ބޯވަ

ބުދަ ދުވަހާ ގުޅޭ


ހީވަނީ އަހަރެންގެ ހިތް ރީނާއަށް ފެންނަހެންނެވެ. މީހަކަށް ހެޔޮވެވޭނީ އެހާކަންހާ ވަރަށެވެ. އަނެކާ ދަސްކުރެވޭނީ ވެސް އެހާކަންހާ ވަރަށެވެ. އަހަރެންގެ ހިތަށްއެރިއެވެ. ރަނގަޅަށް ރައްޓެހިނުވަނީސް އެހާ ހިތްހެވިއްޔާ ރައްޓެހިވީމައި އަދި ކިހާ ވަރެއް ވާނެ ހެއްޔެވެ؟ ކައިވެނިކުރީމައި ކިހާ ކަމެއް ކޮށްދޭނެ ހެއްޔެވެ؟ އެ ސުވާލުތަކުގެ ޖަވާބު ރީނާ ދޭކަށް ނުޖެހެއެވެ. އަހަރެންގެ ލޮލަށް ޖަވާބު ފެނެއެވެ. އަހަރެންގެ ހިތަށް ޖަވާބު އިހުސާސްކުރެވެއެވެ. އެހެންނަމަވެސް، ރީނާއާ މެދު އަހަރެންގެ ހިތުގައި ޝައުގުވެރިކަމެއް ނުއުފެދުނެވެ. ރީނާއަށް ޓަކައި އަހަރެންގެ ހިތުގައި ލޯތްބެއް ނުއުފެދުނެވެ.

ގިނައިން އަހަރުމެން ވާހަކަދައްކަނީ ފޯނުންނެވެ. ބައްދަލުކުރަނީ ވަރަށް މަދުންނެވެ. ރެސްޓޯރަންޓަށް ވެސް ދަމެވެ. ބައެއް ރޭރޭ ވަރަށް ގިނައިރުވަންދެން ވާހަކަދައްކަން ތިބެމެވެ. އެކަމަކު، ލޯބީގެ ވާހަކައެއް ނުދައްކަމެވެ. އަހަރެން ދައްކާނެ މާ ގިނަ ވާހަކައެއް ނުވެސް ހުރޭމެއެވެ. ރީނާ ދައްކާނެ ވާހަކަ ހުރެއެވެ. އަހަރެން ފޫހިވިޔަކަ ނުދެއެވެ. ރީނާއަކީ ދޫ ހަލުވި ކުއްޖެކެވެ. މުނިފޫހިފިލުވައިދޭން އެއްވަނައިގެ އެކުވެރިއެކެވެ. ރީނާގެ މިޒާޖުގައި އާދަޔާޚިލާފު ސިފައެއް ވެސް ހުރެއެވެ. ކޮންމެ ފަހަރަކު ވެސް ބިލުދައްކަނީ ރީނާއެވެ. ފުރަތަމަ ދެ ފަހަރު އަހަރެން ދެކޮޅުހެދީމެވެ. ފަހުން އެ ގޮތް އަހަންނަށް މާ ކަމުދިޔައެވެ. ކިތަންމެ އަގު ބޮޑު ރެސްޓޯރަންޓަކަށް ދިޔަސް ގެންނަ އެއްޗެހީގެ އަގަކަށް އަހަރެން ނުބަލަމެވެ. ލިބޭތާ ލިބިގަންނަނީއެވެ. ހީވާގޮތުގައި ރީނާއަށް ލިބޭ މުސާރަ ހުސްވާނީ އަހަންނަށެވެ. ފަހަރެއްގައި އެއީ ހުތުރުކަމަކަށް ވެދާނެއެވެ. އަހަރެންގެ އުނިސިފައަކަށް ވެސް ވެދާނެއެވެ. އެކަމަކު އެއީ މުސީބާތަކަށް ވެދާނެކަމަކަށް ހިޔެއްނުކުރަމެވެ.

ހިހޫތަނުން ކައިގެން، ލިބޭތާ ލިބިގަންނަމުންދަނިކޮށް ފުރަތަމަ މައްސަލައާ ކުރިމަތިލާންޖެހުނެވެ. ރީނާގެ "އޯގާތެރިކަން" ހައްދު ފަހަނައަޅައިދިޔައީއެވެ. ރެސްޓޯރަންޓުގައި ތިބޭއިރު ވެސް ރީނާ ބޭނުންވަނީ އޭނަގެ އަތުން އަހަރެންގެ އަނގަޔަށް ލަވައިދޭށެވެ. ކިތަންމެ ބަޔަކު ތިއްބަސް އަހަރެން އަތުން ކެއުމުގެ ހުއްދައެއް ނޯވެއެވެ. އަހަރެންގެ ތުންފުހެދެނީ ވެސް ރީނާއެވެ. ފެން ޖައްސަނީ ވެސް ރީނާއެވެ. އަހަންނެކޭ ކުޑަކުއްޖެކޭ ތަފާތެއް ނެތެވެ. ރީނާ ލަދެއްނުގަނެއެވެ. އުނދަގޫވާން ފެށީ އަހަންނަށެވެ. މަންޒަރު ފެންނަ އެހެން މީހުން ބަނޑަށްހޭތަން ވެސް ފެންނަނީ އަހަންނަށެވެ. ދެވަނަ މައްސަލަ ކުރިމަތިވިއެވެ. އެއީ ފޯނުން އަހަންނާ ނުގުޅިއްޖެއްޔާ ދެން ރީނާ ކަންތައްކުރަން ފެށި ގޮތެވެ. އަހަންނާ ބައްދަލުނުވަނީހެއް ރީނާ މައިތިރިއެއް ނުވެއެވެ. އަހަރެން އުޅެނީ ދިވެހިރާއްޖޭގެ އަޑުގައެވެ. ތަނުގެ ހުރިހާ ފޯނަކަށް ރީނާ ގުޅައެވެ. ކޮންމެ ފޯނަކަށް އެތައް ފަހަރަކުއެވެ. ކޮންމެ މީހަކު ފޯނުނެގިޔަސް އަހަރެން އުޅޭތޯ އަހައެވެ. އެހެން ނަހަދަން ބުންޏަސް ރީނާއަކަށް އެ އަޑުއިވުނުކަމަކަށް ނުވެއެވެ.

އަހަންނަކީ ވަރަށް ސާދާ މިޒާޖެއްގެ މީހެކެވެ. އޮފީހުގެ އެހެން މީހުން ފަދައިން އޮފީސް ފޯނުން ލޯބިވެރިންނާ ގުޅައިގެން މާފޮޅުވުމަކީ އަހަރެން ކުރާ ކަމެއް ނޫނެވެ. އޮފީހަށް ގަޑިޖެހުމާއި، އަންހެންކުދިން ލައިގެން މުޅި މާލެ ކުޑަކުރުމަކީ ވެސް އަހަރެން ކުރާ ކަމެއް ނޫނެވެ. އެހެންނަމަވެސް، ރީނާގެ ސަބަބުން އޮފީހުގައި އަހަރެން ބަދުނާމުވާން ފެށިއެވެ. އެހެން މުވައްޒަފުންނަށް އަހަރެން ދައްކަމުންއައި ރީތި ނަމޫނާއަށް މަލާމާތުގެ ކިސަޑުބުރަން ފެށިއެވެ. ކޮންމެ މީހަކު ވެސް އެ ވާހަކަ ދައްކަނީ ސަމާސާއަކަށް ހަދައިފައެވެ. ބައްދަލުވުންތަކާއި، މީހުން ގިނަ ތަންތަނުގައި ވައްބަހުން މީހަކު ޖަހައިނުލައި ދުވަހެއް ނާދެއެވެ. ދިފާއުގައި ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގެއެވެ. އެހެން އުޅެނިކޮށް ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނެވެ. އަހަރެންގެ ސައިކަލު ފަހަތުގައި ރީނާ އިންދައި ސަލީމާއަށް ފެނުނެވެ. އެއީ އެންމެ ނުފެންނަންވާ މީހާއެވެ. އޮފީހުގެ މަޝްހޫރު ނަމުން ނަމަ، "ބޮޑު ތާޅަފިއްޔެވެ." ސަލީމާއަކީ އަހަރެންގެ މަންމަޔާ ދާދި އެއް އުމުރެއްގެ މީހެކެވެ.

"އަމީން ރައްޓެހިވާން އެއީ ދެން ކާކު؟" ސަލީމާ ހައިރާންވެފައި އެހިއެވެ. "މާލެ މިއޮތީ ފަތްމިނިން ފުރިފަ."

"އެއީ ފްރެންޑެއް،" އަހަރެން ބުނީމެވެ. "އަނެއް ކަހަލަ އެއްވެސް ގުޅުމެއް ނޯންނާނެ."

އަހަރެން ދިން ޖަވާބުގެ އެންމެ އަކުރެއް ވެސް ސަލީމާ ގަބޫލެއް ނުކުރިއެވެ. އެ ކަން އަހަންނަށް އެނގުނީ އޭނަގެ މޫނުމަތިންނެވެ.

"މަ ބުނަން ރަނގަޅު ވާހަކައެއް؟" ސަލީމާ މަޑުމަޑުން ބުންޏެވެ. "އަމީނަކީ އަހަރެންގެ ދަރިއެއް ވަރުގެ ކުއްޖެއް. އިހަށްދުވަހަކު ތި މާލެއައީ. އަހަންނަކީ މާލޭގަ އުޅެއުޅެ ކުރަލާފަހުރި މީހެއް. އެ މަންޖެއަކީ ފައްކާ އައްޓަމަހެއް. އައްޓަމަހަކީ ކޯޗެއްކަން ނޭނގެންޏާ ބަސްފޮތް ބަލާލާ! އެ މަންޖެ ކުޑަކޮށް ސައިކޯ ވެސް ވާނެ. އެ މަޅި ކަރަށް މެހުމުގެ ކުރިން އަވަހަށް ސަލާމަތްވޭ!"

ސަލީމާ ދެއްކި ވާހަކައަކަށް އަހަރެން މާ ބޮޑު ސަމާލުކަމެއް ނުދެމެވެ. ރީނާއަކީ އަހަރެންގެ ލޯބިވެރިޔާއެއް ނޫނެވެ. އެކުވެރިއެއްގެ ދަރަޖައަށް ވެސް ރީނާ ޝަރުތު ހަމައެއް ނުވެއެވެ. އަހަންނަކީ، ގޭގައި ވެސް ނަންބަރު ވަރަށް މަތި މީހެކެވެ. މައިންބަފައިން ކުރިމަތީގައި ބާރަށް ވާހަކަދެއްކުމަކީ އަހަރެން ނުކުރާ ކަމެކެވެ. ބައްޕައާއި މަންމައަށް ވެސް އަހަރެން ވާހަކަދައްކަނީ ރީތިބަހުރުވައިންނެވެ. މައިންބަފައިންގެ ނަޒަރުގައި އަހަންނަކީ "ޖެންޓަލް ބޯއިއެވެ." ބަސްއަހާ ފިޔޮކެވެ. ފަސްވަގުތު ނާޅާ ނަމާދުކުރާ، ކިޔަމަންތެރި ދަރިފުޅެވެ. އޮފީހުން ގެއަށެވެ. ގެއިން އޮފީހަށެވެ. އެހެން އުޅެނިކޮށް ރެސްޓޯރަންޓެއްގައި އަންހެނެއްގެ އަތުން އަހަރެންގެ އަނގަޔަށްލަވާ ތަން މީހަކަށް ފެނިގެން، މައިންބަފައިންނަށް ޚަބަރުދީފިއްޔާ މައިންބަފައިންގެ ހިތްހުއްޓުން ވެސް އެކަށީގެންވެއެވެ. މައްސަލައަކީ ރީނާ ފުރަތަމަ އެ ކަން ކުރި ފަހަރު އަހަންނަށް އެ ކަން ނުހުއްޓުވުމެވެ. ރީނާ ދެކެ އަހަރެން ވަރަށް ލޯބިވާ ނަމަ މައްސަލައެއް ނެތެވެ. އެ ލޯތްބަށް ޓަކައި ކަނޑުތައް ހިއްކައި، ތަރިތައް ބާލައި، ރަށްތައް ފަތަހަކުރީމުހެވެ. އެކަމަކު އަހަންނަކީ މިނިވަންކަމާ އެކު ވިނަކާން އޮތް ފުއްލާއެކެވެ. ކޮންމެ ވަގުތަކު ކޮންމެ ދިމާއަކަށް ވެސް ދުއްވައިގަންނަންވީއެވެ. ފެހި ވިނަތަކުން ބިންގަނޑު އޮތީ ފުރިފައެވެ. ރީނާގެ އަމާޒަކީ ލޯބީގެ ތެރަސްގަނޑެއްގައި އަހަރެން ތަތްކޮށްލުމެވެ. އޯގާތެރިކަމާއި، ދީލަތިކަމުގެ ޗޭނުގަނޑަކުން އަހަރެންގެ ދެފައި ބަނދެލުމެވެ. ރީނާ ހިތުން އަހަންނަކަށް އެ ވަރެއް ނުވިސްނޭނެއެވެ.

އޮފީހުގެ ދަންވަރު ޑިއުޓީގައި އަހަރެން ހުރި ރެޔެކެވެ. ހެނދުނު ފޮނުވަންޖެހޭ ޕްރޮގުރާމެއްގެ ބޮޑުބައި އޮތީ ނުނިމިއެވެ. އެ ޕްރޮގުރާމަކީ ސަމަދު ހަދާ ޕްރޮގުރާމެކެވެ. ސަމަދަކީ އޮފީހުގެ އެންމެ ރުންކުރު ޕްރޮޑިއުސަރެވެ. ދަންވި ވަރަކަށް ސަމަދުގެ ރުޅި ގަދަވެއެވެ. އަހަރެން އޮފީހަށް ވަންތާ އޭރު މާ ގިނަ ދުވަހެއް ނުވެއެވެ. މަސައްކަތް ފަށަން އޮތީ އެގާރަޖަހާއިރުއެވެ. ގަޑިން ދިހައެއް ޖެހި ތަނާ ރީނާ ގުޅިއެވެ. ސައިކަލުދުއްވައިލަން ދާންޖެހިއްޖެއެވެ. ކުރިން ދެ ރެޔަކު ބުނެގެން ވެސް އަހަރެންނަށް ވަގުތު ނުވެގެން އެ ކަން އޮތީ ނުކުރެވިފައެވެ. ކަން އޮތްގޮތް ރީނާ ގާތުގައި ބުނީމެވެ.

"އޮފީހުގަ މިއިނީ،" އަހަރެން ބުނީމެވެ. "ޑިއުޓީގަޑި ފެށެނީ."

"މިހާރު ކޮންމެ ފަހަރަކު ވެސް އަމީން ބުނަނީ ތިހެން،" ބޮޑާހާކާ ރާގެއްގައި ރީނާ ބުންޏެވެ. "ދެން އަޅެ މިރޭ ހިނގާބަލަ! ޕްލީޒް! އަދި އެބައޮތެއްގަ ގަޑިއެއްހާއިރު."

އަހަރެންގެ ތާވަލު އޮންނަ ގޮތް ރީނާ ހިތުދަހެވެ. އިންކާރު ކޮށްފިއްޔާ އޮފީހަށް އަންނާކަށް ވެސް ރީނާ ފަހެއްނުޖެހޭނެއެވެ. އޭނައަކީ ކެރޭ ކުއްޖެކެވެ. އަހަރެން އެއްބަސްވީމެވެ. ރީނާ ގޮވައިގެން ބުރެއްޖަހައިލަން ނުކުތީމެވެ. އަހަރެން ނިންމައިގެން ހުރީ ވަރަށް ފަސޭހަ ގޮތެކެވެ. ކުޑަ ބުރެއް ޖަހައިލައިފައި ރީނާ ގެއަށް ލައިފައި، އަހަރެން ވެސް ގެއަށް ވަދެލައިފައި އޮފީހަށް އައުމެވެ. އޮފީހުން ނުކުތުމާއެކު ރީނާގެ ޚިޔާލު ބަދަލުވިއެވެ. އައިސްކިރިމެއް ކާންޖެހިއްޖެއެވެ. ދުވަހަކު ނުވެސް ދަންނަ ކެފޭއަކަށް ވަންނަން ޖެހިއްޖެއެވެ. އެ ތަނަށް ވަންއިރު ވެސް ތަނުގެ ސާފުތާހިރުކަމާ ދޭތެރޭގައި އަހަރެން ހުރީ ހިތްހަމަނުޖެހިފައެވެ. އިރުކޮޅަކުން ޒާތެއްގެ އައިސްކިރިމެއް ގެނައެވެ. އަހަރެންގެ ކަޅި ހުއްޓިފައި ހުރީ ގަޑިޔަށެވެ. މޮޅެތި ފޮނި ވާހަކަދައްކަން ރީނާ ވަރަށް މަސައްކަތްކުރިއެވެ. އަހަރެން އަވަސްއަވަހަށް އައިސްކިރިމު ކައިނިންމައިލީމެވެ. ރަހަޔަކަށް ނުބަލަމެވެ. ކުއްލިއަކަށް ބަނޑުކައްކައިލިއެވެ. އަހަރެން ފާޚާނާއަކަށް ދާންޖެހުނެވެ. އަވަހަށް ގެއަށް ދާން ބޭނުންވިއެވެ. ނަސީބަކުން ރީނާ މައްސަލައެއް ނުޖެއްސިއެވެ.

ގެއަށްދާން ނައްޓައިލިއިރު އެގާރަޖަހަނީއެވެ. ސަމަދުގެ މެސެޖެއް ލިބުނެވެ. އަވަސްކޮށްލުމަށް އެދިފައި އޮތެވެ. އޮފީހާ ބޮޑަށް ކައިރީ ރީނާގެ ގެއެވެ. ވީމާ، ރީނާ ގެއަށް ލައިފައި އަހަރެން ގެއަށް ވަދެފައި އޮފީހަށް ދިޔުމަކީ ހައްތަހާ ލަސްވާނެ ގޮތެކެވެ. ހިތަށްއެރިއެވެ. ދާ މަގުމަތީގައި ގެއަށް ވަދެލިއްޔާ މާ އަވަސްވާނެއެވެ. މަޝްވަރާކޮށްލުމުން ވަރަށް ފަސޭހައިން ރީނާ އެއްބަސްވިއެވެ. އެހާ ފަސޭހައިން އެއްބަސްވުމަކީ މައްސަލައެއްކަމެއް އޭރަކު ނުވިސްނުނެވެ. ގެއަށް ދިޔައީމެވެ. ގޭގެ ދޮރާށިން ވަންނައިރު މެދުން ސަރައްކާއްޔެއް އޮވެފައި ދެ ފަރާތުގައި ހުންނަނީ ދެ ބޭބެއިން އުޅޭ ބައެވެ. އަހަރެން އުޅެނީ އެންމެ ބިއްދޮށު ބައިގައެވެ. ގެއަށް ދިޔައިރު އުންމީދުކޮށްގެން ހުރީ މަންމައާއި ބައްޕަ ވެސް އޮންނާނީ ނިދައިފަކަމަށެވެ. އެކަމަކު އެ ކޮޓަރި ހުރީ ދިއްލައިފައިއެވެ. މަންމަ ހޭލާއުޅެނީކަން އަހަންނަށް އެނގުނެވެ. ގޯޅިގަނޑު އޮންނާނީ އަނދިރިކޮށެވެ.

"ރީނާ މި ތަނުގަ މަޑުކުރާތި!" އަހަރެން މަޑުމަޑުން ބުނީމެވެ. "އަހަރެން ގެއަށް ވަދެލާފަ ވަރަށް އަވަހަށް މި އަންނަނީ. ދޮރުގަ ޓަކިނުޖަހާތި! މަންމަ ހޭލާކަންނޭނގެ އުޅެނީ."

"ވަރަށް އަވަސްވާނެތަ؟" ރީނާ ސުވާލުކުރިއެވެ.

"ރީނާއަށް ގަބޫލު ވެސް ނުކުރެވޭހާ އަވަހަށް އަންނާނަން." އަހަރެން ޔަގީންކަންދިނީމެވެ.

އެއްވެސް ޝަކުވާއެއް ނެތި ރީނާ އެއްބަސްވިއެވެ. އަހަރެން ގޮސް ގެއަށް ވަނީމެވެ. ނަސީބަކުން މަންމައާއި ބައްޕަ ވެސް އުޅެނީ އެ މީހުންގެ ކޮޓަރީގައެވެ. އަހަރެންގެ ކޮޓަރިއަށް ވަދެފައި ލޫވަދޮރުން ބޭރު ބަލައިލިއިރު ވެސް ރީނާ ހުރި ފިޔަވަޅުމަތީގައި ހުއްޓެވެ. ހިތަށްއެރިއެވެ. ހާދަހާ ބަސްއަހާ ކުއްޖެކެވެ. ފާޚާނާއަށް ވަދެ އަވަސްއަވަސްކޮށްލައިގެން ނުކުންނަން ބޭނުންވި ނަމަވެސް، ކުޑަ އިރުކޮޅެއް ވިއެވެ. ހިތާހިތުން އޭރު ވެސް ޝަކުވާކުރެވުނެވެ. އައިސްކިރިމު ކެއީ ކީއްކުރަން ހެއްޔެވެ؟ އޮފީހުން ނުނިކުތް ނަމަ މާ ރަނގަޅުވީހެވެ. ފާޚާނާކޮށް ނިމިގެން މޫނު ވެސް ދޮވެލައިގެން ނުކުތީމެވެ. އެ ވަގުތު އަހަރެންގެ ދެ ފައި ތަޅުންގަނޑުގައި ތައްލި ކަހަލައެވެ. ލޮލަށް ފެނުނު މަންޒަރު ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ.

ނުނިމޭ