދުވަހަށް ފިލަވަޅުތައް ދަސްކުރުމުގެ ފައިދާ އެވެ. ހާއްސަކޮށް ގްރޭޑް 10 ގައި އުޅޭއިރު އެކަމަށް ސަމާލުކަންދިނުން ވަރަށް މުހިއްމު ކަމަށް އޭނާ ބުންޏެވެ.

އުމުރުން 15 އަހަރުގެ ދަރިވަރު ކިޔެވުމާއި އެއާ ގުޅޭ އެހެން ކަންކަން ކުރިއަށް ގެންދިޔައީ ތާވަލެއް ހަދައިގެންނެވެ. އޭގެ ސަބަބުން ސްކޫލުގެ ހަރަކާތްތަކާއި ގޭގައި ކިޔަވާނެ ވަގުތު ވެސް ހުސްކުރެވެ އެވެ.

އީޖާޒުގެ ދުވަހުގެ ތާވަލުގައި އެންމެ އިސްކަންދީފައިވަނީ ދީނީ ކަންކަމަށެވެ. ބަރާބަރަށް ނަމާދުކޮށް ދުއާކުރުމަކީ، ކިޔެވުމުގައި ލިބޭ އިތުރު ފަސޭހައެއް ކަން އޭނާއަށް ތަޖުރިބާކުރެވުނެވެ.

އީޖާޒު: އޯ ލެވެލް އިމްތިޚާނުން ރަން ވަނައެއް ލިބޭނެ ކަމަށް އުއްމީދުކުރޭ.-- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އީޖާޒުގެ ތާވަލުން އެއް ދުވަސް

- ސްކޫލް ނިންމުމަށް ފަހު ގެއަށް ގޮސް ފުރަތަމަ އަރާމުކޮށްލަނީ

- އޭގެ ފަހުން ދެ ގަޑިއިރު ޓިއުޝަންގައި

- ހިތްހަމަޖައްސާލަން ވާހަކައެއް ނޫނީ ކޮންމެވެސް ފޮތެއް ކިޔާލުން

- ކިޔެވުމުގައި އިތުރު ދެތިން ގަޑިއިރު ހޭދަކޮށްލުން

ކޮންމެ ރެއަކު ވެސް ލަސްވެގެން 10:30 ގެ ކުރިން ނިދަ އެވެ. ދެން ހޭލަނީ ފަތިސް ނަމާދަށް ބަންގި ގޮވުމުގެ 15 މިނިޓް ކުރިންނެވެ.

"ކިޔަވާއިރު ދީނީ ކަންތައްތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް. ފަސް ވަގުތު ނަމާދުކޮށް، ދުއާކުރުމަކީ ލިބޭ އިތުރު ފަސޭހައެއް،" އީޖާޒު، 2017 ގައި ގިޔާސުއްދީން ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން، ބުންޏެވެ.

"ދެން ކިޔެވިއަސް، ދުވަހުގެ ހުރިހާ ވަގުތެއް ކިޔެވުމަށް ހުސްކުރުން އެހާ ރަނގަޅެއް ނުވާނެ."

އޭނާ ބުނި ގޮތުގައި އުފާވެރި 10 އަހަރެއް ހޭދަކުރެވޭނީ ކިޔެވުމުގެ އިތުރުން އެހެން ހަރަކާތްތަކުގައި ވެސް ބައިވެރިވެގެންނެވެ.

"ރައްޓެހިން ވެސް ގެންގުޅެން ޖެހޭ،" އީޖާޒު ބުންޏެވެ.

"ކިޔަވާ ކޮޓަރީގައި ބަންދުވެގެން އުޅުމަކީ ރަނގަޅު ގޮތެއް ނޫން."

އީޖާޒު: އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފައިދާ ބޮޑު --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޯލެވެލް ހަދާ ކުދިންނަށް އީޖާޒުގެ ނަސޭހަތް

- ދުވަހުގެ ތާވަލެއް ހެދުން

- އުނދަގޫ މާއްދާތަކަށް ޚާއްސަ ނޯޓު ހަދައިގެން ކިއުން

- އަމިއްލަ ނަފުސަށް ބުރަނުކުރުން

އެމެރިކާގެ ޖަމާއަތަކުން މުޅި ދުނިިޔެއަށް ހުޅުވާލައިގެން ބާއްވާ "ވޯލްޑް ސްކޮލާސް ކަޕް" ގައި ބައިވެރިވެ އީޖާޒަށް ގިނަ މެޑެލްތަކެއް ލިބިފައިވެ އެވެ. އެކަމަކު ވޯލްޑް ސްކޮލާސް ކަޕް ކަހަލަ އިލްމީ މުބާރާތްތަކުގައި ބައިވެރިވެ ވަނަ ނުލިބުނަސް އެއިން ލިބޭ ތަޖުރިބާގެ ފައިދާ މާ ބޮޑު ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަކީ، އީޖާޒު ގަބޫލުކުރާ ގޮތުގައި، ހަމަ ވަރަށް ރަނގަޅު ތަޖުރިބާއެކެވެ.

އޭގެ ރަނގަޅު އެހެން މިސާލެއް ވެސް އޭނާ ދެއްކި އެވެ؛ ވާހަކަ ދެއްކުމުގެ މުބާރާތުގައި ބައިވެރިވުމެވެ.

"މީގެ ކުރިން މީހުންގެ ކުރިމަތީ ވާހަކަދައްކައި އުޅޭކަށް ނުކުރޭ. އެކަމަކު ވާހަކަދެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވާން ފެށި ފަހުން އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުވެ ގިނަ މައުލޫމާތުތަކެއް ލިބުނު،" އީޖާޒު ބުންޏެވެ.

މި ވަގުތު އީޖާޒު ހުރީ ވަރަށް ފޮނި އުއްމީދެއްގަ އެވެ. މޮކް އިމްތިހާނުގައި ފަސް މާއްދާއިން އޭ ސްޓާ އަދި ބާކީ ފަސް މާއްދާއިން އޭނާއަށް އޭ ލިބުނެވެ. އެހެންވެ އޯ ލެވެލް އިމްތިޚާނުން އޭނާގެ އާއިލާ އާއި ސްކޫލު ފަހުރުވެރިވާނެ ފަދަ ނަތީޖާއެއް ލިބޭނެކަމުގެ އުއްމީދު ބޮޑެވެ.

އީޖާޒާއި އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާން ހެދި އެހެން ހުރިހާ ދަރިވަރުންނަށް ބޮޑު ކާމިޔާބީއަކަށް އެދެމެވެ. އަދި އާ އަހަރު އެ އިމްތިހާންތައް ހަދާ ކުދިންނަށް ހިތްވަރުދީ، އީޖާޒުގެ ނަސޭހަތް ގަބޫލުކުރާނެ ކަމަށް އުއްމީދުކުރަމެވެ.