ދައުވަތު ކާޑު

އެނދުގެ ފައިލާކޮޅަށް ބޯލައިގެން، ބޯދަށަށް އަތްލައްވައިލައިގެން ޒުވާން އާސިމް އޮތެވެ. އޭނަގެ ކޮޓަރީގައެވެ. އާސިމަށް ފިނިކޮށްދިނުމުގެ ބޭކާރު މަސައްކަތް ފަންކާ ކުރަމުންގެންދިޔައެވެ. އެ ރެއަކީ ހޫނު ގަދަ ރެއެކެވެ. އާސިމްގެ ނަޒަރު ހުރީ އަތުގައި އޮތް ޑިގްރީއަށެވެ. އާސިމް ހިތަށްއެރިއެވެ. ބައެއް މީހުންގެ ނަޒަރުގައި އެ ޑިގްރީއަކީ ލުއި ކަރުދާސްކޮޅެކެވެ. އާސިމަށް އެއީ އާސިމް ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އާސިމްގެ ހިތްވަރާއި ކެތްތެރިކަމުގެ ހެއްކެވެ. އެކަމަކު އެ ޑިގްރީއަށް އާސިމް ދައްކަންޖެހުނު އަގު ބޮޑެވެ. ވަރަށް ބޮޑެވެ. ބައެއް ފަހަރު އާސިމް ހިތަށްއަރައެވެ. ކިޔަވަންދިޔުމަކީ އާސިމަށް ނިންމުނު ރަނގަޅު ނިންމުމެއް ހެއްޔެވެ؟ އެ ވަގުތު އާސިމްގެ ސަމާލުކަން ހުއްޓުނީ ދުރުދުރުން އިވުނު އަޑަކަށެވެ. ވާރޭވެހިގަތް އަޑަށެވެ. އާސިމް ފުންމައިގެން ތެދުވިއެވެ. ކުޑަދޮރުން ބޭރު ބަލައިލިއެވެ. ރޭގަނޑުގެ އަނދިރިކަން ފިޔަވައި މާހައުލުގައި ވަނީ ހިރަފުހެވެ. ޖެހިލާ ވައިރޯޅިން ހިރަފުހާއެކު ގެނެސްދެނީ މޫސުމުގެ ހޫނުކަމެވެ. އާސިމަށް ކުރެވުނީ ކުށްހީއެކެވެ. ވާރޭގެ އެއްވެސް އަސަރެއް ނެތެވެ. އެކަމަކު ލީލާއާ މެދުގައި ވެސް އާސިމަށް ކުރެވުނީ ކުށްހީއެއް ހެއްޔެވެ؟ އާސިމް ދެކެ ލީލާ ލޯތްބެއް ނުވޭ ހެއްޔެވެ؟ ދުނިޔޭގައި އާސިމް ނެތަސް ލީލާއަށް މައްސަލައެއް ނެތް ހެއްޔެވެ؟


އާސިމް ޑިގްރީ ކޯހަށް ފުރިތާ ކައިރީގައި ލީލާގެ ފޯނުކޯލެއް ނާންނަ ދުވަހެއް ނުދެއެވެ. މެސެޖާއި، ވީޑިޔޯ ކޯލާއި ނުވިތާކަށް އަތުން ލިޔެފައިވާ ސިޓީ ވެސް ލީލާ ފޮނުވިއެވެ. އާސިމް ބަރާބަރަށް ޖަވާބު ފޮނުވިއެވެ. ލޯބީގެ ހައްގުގައެވެ. ލޯބި ދެމެހެއްޓުމަށް ޓަކައެވެ. އެކަކުއަނެކަކުމަތިން ހަނދާންނެތުނަ ނުދިނުމަށް ޓަކައެވެ. ކިޔަވައި ނިމެން ހަތަރު މަހަށް އޮއްވައި ކުއްލިއަކަށް ލީލާއާ ގުޅުންކެނޑުނެވެ. ވީގޮތެއް އާސިމަކަށް ނޭނގެއެވެ. އޭގެ ފަހުން ލީލާ ވީތަނެއް ވެސް އާސިމަކަށް ނޭނގެއެވެ. އާސިމްގެ ހިތުގައި ވަނީ ސުވާލުތަކެކެވެ. އެތަކެއް އަހަރެއްގެ ތެދުވެރިކަމާއި، އިތުބާރާއި، ލޯބި ހިރަފުހަށް ވެގެން ވަޔަށް ބުރައިގެންދިޔައީ ހެއްޔެވެ؟ ކިޔަވައިގެން މާލެއައިސް އާސިމާއި ލީލާ ކައިވެނިކުރަން ދެ އާއިލާ ދެމެދުގައި ވަނީ ވާހަކަދެކެވިފައެވެ. ގޮތްތަކެއް ހަމަޖެހި ތަރުތީބު ވެސް ކުރެވިފައެވެ. ރަންކިޔާނެ ދުވަހާއި، ހަފުލާ އޮންނާނެ ދުވަހާއި، ތަން ވެސް އެއްބަސްވެވި ނިމިއްޖެއެވެ. ވީއިރު އުންމީދުގެ ހުޅުކޮޅު ކުއްލިއަކަށް ނިވުނީ ކީއްވެގެން ހެއްޔެވެ؟ ވީގޮތް ބުނެދޭން އެކަކަށް ވެސް ނޭނގުނީ ކީއްވެގެން ހެއްޔެވެ؟

ލީލާއަކީ އާސިމްގެ ހިތެވެ. ނޫނެކެވެ. ހިތުގެ ވިންދެވެ. ނޫނެކެވެ. އާސިމްގެ ނޭވާއެވެ. ނޫނެކެވެ. އާސިމްގެ ހަށިގަނޑުގައި ދައުރުވާ ލެޔެވެ. ލީލާއަށް ދީފައި ނުދޭނީ ކޮން ނަމެއްކަމެއް އާސިމަކަށް ނޭނގެއެވެ. ލީލާއަކީ އާސިމްގެ ނިންޖެވެ. އަރާމެވެ. އުފަލެވެ. އޭނަ ރުޅިވި ފަހުން އާސިމްގެ ނަފުސު އާސިމާ ރުޅިވެއްޖެއެވެ. އާސިމްގެ އިހުސާސްތައް އާސިމާ ބީރައްޓެހިވެއްޖެއެވެ. އާސިމް ބަނޑުހައިވެއެވެ. ނުކެވެއެވެ. ލޯމެރެއެވެ. ނުނިދެއެވެ. އެއްވެސް ކަމެއް ކުރާހިތެއް އާސިމް ނުވެއެވެ. ކިޔެވުމުގެ އެންމެ ފަހު ހަތަރު މަސް ދުވަހު އާސިމް މޮޔައިންގެ ހޮސްޕިޓަލަކަށް ގެންދަން ނުޖެހުނީ އާސިމްގެ މަންމަގެ ކުޅަދާނަކަމުންނެވެ. ހުރިހައިކަމެއް ހުއްޓައިފައި މަންމަ މެލޭޝިޔާއަށް އައިސް އާސިމް ގާތުގައި ހުރީމައެވެ. ލީލާ ރުޅިވުމަކީ އާސިމަށް މައްސަލައެއް ނޫނެވެ. އެކަމަކު ސަބަބު ބުނެދިން ނަމައެވެ. އާސިމްގެ ކުށެއް ދެއްކި ނަމައެވެ. އެތައް އަހަރެއް ވަންދެން އާސިމް ދިން އިތުބާރާއި، ކުރި އިހުތިރާމާއި، ކުރި އިންތިޒާރުގައި ކޮޅުފައިން ނުޖެހި ނަމައެވެ. މާލެ އައިސް އެތައް ކޯލެއް އާސިމް ކުރިއެވެ. އެތައް މެސެޖެއް ފޮނުވިއެވެ. ދިރިހުރިކަން ވެސް ލީލާ އަންގައިނުލިއެވެ. ވިޔަފާރިވެރިޔަކާ ލީލާ އިންނަންއުޅޭ ވާހަކަ އާސިމް އަޑުއެހިއެވެ. އެއީ ކިހާ ވަރެއްގެ ތެދެއްކަމެއް އާސިމަކަށް ނޭނގެއެވެ. އެ ކަމާ ވިސްނަންއޮއްވައި ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލި އަޑު އާސިމަށް އިވުނެވެ. ދޮރާ ދިމާއަށް ބަލައިލިއިރު ދޮރު ދަށުން ހިޔަންޏެއް ފެންނަން ހުއްޓެވެ. އެ ކަމާ ވިސްނަން އާސިމް އޮއްވައި ދޮރު ދަށުން ސިޓީއުރައެއް ކޮއްޕައިލިއެވެ. އާސިމް އަވަސްއަވަހަށް ގޮސް ސިޓީއުރަ ނެގިއެވެ. ސިޓީއުރައިގެ ބޭރުގައި އާސިމްގެ ނަން އޮތެވެ. ނުފުށުގައި "ދައުވަތު ކާޑު" ޖަހައިފައި އޮތެވެ. އެކަމަކު އުރަތެރޭގައި ކާޑެއް ނެތެވެ. އާސިމް ހިތަށްއެރިއެވެ. އެ ކަހަލަ ކާޑެއް އާސިމަށް ފޮނުވާނީ ކާކު ހެއްޔެވެ؟ ކުއްލިއަކަށް ދޮރު ކައިރިން ފޯނު ރަނގަބީލުވިއެވެ. އެ އަޑަކީ އާސިމަށް އިވިފަރިތަ އަޑެކެވެ. އާސިމް ވަގުތުން ދޮރު ހުޅުވައިލިއެވެ. ހީވީ ރަނގަޅަށެވެ. ދޮރުމަތީގައި ހުރީ ލީލާއެވެ. އާސިމްގެ ލޯބިވާ ލީލާއެވެ. ދުށުމަށް ދެ ލޯ ކެތްތެރިކަން ކުޑަވެފައިވާ ލީލާއެވެ. ފުރަތަމަ ސިކުންތުގައި އާސިމްގެ ހިތް ފުރިގެން ބަންޑުންވިއެވެ. ދެވަނަ ސިކުންތުގައި އާސިމަށް ލިބުނީ ސިހުމެކެވެ. އަދި ލީލާގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލައިލެވުނެވެ. ލީލާ ލައިގެންހުރީ ދުވަހަކު ވެސް ނުލާ ވަރުގެ ކުރު ހެދުމެކެވެ. އެއީ އާސިމަށް އާ މަންޒަރެކެވެ.

"އެތެރެއަށް ވަންނާކަށް ނުބުނާނަން؟" ލީލާ ސުވާލުކުރިއެވެ.

އާސިމް އެއްޗެއް ނުބުނެއެވެ. ލީލާއަކީ ހަށިގަނޑު ނިވާކޮށްގެން އާސިމްގެ ހިތް އަތުލި ކުއްޖެކެވެ. ހަރުދަނާ އަޚްލާގުގެ ސަބަބުން އާސިމަށް ކަމުދިޔަ ކުއްޖެކެވެ.

"ކޮންމެވެސް އެއްޗެއް ބުނެބަލަ!" ލީލާ އެދުނެވެ. "ޕްލީޒް!"

އާސިމް ބޮޑަށް ދޮރުހުޅުވައިލުމުން ލީލާ އެތެރެއަށް ވަނެވެ. އާސިމް ދޮރު ލެއްޕިއެވެ. އަދި ފޯނަށް ބަލައިލިއެވެ.

"ތިން ހާސް ތިން ސަތޭކަ މެސެޖު. ދުއިސައްތަ ނުވަދިހަ އީމެއިލް. އައްޑިހަ ތިން ސިޓީ ފޮނުވިން،" އާސިމް ބުންޏެވެ. "ލައްކަ އެއްޗެހި ބުނެވިފަ ހުންނާނީ. އަދިވެސް އަހަރެންތަ ކޮންމެވެސް އެއްޗެއް ބުނަންވީ؟ ކީއްވެ އަހަންނަށް އެހެން ހެދީ؟ ލީލާއަށް އެނގޭނެ އަހަރެން ކިހާ ދެރަވާނެކަން."

ލީލާ އެއްޗެއް ނުބުންޏެވެ. ބަލަން ހުރީއެވެ. އެ ލޮލުގައި ހިތާމައިގެ އަސަރެއް ނެތެވެ. "ދެން މައްސަލައެއް ނެތް. ވީކަމެއް ވީ!" އާސިމް ބުންޏެވެ. "މީ ކޮން އިންވިޓޭޝަން ކާޑެއް؟"

އާސިމްގެ މިޒާޖު ލީލާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ލީލާ ދެކެ އާސިމް ލޯބިވާ ސަބަބާއި، ލީލާ ނުލިބުމުން އާސިމްގެ ހިތަށް ތަދުވާނެ ވަރު ވެސް ލީލާއަށް އެނގެއެވެ. އެހާ ދުވަހު އާސިމާ އެކުގައި އުޅެވިއްޖެއެވެ.

"ތީ ވަރަށް ސްޕެޝަލް އިންވިޓޭޝަނެއް." ކިޔަމަންތެރި ރާގެއްގައި ލީލާ ބުންޏެވެ.

އާސިމް އަނެއްކާ ވެސް ސިޓީއުރަ ބަލައިލިއެވެ. ދެވަނަ ފަހަރަށް ބަލައިލުމުން ވެސް އުރައިގެތެރޭގައި އެއްޗެއް އޮތްތަނެއް އާސިމަކަށް ނުފެނުނެވެ. ލީލާ އައިސް އެނދުގައި އިށީނދެލިއެވެ. އެއްފައި މައްޗަށް އަނެއް ފައި އެއްލިއެވެ. ފުން ނަޒަރަކުން އާސިމަށް ބަލައިލިއެވެ. އާސިމް ހުރީ ވާނުވާ ނޭނގިފައެވެ.

"އެނގޭ ދޯ މާދަމާރޭ އަހަރެންގެ ވެޑިން ޕާޓީ އޮންނަކަން؟" ލީލާ ސުވާލުކުރިއެވެ.

"މިހާރު މެރީކުރީ؟" ހައިރާންވެފައި އާސިމް އެހިއެވެ. "އަހަރެން މާ ފަގީރީ ދޯ؟ ހުރިހާ އެއްޗަކީ ލާރިތަ؟ ލޯބި ކައުންޓެއް ނުކުރާނެ؟"

ލީލާއަކީ ވަރަށް ރީތި ކުއްޖެކެވެ. ވަރަށް ސާދާ، ތެދުވެރި ކުއްޖެއް ވެސްމެއެވެ.

"ކުރާނެ! އެހެންވެ އިންވިޓޭޝަން ކާޑު ހިފައިގެން މި އައީ،" ލީލާ އެނދުން ތެދުވަމުން ބުންޏެވެ. އަދި ކޮނޑުގައި އޮތް ދަބަސް އެނދުމައްޗަށް އެއްލިއެވެ. "ބޭނުންތަ؟"

ލީލާ ބުނަންއުޅެނީ ކީކޭކަމެއް އާސިމަކަށް ނޭނގެއެވެ. އާސިމަށް ނެގުނީ މުޅީން އެހެން މާނައެކެވެ. އެ ސުވާލު އަހާކަށް ނުކެރުނެވެ. އާސިމް ދަންނަ ލީލާއަކީ މާ އަބުރުވެރި ކުއްޖެކެވެ.

"މީ އެންމެ މީހަކަށް ނޫނީ ނުދެވޭ ކަހަލަ ހަދިޔާއެއް،" ލީލާ ބުނި އެއްޗަކަށް ވުރެ ބުނި ރާގު މުހިންމެވެ. "ދޭން ބޭނުންވަނީ ހަމައެކަނި އާސިމަށް."

"ވަޓް!" އާސިމަށް ބުނެވުނެވެ.

ހުރި ފިޔަވަޅުމަތީ އާސިމް ގަނޑުވި ކަހަލައެވެ. ލީލާ ދެކެ އާސިމް ލޯބިވީ ވަކި ސިފަތަކެއް ހުރީމައެވެ. އިތުބާރުދިނީ ވަކި ޝަރުތުތަކެއް ހަމަވީމައެވެ. އިހުތިރާމުކުރީ ވަކި އުސޫލުތަކެއް ހިފެހެއްޓީމައެވެ. އަބުރަކީ އަންހެނެއްގެ ޒީނަތްތެރިކަމުގެ ގަހަނާއެވެ. ފިރިޔަކަށް ދެވޭނެ އެންމެ އަގު ބޮޑު ހަދިޔާއެވެ. އެއަށް ކަމޭނުހިތި އަންހެނަކަށް އާސިމް ގަދަރެއް ނުކުރާނެއެވެ. ހަތަރުކަޅި ހަމަ ވެސް ނުކުރާނެއެވެ.

"ނުކުމޭ!" ދޮރުހުޅުވައިލަމުން އާސިމް ބުންޏެވެ. "ހަމަ މިހާރު ނުކުމޭ!"

"އެކަމަކު އާސިމް ދެކެ އަހަރެން.." ލީލާއަށް ބުނެވުނީ އެ ހިސާބަށެވެ.

"ޕްލީޒް!" އިސްޖަހައިލައިގެން ހުރެ އާސިމް ބުންޏެވެ. "އައުޓް!"

ފޫހި ގޮތަކަށް ޗޮކެއްކަނޑައިލައިފައި ލީލާ ނުކުތެވެ. އާސިމް ދޮރު ލައްޕައި ތަންޑުއެޅުވިއެވެ. ލީލާ ގެނައި އުރަ ވީދައިލިއެވެ. ވަގުތުން ފޯނު ނަގައި ލީލާގެ ނަންބަރު ފުހެލިއެވެ. މެސެޖުތައް ވެސް ފުހެލިއެވެ. ލީލާ ހިފަހައްޓައިގެން ހުރި ކަރުނަތައް އިހުތިޔާރެއް ނެތި އޮހިގަތެވެ.

"ސޮރީ އާސިމް!" ހިތާހިތުން ލީލާ ބުނެލިއެވެ. "މިހާރު އަހަރެން ހަނދާންނައްތާލަން ފަސޭހަވާނެ."

ރޭގަނޑުގެ ވަގުތެވެ. ލީލާގެ ކައިވެނި ހަފުލާ ފެށިގެން ކުރިޔަށްދިޔައެވެ. އުމުރުން ވިހި އަހަރު ދޮށީ ފިރިމީހާ ގާތުގައި ލީލާ ހުއްޓިލައިގެން ހުއްޓެވެ. ސާބިތުކަމާއި ހިތްވަރާ އެކުގައެވެ. ލީލާއަށް އެނގެއެވެ. އެ ހަފުލާއަކަށް އާސިމެއް ނާންނާނެއެވެ. ލީލާ ބޭނުމީ ވެސް އެ ގޮތެވެ. ލީލާގެ ފިރިމީހާ ފެނިއްޖެއްޔާ އާސިމް އުފަލެއް ނުވާނެއެވެ. ހިތުގައިޖެހޭނެއެވެ. އެ މަންޒަރު ދެކޭކަށް ލީލާއަކަށް ކުޅަދާނައެއް ނުވާނެއެވެ. އާސިމް ފަދަ ދެވަނަ މީހެއް ލީލާއަކަށް ނުލިބޭނެއެވެ. ހަމައެހެންމެ މައިންބަފައިން ފަދަ ދެވަނަ ބައެއް ވެސް ނުލިބޭނެއެވެ. ލީލާގެ ކައިވެންޏަކީ މައިންބަފައިންނަށް ލީލާ ދިން ހަދިޔާއެކެވެ. ކުރެވުނު ވިޔަފާރިއެކެވެ. ބައްޕަގެ ގެ ހެދޭނެއެވެ. މަންމައަށް ބޭސްފަރުވާ ކުރެވޭނެއެވެ. ކޮއްކޮއަށް ކިޔަވަން ދެވޭނެއެވެ. ކޮންމެ މީހަކު ވެސް ތަނަވަސްކަމާއި ފައިސާ ބޭނުންވާނެއެވެ. އަނެކާގެ އުފާތަކަށް އިސްކަންދޭނީ މަދު މީހެކެވެ. ލީލާގެ އެ ސިފައަކީ ވެސް، ރީތި ސިފަތަކުން ތަރުތީބުކުރެވިފައިވާ ލީލާގެ ހަޔާތަށް އިތުރުވި ބޮޅެކެވެ.

އާސިމްގެ ހަޔާތުގައި ލިޔެވިފައިވާ ލީލާގެ ބާބު އާސިމް ވީދައި، ކުދިކުދިކޮށް، އުކައިލިއެވެ. އާ ސަފުހާއަކުން ދިރިއުޅުން ފެށިއެވެ. އެހެން ލޯބިވެރިޔަކު ހޯދިއެވެ. ޒަވާޖީހަޔާތެއް ފެށިއެވެ. ވަޒީފާއަށް ނުކުމެ ކާމިޔާބުތައް ހޯދިއެވެ. ލީލާގެ ހަޔާތުގައި އޮތީ ހިތްދަތިކަމާއި ކަރުނައެވެ. އެހެނަސް ޝަކުވާއެއް ނެތެވެ. ލީލާއަށް އެނގެއެވެ. އެއްވެސް މީހަކަށް އެ މީހެއްގެ ފުރަތަމަ ލޯތްބެއް ކާމިޔާބެއް ނުވާނެއެވެ.

ނިމުނީ