ގިރިޓީލޯބި

ހުވަފެން ފެށޭއިރު ޖަންގަލީގެ މެދުގައި އޮއްވައި ފެނިދާނެއެވެ. ވަށައިގެން ތިބޭނީ މިނިކާ ޖަނަވާރުތަކެވެ. ވަރަށް އުސް ތަނެއްގެ ކުރިޔަށް އަރައި އެ ތަނުން ފައިބާނެ ގޮތަކާ މެދު ވިސްނަން ހުއްޓައި ވެސް ހުވަފެން ފެށެއެވެ. އެ ތަނަށް އަހަންނަށް އާދެވުނީ ކިހިނެއްކަމެއް ސަލާމަތްވާނީ ކިހިނެއްކަމެއް ނޭނގޭނެއެވެ. އަހަރެންގެ ދިރިއުޅުމަށް ވެސް ވީ އެހެންނެވެ. ވާނުވާ ރަނގަޅަށް ވިސްނައިލިއިރު މީހަކާ އިނދެވިއްޖެއެވެ. ދަރިޔަކު ލިބިއްޖެއެވެ. އަހަރެން އުޅެނީ އަނބިމީހާގެ ގޭގައެވެ. އެއީ ކިހިނެއް އަހަރެން ނިންމި ނިންމުމެއް ހެއްޔެވެ؟ ސަމާހަތާ އަހަރެން ކައިވެނިކުރީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް ލޯބިވެވުނީ ސަމާހަތުގެ ކޮން ސިފައެއް ދެކެ ހެއްޔެވެ؟ އެއްކޮޅުން އޭނައަކީ ޒިންމާދާރުކަން ކުޑަ މަންމައެކެވެ. އަނެއްކޮޅުން އަހަރެންގެ ބަސްވިކޭ އަންބެއް ނޫނެވެ. އަހަރެން ދުވާލު ހަތަރުދަމު މި އުޅެންޖެހެނީ އޮފީހުގައެވެ. ލިބޭ މުސާރައިން ސަމާހަތު ބޭނުންވާ ކަންކަން ކޮށްދީފައި ރައްކާކުރާނެ ބޮޑުލާރިއެއް ވެސް ނޯވެއެވެ. ވީއިރު އަހަރެން ދަރިޔަކު ބޭނުންވީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟


ސަމާހަތަކީ ހެންވޭރު ކުއްޖެކެވެ. އަހަރެން އުޅުނީ މާފަންނުގައެވެ. އެއީ މާލޭގެ ދެ ކޮޅެވެ. އެންމެ ފުރަތަމަ އަހަންނަށް ސަމާހަތު ފެނުނީ ވަރަށް ވިއްސާރަ ދުވަހެއްގައެވެ. އައިންތު ސައިކަލު ފަހަތުގައި އައިސް ފިހާރައިގެ ދޮރުމައްޗަށް މަޑުކޮށްފައި ސަމާހަތު ފޭބިތަން އަހަރެން ދުށީމެވެ. އެއީ ބޯކޮށް ވާރޭވެހިގަތް ވަގުތެކެވެ. އަހަރެންނަކީ ފިހާރައިގެ ސޭޓެވެ. ފިހާރަ ދޮރުމަތީގައި ތިބުމުން އެ މީހުން ތެމޭތީ ފިހާރައިގެ އެތެރެއަށް ވަނުމަށް އަހަރެން އެދުނީމެވެ. އެ މީހުން ވަނެވެ. އަހަރެންގެ ސަމާލުކަން އަތުލީ ސަމާހަތެވެ. އޭނަ ބޭނުންވެގެން އުޅޭ ކަހަލަ ބޫޓެއް ފެނިގެން އެ ގަންނަން ބެލިއިރު ސަމާހަތު އަތަކު ލާރިއެއް ނެތެވެ. އައިންތު އަތަކު ވެސް ނެތެވެ. މެޔަށް ނުތަކާ ވަރަށް ހިތްބޮޑުވެގެން، ފަހުން ލާރިދޭ ގޮތަށް ބޫޓު ދިނީ އަހަންނެވެ. އޭގެ ސަބަބުން ސަމާހަތުގެ ފޯނު ނަންބަރު އަހަންނަށް ލިބި އަހަރެންގެ ފޯނު ނަންބަރު ސަމާހަތަށް ލިބުނެވެ. އެކުވެރިކަން އުފެދުނެވެ. ގުޅުން ބަދަހިވިއެވެ. ލޯބިވެވުނެވެ. ކައިވެނިކުރެވުނެވެ. އަންހެން ދަރިޔަކު ލިބުނެވެ. ހުރިހައިކަމެއް ހިނގައިދިޔައީ ވިދުވަރެއް ފަދައިންނެވެ. ބޫޓުގެ އަގެއް ނުލިބެއެވެ. ލިބުނީ ހިތްދަތިކަމެވެ. މާޔޫސްކަމެވެ.

އަހަރެން މައިންބަފައިންގެ ގެ އެބަހުއްޓެވެ. އަހަރެންގެ އަމިއްލަ ކޮޓަރި ވެސް އެބަހުއްޓެވެ. އެހެންނަމަވެސް، ސަމާހަތުގެ މައިންބަފައިން ބޭނުންވީ ސަމާހަތުގެ ގޭގައި އަހަރެން އުޅޭށެވެ. އެ ގޮތް އަހަންނަށް ފަސޭހައެވެ. ގިނަ ވަގުތު އޮފީހުގައި އަހަރެން އުޅޭއިރު ސަމާހަތު ފޫހިވެގެން އުޅޭކަށް ނުޖެހެއެވެ. ހަމަ އެހެންމެ ކުޑަ އުނދަގުލަކަށް އަހަރެން ކެތްކުރަންޖެހުނެވެ. އަމިއްލަ ގޭގައި ސަމާހަތުގެ އަޑު ތަންކޮޅެއް ގަދައެވެ. އަމުރުވެރިއެވެ. ނިކަމެތިކަން އަހަންނަށް އިހުސާސްކުރުވައެވެ. އަހަރެން އުޅުނީ އެ ވަރު ދަނެގެންނެވެ. ޝަކުވާއެއް ނުކުރަމެވެ. ހީކުރީމެވެ. ސަމާހަތުގެ ރުންކުރުކަމަކީ އޭނަގެ މައިންބަފައިން ގާތުގައި އޭނައަށް ހުރެވޭތީ ކުރެވޭ މިނިވަން އިހުސާސެއްގެ ކޮޅުދާއްޔެވެ. އަހަރެން ނަމަ އަހަންނަށް ވެސް އެހެންވީހެވެ. އިންސާނުންނަކީ ކުޑަކުޑަ ބާރެއް ލިބުނަސް ބޮޑާވާ ބައެކެވެ. އެކަމަކު އެއްދުވަހަކު އަހަންނަށް ނޭނގެންވާ އެއްޗެއް އެނގުނެވެ. ހަގީގަތުގައި އެ ކަން އަހަންނަށް ނޭނގި އޮތީ އަހަންނަށް ރަނގަޅަކަށެވެ.

ކުރިން އަހަރެންނަކީ އަހަރެންގެ ގޭ ފިހާރައިގެ ސޭޓެވެ. ސަމާހަތާ ފުރަތަމަ ދިމާވީ ވެސް އެ ފިހާރައިންނެވެ. ލޭންދޭނަށް ސަމާހަތަށް ބޫޓު ދިނީ އަހަންނެވެ. އަހަރެން ދެކެ ސަމާހަތަށް "ލޯބިވެވުނީ" އަހަންނަކީ ފިހާރައިގެ ވެރިމީހާ ކަމަށް ހީކޮށެވެ. އަހަންނާ ކައިވެނިކުރީ ވެސް އެހެންވެއެވެ. ސަމާހަތުގެ ރައްޓެއްސެއްގެ ފަރާތުން އަހަންނަށް އެނގުނު އެ ސިއްރު ހިތުގައި ކަފުނެއް ނުކުރެވުނެވެ. އަރަކުން ނުދިރުނެވެ. އެ ކަން އަހަންނަށް އެނގުނު ފަހުން ސަމާހަތު ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ހަޅޭއްލަވައިގަނެއެވެ. އެ އަޑު އަހަރެންގެ ކަންފަތުގައި ގުގުމައެވެ. ކަލެއަކީ ފައިސާއާ ހެދި މޮޔަވެފައި ހުންނަ މީހެކެވެ. ދަހިވެތި މީހެކެވެ. އަހަރެން ދެކެ ކަލޭ އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ. ތިހާ ފިނޑި މީހެއް އަހަރެން ނުދެކެމެވެ. އެ ފިހާރަޔަކީ ބޭބެގެ ފިހާރައެއްކަން އެނގުނީމައި އަހަންނާ ދިމާއަށް އެހެން ބުނާކަށް ވެސް ކަލެއަކަށް ނުކެރުނެވެ.

ހަގީގަތް ނޭނގޭއިރު ޒައްރެއްގެ މިންވަރަށް ފެންނަ މައްސަލަ، ހަގީގަތް އެނގުމުން ބައްރަކަށް ބަދަލުވެއެވެ. ކޮންމެ ކަމެއް އެއާ ގުޅުވެއެވެ. ރުޅިވެރިކަން ފަށްފަށްވެއެވެ. ކިތަންމެ ހެޔޮ ނިޔަތެއްގައި ސަމާހަތު އެއްޗެއް ބުންޏަސް އަހަންނަށް ހީވަނީ އަހަރެން ކިހާ ފަގީރުކަން އަހަންނަށް ވިސްނައިދޭން ސަމާހަތު އުޅޭހެންނެވެ. އެއީ ހާދަހާ ހިތްދަތި ހާލަތެކެވެ. އެންމެ ލޯބިވާންޖެހޭ މީހާ އެންމެ ފޫހިވާ މީހާއަށް ބަދަލުވިއެވެ. އެންމެ ގާތުގައި އުޅޭ މީހާޔާ ވީހާ ވެސް ދުރުގައި ހުންނަން އަހަރެން ބޭނުންވިއެވެ. އަހަރެންގެ ހިތް އިރުއިރުކޮޅާ އަހަންނަށް ހަނދާންކޮށްދެއެވެ. ސަމާހަތު ކަލެޔާ ކައިވެނިކުރީ ކަލެއަކީ މުއްސަންޖެއް ކަމަށް ހީކޮށެވެ. ދެ ކަންފަތުގައި އަހަރެން އަތްއެޅިޔަސް އެ އަޑެއް ނުކެނޑެއެވެ.

މީހުންގެ ނަޒަރުގައި އަހަންނަކީ ވަރަށް ނަސީބު ގަދަ މީހެކެވެ. ރަނގަޅު އާއިލާއެއްގެ ރީތި އަންހެންކުއްޖަކާ ކައިވެނިކުރެވުނީތީއެވެ. އެކަމަކު އަހަރެންގެ ހިތުގައި ރިހުމެއް އުފެދުނެވެ. އޮފީސް މަސައްކަތަށް ބުރޫއަރަން ފެށިއެވެ. ހާޒިރީގައި ސަލާން ގިނަވާން ފެށިއެވެ. މުސާރައިން ގެއަށް ގެންނަން ލިބޭ ވަރު މަދުވާން ފެށިއެވެ. ސަމާހަތަކަށް އެ ކަން ބަލައެއްނުގަނެވުނެވެ. އެހެން ވާނެކަން އަހަންނަށް އެނގެއެވެ. ހުރިހާ ކަމެއް ފައިސާގެ ތިލަފަތުން ވަޒަންކުރާ މީހަކާ ދޭތެރޭގައި ކުރެވޭނީ އެހެން ކޮން އުންމީދެއް ހެއްޔެވެ؟

ކައިވެނި ސަލާމަތްކުރުމަކީ މުހިންމުކަމެކެވެ. އަހަރެންގެ މައިންބަފައިން އެދުނީ ސަމާހަތު ވަރިނުކުރުމަށެވެ. އަހަރުވާން އުޅޭ ކުޑަ ދަރިފުޅަށް ޓަކައެވެ. އަހަރެން ސަމާހަތު ވަރިކުރުމުން އަހަރުމެންގެ ދަރިފުޅަށް ނިކަމެތިކަން ލިބޭނެއެވެ. އެއީ މައިންބަފައިން އިހުތިޔާރުކުރި ސުރުހީއެވެ. މައިންބަފައިންގެ އަސްލު މައްސަލައަކީ އަވަށްޓެރީން ކޮށްފާނެ މަލާމާތެކެވެ. އާއިލާ މީހުން ބުނެފާނެ ބަދުބަހެކެވެ. ބައްޕަގެ އާއިލާގައި ދެމޭ އެންމެ އޮއި ގަދަ ކޯރަކީ ޒާތީހަސަދައެވެ. އެ އާއިލާގައި އެއްބަޑުއެއްބަފާ ހަތް މީހުން ތިބެއެވެ. ކޮންމެ މީހެއްގެ ވެސް ދަރިން އެބަތިއްބެވެ. އެކަމަކު ނުރޫޅެނީ އަހަރެންގެ ކައިވެނި އެކަންޏެވެ. ބައްޕަ އެ ކަމާ ފަޚުރުވެރިވެއެވެ. ބައްޕަގެ ނަޒަރުގައި އެއީ ޝަރަފެކެވެ. އެހެންނަމަވެސް ބަޔަކަށް ކަންދެއްކުމަށް ވުރެ އަހަންނަށް މުހިންމީ އަހަރެންގެ ހިތްހަމަޖެހުމެވެ. އަހަރެންގެ ދިރިއުޅުމެވެ.

އަހަރުމެންގެ ދަރިފުޅު ދެކެ ސަމާހަތު ލޯތްބެއް ނުވެއެވެ. ސަމާހަތަކީ އޭނަގެ އަމިއްލަ ދުނިޔެއެއްގައި އުޅޭ މަންމައެކެވެ. ގޭގައި އުޅެންޏާ ފޯނު އަތަކުން ދުލެއްނުވެއެވެ. އަހަރެން ހައިރާންވެއެވެ. ހޭލީއްސުރެ ނިދަންވަންދެން ފޯނު ހިފައިގެން ސަމާހަތު ކުރަނީ ކީއްހެއްޔެވެ؟ އެ ސުވާލު އަހަންނަކަށް ނުކުރެވޭނެއެވެ. ކީއްވެގެން ހެއްޔެވެ؟ ސަމާހަތު އުޅެނީ އޭނަގެ ގޭގައެވެ. ފޯނު ގަނެދިނީ ސަމާހަތުގެ ބައްޕައެވެ. އަހަރެން ބިލުދައްކައިދޭނެކަމަށް ބުނެފައި އޮންނައިރު ވެސް ސަމާހަތު ބިލުދައްކަނީ މަންމަ ލައްވައެވެ. އެ ފޯނުގައި އަހަރެން އަތްލުން މަނައެވެ. ދަރިފުޅަށް ކާންދެނީ ސަމާހަތު މަންމަ ލައްވައެވެ. ފެންވަރުވައި ނިންދަވަނީ ވެސް ދަރިފުޅުގެ މާމަ ލައްވައެވެ. އެ ވާހަކަ ދައްކާނެކަމެއް ނެތެވެ. އަހަރެންނަށް ކާންހަދައިދީ، އަހަރެންގެ އެއްޗެހި ދޮވެއިސްތިރިކޮށްދެނީ ވެސް މައިދައިތައެވެ. މައިދައިތައަކީ ބަލި މީހެކެވެ. އަތް އައްސިވެއެވެ. އުނަގަނޑެއްގައި ރިއްސައެވެ. ފުންނާބެއްގައި ރިހެއެވެ. ސަމާހަތަށް ފަރުވާލެއް ނެތެވެ. އަހަރެން ވަރަށް ހިތްހަމަނުޖެހެއެވެ. އެއްވެސް ވަޒީފާއެއް އަދާނުކޮށް ގޭގައި އިންނައިރު ވެސް ސަމާހަތަށް ގޭގެ ނުވަތަ އަހަރުމެންގެ އެއްވެސް ކަމެއް ނުކުރެވެއެވެ.

އަހަރެން އޮފީހުން ކެނޑެން ވިސްނީމެވެ. އެ ކަން ސަމާހަތަށް އެންގީމެވެ. ފުރަތަމައިނުން ވެސް ސަމާހަތު ބޭނުންވީ އަހަރެން ގާތުން ވަރިވާށެވެ. އަހަރެން ބޭނުންވި ގޮތަކީ އެއީއެވެ. އެކަމަކު އަހަރެން ކޯޓަކަށް ފޯމެއް ނުލަމެވެ. އެ ކަން ކުރުވީ ސަމާހަތު ލައްވައެވެ. އޭނަ ވަރިކުރުމުގެ ހިތިކަން އަހަންނަށް ދައްކަން ސަމާހަތު ހުރީ ކެތްމަދުވެފައެވެ. ދަރިފުޅާ ހަވާލުނުވީ އެހެންވެއެވެ. އަހަރެން ހައިރާނެއް ނުވެއެވެ. ސަމާހަތަކީ ދަރިފުޅު ވިހެއުން ފިޔަވައި އެހެން ކަމެއް ދަރިފުޅަށް ކޮށްދިން މަންމައެއް ނޫނެވެ. އަހަންނަށް ރަނގަޅީ ވެސް އަހަރެން ގާތުގައި ދަރިފުޅު ހުރިއްޔާއެވެ. އަހަރެންގެ މަންމަ ހުރީ އެ ކަމަށް ބޭނުންވެފައެވެ.

ވަރިކުރުމަށް ފަހު ދަރިފުޅު ގޮވައިގެން އަހަރެން ގެއަށް ދިޔައީމެވެ. ސަމާހަތު އެންމެ ފަހަރަކު ވެސް ދަރިފުޅުގެ ހާލެއް ނުބަލައެވެ. ދެކިލާކަށް ނާދެއެވެ. ލޯބިނުވާ މީހެއްގެ ފަރާތުން ލޯތްބެއް ނުހޯދޭނެއެވެ. އަހަންނަށް އެ ކަން އެނގެއެވެ. އެހެންނޫނަސް އަހަރެންގެ ދަރިޔަކަށް ވެސް މަންމަގެ ފަޅުކަން އިހުސާސެއް ނުކުރެވެއެވެ. އޮފީހުން ގެއަށް އައިސް ލިބޭ ހުރިހާ ވަގުތެއް އަހަރެން ހޭދަކުރަނީ ދަރިފުޅާ އެކުގައެވެ. އަށެއްކަ މަސް އެ ގޮތުގައި ވެއަތުވިއެވެ.

އެއްދުވަހަކު އަހަރެންގެ ގެއަށް ކޯޓުޗިޓެއް އައެވެ. އެޑްރެސްކޮށްފައި އޮތީ އަހަންނަށެވެ. ހައިރާންވެގެން ހުރެ ޗިޓު ބަލައިލީމެވެ. މައްސަލަ ހުށައަޅައިފައިއޮތީ ސަމާހަތެވެ. ދަރިފުޅު ބޭނުންވެގެންނެވެ. އެއީ ކީއްވެގެން އޭނަ ކުރި ކަމެއްބާއޭ ހިތަށްއެރިއެވެ. ދަރިފުޅު ނުދޭކަށް އަހަރެން ނޫޅެމެވެ. ދަރިފުޅު ގެންދާށޭ ބުނީ ސަމާހަތެވެ. ވީއިރު ކޯޓު މެދުވެރިކުރި ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. އެކަކަށް ވެސް ނުވިސްނުނެވެ.

ކޯޓަށް ދިޔައީމެވެ. އެތައް ޒަމާނެއް ކޮށްފައި އަހަންނަށް ސަމާހަތު ފެނުނީ ކޯޓުންނެވެ. އަހަރުމެން ހަތަރުކަޅި ހަމައެއް ނުކުރަމެވެ. ޝަރީއަތް ވަރަށް ކުރެވެ. ދަރިފުޅު ސަމާހަތާ ހަވާލުކުރަން އެންގުމުން އަހަރެން ވަގުތުން އެއްބަސްވީމައެވެ. ގެއަށް އައިސް ދަރިފުޅު އަންނައުނާ ހުރިހާ އެއްޗެއް ފޮށްޓަށް އެޅީމެވެ. ބަސްއަހައިގެން މަންމަ ގާތުގައި ހުރުމަށް ނަސޭހަތްދިނީމެވެ. އިރުއޮއްސުނުއިރު ވެސް ދަރިފުޅު ބަލައެއް ނައެވެ. ސަމާހަތާ ގުޅުމުން ފޯނެއް ނުނަގައެވެ. އެއީ ސަމާހަތުގެ އަސްލު ސިފަކަން އަހަންނަށް އެނގެއެވެ. އޭރު ނުވިސްނުނީ ސަމާހަތު ކޮންމެހެން ކޯޓަށް ދިޔަ މަގުސަދެވެ. ސަމާހަތު ބޭނުންވީ ދަރިފުޅު ހުރީ އޭނަގެ ހަވާލުގައިކަން ސާބިތުކުރެވޭ ލިޔުމެކެވެ. ދަރިފުޅު ބޭނުމެއް ނޫނެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ ޖަވާބު ވިސްނުނީ ވަރަށް ފަހުންނެވެ. ސަމާހަތު ބޭނުންވީ އެކަނިވެރި މަޔަކަށް ވާށެވެ. އެއީ ލޯތްބެއް ނޫނެވެ. އެއީ ދަހިވެތިކަމެވެ. ކެހިވެރިކަމުގެ އިންތިހާއެވެ.

ނިމުނީ