ބިރުވެރި މާލެ ދަތުރު

އާދިއްތަ ދުވަހާ ގުޅޭ


އެކަމަކު ދޮރުން ވަދެވުމާއެކު ހީވީ ބިރުވެރި ހުވަފެނެއް ފެނުނުހެންނެވެ. އެ އެޕާޓުމަންޓު ހަމައެކަނި ކުޑައީކީ ނޫނެވެ. ތަން ހަޑިވެފައި އެހައިމެ މުޑުދާރެވެ. ތަޅުންގަނޑުގައި އޮތީ ތަރަފާލެއް އަޅައިފައެވެ. ވެލި ގިނަކަމުން ފައިޖައްސާލަން ނުކެރެއެވެ. އިސްތަށްޓާއި، ސްޕާރީ ހުސްކުރި އުރައާއި، ދަތްކޮށްޓާ އިލޮށްޓާއި، މަރުވެފައިވާ ހޯނެއް ވެސް އޮތެވެ. ބިސް ކުނި ވަސް ކަހަލަ ވަހެއް މުޅި ތަނަށް ފެތުރިފައި ހުއްޓެވެ. އެ ތަނުގައި ދެ ކޮޓަރި ހުއްޓެވެ. އަހަންނަށް ދެއްކި ކޮޓަރިއާ ދިމާއަށް ހިނގައިގަތީމެވެ. ކުރީގައި ހުރީ އައިޝަތެވެ. ކޮޓަރީގެ ދޮރު ހުޅުވައިދިނީ އޭނައެވެ. އެ ކޮޓަރީގައި ދެ އެނދު ހުއްޓެވެ. އެއް އެނދު މަތީގައި އަނެއް އެނދެވެ. އަހަރެން ނިދަންޖެހެނީ މަތީ އެނދުގައެވެ. އަހަންނަކީ ދުވަހަކު ވެސް ހަރުގަނޑަކަށް އެރި މީހެއް ނޫނެވެ. ތަންތަނަށް އަރަން ބިރުގަންނަ މީހެއް ވެސް މެއެވެ. މޭޒަކަށް ނުވަތަ ގޮނޑިއަކަށް ވެސް އަހަރެން ނާރަމެވެ. އެނދުގައި އޮތް ބާލީހުގެ އުރައާއި ފޮތިގަނޑުގެ ކުލައެއް ނޭނގެއެވެ. ހުދުހެން ހީވެއެވެ. އަޅިހެން ވެސް ހީވެއެވެ. އެނދާ އެންމެ ކައިރިއަށްހުރި ފާރުން ހިސާބަކަށް ކުލަ ފައިބައިފައި ހުއްޓެވެ. މަތީގައި މުސްކުޅި ޒާތެއްގެ ފަންގިފިލައެއް އޮތެވެ. ދިއްލައިފައިހުރީ އަލި ފަނޑު ހޮޅިބުރިއެކެވެ. ރަށުގައި އަހަރެން އުޅެނީ ވަރަށް ބޮޑު ގެއެއްގައެވެ. ގޭގެ ހުރިހައި ކޮޓަރިއެއް ވެސް ވަރަށް ބޮޑުވާނެއެވެ. އެ ކަހަލަ ތަނެއްގައި އުޅެފައި އަލިފާންފޮށްޓަކަށް ވަދެވުމުން އަހަރެންގެ ނޭވާ ހާސްވާ ގޮތްވިއެވެ. ވަށައިގެން ނަޒަރުހިންގަމުން ގޮސް ގާތުގައި ހުރި އައިސްތުގެ މޫނަށް ނަޒަރު ހުއްޓައިލެވުނެވެ.

"ކިހިނެއް؟" އައިޝަތު ވަރަށް އުފާވެފައި އެހިއެވެ. "އަހަރުމެން ވެސް ކުއްޔަށް އުޅޭ ތަނެއް މީ. އެކަމަކު ނާސިހާ އެއްވެސް ލާރިއެއް ދޭނެކަމެއް ނެތް. އަޒީޒާގެ ފްރެންޑެއް ވީމަ ހަމަ ހުންނަންވީ."

"ކާކު ތިރީ އެނދުގަ އޮންނަނީ؟" އަހަރެން އެހީމެވެ.

"ބޮޑުދައިތަ!" އައިސްތު ބުންޏެވެ. "ތަންކޮޅެއް މުސްކުޅިވާނެ. އެހެންވެ އޭނަޔަކަށް މައްޗަކަށް ނޭރޭނެއްނު. ކަމުދޭތަ މި ތަން؟"

"އާނއާނ!" އަހަރެން ވަގުތުން ބުނީމެވެ.

"މިހިރީ ނާސިހާގެ އަލަމާރި،" އެއް ދޮރުފަތް ނެތް ކުޑަ އަލަމާރިއެއް ދައްކައިފައި އައިޝަތު ބުންޏެވެ. "މަސްދުވަހު ހުރެލަން ބޭނުންކޮށްލަން އޯކޭއެއްނު. ބޭރުގަ ހުންނާނެ ދޮންނަމެޝިނު. އެކަމަކު ދޮންނަންއަޅާ ސާމާނެއް ނުހުންނާނެ. މި ގެއާ ޖެހިގެން ހުންނަ ފިހާރައިން ލިބޭނެ ހުރިހާ އެއްޗެއް. ފެންވަރާލައިގެން ނުކުމޭ އެއްޗެއް ކާލަން. ބަނޑުހައިވެފައެއްނު ހުންނާނީ."

ހިނިތުންވެލައިފައި އައިޝަތު ނުކުމެގެންދިޔައެވެ. އަހަރެންގެ ހިތަށްއެރިއެވެ. އޭނައަކީ ހިތްހެޔޮ މީހެކެވެ. ގޭގައި އަހަރެން ބެހެއްޓުމަކަށް އުޖޫރައެއް ނުނަގައެވެ. ކެއުންބުއިން ވެސް ހިލެއެވެ. އޭނަގެ އެއްވެސް ނުބައި ނިޔަތެއް ނެތެވެ. ހަމައެކަނި މައްސަލައަކީ ގެވެހި އަންހެނަކަށް އޭނަ ނުވިކަމެވެ. ގޭތެރެއިން ފެންނަނީ އޭގެ ނަތީޖާއެވެ. އަހަރެން އެ ކަމަށް ކެތްކޮށްލާނީއެވެ. އަހަރެން އުޅޭ ދުވަސްކޮޅު އަހަންނަށް ކުރެވުނު ވަރަކަށް ސާފުކޮށްލައިގެން ފުއްދައިލާނީއެވެ. ލިބުނު ނިއުމަތަށް ޝުކުރުކޮށްލައިގެން، ހިތްހެޔޮކަމާ އެކުގައި ފާހާނާއަށް ވަންނަން ދޮރުހުޅުވައިލީމެވެ. ފާހާނާއަށް ވަންނަން ނެގި ފައި ޖައްސާނެ ތަނެއް އަހަންނަކަށް ނުފެނުނެވެ. އެ ތަނެކޭ ހަވަރުފާހާނާއެކޭ އެއްގޮތެވެ. މުޅި ތަޅުންގަނޑުގައި އޮތީ އިސްތަށްޓާއި ވެއްޔެވެ. ވެލި ވަންނަ ސަބަބު ވިސްނެއެވެ. ފައިފުއްސެއް ނެތީމައި ކޮޓަރިއަށް ވަންނަ ވެލި ފައި ދަށްފުށުގައި ތައްލައިގެން ފާހާނާއަށް ވަންނާނެއެވެ. ކިތަންމެ ވަރަކަށް ފާހާނާ ސާފުކުރިޔަސް ކޮޓަރި ކުނިނުކެހެންޏާ ފާހާނާގައި ވެލި ހުންނާނެއެވެ. އެކަމަކު މަރުވެފައިވާ ކުޑަ ހަތަރު ކުރަފި ފާހާނާ ތެރޭގައި އޮންނާނީ ސާފު ނުކުރާތީއެވެ. ފާހާނާގެ އެތަންމިތަނަށް ބަލަން އަހަންނަށް ހުރެވުނެވެ. ފެންހިނދެން ހުންނަ ތަނަކަށް ޔަގީނުން ވެސް ފެނެއް ނުހިނދޭނެއެވެ. އިސްތަށްޓާއި އޭތިމީތި ބޮނޑިވެގެން ގޮސް އެ ހިސާބު އޮތީ ކަޅުވެފައެވެ. ފާހާނަތަށީގެ ބޭރުގައި ވެސް ކޮންމެވެސް އެއްޗެއް ހޭކިފައި ހުއްޓެވެ. ތަށީގެ އެތެރެ ބަލާނެ ހިތްވަރެއް އެ ވަގުތަކު ނުލިބުނެވެ. ދުވަން ފެށި ޒާތެއްގެ ނުބައި ވަހަކުން އަހަރެން މޭނުބައިކުރަން ފެށިއެވެ. އެއް ފަހަރު އޯކަށް ވެސް ދެމުނެވެ. އަހަންނަކީ ވަރަށް ސާފުތާހިރުކޮށް އުޅޭ މީހެކެވެ. އަހަރެންގެ ގޭގައި ހުންނަ ދެ ފާހާނާގެ ފާރުތަކާއި ތަޅުންގަނޑުން ވެސް މޫނު ފެންނާނެއެވެ. އެ ވަރު ނުވިޔަސް އަހަރެން އުންމީދުކުރީ އިންސާނުން ދިރިއުޅޭ ތަންތަން ހުންނާނީ އިންސާނުންނަށް އުޅެވޭ ފެންވަރުގައިކަމަށެވެ. އެހެނެއް ނުވިއެވެ. ފާހާނާ ލައްޕައިފައި ކޮޓަރިއަށް ވަނީމެވެ. ފިކުރުކޮށްލަން އިށީންނާނެ ތަނެއް ވެސް ނެތެވެ.

"މި ތާކު ނޫޅެވޭނެ." ހިތާހިތުން އަހަރެން ބުނީމެވެ.

އަމްޖަދަށް ގުޅަން ހިތަށްއެރިއެވެ. އެހެންނަމަވެސް އޭނަ ހުރީ ރަށުގައެވެ. އޭނަގެ ރައްޓެއްސެއް މާލެއަކު ނެތެވެ. އަހަރެން ގުޅައިފިއްޔާ ބޭކާރުގޮތެއްގައި އަމްޖަދު ކަންބޮޑުވާނެއެވެ. އަހަންނަށް ގޮތެއް ހޯދައިދޭން އަމްޖަދު ބޭނުންވާނެއެވެ. ގޮތެއް ހޯދައެއް ނުއެއްދެވޭނެއެވެ. ބަލަން ތިން ދަރިން ހަވާލުކޮށްފައި އަނެއްކާ އަހަރެންނާ ހެދި އަމްޖަދުގެ ބޮލަށްއުދަނގޫ ވިޔަދޭކަށް ބޭނުމެއް ނުވިއެވެ. ޝަކުވާކުރާ މީހަކަށް ވާކަށް ބޭނުމެއްނުވިއެވެ. ޝުކުރުނުކުރާ މީހަކަށް ވާކަށް ވެސް ބޭނުމެއް ނުވިއެވެ. އަހަންނަކީ މުރާލި މީހެކެވެ. ތަންތަން ސާފުކުރުމަކީ އަހަރެން ފަސްޖެހޭކަމެއް ނޫނެވެ. އެކަމަކު ފާހާނާ ސާފުކުރެވޭނީ އެ ކަމަށް ބޭނުންވާނެ ސާމާނު ހުރި ނަމައެވެ. ވިސްނަންހުއްޓައި އައިޝަތު ދޮރު ހުޅުވައިލިއެވެ.

"މިރޭ ބޮޑުދައިތައަކަށް ނާދެވޭނޯ،" އައިޝަތު ބުންޏެވެ. "ހުޅުމާލޭގަ އުޅޭ ތިމާގެ މީހެއް ކައިރިއަށް ގޮސް އެބަހުރި. އަދިވެސް ފާހާނާއަށް ނުވަދެ ތި ހުންނަނީ ކީއްވެ؟" އައިޝަތު އެހިއެވެ.

"ކަމެއްނުވޭ! މި ނުކުންނަނީ އިރުކޮޅަކުން." އަހަރެން ބުނީމެވެ.

އައިޝަތު ދޮރު ލައްޕައިލިއެވެ. އަހަރެން ހިތަށްއެރިއެވެ. އަލަށް ކަންކަމާ ކުރިމަތިލާއިރު ކަންތައްތަކާ ދިމާވާނެއެވެ. ހިތްވަރުކުރަން ޖެހޭނެއެވެ. ކާމިޔާބު ލިބޭނީ އޭރުންނެވެ. އެންމެ މަހެކެވެ. އޭގެ ފަހުން އަހަރެން ހުންނާނީ އަހަރެންގެ އުފާވެރި ގޭގައެވެ. ފިރިދަރިން ގާތުގައެވެ. އަމިއްލަ ހިތަށް ވިސްނައިދީފައި ގޮސް ފޮށި ހުޅުވައިލީމެވެ. ފޯނު ރަނގަބީލުވިއެވެ. އަހަރެން ފޯނަށް ބަލައިލީމެވެ.

"އަމްޖަދު!" މަޑުމަޑުން އަހަންނަށް ބުނެވުނެވެ.

އަހަރެންގެ ހާލުބަލައިފައި ނޫނީ އަމްޖަދަކަށް ހަމަނޭވައެއް ނުލެވޭނެއެވެ.

"ހަލޯ!" އަހަރެން ވަރަށް ހަމަޖެހިލައިފައި ބުނީމެވެ. އެއްވެސް ހާސްކަމެއް ނުދައްކަމެވެ. "ތި ކޮޅުގެ ކަންކަން ކިހިނެއް؟"

"ތި ކޮޅުގެ ކަންކަން ފުރަތަމަ ކިޔައިދީ!" އަމްޖަދު އެދުނެވެ.

"ހަމަ ބަރާބަރު!" އަހަރެން ބުނީމެވެ. "މިހާރު މިހިރީ ގޭގަ. މީވާ ތަނެއް. މިވަރު ތަނެއް ދުވަހަކު ވެސް ނުދެކެން."

"އެހެންތަ!" އަމްޖަދު އުފާވެފައި ބުންޏެވެ. "އަލްހަމްދުލިއްލާހި!"

ކުޑަކޮށް ވާހަކަދައްކައިލައިފައި ފޯނު ބޭއްވީމެވެ. ފޮށިން ދޮންނަކުނޑި ޕަކެޓު ނެގީމެވެ. ނޭފަތް ފޮރުވޭ ގޮތަށް މޫނުގައި ފޮތިކޮޅެއް އައްސައިލައިގެން ފާހާނާއަށް ވަނީމެވެ. ތަޅުންގަނޑު ސާފުކުރާ ބުރުހެއް އޮތެވެ. ހަގީގަތުގައި އެއީ ބުރުހެއްގެ އެއްބަޔެވެ. އެންމެ ފުރަތަމަ މުޅި ފާހާނާގައި ހުރި ހަޑި ސާމާނުތައް އެއްކުރީމެވެ. ފެންހިންދާތަން ވެސް ހުރީ ސާމާނުތަކުން ބެދިފައެވެ. އެ ތަނުގައި ހުރި އެއްޗެހިތައް ވެސް ނެގީމެވެ. އަލުން ކޮޓަރިއަށް ވަދެފައި ކޮތަޅެއް ހޯދީމެވެ. އަހަރެންގެ ގެއެއް ނޫނެވެ. ކޮތަޅެއް ހޯދާނެ ގޮތެއް ނުވިސްނިފައި ވެސް ވިސްނަން ހުންނަންޖެހުނެވެ. އައިޝަތު ގާތުގައި ކޮތަޅެއް ދޭން ބުނެފިއްޔާ ވެގެންއުޅޭ ގޮތް އޭނައަށް ވިސްނޭނެއެވެ. ފަހަރެއްގައި ހިތްހަމަނުޖެހިދާނެއެވެ. ފޮށި ހުޅުވައިލީމެވެ. ދޮންނަކުނޑި ޕެކެޓު ލައިގެން ގެނައި ކޮތަޅު ނެގީމެވެ. އަނެއްކާ ފާހާނާއަށް ވަނީމެވެ. ކޮތަޅަށް ހުރިހައި އެއްޗެއް އަޅައިފައި މުޅި ފާހާނާ ދޮވެލީމެވެ. ފާހާނާތަށި މަތިން ހަނދާންވީ ފަހުންނެވެ. ފާހާނައިގެ މަތިގަނޑު ހުޅުވައިލީމެވެ. އެ ފަހަރު ހޮޑުނުލެވުނީ ހަމަ ކިރިޔާއެވެ. އަވަހަށް މަތިގަނޑު ޖެހީމެވެ. އެކަމަކު އެއީ ހައްލެއް ނޫނެވެ. ދެން މަތިގަނޑު ނެގިޔަސް ފެންނާނީ ހަމަ ކުރިން ފެނުނު މަންޒަރެވެ. އަމިއްލައަށް ސާފެއް ނުވާނެއެވެ. އަހަރެން ޖެހުނީ ހިތްވަރުކުރާށެވެ. ފާހާނާތަށި ސާފުކުރީ އޯކަށްދެމެމުންނެވެ. މުޅި ފާހާނާ ސާފުކޮށް ނިމުނުއިރު އަހަރެން ހުރީ ދާހިތްލާ ފޯވެފައެވެ. ފެންވަރަން ހުއްޓައި އައިޝަތު އައިސް ދޮރުގައި ޖަހައިލިއެވެ.

"އަހަރެން އެބަ އަންނަން ބޭރަށް ނުކުމެލައިފަ އިނގޭ!" އައިޝަތު ބުނި އަޑުއިވުނެވެ.

ފެންވަރައިގެން ނުކުތްއިރު އަހަރެން ހުރީ ވަރުބަލިވެފައެވެ. ބަނޑުހައި ވެސް ވެފައެވެ. ތައްޔާރުވެލައިގެން ކޮޓަރިން ނުކުތީމެވެ. ބޭރު އޮތީ ފަޅުކޮށެވެ. އެކަކު ވެސް ނެތެވެ. އެއްޗެއް ކެއްކޭނީ އެއްޗެހި ހުރި ތަންތަން އެނގިގެންނެވެ. ވެރިމީހާގެ ހުއްދަ ނެތި ގޭގައި ހުންނަ އެއްޗެއްސާ ކުޅޭކަށް އަހަންނަކަށް ނުކެރުނެވެ. އުނދުން ކައިރިއަކަށް ނުދަމެވެ. އައިޝަތަށް ގުޅަން ހިތަށްއެރިއެވެ. އަނެއްކާ އަމްޖަދު ގުޅިއެވެ.

"ކޮބާ ކައިފިން؟" އަމްޖަދު އެހިއެވެ.

"ހީވޭތަ ނުކައި ހުންނާނެހެން؟" ވަރަށް ބާރުލައިފައި އަހަރެން ބުނީމެވެ. "އަމްޖަދު ކައިފިން؟"

"އާނ!" އަމްޖަދު ބުންޏެވެ. "ކުދިވެރިން މިރޭ ތައްޔާރުކޮށްލީ ނާސިގޯރަންޖް!"

އެ ކަހަލަ ނަންނަން އަމްޖަދު ގަސްތުގައި ނުބައިކޮށް ކިޔަނީ ނޭނގިގެނެއް ނޫނެވެ. އެއީ އަމްޖަދުގެ އާދައެވެ. ތިން ދަރިން ލިބުނުއިރު ވެސް އަމްޖަދުގެ ސަމާސާކުރުމެއް ނުހުއްޓެއެވެ. އަހަންނާ ދޭތެރޭގައި ބަހައްޓާ އޯގާތެރިކަމަކަށް ބަދަލެއްނާދެއެވެ. ކުއްލިއަކަށް އަހަރެންގެ ހިތަށް ފަޅުކަމެއް އިހުސާސްކުރެވުނެވެ. ފިރިމީހާ ގާތުގައި ހުންނަން ބޭނުންވިއެވެ. ދެކިލާހިތްވިއެވެ. އެއް މަސް ވަންދެން ހުރުމުގެ ހިޔާލު ދޫކޮށްލައިފައި، އެ ކޮޓަރިން ނުކުމެގެން ގޮސް ގޭގައި ހުންނަހިތްވިއެވެ. ފިރިމީހާގެ ކޮނޑުގައި ބޯއަޅައިލައިގެން ރޯލާހިތްވިއެވެ. ދެވަނަ ސިކުންތުގައި އަހަރެންގެ އަމިއްލަ ނަފުސު ކޮންޓުރޯލުކުރީމެވެ. ލިބިފައިވާ ކޯހުގެ މުހިންމުކަމާއި، ލިބޭނެ ފޮތި ނަތީޖާއަށް ސަމާލުކަންދިނީމެވެ. އިރުކޮޅަކު ވާހަކަދައްކައިލުމަށް ފަހު ފޯނު ބޭއްވީމެވެ. ހައިބަނޑާ ހުރެގެން އަލުން ކޮޓަރިއަށް ވަނީމެވެ. ކޮޓަރި ސާފުކުރާނެ ހިތްވަރެއް ނެތެވެ. ވަރުބަލިވެގެން ގޮސް އެނދުގައި އޮށޯންނާނެ ހިތްވަރެއް ވެސް ނުލިބުނެވެ. އެއްކަމަކީ ހަރުގަނޑުން އަރަންޖެހުމެވެ. އަނެއްކަމަކީ އެނދުގެ މުޑުދާރުކަމެވެ. ކޮޓަރީގެ ކުޑަދޮރުން ބޭރުބަލަން އަހަރެން ހުރީމެވެ. ދޮރުފޮތިގަނޑު ހުރީ ކިލާވެފައެވެ. ދޮރު ވެސް ފުހެލި ދުވަހެއް ނޭނގެއެވެ. އަހަރެން މަގަށް ނަޒަރުހިންގައިލީމެވެ. ކާރާއި ސައިކަލުތަކުން މަގު އޮތީ ފުރިފައެވެ. އެއްވެސް ކޮޅަކަށް ނުދެވިގެން އުޅަނދުތައް ބަރުގޮނުއަޅަން ފެށި ގޮތަކަށް އަޑެއް ނުކެނޑުނެވެ. އަހަރެން ހިތަށްއެރިއެވެ. މީހުން މާ މޮޅުކަމަށް ބުނާ މާލޭގެ ހާލަތަކީ މީ ހެއްޔެވެ؟

ނުނިމޭ

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ