އެކަނިވެރިޔާ

ދޯނީގެ ދިރުނބާކޮޅުގައި އަހަރެން އިނީމެވެ. ހިތުގެ އުންމީދުތަކާއި މި ދަތުރުގެ މަގުސަދު އަހަންނަށް ރަނގަޅަށް ހަނދާންކޮށްދެމުން ދިޔަ ކަހަލަ އެވެ. ޖެހެމުންދިޔަ ވައިރޯޅިތަކާ އެކު ހޭވެމުންދިޔަ އަހަރެންގެ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ދޯނީގެ ގެގަނޑާ ދިމާއަށް އަހަރެން ބަލައިލީމެވެ. ރަށުން ފުރިގޮތަށް ބޯހިއްލާލަން ނުކެރިފައި މަލަކާ އޮތެވެ. އެއްބަނޑު އެއްބަފާ ކަމުގެ ލޭ އަހަރެމެން ދެ މީހުންގެ ހަށިގަނޑުގައި އެއްވަރަކަށް ދައުރުވަމުން ދިޔަޔަސް އަހަންނާއި މަލަކާ އަކީ އުޑާ ބިމާހާ ފަރަގު ބޮޑު ދެ މީހުންނެވެ. އަހަންނަކީ ފެންފޮދެއް ނަމަ އޭނާ އަކީ އަލިފާނެވެ. އަހަންނަކީ ދުވާލު ނަމަ އޭނާ އަކީ ރޭގަނޑެވެ.


އެކަމަކު އަހަރެމެން ދެ މީހުންގެ މަގުސަދު ވަނީ ގުޅި ލާމެހިފަ އެވެ. އަހަންނަކީ ރާއްޖޭގެ އެންމެ އުތުރު ރަށްތަކުގެ ތެރެއިން ރަށަކަށް ނިސްބަތްވާ އުމުރުން އެންމެ 18 އަހަރުގެ ޒުވާން އަންހެނަކީމެވެ. އަހަރެންގެ އާއިލާއަކީ ރަށުގެ ނިސްބަތުން ވެސް އެންމެ ފަގީރު އާއިލާ އެވެ. ހަތް އަންހެން ދަރިންގެ މައްޗަށް ހިމެނޭ ބޮޑު އާއިލާ ބެލެހެއްޓުމުގެ ޒިންމާ ކޮނޑުގައި އެޅުނީއްސުރެ ބައްޕަ އާއި މަންމައަކީ ދަނޑު ހައްދައިގެން ލިބޭ މަދު އެއްޗަކުން ދިރިއުޅުމުގެ ބޭނުންތައް ފުއްދަމުންދާ ބައެކެވެ. ރަނގަޅު ތައުލީމާއި ތަރުބިއްޔަތަކީ އަހަރެމެންގެ ނަސީބާ މާދުރަށް ގޮސް އޮބާލާފައިވާ ނިއުމަތްތަކެކެވެ.

މަންމަމެންގެ ފަގީރުކަމާއި ފުއްދުމަށް ނުކުޅެދެމުންދިޔަ ދިރިއުޅުމުގެ ހާޖަތްތަކާ ހެދި ނުތަނަވަސް ވަމުންދިޔަ އާއިލީ ގުޅުމުގައި ލި އެންމެ ބޮޑު ރެނދަކީ މަންމަގެ ކުއްލި ބަލިހާލަތެވެ. ކިޑްނީ ބަލީގެ ބަލިމީހެއްގެ ގޮތުގައި މަންމަ އެނދުމަތިވާން ޖެހުނީ އެވެ. ފަގީރުންގެ ގަދަރާއި އިއްޒަތަކީ ޖޯކެއްގެ ގޮތުގައި ދެކޭ ބޯދާ ބައެއްގެ ތެރޭގައި އުޅެން ޖެހިފައިވުމަކީ އަހަރެމެންނަށް ޖެހުނު އެންމެ ބޮޑު މުސީބާތެވެ. ރަށު މީހުންގެ ކުރިމަތީގައި އަހަރެމެންގެ އާއިލާގައި ހިމެނޭ ކޮންމެ ކުއްޖަކީ "ކޫޑި" އެކެވެ.

ދިރިއުޅުމުގެ އެ ހުރިހާ އުދާހާއި ވޭނުގައި މަންމަ ރާއްޖެއިން ބޭރަށް ގެންގޮސް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ޒިންމާ އަހަރެމެން ދެ މީހުންގެ ބޮލުގައި އެޅީމެވެ. އަހަންނަކީ އާއިލާގެ ފަސް ވަނަ އަށް ހުރި އަންހެން ކުއްޖާ އެވެ. މަލަކާއަކީ އަހަންނާ ޖެހިގެން ދޮއްޓަށް ހުންނަ ދައްތަ އެވެ. ފަށާތައުލީމުގެ ވަކި ހިސާބަކުން ތައުލީމީ ހަޔާތާ އަލްވަދާއު ކިޔަން ޖެހިފައިވުމުން ރަށުން ވަޒީފާގަނޑެއް ހޯދުންވީ މުސްތަހީލު ކަމަކަށެވެ. އެހެންވެ ރަށުން ފުރައިގެން ދާން މި ދަތުރު ފެށީ ވަޒީފާއަކަށް ޓަކަ އެވެ. އަހަރެމެން ދުށް ގޮތުގައި އެ ފުރުސަތު ފަސޭހަކޮށް ފަހިވާން އޮތީ މާލެއިންނެވެ.

ފަނަރަ ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ދޯނި މާލޭގެ ބަނދަރާ ގާތްކޮށްލައިފި އެވެ. ރަށުގެ ހިމޭންކަމާއި ފަޅު ކަމަށް ވުރެ ބޮޑު ހަލަބޮލި ކަމަކާއި އަވަދިނެތިވުން މިތަނުން އަހަރެން ދުށީމެވެ. މާލޭގެ ފެނަކީ އެ ފެނަށް ދިރިއްޖެ ނަމަ، ހަށީގައި ކިބުރުވެރިކަމާއި ބޮޑާކަން އުފައްދާ ފެނެއް ކަމުގައި ރަށު މީހުން ކިޔާތީ އަހަރެން އަހަމެވެ. އަހަރެންގެ އަޒުމަކީ އެ ފަދަ މީހަކަށްނުވެ އަހަރެން، އަހަރެންގެ ގޮތުގައި ދެމިހުރެ އަހަރެން މިތަނަށް އައި މަގުސަދު ހާސިލް ކުރުމެވެ. މަންމަގެ ބައްޔަށް އަަވަސް ޝިފާއެއް ހޯދޭނެ މަގު ފަހިކުރުމެވެ.

ކާރެއް ލިބޭ ވަރުވީ ރަށުން ގެނައި މަދު ފޮށި ތައްމައްޗާ އެކު ބަނދަރުމަތީގައި އަހަރެމެން ތިބޭތާ ބައިގަޑި އެއްހާއިރު ފަހުންނެވެ. އޭރު އިރު އޮއްސި ދުނިޔެ މައްޗަށް އަނދިރިކަން ވެރިވެއްޖެ އެވެ. މިއީ އަލަށް މާލެ އައި ފަހަރު ކަމަށް ވާތީ މި މާހައުލަށް އަހަރެމެން ތިބީ އާވެފަ އެވެ. ދާން ހަމަޖެހިފައިވާ ގޭގެ ނަން ބުނެލަމުން އަހަރެމެން ކާރަށް އެރީމެވެ.

ފަނަރަ ވަރަކަށް މިނިޓްފަހުން ގެއާ ހަމައަށް އާދެވުނެވެ. އެއީ އެއްބުރިއަށް އިމާރާތްކޮށްފައިވާ ގުދަނެއް ކަހަލަ ކުޑަކުޑަ ތަންކޮޅެކެވެ. ކުދިން ބަހައްޓާ ގެއެކެވެ. ގާތްތިމާގެ ކަމެއް ނެތް މިނުދަންނަ ގެއަށް ވަންނަން ޖެހިލުން ވިޔަސް ގޭގެ ދޮރުމައްޗަށް އެރުމަށްފަހު އެތެރޭގައި އުޅޭ މީހުންނަށް އަޑު އިވޭވަރަށް އަހަރެމެން ސަލާމް ގޮވާލީމެވެ. މާގިނަ އިރެއްނުވެ އަންހެނެއްގެ އަޑުން ސަލާމް ބަައިގަންނަމުން އެގޭ ދޮރު ހުޅުވާލި އެވެ. ދޮރު ކުރިމަތީ ހުރި ދެބައި އުމުރުގެ އަންހެން މީހާ އަށް ވުރެބޮޑަށް އަހަރެންގެ ސަމާލުކަން އަތުލީ ދޮރުގެ ހަނިދޭތެރެއިން ފެންނަމުންދިޔަ ގޭތެރެ އެވެެ. ފާރުތަކުގައި ހުދުކުލަލާފައި ހުއްޓަސް ކުލަ އާނުކުރާތާ މަދުވެގެން ދިހަ ވަރަކަށް އަހަރު ވެދާނެހެން ހީވަނީ ފާރުން ކަނޑައިގެން ގޮސްފައިވާ ދޭތެރެތަކުން ރޮނގެއްހެން ފޭދިފައިވާ އަޅިކުލައިންނެވެ. އެ ކުޑަ ސިޓިން ރޫމުގެ މެދުން ލަސްލަހުން އެނބުރެމުންދިޔަ ދަބަރަށްވާން ކައިރިވެފައިވާ ފަންކަލުން ތޫލިއަޑެއް އިވެމުން ދިޔަ އެވެ.

"އަހަން! ތިއައީ ދޯ؟! އެތެރެއަށް ވަދޭ.." ހިތް ހެޔޮ ރާގެއްގައި އަންހެން މީހާ ބުނެލި އެވެ.

އަހަރެންގެ ލޮލުގައި އޭނާ ރަނގަޅަށް އަޅައިގަތީ އެ ވަގުތު އެވެ. ބަލާބެލުމަށް އެ މޫނުމަތިން ނުބައި ވައްތަރެއް އަހަންނަށް ޖެހި އެވެ. އެ އުމުރުގައި ވެސް ކޮނޑާ ހަމައަށް އިސްތަށިގަނޑު ކޮށާލައި އިސްތަށިގަނޑުގައި ވަނީ ރަންކުލަ ޖައްސާފަ އެވެ. ތުންފަތް ކަޅުވެފައި އެ ދެ ލޮލުގެ ރަތްކަން އަހަރެން ހައިރާންކުރުވި އެވެ. އެ ވަގުތު އަހަންނަށާއި މަލަކާ އަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ. ހީވާގޮތުން އެ އަންހެން މީހާއާ ދޭތެރޭ އަހަންނަށް ކުރެވުނު ތަސައްވުރު މަލަކާ އަށް ވެސް ކުރެވުނީ އެވެ. ހަދާނެ އިތުރުގޮތެއް ނެތުމުން އަހަރެމެން އެ ގޭތެރެ އަށް ވަނީމެވެ.

އެ ގެއަކީ ދެ ކޮޓަރި އާއި ކުޑަ ސިޓިން ރޫމެއް އެކުލެވޭގޮތަށް ހުރި ބާ ގެއެކެެވެ. އަހަރެމެން ތިބެން ހަމަޖެހިފައިވާ ކޮޓަރި ދެއްކުމުގެ ކުރިން ފުރަތަމަ ވެސް ސިޓިންރޫމްގައި ހުރި ބާވެ މިލައަށް ވާން ކައިރިވެފައިވާ ސޯފާގައި އިށީނދެލުމުގެ ދައުވަތު އަންހެން މީހާ ދިނެވެ. އަހަރެމެން ދެ މީހުން އެކަކު އަނެކެއްގެ މޫނަށް ބަލައިލުމަށް ފަހު މަޑުމަޑުންގޮސް ސޯފާގައި އިށީނދެލައިފީމެވެ.

"ދިގު ދަތުރެއް ކޮށްފަ އައީމަ ވަރުބަލި ވެސް ވާނެ..." ދެ މީހުންގެ އަތަށް ޖޫސްތަށި ލައިދެމުން އޭނާ އަނދަރާދަގޮނޑިއެއް އަހަރެމެން ކުރިމަތީގައި އިށީނދެލައިފި އެވެ.

"އަހަރެންގެ ނަމަކީ ޖޭޒް.. މިގޭގަ އުޅޭނީ އަހަރެންގެ އިތުރުން ތިގޮތަށް މި ގެއަށް އައިސް ކުއްޔަށް އުޅޭ އިތުރު ހަތަރު ކުދިން. މި ގޭގެ މަހު ކުއްޔަކީ 2000 ރުފިޔާ. ކުދިން ބައިތިއްބާ އެހެން ތަންތަނަށްވުރެ މިތަން އަގުހެޔޮވާނެ. މިގޭގަ އުޅުނަސް ތިކުދިން ބޭނުންވާ މިނިވަންކަން ލިބޭނެ. ތިކުދިން ކޮށްދޭން ޖެހޭނެ ކަމަކީ ކޮންމެ މަހެއްގެ ވެސް އެއްވަނަ ދުވަހު ފައިސާ ބަރާބަރަށް ދިނުން..." ޖޭޒް ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަނގައިން ނުބައިވަހެއް އަހަންނަށް ދުވިއެވެ.

ބޯން އިން ޖޫސްތަށި ތުނބުގައި ޖަހާލުމަށް ފަހު ވެސް އެ ބޯކަށް އަހަންނަކަށް ނުކެރުނެވެ. މަލަކާ އަށް ބަލައިލިއިރު އޭނާ ވެސް އިނީ ހަމަ އަހަރެން އިންހެނެވެ. އެ އަންހެން މީހާގެ ފަރާތުން އަހަންނަށް ފާހަގަވީ ހުސް ފޫހިވާ ޒާތުގެ ކަންތަކެވެ. ބަލާބެލުމަށް އަހަންނަށް އޭނާ ވައްތަރުވީ ބަނގުރަލަށް ދެވިހިފާފައިވާ އަންހެނަކާ އެވެ.

"އަހަރެންގެ ނަމަކީ މަލަކް އަދި މިއީ އަހަރެންގެ ދައްތަ މަލަކާ..." ބޭނުން ނުވިޔަސް އަންހެންމީހާ އަށް އަހަރެން ތައާރަފްވީމެވެ. އަތޮޅާއި ރަށާއި ގޭގެ ނަމަށް ދާންދެން ބުނެދިނީމެވެ. މާލެ އައި ސަބަބާއި މަންމަގެ ހާލަތު ވެސް މެއެވެ.

އަހަރެމެން ތިބެން ހަމަޖެހިފައިވާ ކޮޓަރި އަށް ވަދެވުމާއެކު އެ ކޮޓަރި ތެރެއިން ދުވި ތަތްމުޑުވަހުން އަހަރެންގެ ނޭފަތުގައި އަތް އަޅާލެވުނީ ބޭއިޚްތިޔާރުގަ އެވެ. ދެ ބަންކް ބެޑުގައި އެ ގޭގައި އުޅޭ އަނެއް ހަތަރު އަންހެން ކުދިން ތިއްބެވެ. އެކަކު އަނެކަކާ އަނގައިން ވެސް ބުނުމެއްނެތި ފޯނުގެ ހިމޭން ދުނިޔެ ތެރެއަށް ގެއްލިފަ އެވެ. އަހަރެމެން ކޮޓަރިތެރެއަށް ވަނުމާއެކު އެ ކޮންމެ ކުއްޖަކު ވެސް ބޯހިއްލާލުމަށްފަހު ބަލައިލުން ފިޔަވައި އެ މީހުންގެ ފަރާތުން މާބޮޑު ސަމާލުކަމެއް އަހަރެމެންނަކަށް ނުލިބުނެވެ. އެ ކޮޓަރީގައި ހުރީ ހަތަރު އެނދެވެ. ހުހަށް އިން ފާރުގައި ދަތިގޮތަކަށް ލައްކޮށްލާފައި ހުރި ދެ ގޮދަޑި އަހަރެންގެ ލޮލުގައި އަޅައިގަތީ އެ ވަގުތު އެވެ. އޭގެ މާނައަކީ އަހަރެމެން ތިބެންޖެހޭނީ ބިންމަތީގައި ކަމެވެ. ހަގީގަތުގައި ދެ ފަރާތުގައި ދެ ބަންކްބެޑް ބެހެއްޓުމަށް ފަހު އެ ދެ ގޮދަޑި އަޅާނެ ޖާގައެއް އެތަނަކު ނެތެވެ. ޖޭޒް ކޮޓަރި ދެއްކުމަށް ފަހު ދިޔައީ އެވެ.

"މި ގެ ރަނގަޅުތަ؟" ބަންކް ބެޑްގެ އެންމެ ތިރީގައި އޮތް އަންހެން ކުއްޖާއާ އަހަރެން ސުވާލުކުރީމެވެ.

"ރަނގަޅުވާނެތަ މިހުރީ ހުރިގޮތް. އޭސީ ގަނޑެއްނެތް. ފަންކާ ހުއްޓަސް އެހާ ހޫނުގަދަ. އަނެއްކޮޅުން އެ އަންހެން މީހާ ފެނިއްޖެއެއްނު ދޯ. އެހެރީ އޭނާ ހުންނަގޮތް.. ގަދައަށް ޖައްސާ ބޮޑު ޕާޓޭއެއް އެއީ. މިގޭގަ މިއުޅެނީ އެހެން ތަންތަނަށްވުރެ މިތަން އަގުހެޔޮވީމަ. އެހެން ނޫންނަމަ މިކަހަލަ ތަނެއްގަ މަށެއް ނުހުންނާނަން" އެ އަންހެން ކުއްޖާގެ ވާހަކަތަކުން އަހަރެންގެ ޝައްކު ޔަގީނަށް ބަދަލުވި އެވެ.

ހިނދުކޮޅެއްގެ ތެރޭގައި އެ ކޮޓަރީގައި ތިބި ހުރިހާ ކުދިންނާ ވާހަކަ ދެކެވި ރަޙުމަތްތެރިކަމެއް އަހަރެމެންގެ މެދުގައި ގާއިމްކުރެވުނެވެ. އެންމެން ވެސް ބުނީ އެއް ވާހަކައެކެވެ. އެ އަންހެންމީހާ އަށް ބަލައިގެން އުޅުމަށެވެ.

އޭނާގެ ވިޔާ ނުދާކަމާއި މުޖުރިމެއްކަމުގެ ތަސްވީރު އެ މީހުންގެ ވާހަކަތަކުން އަހަރެންގެ ހިތުގެ އަޑީގައި ކަނޑާ ނެގުނެވެ. ހަގީގަތުގައި އެއިން އެކަކަށް ވެސް ޖޭޒް ރަނގަޅަކަށް ނޭނގެ އެވެ. މި ގޭގައި އުޅުނަސް އެ މީހުން ދެކެނީ ޖޭޒްއަކީ އެ މީހުންނަށް ޚިދުމަތް ކުރަން ހުންނަ ހާދިމެއް ފަދައިންނެވެ. ފައިސާ ދެނީ އެ މީހުން ކަމަށްވާތީ އެވެ.

އަހަރެމެން ވާހަކައިގައި ތިއްބައި ކޮޓަރީގައި ޓަކިދެމުން ކެއުން ތައްޔާރުވިކަމުގައި ޖޭޒް ބުނި އަޑު އިވުނެވެ. އެ ގޭގައި ހުންނަތާ ދެ ތިން ދުވަސް ވީއިރު ޖޭޒްގެ އިތުރު ކަމެއް ވެސް އަހަންނަށް ފާހަގަ ކުރެވުނެވެ. އޭނާގެ މުރާލިކަމެވެ. ހެދިކާ ހަދައިގެން ވިއްކުމާއި ކިއްލި ތެޅުން ފަދަ ގޭގައި ހުރެގެން ފައިސާ ހޯދޭނެ އެތައް ކަމެއް އޭނާ ކުރެއެވެ. ގޭ ކުލިން ބާރަވަރަކަށް ހާސް ލިބޭއިރު، އޭނާކުރާ އެކަހަލަ ކުދިކުދި ގެވެހި މަސައްކަތަކީ އޭނާގެ އެކަނިވެރި އެދިރިއުޅުމުގެ ހިތްހަމަޖެހުމަށްޓަކައި ކުރާ ކަމެއް ކަމުގައި ވެސް ވެދާނެ އެވެ. އެ މަދު ދުވަސްކޮޅުގެ ތެރޭގައި ޖޭޒްގެ ފަރާތުން ނުކިއްސަރު ޒާތެއްގެ އެއްވެސް ކަމެއް އަހަރެން ނުދެކެމެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. މާލެއިން ވަޒީފާ ގަނޑެއް ހޯދަން އުޅެއުޅެ އަހަރެމެންނަކަށް ރަނގަޅު ވަޒީފާއެއް ނުލިބުނެވެ. ލިބުނީ ކަންމަތީ ފިހާރައެއްގެ ވަޒީފާ އެވެ. ނަގަންޖެހުނު ޒިންމާތަކާއި ވަޒީފާގައި ހޭދަކުރަންޖެހުނު ވަގުތާ ބަލާއިރު މުސާރަ އެކަށީގެން ނުވާ ކަމުގައި ހިތް ބުންޏެވެ. ނަމަވެސް އިތުރުގޮތެއް ނެތުމުން އެގޮތަށް ވެސް ރުހުނީމެވެ. މުސާރައަކީ މަހަކު ފަސް ހާހެވެ. އަހަންނާއި މަލަކާގެ މުސާރަ އެއްކޮށްލުމުން ދިހަހާހެވެ. އެވަރަކީ ރަނގަޅު އަދަދެއް ކަމުގައި ބަލައި އަހަރެމެން ހިތްހަމަޖައްސާލީމެވެ.

މަންމަ އަށް ޓަކައި ފައިސާ ހޯދުމުގެ ނަމުގައި މާލެ އަޔަސް މި ފަސްގަނޑު ވެގެން ދިޔައީ ފައިސާޖަހާ މެޝިނަކަށް ނޫނެވެ. ފައިސާ ކާ މެޝިނަކަށެވެ. ގޭގެ ކުލި ދެއްކުމަށްފަހު އަހަރެމެންގެ ޟަރޫރަތްތަކަށް ޚަރަދުކޮށްފައި ރައްކާކުރާނެ އެންމެ ފައިސާ ފޮއްޗެއް ވެސް އަތަކު ނޯވެ އެވެ. އެކަމުގެ ހުރިހާ ރުޅިއެއް ވެސް އަހަރެމެންނަށް ބޭލުނީ ޖޭޒްއަށެވެ. ހީވާ ކަހަލަ އެވެ. އަހަރެމެން ރަށުގައި އޮއްވައި ގަދަކަމުން މި ޚަރަދު ބޮޑު ދިރިއުޅުމުގެ ތެރެއަށް ގެނެސް އަހަރެމެން ފައްތާލީ ޖޭޒް އެވެ. ޖޭޒްގެ ގޭގައި ޖޭޒްއާ މެދު ޣީބަބުނުމަކީ އަހަރެމެންގެ މުނިފޫހިފިލުވައިދޭ ކުޅިވަރެއް ކަމުގައި އަހަރެމެން ހެދީމެވެ.

"އަތުގަ ލާރިއެއް އޮންނާނެތަ؟ މަސްނިމޭ ދުވަހު މި ގޭގަ މިއުޅޭ ފުރޭތަ ހުރޭ ފައިސާ ނަގަން ކައިރީގަ ޖައްސާފަ. ދަހި ވެސް މީހެކޭ. އެވަރަށް ލާރި ދޭ އިރު ވެސް ރަނަގަޅު ކާއެއްޗެއް ވެސް ނުހުރޭ ހަދާފައެއް. ކާއެއްޗެހި ވެސް އެހާ ނުބައި." މަލަކާ ފޯނުން ވާހަކަދެއްކީ މަންމައާ އެވެ.

އެއީ ފިހާރަ އަށް ދާންވެގެން އަހަރެން ކޮޓަރި ދޮރުހުޅުވާލި ވަގުތެވެ. އަހަންނަށް ސިހުން ލިބުނީ ދޮރު ކައިރިން ޖޭޒް ފެނުމުންނެވެ. މަލަކާ ދެއްކި ހުރިހާ ވާހަކައެއް ޖޭޒް އަށް އަޑުއިވޭނެކަން އަހަންނަށް ޔަގީނެވެ. ޖޭޒް އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލުމުގެ ކުރިން ލުއި ހިނިތުންވުމެއް އަހަންނަށް ރައްދުކޮށްލި އެވެ. މަލަކާގެ ވާހަކަތަކުން އޭނާގެ ހިތަށް އަސަރުތަކެއް ކުރިކަން އެ މޫނުމަތިން ދޭހަވަމުން ދިޔަ އެވެ. ޖޭޒްއާ މެދު ކުރެވެމުންދިޔަ ބުނެދޭން ނޭނގޭ ފަދަ ނަފްރަތުގެ ތެރެއިން ވެސް އެ ވަގުތު އަހަރެންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

ޖެހިގެން އައި ދުވަހެވެ. މަންމަގެ ފޯނެއް އައީ އަހަރެެމެން ފިހާރައިގައި ތިއްބައެވެ. މަންމަ ބުނި ވާހަކައިން އަހަރެމެން ދެ މީހުން ވެސް އަންތަރީސްވި އެވެ.

"ދަރިފުޅުމެން ފޮނުވި ފައިސާ ބައްޕަ އަށް ލިބިއްޖެ. ކިޑްނީ ޑޯނާއެއް ވެސް ލިބިއްޖެ. އިންޑިޔާގައި ހުންނާނެ ތަނެއް ވެސް ހަމަޖައްސައިފިން. މިއަދު ފުރާ ބޯޓުން މަންމަ ގޮވައިގެން މާލެ ދާނަން. ބައްޕަމެންގެ އެހީތެރިންގެ ގޮތުގައި ދަރިފުޅުމެންގެ ތެރެއިން ކޮންމެވެސް އެއް ކުއްޖަކު ދިޔައީމަ ރަނގަޅުވާނެ،" ބައްޕަގެ އަޑުގައި ހުރި އުފާވެރިކަން އެ ވަގުތު އަހަންނަށް ރަނގަޅަށް އިހްސާސްވި އެވެ.

އެންމެ ހައިރާންވީ ފައިސާ ފޮނުވީ އަހަރެމެން ކަމުގައި ބައްޕަ ބުނީތީ އެވެ. ވަޒީފާ އަދާކުރިޔަސް ހަގީގަތުގައި ބާކީ އޮންނަ ފައިސާކޮޅު އަހަރެމެން ޚަރަދުކުރަމުން ދިޔައީ އަހަރެމެންގެ އަމިއްލަ އުފަލަށެވެ.

ރެސްޓޯރެންޓްތަކަށް ދިއުމާއި ލިބެމުން ދިޔަ އާ އެކުވެރިންގެ ހިތްހަމަޖެހުމަށެވެ. މާލެ އައި މަގުސަދާއި ބޭނުން އަހަރެމެން ތިބީ ހަނދާން ނެތިފަ އެވެ. ގެއަށް ކުލި ނުދޭތާ ވެސް މިހާރު މިއީ ދެވަނަ މަހެވެ. ޖޭޒް އެ ފައިސާ ހޯދަން ނޫޅޭތީ އަހަރެމެން ވެސް އަޅާނުލަނީ އެވެ.

މަންމަމެން މާލެ އައެވެ. އެ ދަތުރުގައި އަހަންނާއި މަލަކާ ވެސް ދިއުމަށް ނިންމީމެވެ. އެއާޕޯޓުގައި އަހަރެމެން ތިބީ މަންމަގެ ކިޑްނީ ޑޯނާގެ އިންތިޒާރުގަ އެވެ. އެ ދީލަތި ހެޔޮލަފާ އިންސާނާއާ ބައްދަލުކޮށްލަން އަހަރެމެން ތިބީ ކެތް މަދުވެފަ އެވެ. އެއާޕޯޓުތެރޭގައި ހުރި ގޮނޑިބަރިން ކުރެ ގޮނޑިއެއްގައި ފޯނާ ކުޅެން އިންދައި ކުރި މައްޗަށް މީހަކު އެރިހެން ހީވުމުން އަހަރެން އިސް އުފުލާލީމެވެ.

"ޑޯނާ.." މަންމަ އާއި ބައްޕައާ ސަލާމްކޮށްލަމުން ހެވިފައި ޖޭޒް ބުނެލި އެވެ.

އަހަންނާއި މަލަކާގެ އަނގަ ވެސް ތަންމިނަށް ހުޅުވުނެވެ. ކުރިމަތީގައި އެހުރީ ހަމައެކަނި ބޭރުުފުށުގެ ސިފަ އަށް ބެލުމަށްފަހު، އެއްވެސް ސަބަބެއްނެތި އަހަރެމެން އެންމެ ފޫހިވި އިންސާނާ އެވެ. އެކަނިވެރި މުޖުރިމެއްގެ ގޮތުގައި އަހަރެމެން ދުށް އަންހެނާ އެވެ.

އެކަމަކު އަހަރެމެންނަށް ވުރެ ބޮޑު އެކަނިވެރިއެއް މިތަނުގައި ވޭ ހެއްޔެވެ؟ އަހަރެމެން ވިސްނީ ހަމައެކަނި ނަފްސުގެ އުފަލާ މެދު އެވެ. ޖޭޒްގެ ހިތަކީ ކިހާ ބޮޑު ހިތެއް ހެއްޔެވެ؟ އޭނާ ކުރި މަސައްކަތުން ލިބުނު ހުރިހާ ފައިސާއަކާއި އޭނާގެ ޖިސްމުގައި އެވާ އަގުބޮޑު ގުނަވަން ސަދަގާތް އެ ކުރީ އަހަރެމެންގެ މަންމަ އަށް އާ ދިރިއުޅުމެއް ހޯދައި ދިނުމަށެވެ. އަހަންނާއި މަލަކާ އަށް ލަދުން އިސް އުފުލާލަން ވެސް ނުކެރުނެވެ.

ނިމުނީ