ސްކޫލް ގައިޑު

ސްކޫލް ގައިޑް: ޖެޒޫ އާންޓީގެ ހިނިތުންވުން

ޖެޒޫ އާންޓީ ކްލާހުގައި ކުދިންނާ އެކު: އޭނާ މި ދާއިރާގައި އުޅޭތާ 19 އަހަރު ވެއްޖެ. --ފޮޓޯ/މިހާރު

އެކި މިޒާޖުގެ ކުދިންތަކެއް އެއްފަހަރާ ގެންގުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ؛ އެކި ކުދިންގެ ހުންނާނީ އެކި ހިޔާލެވެ. ކުރާ ހިތްވާނީ އެކި ކަންކަމެވެ. ބަސް ގަބޫލުކުރާނީ ވެސް އެކި މިންވަރަށެވެ. މި ހުރިހާ ކުދިންނާ އެކު މަރިޔަމް ޖެޒްލީން (ޖެޒޫ އާންޓީ) 19 އަހަރު ހޭދަކުރީ ކިހިނެއް ހެއްޔެވެ؟ ގައިމުވެސް ފަސޭހަ ކަމެއް ނޫނެވެ.

ހިނިތުންވެ އޭނާ ދިން ޖަވާބު ވަރަށް ކުރެވެ.

"ކުދިން ދެކެ ވަރަށް ލޯބިވޭ."

ފޫހިކަމެއް، ވަރުބަލިވުމެއް ނެތި ކުދިންނާ އެކު އެހާ ގިނަ ދުވަހު އުޅެވުނީ އެހެންވެ ކަމަށް އޭނާ ބުންޏެވެ. ގަލޮޅު މަދަރުސާގައި އޭނާ ކިޔަވައިދޭ ކޮންމެ ކުއްޖަކީ ވެސް ޖެޒޫ އާންޓީ އަށް އަމިއްލަ ދަރިއެކެވެ. އޭނާގެ ކްލާސްތެރެއިން ވެސް ފެނުނީ އެ މަންޒަރެވެ؛

ޖެޒޫ ކްލާހުގައި ކުދިންނާ އެކު. --ފޮޓޯ/މިހާރު

ކުދިން ގެންގުޅެނީ ވަރަށް ލޯބިންނެވެ. ކުދިން އެއްފަހަރާ އެ ދައްކާ ހުރިހާ ވާހަކައެއްގެ އަޑު އަހަ އެވެ. ޝަކުވާތަކަށް ހައްލު ހޯދައިދެ އެވެ. އަކުރު ލިއުމާއި ކުލަ ޖެއްސުމުގައި ބައިވެރިވެ އެވެ. ކުދިންނާ އެކު ލަވަ ކިޔައި ކަސްރަތުކޮށް ހަދަ އެވެ. ކަންކަމާ ބޮޑާ ހާކައި ރޯ ކުދިންނަށް، ރަނގަޅު ގޮތް ބުނެދެ އެވެ. އެއްވަގުތަކު ކުދިން އެކި ކަންކަން ކުރާއިރު އެންމެ ކުއްޖަކަށް ވެސް އަޅާނުލައި ދޫކޮށެއް ނުލަ އެވެ.

މިއީ، ޖެޒޫގެ ދިރިއުޅުމެވެ. ދުވާލުގެ ހުރިހާ ވަގުތެއް ކަހަލަ ގޮތަކަށް ހުސްކުރަނީ އެ ކުދިންނަށެވެ. ޕްރީ ސްކޫލްގެ ޓީޗަރަަކަށް އުޅެފައި މިހާރު އޭނާ ކިޔަވައިދެނީ އެލްކޭޖީ އާއި ޔޫކޭޖީ އަށެވެ.

ޕްރީ ސްކޫލް ޓީޗަރަކަށް ވުމަކީ އޭނާގެ ހުވަފެނެކެވެ. ސްކޫލް ނިންމައި، އެހެން ދެ ވަޒީފާއެއް އަދާކުރި ނަމަވެސް އޭނާ ހުރީ ފުރުސަތަކަށް ބަލަބަލަ އެވެ.

"އެހެން ހުއްޓައި ރައްޓެއްސެއްގެ ފަރާތުން ފުރުސަތު ލިބުނީ. ސްކޫލަށް ވަދެވުނީމަ އަދި މާ ބޮޑަށް ޝައުގުވެރިވީ. ކުދިންނާ އެކު އުޅޭ ކޮންމެ ދުވަހަކީ ވެސް ވަރަށް ހިތްހަމަޖެހުން ލިބޭ ދުވަހެއް،" ޖެޒޫ ބުންޏެވެ.

ޖެޒޫ އާންޓީ ކިޔަވައިދޭ އިރު ކުދިން އަޑުއަހަނީ.

ބުރަ މަސައްކަތެއް!

ކުދިންނަށް ކިޔަވައިދިނުމަކީ ބުރަ މަސައްކަތެކެވެ. އެކަން އިހްސާސްކުރެވޭނީ މި ދާއިރާގައި އުޅޭ މީހުންނަށެވެ. މަސައްކަތުގެ ބުރަ ކަމަށް ނުބަލައި އެންމެ މުހިއްމީ ކުދިން ދެކެ ލޯބިވުން ކަމަށް ޖެޒޫ ބުންޏެވެ.

ކޮންމެ ދުވަހަކު ފަތިހު ހޭލައި، ހެނދުނުގެ ސެޝަނަށް ތައްޔާރުވާން ޖެހެ އެވެ. ކުދިންނާ އެކު ކޮންމެ ދުވަހަކު ސްކޫލްގައި ހޭދަކުރާ ތިން ގަޑި އިރަކީ އެ ކުދިންނަށް ކަންތައްތަކެއް ދަސްކޮށްދޭ ފައިދާ ހުރި ވަގުތުކޮޅަކަށް ހެދެނީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ދިރިއުޅުމުގައި ދިމާވާ އެހެން އުނދަގޫތައް ސިކުނޑި ތެރޭގައި ގިނަކޮށް، ކުދިންނާ ބައްދަލުކުރުމަކީ ޖެޒޫ އާންޓީ ކުރާ ކަމެއް ނޫނެވެ. އެކަހަލަ އެއްވެސް ކަމެއްގެ އަސަރު ކުދިންނަށް ކުރާކަށް ޖެޒޫ ބޭނުމެއް ނުވެ އެވެ.

ކްލާސް ރޫމުން އޭނާ ކުދިންނާ ބައްދަލުކުރަނީ ހިނިތުންވުމާ އެކުގަ އެވެ.

ބޭބީ ނާސަރީ އާއި ނާސަރީގައި އާންޓީމެން މާ ބޮޑު މަސައްކަތެއް ކުދިންނާ ހަވާލެއް ނުކުރެ އެވެ. މަސައްކަތްތައް ހަވާލުކުރަނީ އެ ދެ އަހަރު ނިންމައި އެލްކޭޖީ އަށް ބަދަލުވުމުންނެވެ.

އެ ދުވަހެއްގެ ސެޝަން ނިމުމުން އަނެއް ދުވަހަށް ތައްޔާރުވުމަކީ ވެސް ކުޑަ ކަމެއް ނޫނެވެ. އެހެން އާންޓީންނާ އެކު އެ ފިލާވަޅުތައް ތައްޔާރުކުރުމުގައި މުޅި ދުވަސް ވެސް ސްކޫލްގައި ހޭދަކުރަން ޖެހިދާނެ އެވެ. ބައެއް ދުވަސްތަކުގައި ގެއަށް ވަދެވޭ އިރު ހުންނަނީ ރޭގަނޑުވެފަ އެވެ.

ޖެޒޫ ބުނިގޮތުގައި ކުދިން ދެކެ ލޯބި ނުވާ ނަމަ އެ މަސައްކަތެއް ނުކުރެވޭނެ އެވެ.

މި ދާއިރާގައި އުޅެވޭނީ ވަރަށް ކެތްތެރި، ވަރަށް ހިތްވަރުގަދަވެގެންނޭ އާންޓީ އަށް ބުނެވޭނީ. ކުދިން ދެކެ ވަރަށް ލޯބިވާން ޖެހޭނެ.

ކުދިން ކުރާ ސުވާލުތަކަށް ޖަވާބު ދޭން ޖެހެ އެވެ. އެއްވެސް ކުއްޖަކާ މެދު ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެ އެވެ. ދެން އޮތީ ބެލެނިވެރިންގެ ޝަކުވާތަކެވެ. އަޑުއަހައި ކެތްތެރިވާން ޖެހެ އެވެ.

ކްލާސް ރޫމްގައި އާންޓީ ކުދިންނާ އެކު ލަވަ ކިޔަނީ. --ފޮޓޯ/މިހާރު

ކިޔަވައިދިނުން ޖެޒޫ އަށް އުނދަގޫ ނުވަނީ، ވަކި ރޫލްސްތަކަކަށް އަދި ގަޑިތަކަކަށް ކަންކަން ޝެޑިއުލްކޮށްގެން ކުރާތީ އެވެ. އެ ކަންކަމަށް ކުދިން ހާނުވައި، ހުރިހާ ކުދިން ބައިވެރިކޮށްގެން ކުރާތީ އެވެ.

ކިތަންމެ ބުރަ މަސައްކަތަކަސް ލިބޭ މުސާރަކޮޅު ކުޑަ އެވެ. ކުދިން ޝައުގުވެރިކުރެވޭ ގޮތަށް ކްލާސްރޫމް ރީތިކުރަން ވެސް ގިނަ ފަހަރަށް ބޮޑު ހޭދައެއް ހިނގަނީ ކުދިންގެ އަތުންނެވެ. ކުދިންނަށް ކިޔަަވައިދޭން ބޭނުންކުރާ މެޓީރިއަލްސް ތައްޔާރުކުރަން ކޮންމެ ދުވަހަކު ވެސް 100-300ރ. ދެމެދުގެ އަދަދެއް ހޭދަވާނެ އެވެ.

"ގިނަ ފަހަރަށް އާންޓީމެން އަތުން ހަރަދުކޮށްގެން މި މަސައްކަތް ކުރަން ޖެހެނީ،" ޖެޒޫ ބުންޏެވެ.

އެކަމަކު ވެސް އޭނާ އަށް ފަރުވާލެއް ނެތެވެ. އޭނާގެ ކްލާހަށް ވަންނަ ހިތުން ކުދިން އުޅުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އަދި ބެލެނިވެރިން އެނާއާ މެދު ހިތްހަމަނުޖެހޭ ބަހެއް މިހާތަނަށް ބުނެފައި ނުވުމަކީ ވެސް މި ދާއިރާ އިން ކުރިއަށް ދާން ލިބޭ ހިތްވަރެވެ.

ކުދިންނާ އެކު ކްލާސް ތެރޭގައި ހޭދަކުރާ ގޮތާއި އެ ކުދިން ދެކެ ވާ ލޯބި ކިޔައިދެމުން ގޮސް ގްރެޖުއޭޝަންގެ ވާހަކަ ފެށުމާ އެކު ޖެޒޫ ފެށީ ރޯށެވެ. އެލްޖޭކީ އާއި ޔޫކޭޖީގެ ދެ އަހަރު ނިންމައި ކުދިން އެމީހުންނާ ވަކިވާނެ އެވެ. ކޮންމެ އަހަރެއްގެ ވެސް އެ ދުވަހަކީ، ޖޭޒޫ ބުނިގޮތުގައި، ވަރަށް ހިތްދަތި ދުވަހެކެވެ.

"އެ ދުވަހު ވަރަށް ދެރަވޭ. ބޭނުމެއް ނުވޭ އެ ކުދިން ވަކިވެގެންދާ ކަށް،" އޭނާ ބުންޏެވެ.

ދެ ކުދިންގެ މަންމަ، ޖެޒޫގެ ހުރިހާ ވަގުތެއް ސްކޫލަށް ހުސްކުރެވެނީ އާއިލާގެ އެހީއާ ވެސް އެކުގަ އެވެ. އަދި ސްކޫލުގެ މެނޭޖްމެންޓުން ދޭ އެއްބާރުލުމާ ވެސް އެކުގަ އެވެ.

ވިލިނގިއްޔަށް ކުރި ދަތުރެއްގައި ޖެޒޫ އާންޓީ ކުދިންނާ އެކު.

ޖެޒޫގެ ފަރާތުން ބެލެނިވެރިންނަށް ހަނދާންކޮށްދިނުމެއް

- ވަކި ގަޑިއެއްގައި ކުދިން ނިދާ ގޮތަށް ހަމަޖެއްސުން.

- ޕާކުތަކާއި މީހުން އުޅޭ ތަންތަނަށް ކުދިން ނެރެ ސޯޝަލައިޒް ކުރުން.

- އަލަށް ސްކޫލަށް ފޮނުވަން ފަށާއިރު، ސްކޫލަކަށް ގެންގޮސް ކުދިން އުޅޭ ގޮތް ދައްކައި ކިޔައިދިނުން.

- ގޭގައި ވެސް އެކި ކުދިންނާ އެކު ޝެއާކުރަން ދަސްކޮށްދިނުން.

- ބޫޓާއި ދަބަސް ފަދަ އަމިއްލަ ތަކެތި ފާހަގަކުރަން ދަސްކޮށްދިނުން. /ބޫޓަށް އަރަން ދަސްކޮށްދިނުން.

ޓީޗަރުންގެ ދުވަހު އެހެން ޓީޗަރުންނާ އެކު އާންޓީ ފޮޓޯއެއް ނަގަނީ.

ޖެޒޫ އަބަދުވެސް ވިސްނަނީ މިގޮތަށެވެ؛ ކުދިން އާންޓީ ދެކެ ލޯބިވާނީ އެ ކުދިން ދެކެ އާންޓީ ވެސް ލޯބިވެގެންނެވެ. ކިޔަވައިދިނުމުގެ 19 އަހަރުގައި އަމަލުކުރީ އެގޮތަށެވެ. މި ދާއިރާ ދޫކޮށް، ކުދިންނާ ދުރަށް ދިއުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.

5 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 95%
icon sad icon sad 5%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިނާ އާންޓީ

16 December 2019

ޖެޒޫއަކީ ހަމަ ވަރަށް ހިތްވަރުގަދަ ކުޅަދާނަ އަދި ހަމައެހާމެ ކުދިންދެކެ ލޯބިވާ އޯގާތެރި ޓީޗަރެއްކަން އެއްވެސް ޝައްކެތް ނެތި ޤަބޫލުކުރޤަބޫލުކުރަމެވެ.ތިޔަ ގޮތުގައި ކުރއަށްދާށެވެ.ޖެޒޫ ޢާންޓީ އެކީގައި މަސައްކަތް ކޮށްލަން ލިބުނީތިީ ވަރަށް އުފާވެ❤️

The name is already taken The name is available. Register?

އާންޓީ

15 December 2019

މަރިޔަމް ޖެޒްލީން (ޖެޒޫ އާންޓީ) މެދެން ކޮން އާންޓީއެއްތަ. ތީ ޓީޗަރުން

The name is already taken The name is available. Register?

ނޫރާ

15 December 2019

މީގެ 17 އަހަރު ކުރީގަ މަގޭ ދަރިފުޅުގެ އާންޓީ މީ.. ވަރަށް ލޯބި އިންސާނެއް. ހާދަރަނގަޅޭ އަސްލުވެސް ޖެޒޫ . ދަރިފުޅުގެ ވެސް ފޭވަރިޓް މީ. ވަރަށް ހަނދާންވޭ. ޖެޒޫ ވަރަށް ސްލިމް އިރު ދަރިފުޅު ރޯތީ އުރާލައިގެން ހުންނައިރު އޭނަ ހޫނާނީ ހަމަ ލެނބިފަ. އެކަމަކުވެސް ފުރަތަމަ ދުވަސްކޮޅު ބަލާދާއިރު އަބަދު ހުންނާނީ އުރައިގެން .. ވަރަށް ސަލާމް ޖެޒޫއާ އާއިލާ އަށް.. ކުރިއެރުމާ ހެއު ދަރުމައަށް އެދެން..

The name is already taken The name is available. Register?

ޙަމް

15 December 2019

ކޮއްކޮ ކުޑައިރު ޖެޒޫ އާންޓީއެއްގެ ވާހަކަ އަބަދު ދައްކާނެ. މީތާ އެ އާންޓީ އަކީ.

The name is already taken The name is available. Register?

ޝާހިދާ

15 December 2019

އެހާ ކުޑަ މުސާރަ އެއް މިހާ ބުރަ މަސައްކތަް ކުރާ ބަޔަކަށް ލިބި އަދި އެއިން ސްކޫލް ގެ ކަންތަކަށް ޚަރަދު ކުރުން ފެއާރ އެއް ނޫން.ބަޖެޓެއް ހަދާ އޭގެ ދަށުން ކްލާސްރޫމް ރީތި ކުރުމާ ކްދީން މޯޓިވޭޓް ކުރަން ދެވޭ ކުޑަކުޑަ ހަދިޔާ( ބެޖް/ސްޓިިކާރ)ފަދަ ތަކެތި ހޯދެން ޖެހޭނެ. ޢަދި ޚަރަދު ދާ ގޮްތުގެ ތަފްސީލް ޓީޗަރުން ސްކޫލް އަށް ދެއކީމަ އެވީ.ޕްރައިމަރީ ލެވެލްގަ ކުދީންގެ އިންޓްރަސްޓް ހޯދާ ކުދީން ސްކޫލް ލައިފށް ހިތް ޖެއްސުމަށް ގިނަގުނަ ކަންތައްތަކެއް ކުރަން ޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!