ދޮންކަނބުލޮ

މި ރަށަކީ ވަރަށް ބޮޑު ރަށެކެވެ. ގަސް އެހާމެ ގިނައެވެ. އާބާދީ ވަރަށް ކުޑައެވެ. އުޅޭ މަދު މީސްކޮޅު ވެސް ދިރިއުޅެނީ ރަށުގެ ހޭޅިފަށާ ކައިރީގައެވެ. މޫދު ފެންނަ ހިސާބުގައެވެ. ރަށުގެ މެދު އޮންނަނީ ވާ ހެދިފައެވެ. މަތި ބެދިފައިވާ ބިޔަ ގަސްތަކާއި، ފެތުރިފައި އޮންނަ ވެޔޮތަކާއި ވިނައިންނެވެ. ބޮޑެތި ކުޅިތައް އޮތުމާއެކު ރަށުގެ އެތެރޭގައި އޮންނަނީ ދަނޑުވެރިކަމެވެ. ދަނޑުބިންތަކަށް ދާން އޮންނަ މަގުތަކަކީ، ގިނައިން ހިނގުމުގެ ސަބަބުން ހެދިފައި ހުންނަ މަގެވެ. ވާރޭވެހި ފެންގަނޑު ބޮޑުވުމުން މަގެއް ނޯވެއެވެ. މޫދަށް ފޭބޭނީ ވަކި ޚާއްޞަ މަގުތަކަކުންނެވެ. އެ މަގުތަކަށް އަހަރުމެން ކިޔަނީ "ފަންނު" އެވެ. ބައިސްކަލެއް ގެންގުޅޭ މީހަކު ވެސް ނޫޅެއެވެ. ކަރަންޓެއް ނުހުރެއެވެ. ފުޅިބައްތި ވެސް ދިއްލަނީ ވީހާ ވެސް އިސްރާފު ކުޑަ ވާނެ ގޮތް ބަލައިގެންނެވެ. އިރު އޮއްސިއްޖެއްޔާ ރަށުގައި ރަސްކަން ކުރާނީ އަނދިރިކަމެވެ. ހަމަހިމޭންކަމެވެ. ފަޅުކަމެވެ. ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުކުމެއެއް ނޫޅެއެވެ.


އަހަރުމެން އަތިރިއަށް ފައިބަން އޮންނަ ފަންނަކީ ނާމާން ތަނެކެވެ. އެ ދިމާ ކަނޑުން އަރާ އެކި ކަހަލަ މަޚްލޫޤުން ރަށުތެރެއަށް ދިޔުމަށް ޓަކައި ބޭނުންކުރަން ޖެހެނީ އެ ފަންނެވެ. ކައިރި ހިސާބެއްގައި އެހެން ފަންނެއް ނޯންނާތީ ކަމަށް ވެދާނެއެވެ. އަހަރެންގެ އުމުރަކީ ތިރީސް އަހަރެވެ. ޢާއިލާގައި ތިބި ފަސް ފިރިހެނުންގެ ތެރެއިން އެންމެ ހަގީ އަހަންނެވެ. ނަސީބު ދިމާކުރި ގޮތުން އަހަންނަކީ ހަޖަމުގެ މައްސަލަ ހުންނަ މީހެކެވެ. ގިނަ ރޭރޭ ދަންވަރު އަހަރެން އަތިރިއަށް ދާންޖެހެއެވެ. އެކަމަކު ދުވަހަކު ވެސް ފުރޭތައަކާ ދިމައެއް ނުވެއެވެ. އެހެން މީހުންނަށް ފުރޭތަ ފެނިގެން އެ ވާހަކަދައްކާ އަޑު އަހަމެވެ. އެ މީހުން ހެކި ވެސް ދައްކައެވެ. އެއީ، އިރުއަރާއިރު އަތިރިމައްޗަށް ލައްގައިފައި ހުންނަ ފަރުމަހެވެ. އެ މަސްތަކުގެ ދެ ލޯ ހުންނަނީ ބޯލައިފައެވެ. ބައެއް މަހުގެ މެދުން އިރައިލައިފައި ވެސް ހުރެއެވެ. އެންމެން އެ ކަން ގަބޫލުކުރާތީ އަހަރެންގެ ހިތަކު ވެސް ޝައްކެއް ނުއުފެދެއެވެ.

ރޭތަކުގެ ތެރެއިން ރެޔެކެވެ. ވަރަށް ވިއްސާރައެވެ. ދޭއްޖެހިއިރު އަހަރެންގެ ބަނޑު ކައްކައިލައިފިއެވެ. ވިއްސަކަށް މިނެޓު ކެތް ކުރުމަށްފަހު ފޫގަޅައި، އަލަފަތެއް ބޮލަށް ނަގައިގެން ފަންނާ ދިމާއަށް ހިނގައިގަތީމެވެ. ބައްތިއެއް ނުގެންދަމެވެ. ތުނިކޮށް ވާރޭ ވެހުނަސް ވައި ގަދައެވެ. ބައްތި ނިވޭނެކަން އަހަންނަށް ކަށަވަރެވެ. މާތްކަލާނގެ ކިބަޔަށް ވަކީލުކޮށްލައިގެން ހިނގަމުން ގޮސް އަތިރިއަށް ފޭބިތަނާ ވިދަން ފެށިއެވެ. ގުގުރަން ފެށިއެވެ. ހިތަށްއެރިއެވެ. ހަޖަމުގެ މައްސަލައަށް ވުރެ ތަކުލީފު ބޮޑު އެއްވެސް ކަމެއް އޮންނާނެ ހެއްޔެވެ؟ ވިދާލާ ވިދުވަރާއެކު ކަނޑުމަތި ފެންނަނީ ވަރަށް ނާމާންކޮށެވެ. ހުޅިނަގައި ބިންދާ ރާޅުގެ އަޑާއި، ފަތްތަކުގައި އަޅާ ވައިގެ އަޑާއި، ގުގުރީގެ އަޑުން އުފެދެނީ ބިރުވެރި މިޔުޒިކެކެވެ. އެ އިވުނީ ކޮން އަޑެއް ހެއްޔެވެ؟ ހިތާހިތުން ސުވާލުކުރީމެވެ. ކުއްލިއަކަށް ފަސްއެނބުރި ބަލައިލެވުނެވެ. ތުއްތު ކުއްޖަކު ރޮއިގަތް އަޑު އިވުނުހެން އަހަންނަށް ހީވިއެވެ. އެކަމަކު، ފޫޅުދަނޑި ނުވެއްޓޭހާ ތުއްތު ކުއްޖަކު ގޮވައިގެން، އެ ފަދަ ވަގުތެއްގައި އަތިރިއަށް ފައިބާނީ ކާކު ހެއްޔެވެ؟ ހީވި ގޮތް ކަމަށް ނިންމައިފައި މުންޑު މޮހައިލަން ހިފައިލި ވަގުތު އަނެއްކާ ވެސް ހަމަ އެ އަޑު އިވުނެވެ. މޫދަށް ފުރަގަސްދީފައި ރަށާ ދިމާއަށް އެނބުރިލީމެވެ. ވިދުވަރަކާއެކު އަހަންނަށް ފެނުނީ ބޯކޮށް ހެދިފައިވާ މަގޫގަސްތަކެވެ. އިންސާނެއްގެ ހިލަމެއް ނެތެވެ.

ބިރުގަތްލެއް ބޮޑުކަމުން ބަނޑުކެއްކުން ހުއްޓިއްޖެއެވެ. ދެން ހަދަންވީ ގޮތް އޮޅިއްޖެއެވެ. ދެއަތަކަށް ކިރިލައިފައި ފަންނާ ދިމާއަށް ހިނގައިގަތީމެވެ. ގެއަށް ދިޔުމަށް ޓަކައެވެ. ފަންނު ކައިރިވާ ވަރަކަށް ރުއިމުގެ އަޑު ވެސް ގަދަވިއެވެ. ކުއްޖަކު ނުފެނެއެވެ. އަލިކަމެއް ލިބެނީ ވިދުވަރުންނެވެ. ކުއްޖާގެ އަޑު ގަދަކަމުން ހީވަނީ އޭނަޔާ ހަމައަށް އަހަންނަށް ދެވިއްޖެ ހެންނެވެ. މަގޫގަސްތަކުގެ ތެރެއަށް ހިނގައިގަތީމެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ އަޖައިބެއް ކަހަލަ މަންޒަރެކެވެ. ގަބޫލުކުރަން އިންތިހާއަށް އުނދަގޫވިއެވެ. ބިންމަތީގައި އޮތް މަގޫފަތެއްގެ މަތީގައި އޮތީ ކުޑަކުޑަ އަންހެން ކުއްޖެކެވެ. މަގޫފަތުގެ ދެބައިކުޅަ އެއްބައި ވަރު ވެސް ކުއްޖާ ނުވެއެވެ. އެކަމަކު ހުރިހައި ގުނަވަނެއް ހަމައެވެ. އައިބެއް ނެތެވެ. ކުއްޖާގެ ގައިގައި އެއްވެސް ފޭރާމެއް ވެސް ނެތެވެ. އެހާ ކުޑަ އިންސާނެއް ދުވަހަކު ވެސް އަހަރެން ނުދެކެމެވެ. އޭނަ އޮތީ ހީކަރުވައިފައެވެ. އަހަރެން ކުއްޖާ ނެގީމެވެ. ނެގުމާއެކު އޭނަ ރުއިން ހުއްޓައިލިއެވެ. ވަށައިގެން ހޯދައިލުމަށް ފަހު، ކުއްޖާ ގޮވައިގެން ގެއާ ދިމާއަށް ހިނގައިގަތީމެވެ.

ގޭގެ އެންމެން އެ ކަމާ ހައިރާންވިއެވެ. އެގޮތްމިގޮތަށް ކުއްޖާ ބަލައިހެދިއެވެ. އިންސާނަކާ އެއްވެސް ތަފާތެއް ނެތެވެ. ލޮލުގެ ކަޅި ފިޔަވައެވެ. އިންސާނެއްގެ ކަޅިޔަށް ވުރެ އެ ކަޅި ވައްތަރު ގޮތެއް ހުރީ ބުޅަލެއްގެ ކަޅިޔާއެވެ. އެ ކަން އެނގެނީ ވަރަށް ގާތުން ބެލީމައެވެ. ދުރުން ބަލާއިރަކު ނޭނގެއެވެ. އެންމެން ވެސް ބޭނުންވީ ކުއްޖާ ގޭގައި ބާއްވާށެވެ. މަންމައާއި ދައްތަމެން ވެސް ތިބީ ކުއްޖާ ބަލައިދޭ ގޮތަށެވެ. އެކަމަކު އޭނަގެ ހުރިހައި ކަމަކާ ހަވާލުވީ އަހަންނެވެ. ޢާއިލާއިން ބޭރު އެހެން ބަޔަކަށް ނުވެސް އަންގަމެވެ. ގިނައިން ދިނީ ކުރުނބާ ފެނާއި ބަކަރިކިރެވެ. ނަމެއް ނުކިޔަމެވެ. އޭނަ ދޮންކަމުން ދޮންކަނބުލޮގެ ނަން އިސާހިތަކުގެ ހަރުވެއްޖެއެވެ. އަދި ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭ

ގައި ނުވަ މަހުގެ ކުއްޖެއްގެ އިސްކޮޅަށް ދެމިލައި، އާދައިގެ ބަރުދަނެއް ވެސް ލިބިއްޖެއެވެ.

ދޮންކަނބުލޮ ބޮޑުވަމުން އައީ އިންސާނަކު ބޮޑުވާ ވަރަށް ވުރެ އަވަހަށެވެ. ނުފިރުކި ހިނގަން ފެށިއެވެ. އެއް އަހަރު ވީއިރު ފަރިތަކޮށް ވާހަކަދައްކައެވެ. އެ އުމުރުގެ ކުއްޖަކާ އެކަށީގެން ނުވާ ވަރުގެ ދިގު، ފަން އިސްތަށިގަނޑެއް އޮވެއެވެ. ފަރާތްފަރާތަށް އެނބުރި ބަލަނީ ވަރަށް ހަލުވިކޮށެވެ. އެސްފިޔަޖަހާލެއް ވަރަށް މަދެވެ. ދެ ފައިގެ ވެސް ފުންނާބުގައި އުމެއް ކަހަލަ އެއްޗެއް ހުރެއެވެ. އެހެން ކުދިން ފަދައިން ތަންތަނަށް އަރައި، އެއްޗެއްސާ ކުޅެއެއް ނަހަދައެވެ. ބޭންދި ތާކު މަޑުމަޑުން އިނދެއެވެ. ގެންގުޅެން ވަރަށް ފަސޭހައެވެ. އޮންނަނީ އެންމެ މައްސަލައެކެވެ. ދޮންކަނބުލޮ އުޅޭހިތް ވަނީ އެކަހެރިކޮށެވެ. މީހުންގެ ތެރޭގައި އުޅޭކަށް ބޭނުމެއް ނުވެއެވެ. ކަމެއް ނެތިއްޖެއްޔާ އުޅެނީ ދުރުދުރުންނެވެ.

އަތްފައިން ކަންކަން ކުރެވޭ އިސްކޮޅަށް ބޮޑުވުމުން އިތުރު ހައިރާންކަމެއް ލިބުނެވެ. އެއްވެސް ކަމެއް ކުރަން ބުނާކަށް ނުޖެހެއެވެ. ފެންވަރުވައި، ކާންދީހަދާކަށް ނުޖެހެއެވެ. ދޮންކަނބުލޮ އަމިއްލައަށް ހުރިހައި ކަމެއް ކުރެއެވެ. އޭނައަށް ކުރެވޭ ވަރުގެ ހުރިހަ ކަމެއް ހުންނަނީ ކޮށް ނިންމައިފައެވެ. ކުރާތަނެއް ނުފެނެއެވެ. އިރުއަރާއިރު ގޭތެރެ އޮންނަނީ ކުނިކަހައިފައެވެ. ތެލިތަށި ހުންނަނީ ދޮވެފައެވެ. މަންމަ ބަލިވެއްޖެއްޔާ މަންމަ ގާތުން ދޮންކަނބުލޮ ދުރަކަށް ނުދެއެވެ. ކިތަންމެ އިރެއް ވިޔަސް އެނދަށް އަރައި ދެ ފައި ވަށްކޮށްލައިގެން އިނދެދާނެއެވެ. މަންމަޔާ އެކިއެކި ވާހަކަދައްކައި ފޫހިފިލުވައިދެއެވެ. އެންމެ ލޯބިވަނީ އަހަރެން ދެކެއެވެ. އެކަމަކު އަހަންނަކަށް ބައްޕައެއް ނުކިޔައެވެ. ގޭގެ އެންމެންނަށް ދޮންކަނބުލޮ ކިޔަނީ "އޯއި" އެވެ. އަހަންނަށް ކިޔަނީ "އޭ" އެވެ. އެންމެނަށް ކިޔާ ނަންތައް ދޮންކަނބުލޮއަށް އެނގެއެވެ. ވާހަކަދައްކާއިރު އެ ނަންތައް ބޭނުން ކުރޭ ވެސް މެއެވެ. އެކަމަކު އެ ނަމަކުން ނުގޮވައެވެ. ފުރަތަމަކޮޅު އަހަރުމެން ވަރަށް އަޅައިގަތެވެ. ފަހުން އަޅައެއްނުލަމެވެ. ދޮންކަނބުލޮ ހުންނަލެއް ލޯބިކަމުން އެހެންކަމެއް އަހަރެން ހަނދާނެއް ނުހުރެއެވެ. ދޮންކަނބުލޮއަކީ އަހަރުމެންނަށް ލިބުނު ހެޔޮ ނަސީބެކެވެ. އުފާވެރިކަމެކެވެ. ދުވަހަކު ވެސް ރުޅިއައިސް، ބާރަށް އެއްޗެއް ބުނެއެއް ނަހަދައެވެ. ކެތްތެރިކަމުގެ އިންތިހާއެވެ. އަބަދުވެސް ހުންނަނީ ހިނިތުންވެލައިގެންނެވެ. އިރު އޮއްސޭ ވަގުތު ދޮންކަނބުލޮ އިރުކޮޅަކަށް ގެއްލެއެވެ. ގެއްލޭ ވަގުތު ގޭގެ އެއްވެސް ތާކުން ދޮންކަނބުލޮއެއް ނުފެނެއެވެ. ދިހަ ވަރަކަށް މިނެޓު ފަހުން ފެންނާނީ ގޭތެރޭގައި ހުއްޓައެވެ. އެއީ، އާންމު އިންސާނުންގެ ސިފައެއް ނޫނެވެ. ދޮންކަނބުލޮއަކީ އިންސާނެއް ނޫންކަން އަހަރުމެން އެންމެންނަށް ވެސް ގަބޫލުކުރެވެއެވެ.

ފުރާވަރަށް އެޅިއިރު ރޭގަނޑު ވެސް ދޮންކަނބުލޮ ގެއްލެން ފެށިއެވެ. އަހަރުމެން އެންމެންނަށް ވެސް ވިސްނުނު ގޮތުގައި ދޮންކަނބުލޮގެ މާޙައުލަށް ދާން އޭނަ ބޭނުންވެއެވެ. އެ ތަނުގައި އުޅޭހިތްވެއެވެ. އަހަރުމެން ގެއަށް ގެނައީތީ އޭނައަށް ދާން ނުކެރެނީއެވެ. އެ ޙަޤީޤަތް ނޭނގޭ ކަމަށް ހަދައިގެން އަހަރުމެންނަށް ތިބެވިދާނެއެވެ. އެކަމަކު އެއީ އޭނަގެ ކިޔަމަންތެރިކަމުގެ ނާޖާއިޒު ފައިދާނެގުމެވެ. އަނެއްކޮޅުން އަވަށްޓެރިންނަށް ވެސް ދޮންކަނބުލޮގެ ޙަޤީޤަތް މަޑުމަޑުން އެނގި، ބައެއް މީހުން ދޮންކަނބުލޮ ދެކެ ބިރުގަންނަން ފެށިއެވެ. މީހަކު ފަންޑިތައެއް ވެސް ހަދައިފާނެއެވެ. އޭގެ ކުރިން އަހަރުމެން ޖެހޭނީ ދޮންކަނބުލޮ ދިޔަދޭންކަން އަހަރުމެންނަށް ވިސްނެން ފެށިއެވެ.

އެއްދުވަހަކު އިރުއޮއްސުނު ވަގުތާ ދިމާކޮށް ދޮންކަނބުލޮ ގޮވައިގެން ރަށުގެ ކޮޅަށް އަހަރެން ދިޔައިމެވެ. އަހަރުމެންގެ ބަހުރުވައިން ނަމަ އެއީ ރަށިކެޑެ ކޭބާލެވެ. އެ ތަނަކީ ބޯކަށިކެޔޮ ވަލެކެވެ. މުޅި ހިސާބުގައި އޮންނާނީ ކަށިކެޔޮ ގަހެވެ. އަހަރުމެން ގަބޫލުކުރާ ގޮތުގައި އެއީ ރޫޙާނީ ބަޔަކު ދިރިއުޅޭ ތަނެކެވެ. އެހެންވެ ރަށުގެ އެކަކު ވެސް އެ ތާކަށް ނުދާނެއެވެ. އެ ދިމާއަށް ދާން ފެށުމުން ދޮންކަނބުލޮގެ މޫނުމަތިން އަހަންނަށް އުފާވެރިކަމެއް ފެނުނެވެ. ވާން އުޅޭ ގޮތް އޭނައަށް އެނގެއެވެ. އެ ތަނުގައި އޭނަ ބެހެއްޓުމުން އަންނާކަށް ވެސް ނޫޅެއެވެ. އެހެން ހަދަންޖެހުނު ސަބަބު އަހަރެން ކިޔައިދިނީމެވެ. ދޮންކަނބުލޮގެ ލޮލުން ކަރުނަ ހިލުނުތަން އަހަރެން ދުށީމެވެ. ވަކިވުމަކީ ދޮންކަނބުލޮ އެންމެ ބޭނުންވި ގޮތެއް ނޫންކަން އެނގެއެވެ. އެކަމަކު އޭނަގެ އުފަލަށް ޓަކައި އަހަރެން ދޮންކަނބުލޮއާ ވަކިވީއެވެ.

ދޮންކަނބުލޮ ނެތުމުން ގެއަށް ފަޅުކަމެއް ވެރިވިއެވެ. އެކަމަކު ދެނެއް އޭނައެއް ނުފެނެއެވެ. ގެއަށް އޭނަ އަންނަކަން އެނގެއެވެ. އޭނަ ކުރި މަސައްކަތްތައް ބަރާބަރަށް ކުރިއެވެ. އެކި މީހުންނަށް ލޯބިން ގޮވާލާ އަޑުއިވެއެވެ. ގާތުގައި އޭނަ އުޅޭކަން އަހަންނަށް ވެސް އިހުސާސް ކުރެވެއެވެ. ނުފެންނަކަން އެކަންޏެވެ. އެކަމަކު، މަންމަ ނިޔާވުމުން ދޮންކަނބުލޮ އައުން ހުއްޓުނީއެވެ. މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

ނިމުނީ