ނަދާގެ މަންމަ

ނަދާ އުފަންވީ އަނގައިގައި އޮތް ރިހި ސަމުސަލަކާ އެކުގަ އެވެ. އޭނަ އަށް މަދު އެއްޗެއް ނުވެ އެވެ. ފައިސާއިން ގަނެވެން ހުރި އެއްޗެއް ވިއްޔާ ބައްޕަ އޭނަ އަށް ހޯދައިދިނެވެ. އެކަމަކު ނަދާގެ ހަޔާތުން އުނިވެފައިވާ މަންމަގެ ލޯއްބަކީ އެ ފައިސާއިން ވެސް ނުގަނެވުނު އެއްޗެކެވެ.


ވާނުވާ އޮޅުންފިލަން ފެށުމާއެކުހެން މަންމަ ނުހުންނަކަން ނަދާ އަށް ފާހަގަކުރެވުނެވެ. ނަދާ އަށް ކާންދީ ފެންވަރުވައިދީ ހަދަނީ މާމަ އެވެ. ސުކޫލަށް ގެންގޮސް ގެނެސްދެނީ ބައްޕަ އެވެ. ބެލެނިވެރިންގެ ބައްދަލުވުންތަކަށް ވެސް ދަނީ ބައްޕަ އެވެ.

އެކުވެރިން މަންމަގެ ވާހަކަދައްކާއިރު ނަދާ އިންނަނީ އަޑު އަހާށެވެ. ޕާކަށް ކުޅެން ގޮސް އުޅޭއިރު ހުރިހާ ކުދިން އުޅެނީ މަންމަ އާއި ބައްޕައާ އެކުގަ އެވެ. އެކުވެރިންގެ ގެއަށް ކުޅެންދާއިރު ފާރުގައި ހަރުކޮށްފައި ހުންނަ ފޮޓޯތަކުގައި ވެސް ކުދިން ތިބެނީ މަންމަ އާއި ބައްޕަގެ މެދުގަ އެވެ. އެކަމަކު ނަދާގެ ހުރިހާ ފޮޓޯއެއްގައި ހުންނަނީ ބައްޕަ އެވެ. ދެން މާމަ އެވެ.

ބޮޑުވަމުން އައި ވަރަކަށް ނަދާގެ ސުވާލުތައް ވެސް ވީ އިތުރެވެ. މަންމަގެ ވާހަކަ ބައްޕަ ނުދައްކަނީ ދުނިޔޭގައި ނެތުމުންބާއޭ ހިތަށް އަރަ އެވެ. ނަދާ އަށް އަލަށް ލިބުނު އެކުވެރިއެއްގެ ވެސް މަންމަ ހުންނަނީ ނިޔާވެފަ އެވެ. އެކަމަކު އެކުވެރިޔާ މަންމަގެ ފޮޓޯގަނޑެއް ގެންގުޅެ އެވެ. ނަދާގެ ގޭގައި މަންމަގެ ފޮޓޯ ފެންނަން ނުހުންނަނީ ކީއްވެ ހެއްޔެވެ؟

ބައްޕަ ގޭގައި ނެތް ދުވަހެއްގައި ނަދާ ފުރުސަތު ހޯދައިގެން ބައްޕަގެ އަލަމާރި ހޭވި އެވެ. އެކަމަކު މަސައްކަތް ހުއްޓައިލަން ޖެހުނީ މާޔޫސްކަމުގެ ސާލު އޮޅާލަމުންނެވެ. ބައްޕަގެ އަލަމާރީގައި އެފަދަ އެއްވެސް ހަނދާނެއް ނެތެވެ.

އެކުވެރިންގެ ލަފާގެ މަތިން ނަދާ ނިންމީ ބައްޕައާ ސުވާލުކުރުމަށެވެ. އެކަމަށް އެންމެ އެކަށޭނަ ވަގުތަކަށް އޭނަ ތައްޔާރުވި އެވެ. އުފަންދުވަހަކީ ބައްޕަ އަބަދުވެސް ނަދާ އަށް ހާއްސަ ހަދިޔާއެއް ދޭ ދުވަހެކެވެ. ކިތަންމެ ބުރަކޮށް އުޅުނަސް އުފަން ދުވަހަށް ބައްޕަ ވަގުތު ހޯދާނެ އެވެ.

ހެނދުނު ނަދާ އަށް މާ އަވަހަށް ހޭލެވުނެވެ. ބައްޕަ އައިސް ދޭނެ ހަދިޔާއާ ބެހޭގޮތުން އަހާނެ ވަގުތަކަށް އޭނަ ހުރީ ކެތްމަދުވެފައެވެ. ގިނަ ފަހަރު އޭނަގެ ޖަވާބު އަންނާނީ އެއްގޮތަކަށެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް ބައްޕަ ހަމަ އެއް ސުވާލެއް ތަކުރާރު ކުރާނެ އެވެ.

ބައްޕަ ހޭލައިގެން އައިސް ކޮޓަރި ހުޅުވާލިއިރު ނަދާ ތެދުވެ އިންތަން ފެނިގެން ހިނިތުންވެލި އެވެ. ކައިރިއަށް އައިސް އިށީނދެފައި ދުވަހުގެ ތަހުނިޔާ ކިޔައިލި އެވެ. ދެން އެހީ ނަދާ ބޭނުންވި ސުވާލެވެ. ޖަވާބުދޭން ތައްޔާރުވެލުމާ އެކު ކުއްލިއަކަށް މޭގަނޑު ފިނިވިކަން ނަދާ އަށް އިހްސާސްވި އެވެ. ޖަވާބުނުދީ އިންވަރަކަށް ހިތްވަރު އެލޭނެކަން ވިސްނުމުން އޭނަ ނިންމީ ބުނާށެވެ.

"މަންމަގެ ފޮޓޯއެއް ލިބިދާނެތަ؟" ޖެހިލުންވެފައި ހުރުމުން ނަދާގެ އަޑު ނިކުތީ ނިކަން މަޑުންނެވެ.

ބައްޕައަށް އިވޭނެ ކަމާމެދު ވެސް ޝައްކުވި އެވެ.

އެއަޑު އަހާފައި ބައްޕަގެ މޫނަށްއެރި ކުލައަކީ ނަދާ ދިރިހުރިހާ ދުވަހަކު ހަނދާނުން ފިލައިގެންދާނެ މަންޒަރެއް ނޫނެވެ. އަބަދު ހިނިތުންވުމާއި އުފާވެރިކަމާއެކު އޭނައާ ބައްދަލުކުރާ މޫނުން ފުރަތަމަ ފަހަރަށް މޮޅިވެރިކަން ފާޅުވި އެވެ. މަންމަގެ ވާހަކަ ބުނުމުން ބައްޕަ ދެރަވީ ކަމެއް ނޫނީ ދޭން އޮތް ޖަވާބުގެ ސަބަބުން ވީގޮތެއްކަމެއް ނޭނގެ އެވެ. ނަދާ އަށް އިނދެވުނީ ވަކިގޮތެއް ނުނިންމިފަ އެވެ.

އިސްޖަހާލަމުން ބައްޕަ ހިންދިރުވައިލިތަން ފެނުނެވެ. ދޭނެ ޖަވާބަކާ މެދު ވިސްނަނީ ކަމަށް ވެދާނެ އެވެ.

ޖަވާބެއްނުދީ ބައްޕަ ތެދުވެގެން ދާން ފެށުމުން ނަދާގެ ޅަ ހިތް ގެނބިގެންދިޔަ ހެން ހީވި އެވެ. މަންމަގެ ވާހަކަ ދެއްކިގެން އެކަމާ ހިތާމަ ކުރެވުނެވެ. ބައްޕަ ނިކުމެގެން ދިޔަ ފަހުން ގިނައިރު ވީ ވަރަކަށް ނަދާގެ ހާސްކަން އިތުރުވަމުން ގޮސް އެންމެ ފަހުން ރޮވިއްޖެ އެވެ. ކޮޓަރި ދޮރު ހުޅުވުނު އަޑު އިވުނީ ބާލީހަށް މޫނު ހަރާލައިގެން އޮއްވަ އެވެ.

ބައްޕަގެ އޯގާތެރި އަޑު އަހާފައި ނަދާ ބޯ ހިއްލައިލި އެވެ. ބައްޕަ ދިއްކޮށްލީ ޕާސްޕޯޓް ސައިޒުގެ ފޮޓޯގަނޑެކެވެ. އެއީ ކޯއްޗެއްކަން ވިސްނުމާ އެކު ނަދާގެ ހިތް ތެޅިގަތެވެ. އަވަސް އަވަހަށް ފޮޓޯގަނޑުގައި ހިފާ ބަލައިލި އެވެ.

ކުޑަކުޑަ ފޮޓޯގެ ތެރެއިން ފެންނަމުންދިޔަ ޒުވާން އަންހެންކުއްޖާގެ އިސްތަށިގަނޑު ފަނެވެ. ނަދާ އަށް އަމިއްލަ އިސްތަށިގަނޑަށް ބަލައިލެވުނެވެ. އޭނަގެ އިސްތަށިގަނޑަކީ މަންމަގެ ފަރާތުން ނަސީބުކުރައްވާފައިވާ ސިފައެއްކަން އެނގުމުން ހިނިތުންވެލެވުނެވެ. ނޭފަތާއި މޫނުގެ ބަށްޓަން ވެސް މަންމައެކޭ ތަފާތެއް ނެތެވެ.

"ނަދާ ވިހާފައި މަންމަ ނިޔާވީ." ބައްޕަގެ ޖުމްލަ ކަންފަތުގައި ޖެހުމާ އެކު ނަދާ ސިހުނެވެ.

ހިތާމައިގައި އޭނަ ގެނބެމުންދަނިކޮށް ފެނުމަތީ އޮންނަން ލަކުނޑިގަނޑެއް ދީފައި އަލުން އެ އަތުލި ފަދަ އެވެ. ނަދާގެ ލޮލުން ކަރުނައަންނަތަން ދެކެން ނުކުޅެދިގެން ބައްޕަ ނިކުތީ ބޭރަށެވެ. މަންމަގެ ފޮޓޯގައި ބޮސްދީފައި ގެނެސް މޭމަތީ ޖައްސާލައިގެން ނަދާ އޮށޯވެލި އެވެ.

އެ ދުވަހަށް ފަހު މަންމަގެ އެ ފޮޓޯއަކީ ނަދާގެ އެންމެ ގާތް އެކުވެރިއަކަށްވި އެވެ. ނަދާ ނިދަނީ އެ ފޮޓޯ އަށް ބަލަން އޮވެ އެވެ. މުޅި ދުވަހު ހިނގި ހާއްސަ ކަންތައްތަކުގެ ވާހަކަ ނަދާ މަންމައަށް ކިޔައިދެ އެވެ. މަންމަ ހުރިނަމަ އެ މަންމަ އަށް ވެސް ކިޔައިދޭނެހާ ލޯބިންނެވެ.

ދާ ކޮންމެތާކު އެންމެ ގާތުގައި ބަހައްޓަން ބޭނުންވެގެން ނަދާ އެ ފޮޓޯގަނޑު އެންމެފަހުން ލީ ފަށު ފުލަށެވެ. ހިތެއްގެ ބައްޓަމަށްހުރި ފޫ ދެ ފަޅިކޮށްލާއިރު އެއްފަޅީގައި މަންމަ އެވެ. އަނެއް ފަޅީގައި ބައްޕަ އެވެ.

މަންމައާ ބެހޭގޮތުން ނަދާ އަނެއްކާ ވެސް ސުވާލު ކުރީ ހާއްސަ ދުވަހަކާ ގުޅިގެންނެވެ. މިފަހަރު މަންމައިންގެ ދުވަހާ ގުޅިގެންނެވެ. ނަދާ ބޭނުންވީ މަންމައާ ބެހޭގޮތުން އިތުރަށް ދަސްކުރާށެވެ. އެކަމަކު އޭނަގެ ސުވާލުތައް އަހާފައި ބައްޕަގެ މޫނަށް ވީގޮތުން ކުރީފަހަރުގެ އިހްސާސް އެނބުރި އައިސް ހިތް ވަށައިލި އެވެ. މަންމަ ދުނިޔޭގައި ނެތުމުން ބައްޕަގެ ހިތަށް އެއިން ކުރާނެ އަސަރު ނަދާ އަށް ވެސް ލަފާކުރެވެ އެވެ. އެކަމަކު މަންމަގެ ވާހަކަދައްކަން ބައްޕަ ބޭނުން ނުވާ ސަބަބު އޭނައަށް ވަނީ ހައިރާންކުރުވަނިވި ކަމަކަށެވެ. ބައްޕަ އޭނައަށް ކަމެއް ސިއްރުކުރާހެން ހީވަނީ ކީއްވެކަމެއް ނޭނގުނެވެ.

ބައްޕަ ކިޔައެއްނުދޭނެއޭ ހީވާހާ ގިނައިރު ހިމޭނުން އިނދެފައި ކުދި ކުދި ވާހަކަތައް ކިޔައިދިނެވެ. އަދި މަންމަގެ ވާހަކަ ނަދާ ކައިރީ ކުރިން ނުބުނީ ޅައިރު މަންމަގެ މަރުގެ ވާހަކަ ބުނަން ބޭނުންނުވެގެން ކަމުގައި ހާމަކުރި އެވެ. ބައްޕަގެ ވާހަކަ ނަދާ އަށް ގަބޫލު ކުރެވުނެވެ. އެއަށްވުރެ ޅައިރު އެނގުނުނަމަ ނަދާގެ ހިތަށް މާބޮޑަށް އަސަރުކުރީހެވެ.

މާމަ މުސްކުޅި ބަލީގައި އެނދުގައި އޮތްއިރު ނަދާ ކައިރީ ވަރަށް އެހެން ކަހަލަ ވާހަކައެއް ބުންޏެވެ. އެއީ ނަދާ މާމައަށް މާފު ކުރުމަށެވެ. އަދި މާމަ އާއި ބައްޕަ ނަދާ ދެކެ އިންތިހާ އަށް ލޯބިވާ ކަމުގަ އެވެ. ފަހުން ބުނި ވާހަކައާ މެދު ނަދާ ޝައްކެއް ނުކުރެ އެވެ. އެކަމަކު މާމަ އެދެންވީ ސަބަބެއް ވިސްނާ ވިސްނާ ނަދާއަކަށް ނުވިސްނުނެވެ. މާމަ ނިމިގެންދިޔައީ ނަދާގެ އެ ސުވާލު ސުވާލެއްގެ ގޮތުގައި ދޫކޮށްފަ އެވެ. އެ ނިކަމެތި ހާލުގައި މާމަ އޮއްވާ އެވަރަށް އަހަން ނުވެސް ކެރުނީ އެވެ.

އެއާޕޯޓަށް އެކުވެރިއަކު ބަލައި ގޮސް ހުއްޓާ ނަދާ އަށް ދަންނަ ސޫރައެއް ފެނުނުހެން ހީވި އެވެ. އެ ސޫރަ ވައްތަރުވީ ކާކާއިކަން އެނގުމުން ހުރިތަނަށް ގަނޑުވި އެވެ. ޓްރޯލީ ހިފައިގެން އައި މެދުއުމުރުގެ އަންހެންމީހާގެ މޫނުން ނަޒަރު ވަކިކުރުމެއްނެތި ފަށުފުލުގައި ހިފާ ބާރުކޮށްލެވުނެވެ. އަންހެންމީހާ ގޮސް ގެއްލުނުފަހުން ނަދާ ފޫ ދެފަޅިކޮށްލާފައި ބަލައިލި އެވެ. އޭނަ އަށް ފެނުނު އަންހެންމީހާ، ފޮޓޯގައިވާ ކުއްޖާ އަށް ވުރެ ދުވަސްވެފައި ހުރިކަން ގައިމެވެ. އެކަމަކު އެއީ ހަމަ އެ ސޫރަ އެވެ. އެއިސްތަށިގަނޑެވެ. އެ ނޭފަތެވެ. އެލޮލެވެ.

ދުނިޔޭގައި އެއްވައްތަރު ހަތް މީހުން އުޅެއޭ ކިޔަ އެވެ. އެއީ އެފަދަ އިއްތިފާޤަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ނޫނީ އެއީ މަންމަގެ ތިމާގެ މީހަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އޭނައަށް އެނގޭ އެއްޗަކީ ދިރިހުއްޓާ މަންމަ މަރުވެއްޖެއޭ ކިޔައިގެން ބައްޕަ އެވަރުގެ ދޮގެއް ނުހަދާނެ ކަމެވެ.

ނަދާއަށް އެއާޕޯޓުން ފެނުނު އަންހެންމީހާގެ ވާހަކަ ކިޔައިދިނުމާ އެކު ބައްޕަ ގަނޑުވި އެވެ. އިރުކޮޅަކުން ފެނުނީ ފަހަކަށް އައިސް އަބަދު އިންނަން އާދަވެފައިވާ ހެއްލޭ ގޮނޑީގައި އިށީންތަނެވެ. ދެ އަތުން މޫނު ފޮރުވާލައިފައި ކުޑައިރުކޮޅެއް ފަހުން ބައްޕަގެ ދެކޮނޑު މައްޗަށް އަރައަރާފައި ތިރިވާތަން ފެނުނެވެ. ބައްޕަ ރޮނީކަން އެނގުމުން ނަދާގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލަ އެވެ. އަވަހަށް ބައްޕަ ކައިރީ ކުޑަކަކޫ ޖަހާލައިގެން އިށީނދެ ކަކޫމަތީ ދެއަތުން ހިފާލެވުނެވެ.

ނަދާ އަށް ވިސްނުނީ ބައްޕަ އެހާ ބަލިކަށިވެފައި ހުރީ މާމަ ނިޔާވިތާ ގިނަދުވަސްތަކެއް ވެފައިނުވާތީ ކަމަށެވެ. މާމަ ނިޔާވެގެން ވަޅުލީ އިރު ވެސް ބައްޕަގެ ލޮލުން ހުރީ ކަރުނަ ހިކިފަ އެވެ. ބައްޕަ އަށް ވާހަކަދެއްކޭވަރު ވުމުން އަތް ތިރިކޮށްލާފައި ބުނީ މާމަ ވެސް ބުނި ވާހަކަ އެވެ. އެއީ ނަދާ ބައްޕަ އަށް މާފު ކުރުމަށެވެ. ބައްޕަ ދެން ކިޔައިދިން ސިއްރަކީ އެއްވެސް ދަރިއަކު އަހަން ބޭނުންނުވާނެ ވާހަކަތަކެކެވެ.

ލޯބިވެރިޔާ ގެއްލުމުން ބައްޕަ މީހަކާ އިންނާކަށް ބޭނުމެއް ނުވި އެވެ. ނަދާއަކީ މަންމަ އާއި ބައްޕަގެ މެދުގައި ކުރެވުނު ވިޔަފާރިއަކުން ހޯދި ދަރިއެކެވެ. ނަދާ އުފަން ކުރަން މަންމަގެ ރަހިމު ވިއްކައިލީ ފައިސާއަށެވެ. ކައިވެނި ކުރީ ނަދާގެ އުފަންދުވަހުގެ ސެޓްފިކެޓްގައި މަންމަގެ ނަން ހުސްކޮށް ނުބޭއްވުމަށެވެ.

ކައިވެނީގެ ކުރިން ވެސް އަދި ފަހުން ވެސް ބައްޕަ އާއި މަންމަ ގުޅުމެއް ނުވެ އެވެ. ނަދާ ވިހާފައި ބައްޕަ ދިން ފައިސާ ހިފައިގެން މަންމަ ދިޔައީ އެންމެ ފަހަރަކުވެސް ފަސްއެނބުރި އެ މޫނަށް ބަލައިލުމެއްނެތި އެވެ. އެމަންމަ އެއީ ނަދާ ބަނޑުއަޅައިވިހޭ މައިމީހާކަން ޔަގީނެވެ. އެކަމަކު އެއީ ނަދާގެ މަންމައެއް ނޫނެވެ. ޒަމާނީ ޓެކްނޮލޮޖީ އާއި ފައިސާއިން އަންހެނެއްގެ ރަހިމަކީ ވެސް މިއަދު ގަނެވިދާނެ އެއްޗެކެވެ. އެކަމަކު ދަރިއެއްގެ ހަޔާތުން އުނިކޮށްލެވޭ މަންމައެއްގެ މަގާމަކީ ދުނިޔޭގެ ހުރިހާ ފައިސާއަކާއި ޖަވާހިރަކަށް ވެސް ފުރިހަމަ ނުކުރެވޭނެ މަގާމެކެވެ.

ނިމުނީ