ފޫހިވޭ، ވަރަށް ފޫހިވޭ

ބުދަ ދުވަހާ ގުޅޭ


ގޮތެއް ނިންމަންޖެހުނީ އަހަންނެވެ. ވަގުތު އޮއްވާ އެ ހޮރުން ނުނިކުމެއްޖެއްޔާ އަހަރެންގެ ވެސް ފަހު މަންޒިލަކަށް ވާނީ ޖަލުގެ ތޭރިތަކު ބިއްދޮށްކަން އަހަންނަށް ޔަގީންވިއެވެ. އެކަމަކު ވަންނާނެ ތަނެއް ނެތްކަން އެނގޭތީ ކެތްކޮށްލައިގެން އަހަރެން ހުރީމެވެ. ބައްޕަ އަޅައެއްނުލައެވެ. ނުވެސް ގުޅައެވެ. އެކަމަކު ކޮންމެވެސް ގޮތަކުން މަންމައާ ހަމައަށް ޚަބަރުދިޔައެވެ. މައިލަގޮނޑިއަކަށް ކެތެއް ނުވިއެވެ. އަހަންނާ ބައްދަލުކުރަން މަންމަ އައެވެ. އެއީ އެ ކޮޓަރިއަށް މަންމަ ވަން ފުރަތަމަ ފަހަރެވެ. އެ ތަން އޮތް ގޮތް ފެނިފައި މަންމަ ރޯން ފެށިއެވެ. މަންމަ ރޯތަން ފެނުނީމައި އަހަރެންނަށް ވެސް ރޮވެން ފެށިއެވެ. އެތައް އިރެއްވަންދެން އަހަރުމެން ދެމައިން ރުއީމެވެ. މަންމަ ރުއީ ކީއްވެގެންކަމެއް ނޭނގެއެވެ. އަހަރެން ރުއީ މަންމަގެ ނަސޭހަތް ގަބޫލުނުކުރެވުނީތީއެވެ. ހަޔާތުން ދުވަސްތަކެއް ބޭކާރުވީތީއެވެ. އިތުރަށް އެންމެ ސިކުންތަކު ވެސް އެ ކޮޓަރީގައި އަހަރެން ހުންނާކަށް މަންމަ ބޭނުމެއް ނުވިއެވެ.

"ހިނގާ ގެއަށް." މަންމަ އެދުނެވެ.

"އޭރުން ބައްޕަ ކީކޭ ބުނާނީ؟" އަހަންނަށް ބުނެވުނެވެ. "އަނެއްކޮޅުން އަހަރެން އަދި މިހިރީ ވަރި ވެސް ނުކޮށް."

"އަހަރެން ބޭނުމެއް ނޫން އެއްވެސް އެއްޗެއް އަޑުއަހާކަށް،" އަޑަށް ބާރުލައިފައި މަންމަ ބުންޏެވެ. "މަންމަ މި ތަނުން ނުކުންނާނީ ދަރިފުޅު ގޮވައިގެން."

އަހަރެން ގެއަށް އައީމެވެ. ކައިވެނި ރޫޅައިލުމުގެ މަސައްކަތް އެ ދުވަހު ފެށީމެވެ. އަހަރެން ވަރިނުކުރަން އާތިފު ވަރަށް މަސައްކަތްކުރިއެވެ. ހީކުރި ގޮތާ ޚިލާފަށް ބައްޕަ ވެސް ހުރީ އަހަންނާ އެއްކޮޅަށެވެ. ކުޑަ ދުވަސްކޮޅެއް ތެރޭގައި އަހަރެން މިނިވަންވިއެވެ. އޭރު އަހަންނަކީ ކުރީގެ އަހަންނެއް ނޫނެވެ. ހަޔާތަކީ ކޯޗެއްކަން ކޮންމެވެސް ވަރަކަށް އަހަންނަށް ދަސްވެއްޖެއެވެ. ދިރިއުޅުމަކަށް ހަމައެކަނި ބޭނުންވަނީ ލޯބި ނޫންކަމާއި، ދިރިއުޅޭނެ ތަނެއްގެ މުހިންމުކަން ވިސްނިއްޖެއެވެ. ކުރިން އަހަރެން ހީކުރީ ލޯތްބަށް ވުރެ މުހިންމު އެއްޗެއް ނެތްކަމަށެވެ. އާތިފު ރަނގަޅަށް ދަސްކުރަން ނުއުޅެވުނީ އެހެންވެއެވެ. އޭގެ ނަތީޖާ ވަރަށް ހިއްޗެވެ.

ކައިވެންޏެއް ނާކާމިޔާބުވުމަކީ ދުނިޔެ ނިމުމެއް ނޫނެވެ. މާލެއިން ފިރިހެނުން ހުސްވީކީ ވެސް ނޫނެވެ. މާޔޫސްވެ، ބިންގަނޑަށް ތުންހަރައިލައިގެން އިންނާކަށް ނުޖެހެއެވެ. ފުރޭނިތައް ގޭގައި ބަހައްޓައިފައި ކަރުދާސްކޮޅެއް ހިފައިގެން އަހަރެން ނުކުތީމެވެ. އިންނާނެ މީހަކު ހޯދުމަށެވެ. ކަރުދާސްކޮޅުގައި އޮތީ އެންމެ ތިން ޝަރުތެކެވެ. ހަމަހޭގައި ހުންނަ މީހަކަށް ވުމެވެ. އަހަންނަށް ހަރަދުކުރެވޭ ވަރަށް ތަނަވަސްކަން ހުރުމެވެ. ޒިންމާދާރު މީހަކަށް ވުމެވެ. އެ މީހާ ނިސްބަތްވާ ރަށެއް، ގައުމެއް، ވާހަކަދައްކާ ބަހުރުވައެއް އަހަންނަކަށް މުހިންމެއް ނޫނެވެ. އަހަރެން ހުސްހަށިބައިވުމުން އާއިލާގެ އެހެން މީހުން ވަރަށް ކަންބޮޑުވެގެންއުޅުނެވެ. އަހަރެން ކުޑަކޮށް ވެސް ހާހެއް ނުވެއެވެ.

މަންމަގެ ހަކުރު ޓެސްޓުކުރަން ހޮސްޕިޓަލަށް ދިޔަ ދުވަހެކެވެ. ނާހިދު ވެސް މަންމަ ގޮވައިގެން އައިސް އިނީ ހަމަ އެ ބޭނުމުގައެވެ. އެއީ އަހަންނަށް ނާހިދު ފެނުނު ފުރަތަމަ ފަހަރެވެ. ނާހިދުގެ މަންމައާއި އަހަރެންގެ މަންމަ ދާދި އެއް އުމުރެކެވެ. އެ ދެ މީހުން ވާހަކަދައްކަން ފެށިއެވެ. ވާހަކައިން ކުރިފަޅަމުން ގޮސް، ދެ މީހުންނަކީ ވެސް ގަސްއިންދުމަށް ޝައުގުވެރިކަން ހުންނަ ދެ މީހުންކަން އެނގުނެވެ. މަންމަ ބައެއް ފަހަރު އަހަރެންނަށް ދޯދެއެވެ. ނާހިދުގެ މަންމަ ނާހިދަށް ވެސް ދޯދެއެވެ. ދޭތެރެއަކުން އަހަންނާއި ނާހިދު ވެސް ވާހަކަދައްކަމެވެ. ދެ ގަޑިއެއްހާއިރު ކޮށްފައި އަހަރުމެންގެ ނަންބަރާ ޖެހުނުއިރު އަހަރުމެންގެ ރަހުމަތްތެރިކަން ބަދަހިވެއްޖެއެވެ. ޑޮކްޓަރަށް ދައްކަން ފުރަތަމަ ވަނީ ނާހިދެވެ. މަންމަގެ ޑޮކްޓަރަ ދައްކައި ނިމިގެން އަހަރުމެން ކުލީކާރެއް ހޯދަން ބޭރަށް ނުކުތީމެވެ. ކާރެއް ނުހުއްޓިއެވެ. ފޯނަކުން ވެސް ކާރެއް އަތަކުނުޖެހުނެވެ. އެހެން ތިއްބައި ވަރަށް ރީތި އަމިއްލަ ކާރެއް އައިސް މަޑުކޮށްލިއެވެ. އަހަންނަށް ފެނުނީ މަޑުކޮށްލި ތަނެވެ. ކަޅުބިއްލޫރި ޖަހައިފައި ހުރުމުން ދުއްވަންއިން މީހާއެއް ނުފެނެއެވެ.

"އަރާ!" ކާރު ދުއްވަންއިން ނާހިދު ބިއްލޫރި ތިރިކޮށްލައިފައި އެދުނެވެ. "ޓެކްސީއެއް ހޯދާކަށް ފަސޭހައެއް ނުވާނެ."

އަހަންނަށް ބަލައިލެވުނީ މަންމަގެ މޫނަށެވެ. މަންމަގެ ހިނިތުންވުން އަހަރެން ތަރުޖަމާކުރީ ފެހި ސިގުނަލެއް ގޮތުގައެވެ. އަހަރުމެން ދެމައިން އެކުގައި ގޮސް ފަހަތު ދޮރު ހުޅުވައިލިއިރު ނާހިދުގެ މަންމަ އިނެވެ. ސީޓުމަތީގައި ވަރަށް ގިނަ ކޮތަޅު ވެސް ހުއްޓެވެ. ޖާގަހުރީ އެންމެ މީހަކަށެވެ.

"ކުރީގަ ވެސް ޖާގަ އެބަހުރި!" ނާހިދު ހަނދާންކޮށްދިނެވެ.

މަންމަ ބޭނުންވީ އަހަރެން ކުރިޔަށް އަރާށެވެ. އެކުވެރިކަން ބަދަހިވެފައިވުމުގެ ސަބަބުން އަހަރެން އެއްވެސް ފަސްޖެހުމެއް ނެތި ގޮސް ކުރިޔަށް އެރީމެވެ. ކާރު ދުއްވައިލިއެވެ. ޖަހައިފައިހުރި މަޑު މިޔުޒިކާއި، ދުވި މީރުވަހާއި، ލުއި ފިނިކަން ހާލަތާ ވަރަށް ގުޅެއެވެ. ކާރުގެ ހުންގާނު ކައިރީގައި އިނގެރޭސި ލިޔުންކޮޅެއް ހިއްޕައިފައި ހުއްޓެވެ. އަހަރެން އެ ލިޔުންކޮޅު ހިތުން ކިޔައިލީމެވެ. އޭގެ މާނައަކީ، ލޯބިލިބުމުން ހުރިހާ އެއްޗެއް ލިބުނީއެވެ. ލޯބި ނެތް ނަމަ އެކައްޗެއް ވެސް ނެތެވެ.

"ގަބޫލުކުރަންތަ؟" އަހަރެން ލިޔުންކޮޅު ކިޔާކަން އެނގުމުން ނާހިދު އެހިއެވެ.

އަހަރެން ހިނިތުންވެލީމެވެ. އެއީ ޖަވާބެއްކަމަށް ހަދައިފައި ފުއްދައިލީމެވެ.

"މިވީ މާ ރަނގަޅަކަށްނު!" ނާހިދުގެ މަންމަ ބުންޏެވެ. "ގެއަށް ގޮސް އަސުރުމާ އޮށްކޮޅު ވެސް ނަގައިގެން ދާންވީނު. ވަގުތު އެބައޮތްތޯ؟"

"ހިނގާހިނގާ! ވަގުތު އެބައޮތް!" މަންމަ އެއްބަސްވިއެވެ.

އަހަރުމެން ދިޔައީ ހުޅުމާލެއަށެވެ. ނާހިދު ދިރިއުޅެނީ ވަރަށް ރީތި އެޕާޓުމަންޓެއްގައެވެ. އެކި ކުލަކުލައިގެ ފިނިފެންމާ ހައްދައިފައި ހުއްޓެވެ. ނާހިދު އިސްވެ ހުއްދަދިނުމުން އަހަރެން ދެތިން މަލެއް ބިނީމެވެ. ނާހިދުގެ މަންމަ ގެއަށް ލައިފައި، ބުރިޖާ ދިމާއަށް ދަތުރު ފަށައިފައި، ނާހިދު ސަޔަށް ދައުވަތުދިނެވެ. އަހަންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް މަންމަ ދައުވަތު ގަބޫލުކުރިއެވެ. ސައިބޯން ދިޔައީ ހުޅުމާލޭގައި ހުރި އެންމެ ހިތްގައިމު ރެސްޓޯރަންޓަށެވެ. ނާހިދަކީ ކާކުކަމެއް އޭރަކު އަހަންނަކަށް ނޭނގެއެވެ. އޭނައަކީ ވަރަށް ރީތި މީހެކޭ ބުނާ ވަރުގެ މީހެއް ނޫނެވެ. ހުތުރު މީހެއް ވެސް ނޫނެވެ. މީހެއްގެ ފިރިއެއް ނޫންކަމެއް ވެސް އަހަންނަކަށް އޭރަކު ނޭނގެއެވެ. އެނގޭކަމަކީ އެ ދަތުރު މާ އަވަހަށް ނިންމައިލަން އޭނަ ބޭނުން ނުވާކަމެވެ. އަހަރެން ވެސް ބޭނުމެއް ނޫނެވެ. ނާހިދު ބަލާގޮތުން އޭނަގެ ތުންފަތުގައި ފޮރުވިފައިވާ ލަފުޒުތަކެއް ހުރިހެން އަހަންނަށް ހީވިއެވެ. އޭނަގެ ހިތުން ލޯބީގެ ވިންދެއްގެ އަޑުއިވޭހެން ވެސް ހީވިއެވެ. ނާހިދުގެ ހިތުގައިއޮތީ ކީކޭކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން ވިސްނަމުންދިޔައީ އަލުން ނާހިދާ ބައްދަލުވާން ހެދޭނެ ގޮތަކާ މެދުގައެވެ. ހައްލެއް ނުފެނިގެން އުޅެނިކޮށް ސައިބޮއި ނިންމައި މާލެއަށް ދަތުރު ފެށުނެވެ. ފަހަތުގައި އިނެއްކަމަކު މަންމަ ވަރަށް ގިނަ ވާހަކަދެއްކިއެވެ. އެކިއެކި ސުވާލުކުރިއެވެ. ނާހިދުގެ ޖަވާބުތަކުން އޭނައަކީ ހުސްހަށިބައި މީހެއްކަން އެނގުނެވެ. އަމިއްލަ ވިޔާފަރިއެއް ހިންގާކަން އެނގުނެވެ. ރާއްޖެއިން ބޭރަށް ދަތުރުތައް ކުރާކަމާއި، މާލޭގައި ފިހާރަ ހުންނަކަން ވެސް އެނގުނެވެ. މަންމަ ކުރި ބޭކާރު ސުވާލުތަކަށް އެއަށް ވުރެ ކުރުކޮށް، ތިލަކޮށް ވެސް ނާހިދަށް ޖަވާބުދެވުނީހެވެ. ފުންކޮށް ޖަވާބުދިނުމުގެ ބޭނުމަކީ އަހަރެންނަށް އެ މައުލޫމާތުދިނުންބާއޭ ހިތަށްއެރިއެވެ.

ގެއަށް ކާރު މަޑުކުރުމުން އަހަރުމެން ފޭބީމެވެ. ފޯނު ނަންބަރު އަހަން އަހަރެން ހުރީ ކެތްމަދުވެފައެވެ. އެހެންނަމަވެސް، އަހާނެ ހައިސިއްޔަތެއް ނެތެވެ. ދަނޑިވަޅެއް ނުލިބުނެވެ. ދިމާވިތާ ސައުވީސް ގަޑިއިރު ނުވާ މީހެކެވެ. ގާތުގައި މަންމަ އިނެވެ.

"ތާކަށް ދާންވެއްޖެއްޔާ ގުޅާލާ!" ނާހިދު އެދުނެވެ. "ނަންބަރު ނޯޓުކޮށްލަންވީނު!"

ނާހިދަކީ ހުސިޔާރު މީހެކެވެ. އޭނަ ނަންބަރުދިންއިރު އަހަރެން ވަގުތުން ނަންބަރު ނޯޓުކުރީމެވެ. އެކަމަކު އަހަރުމެން އެ ނަންބަރުގެ ބޭނުންކުރީ ކާރަށް ގުޅާކަށް ނޫނެވެ. އަހަރުމެން އެކަކު އަނެކަކުގެ ހާލު ބަޔާންކުރުމަށެވެ. ނާހިދަކީ މާލޭގައި ގެދޮރު ހުންނަ މީހެއް ނޫނެވެ. މަންމަ މާލެގެނެސްގެން އުޅެނީ ޑޮކްޓަރަށް ދައްކާށެވެ. ބައްޕަ ހުރީ ރަށުގައެވެ. ނާހިދުގެ ލޯބިވެރިޔަކު ކުރިން ހުއްޓެވެ. އެ ކަން ނިމުނުތާ އެތައް އަހަރެއް ވެއްޖެއެވެ. އަހަރެންގެ އެކި ސިފަސިފަޔަށް ވަކިވަކިން ނާހިދު ތައުރީފުކުރިއެވެ. ނާހިދުގެ ވާހަކައިން އަހަންނަށް އެއްކަމެއް ކަށަވަރުވިއެވެ. ނާހިދަކީ ޒިންމާދާރު މީހެކެވެ. ހަރުދަނާ މީހެކެވެ. އަހަރެން ބޭނުންވަނީ ވެސް އެ ކަހަލަ މީހެކެވެ.

ނާހިދު ވަރަށް ގިނައިން ގެއަށް އާދެއެވެ. ކާރުދުއްވައިލަން ގެންދެއެވެ. މާލެއާއި ހުޅުމާލޭގައި އަހަރުމެން ނުދާ ރެސްޓޯރަންޓެއް ނުހުންނާނެއެވެ. ނާހިދުގެ ފިހާރައަށް އަހަރެން ގެންދިޔައެވެ. އެ ތަނަކީ އަންނައުނާއި، މޭކަޕު ސާމާނު ވިއްކާ ތަނެކެވެ. މީހުން އޮންނަނީ ފުރިފައެވެ. ނާހިދުގެ އާއިލާގެ އެކި މީސްމީހުންނާ އަހަރެން ބައްދަލުކުރުވިއެވެ. އެންމެން ވެސް ހީކުރަނީ އަހަންނަކީ ރާއްޖެއިން ބޭރު ކުއްޖެއްކަމަށެވެ. އަހަރެން ދޮންކަމުންނެވެ. އިސްތަށިގަނޑު ޖައްސައިފައި ހުންނަ ކަޅުރަތްކުލައިގެ ސަބަބުންނެވެ. ލޮލަށް ލައްވައިފައިހުންނަ މަޑުނޫ ކުލައިގެން ލެންސުގެ ސަބަބުންނެވެ. އަހަރުމެންގެ އެކުވެރިކަން ލޯތްބަށް ބަދަލުވީ އެކަކު ވެސް އިސްވެ އެދިގެނެއް ނޫނެވެ. އެއީ މާހައުލަށް ފެތުރިގެންދިޔަ މަޑު ރޯޅިއެއް ކަހަލައެވެ. ނާހިދު ހުންނަނީ އަހަންނާ ހެދި މޮޔަވެފައެވެ. އަހަންނާ ބައްދަލުނުވެއްޖެއްޔާ ނާހިދަކަށް ނުކެވެއެވެ. ވާހަކަދައްކައިނުލެވިއްޖެއްޔާ ނާހިދަކަށް ނުނިދެއެވެ. ނާހިދުގެ ފަރާތުން އަގު ބޮޑު ސެންޓާއި، ރީތި މާބޮނޑިތައް އަހަންނަށް ލިބެއެވެ. އެކިއެކި މުނާސަބަތާ ގުޅުވައިގެންނެވެ. ކައިރީގައި މުނާސަބަތެއް ނެތިއްޔާ، ރައްޓެހިވިތާ އެވެނި ދުވަހެއް ހަމަވެގެން ވެސް މާތައް އޮންނަނީ އޮހިއޮހިއެވެ. އަހަރެން ގަޔާވީ ނާހިދުގެ އެ ފަދަ ސިފަތަކުގެ ސަބަބުންނެވެ. އެންމެންނަށް ވެސް ނާހިދު ކަމުދިޔައެވެ.

ކައިވެނީގެ ވަގުތު ޖެހުނެވެ. އަހަރެން ބުނި ތާކު ހަފުލާ ބާއްވަން ނާހިދު ހުރީ ތައްޔާރަށެވެ. އަހަރެންގެ ދެވަނަ ކައިވެންޏެވެ. އެހެންކަމުން ތަންކޮޅެއް ކުޑަކޮށް ޕާޓީބޭއްވުމަކީ އަހަރެންގެ ނިންމުމެކެވެ. އެކަމަކު، ކައިވެނިކޮށްގެން ވަރަށް ރީތި އެޕާޓުމަންޓަކަށް އަހަރެން ގެންދާނެކަމަށް ހީކުރެވުނެވެ. އެ ސުވާލު އަހަންނަށް އަހަން ނުކެރުނީއެވެ. އިނދެގެން ދިރިއުޅޭނެ ތަނަކާ ގުޅޭގޮތުން ނާހިދު އެއްވެސް ވާހަކައެއް ނުދައްކައެވެ. އަހަރެން ހީކުރީ އެއީ ސިއްރެއްކަމަށެވެ. ކުއްލި ސިހުމެއް ދޭންވެގެން ނާހިދު އެ ކަން ސިއްރުކުރީކަމަށެވެ. އެހެން ނޫން ނަމަ ކޮންމެވެސް ވަރަކަށް އެ ވާހަކަ ދައްކާނެއޭ ހިތަށްއެރިއެވެ. ގޭގައި ބޭއްވި ކުޑަ ހަފުލާ ނިމުނުއިރު ވެސް ދާންވީ ތަނެއް ނާހިދު ނުބުނެއެވެ.

ނުނިމޭ