އަނދިރިފަރާތް

ނަވާރަ ސަތޭކަ ނުވަދިހައިގެ ކުރީކޮޅުގެ އަހަރުތަކުން ދުވަހެކެވެ. ތަރައްގީގެ އަލިކަމާއި ތަމައްދުނުގެ ކުލަތައް ފެންނަމުންދާލެއް ކުޑަޔަކަސް ވަށައިގެން ވަނީ ހިތްހަމަޖެހުމެވެ. ދަރިންގެ ލޯތްބާއި އަވައްޓެރިންގެ އެކުވެރިކަމުން ފުރިގެންވާ ހިތްތަކެކެވެ. މާތްވެގެންވާ ރަމަޟާން މަހަށް ހަނދު ބެލުމުގެ ތައްޔާރީތަކުގައި ރަށުގެ ކުދި ބޮޑު އެންމެންހެންތައް ހޭބޯނާރައި އުޅެމުންދިޔަ އެވެ. ކުކުޅުހާ ފަހަތުން ދަރިންފަތި ފަހަތުލައިގެން ދުވާ ބޮޑެތި ފިރިހެނުންނާއި އެކަކަށްވުރެ މީރުކޮށް ހަވާދުގަނޑެއް ހަނާކުރެވޭތޯ ބަލަމުންދާ މުރާލި އަންހެންވެރިންނެވެ.


ޚަދީޖާ އަކީ އޭގެ ތެރެއިން ވެސް ހުނިޖަހާ ހޮވާލެވޭނެ ފަދަ މުރާލި ހީވާގި އަންހެނެކެވެ. ކާވެންޏަށްފަހު ލިބުނު ދަރިފުޅަށް ފަސް އަހަރު ނުވަނީސް ހުވަފަތްވެފައިވާ ޅަނދޮޅު ޒުވާނެކެވެ. މަހަށްނުކުމެ އުޅެނިކޮށް ކަނޑަށް ގެއްލުނުފަހުން ތިން އަހަރާ ނުވަމަސް ފާއިތުވެ ދިޔަ އިރުވެސް ޚަދީޖާގެ ފިރި ލަތީފްގެ ޚަބަރެއް ނުވިއެވެ.

ރަށު އެންމެން ލަތީފް މަރުވީ ކަމަށް ނިންމިޔަސް ޚަދީޖާ އަށް އަދިއަދަށް ދާންދެން ވެސް އެކަން ގަބޫލު ކުރެވޭ ގޮތެއް ނުވެ އެވެ. ނިދާފަ އޮންނަ އިރު އާއި ހޭލާ ހުންނަ އިރު ވެސް އޭނާ އަށް ހީވަނީ ދެންމެ ދެންމެ އައިސް ލަތީފް އޭނާގެ ފަހަތުން މެދުހަށީގައި ބައްދާލަފާނެހެންނެވެ. ޚަދީޖާގެ ދުވަސްތައް މިފަދަ ޚިޔާލީ ފޮލާތަކެއްގެ ތެރޭ ހޭދަވަމުން ގޮސް ކާވެނިގެ ތަރި އޮއްސި ދިރިއުޅުން އެފުށްމިފުށަށް ޖެހިފައިވިޔަސް އޭނާގެ ފަހަތުން މުގޯލި އަޅަމުންދާ ފިރިހެނުން ވަކި މަދެއް ނުވެއެވެ. އޭގެ ތެރެއިން ވެސް ރާޝިދަކީ އަރާހުރި ފިރިހެނެކެވެ. މުދިމު އާދަނުގެ "އަރާއިރު" ދޯނީ ގެ މާކެޔޮޅެވެ. އެފަދަ މިސާލެއް ނެތް ފަދަ މަސައްކަތްތެރި އުޅުންހުރި ފިރިހެނެއް ކަމަށް މުޅި ރަށަށް މަޝްހޫރުވެފައިވާ ޒުވާނެކެވެ.

ރާޝިދަކީ ޚަދީޖާއާ ދާދި އެއް އުމުރެއްގެ ފިރިހެނެކެވެ. ޚަދީޖާގެ ކާވެނި ލަތީފުއާ ކުރީންސުރެ ލަތީފު މިދުނިޔެ ދޫކުރުމާ ހަމައަށް ވެސް އޭނާ ދިޔައީ ހަދީޖާގެ ހުވަފެންތައް ދެކެމުންނެވެ. ޚަދީޖާ ހުސްހަށިބައިވެ އަލުން އޭނާގެ ދިރިއުޅުމަށް ޚަދީޖާ ގެނެވިދާނެ ފަދަ ދުވަހެއް ތަނަވަސްވެގެން އައިސްދާނެ ކަމަށް ރާޝިދު ހުރީ ހީކޮށްގެނެއް ނޫނެވެ.

ރާޝިދުގެ އުފާތައް ދެ ގުނަވެފައި ވަނީ މިރެކީ މި ހުރިހާ ދުވަހު އޭނާ ކުރަމުންދިޔަ ދިގު އިންތިޒާރަށް ނިމުން ގެނެވޭ ރޭ ކަމަށްވާތީ އެވެ. ކާވެންޏަށް ރަންކިޔަން ފޮނުވި ދެ ހެކިވެރިންގެ އިންތިޒާރުގައި ރާޝިދު ގަޑީގެ ސިކުންތުތައް ގުނާލަ ގުނާލަ ހުއްޓެވެ. ތޫނު ހަނޑުވަރުން މަގުމައްޗަށް ވެރިކުރުވާ ފައިވާ ފަނޑުއަލިކަމާއި، ރޭގަނޑުގެ ލަސް އެ ގަޑީގެ ހިމޭންކަމުގެ ތެރެއިން އަވަސްވެފައިވާ ހިތުގެ ވިންދުތަކުގެ އަޑު ރާޝިދަށް އިވެމުން ދިޔަ ކަހަލަ އެވެ.

މިސްކިތު ފާރުބުރީގައި އަތް އަޅުވާލައިގެން ހުރި އިރު ޖެހިގެން ހުރި ޚަދީޖާގެ ގެއިން ހެކިވެރިން ނުކުމޭތޯ އިރު އިރުކޮޅުން އޭނަ އަށް ބަލައިލެވެއެވެ.

ދިގު އިންތިޒާރަކަށް ފަހު ދެ ހެކިވެރިން އޮލަ ވާހަކައެއްގައި ތިބެ އެ ގެއިން ނިކުމެގެން އަންނާތީ ފެނުނެވެ.

"ކޮބާ ކިހިނެއް ވަނީ؟" އަވަސްވެފައިވާ ހިތަކާ އެކު ރާޝިދުއަށް އެންމެ ފުރަތަމަ ވެސް އެހުނީ އެހެންނެވެ.

"އެއް ރުފިޔާ ހަތްދިހަ ފަސްލާރި.." ހެކިވެރިއަކަށް ފޮނުވި އަލިތަކުރު ރާޝިދުގެ ކޮނޑަށް އަތް ވައްޓާލަމުން އަނގައިގެ ތެރޭގައި ހުރި ހަތްޕުނޑުތައް ދުރައް ބުރުވާލަމުން ކަޅުކުލަ އަރަންފަށާފައިވާ ދަތްޕިލާ ފެންނަވަރަށް ހީލި އެވެ. އެއާއެކު ރާޝިދުއަށް މޫނުމަތީގައި އަތް އަޅާލެވުނެވެ. އޭގެ ބަރާބަރު ހަތް ދުވަސް ފަހުން ރާޝިދު އާއި ޚަދީޖާގެ ކާވެނި ކުރެވުނެވެ. ކާވެންޏަށް ފަހު ޚަދިޖާގެ އެދުމުގެ މަތިން ރާޝިދުގެ އަމިއްލަ ގެދޮރު ދޫކޮށް ޚަދިޖާގެ ހިޔާވަހިކަމަށް އޭނާގެ ދިރިއުޅުން ބަދަލުކުރި އެވެ.

ދުވަސްތައް ފާއިތު ވަމުން ދިޔައެވެ. ޚަދީޖާގެ ފަރާތުން އަނތްބެއްގެ ލޯބި އެއްވެސް މިންވަރަކަށް ނުލިބުނަސް ރާޝިދު ކެތްތެރިވި އެވެ. ކުޑަމިނުން ޚަދިޖާގެ ފިރިއެއްގެ ގޮތުގައި ހުރުމަކީ ވެސް ލިބުނު ބޮޑު އުފަލެއް ކަމުގައި އޭނާ ދެކޭތީ އެވެ. ޚަދީޖާ މި ކާވެނި ކުރީ ކޮންމެހެން ކާވެންޏެއް ކުރަން ބޭނުން ވެގެންނެއް ނޫނެވެ. މައިން ބަފައިންގެ އެދުމަށް ކިޔަމަންތެރި ވުމުގެ ގޮތުންނެވެ. އެކަން ކިތައްމެހާ ވެސް ރަނގަޅަށް ރާޝިދަށް އެނގޭ ވެސް މެއެވެ.

ރާޝިދުގެ ދިރިއުޅުމުގައި އަނތްބެއްގެ ލޯބި މަދުވިޔަސް ކުޑަކުޑަ މަރީނާގެ ފަރާތުން ދަރިއެއްގެ ލޯބި އޭނާ އަށް ދިޔައީ ލިބެމުންނެވެ. އަމިއްލަ ދަރިފުޅު ފަދައިން އޭނާ ވެސް މަރީނާ ދެކެ ލޯބިވެ އެވެ. އެ ލޯބީގެ ބަދަލުގައި ބައްޕައެއްގެ ފަރާތުން އެދޭނެ ހުރިހާ ހިމާޔަތަކަށް މަރީނާ ދިޔައީ އެދެމުންނެވެ.

އެއީ ވެސް އެއިގެ ތެރެއިން ދުވަހެކެވެ. ހަސަންމަނިކަކީ ޚަދީޖާގެ މައިންބަފައިންގެ ރައްޓެހިކަމުގައި އެ ގެއަށް ވަދެ ނިކުމެވާ ހަތްދިހައިގެ އަހަރުތައް ގުނަމުންދާ މީހެކެވެ. އެއީ ކުޑަކުދިންނާ ދޯޅު މީހެކެވެ. އެ ގެއަށް އަންނަ ފަހަރަކުވިއްޔާ މަރީނާ އަށް ކޮންމެވެސް ކަހަލަ ހަދިޔާއެއް އޭނަ ގެނެސްދޭނެ އެވެ. ނަމަވެސް އޭނަ ގެ އެ ހަދިޔާތަކުން މަރީނާ އޭނައަށް އޮޅުވާގޮތެއް ނުވި އެވެ. އޭނަ ފެނުނަސް މަރީނާ ހީވާނީ ހަށިން ފުރާނަ ދާތީ ތެޅިގަންނަހެންނެވެ. ހަސަން މަނިކު ފެނިއްޖެ ނަމަ އެ ތުއްތު ހަށިގަނޑުގައި ރޫރޫ ނާޅާ އެންމެ ތަންކޮޅެއް ވެސް ނުއިންނާނެ އެވެ. އެކަން ގޭގައި އުޅޭ އެހެން މީހުންނަށް ވަނީ ހެއްވާ ޒާތުގެ ކަމަކަށެވެ.

"ޚަދީޖާ އަށް ހީވޭތަ އެ ހަސަންމަނިކު މި ގެއަށް ވެއްދުން ރަނގަޅުހެން. މަރީނާ ހާދަ ބިރެކޭ އެ ގަންނަނީ އޭނަ ދެކެ..." ރާޝިދު ވާހަކަ ދެއްކީ ޚަދީޖާއާ އެވެ.

ރާޝިދު ބުނި އެއްޗެއް ޚަދީޖާ އަށް އިވުނުހެނެއް ހިއެއް ނުވި އެވެ. ކޮންމެވެސް ފުން ވިސްނުމަކަށް ގެއްލިފައި ޓިނު ފުރާޅުން ހިޔާ ކުރެވިފައިވާ ސީލިންގައި ދޭތެރެ ދޭތެރެއިން ފިޔަ ޖަހަމުންދިޔަ ނިދާ ބޮތްކަށް ބަލަހައްޓައިގެން އޭނާ އޮތެވެ. ގާތުގައި މަރީނާ ނިދިފައި އޮތެވެ. ޚަދީޖާ އަށް އޮތީ ނިދިފައިތޯ ބެލުމަށް ތަރަފާލިގަނޑު މަތިން ތެދުވެ ރާޝިދު އިށީނދެލި އެވެ. އަދި ދެވަނަ ފަހަރަށް އޭނާގެ އެބުނުން ތަކުރާރުކުރިއެވެ.

"ހަސަންނިކުބެ އަކީ ވަރަށް ރަނގަޅު މީހެއް... އޭނަ އެކަހަލަ ގޮތަކަށް މަރީނާއަކަށް ނުބަލާނެ..!" ޚަދީޖާގެ އަޑުގައި ވަނީ ޔަގީން ކަމެވެ. އެހިސާބުން ރާޝިދު ވެސް ހަތިޔާރު ބެހެއްޓި އެވެ.

މާތްވެގެންވާ ރަމަޟާންމަހުގެ މުލަ ރޯދަދުވަހަށް އިރު އަރައިގެން އައިއިރު ރަމަޟާންމަހުގެ ހިތްގައިމުކަމާއި އުފާ އެންމެންގެ ހިތްތަކަށް ވެރިކުރުވާފައިވެއެވެ. ފަތިހު ފަތިސް ނަމާދަށް ހޭލިގޮތަށް ގޭގެ އެކި ކަންކަމުގައި ޚަދީޖާ އަވަދިނެތިވެ އުޅުނެވެ. ކުޑަ ކުޑަ މަރީނާގެ ހިތަށް ވެސް ރަމަޟާންމަހުގެ މާތްކަން ވެރިވެ އީމަންކަން ވަރުގަދަވެފައި ވަނީ ކަންނޭނގެ އެވެ. ނިދިގެ ހާލިތަކުން މީހުންތައް ތެދުވަން ނުފަށަނީސް ޢައްމާފޮތް ހިފައިގެން އެދުރުގެއާ ދިމާއަށް އޭނާ މިސްރާބު ޖެހިއެވެ. ރަށުގެ އަމާންކަމާއި މީހުންގެ ހިތްހެޔޮ ކަމަށް ޝުކުރުވެރިވާން އާދަވެފައިވާތީ، އެވަރު ތުއްތު ކުއްޖަކު އެކަނި މަގުމައްޗަށް ދުކޮށްލުމަކީ އެ ރަށުގައި އަބުއި ކަމެއް ނޫނެވެ. ދަރިފުޅު އަމިއްލަ އަށް އިސްނަގައިގެން ޤުރުއާން އުނގެނުމަށް އެ ބަހައްޓަ ސަމާލުކަމާ ހެދި ޚަދީޖާ ހުރީ އުފަލުންނެވެ.

ނަމަވެސް އެ ދުވަހު އޭނާގެ އެ އުފާވެރިކަން ވީ މުޅި އުމުރުގެ ހިތާމައަކަށެވެ. ޤުރުއާން ކިޔަވަން އެދުރު ގެއަށް ދިޔަ ގޮތަށް އެރޭ އިރު އޮއްސުނު އިރު ވެސް މަރީނާގެ ޚަބަރެއް ނުވި އެވެ. ރަށު އެންމެން މަރީނާ ހޯދުމަށް މުޅި ރަށުގައި އަތް ފުނާ އެޅި އެވެ. ނަމަވެސް އެއްވެސް ތަނަކުން މަރީނާ ފެންނަ ގޮތެއް ނުވި އެވެ. ޚަދީޖާގެ ހަށިން ރުޙު ނިކުމެގެންދާ ފަދަ ވޭނެއްގައި އޮވެ އެ ދެލޯ ފާރުވާވަރަށް އޭނާ ރޮމުން ގެންދިޔައެވެ. ރާޝިދުގެ އެހީތެރިކަމާއި ލޯބި އެހިތާމަވެރި ދަނޑިވަޅުގައިވެސް އޭނާ ދިޔައީ ދައްކައި ދެމުންނެވެ.

ހަސަންމަނިކު އެގެއަށް އައިސްވަނީ ޚަދީޖާގެ ޙާލަތު އެންމެ ގޯސްވި ވަގުތުއެވެ. ހަސަންމަނިކުގެ ނިތްކުރިން ފެށިގެން ތިރިއަށް ލޮލަހަމައަށް މޫނުމަތީގައި ތޫނު އެއްޗަކުން އެޅިފައިވާ ކޫރުން އެންމެ ފުރަތަމަ ވެސް ފާހަގަވީ ރާޝިދަށެވެ. އެކަން ޚަދީޖާގެ ސަމާލުކަމަށް ގެނައީ ވެސް ރާޝިދު އެވެ. ކުދިކުދިވަމުންދިޔަ މައިވަންތަ ކަމުގެ އިޙްސާސާއެކު ޚަދީޖާގެ ޝައްކުގެ ތީރު ވެސް މިފަހަރު ރުވާފައި ދުކޮށްލެވުނީ ހަސަންމަނީކާ ދިމާއަށެވެ. އެ ވަގުތު އެ ގޭދޮށަށް އެއްވެފައިވާ ރަށުގެ ގިނަ އަދަދެއްގެ ކުޑި ބޮޑު އެންމެންހެން އެކަން ގަބޫލު ވެސް ކުރިއެވެ. ސިފައިންގެ މަދަދަށް އެދުނަސް އަތޮޅުގައި ސިފައިންގެ ޚިދުމަތް ނުލިބޭތީ ސިފައިން އައުމަށް ވަގުތު ހޭދަވި އެވެ.

ހަސަންމަނިކަށް ދިއްކުރެވުނު ތުހުމަތުގެ އިނގިއްޔަށް އޭނާ ކަނޑައެޅިގެން ދެކޮޅު ހެދި އެވެ.

"މިއީ މިއަދު ކާށި ހޮވަން ވަލަށް ވަދެ އުޅެނިކޮށް ގޮފިގަނޑެއްގައި އަޅައިގަނެގެން ލިބުނު ޒަޚަމެއް..!" ހަސަންމަނިކު އޭނާގެ ކުށެއް ނެތްކަން ބުނެދޭން މަސައްކަތްކުރި އެވެ. އެތަނުގައި ނެތީ އޭނާ ދެއްކި ވާހަކަ ގަބޫލު ކުރާނެ ހިތެކެވެ.

އޭގެ ދެ ދުވަސް ފަހެވެ. ގޭތެރެއަށް ފެތުރިފައިވާ ހިތާމައަށް ކުޑަ ވެސް ލުޔެއް ނުލިބުނެވެ. ޚަދީޖާގެ ކަރުނަތަކަށް ހުއްޓުމެއް ވެސް ނެތެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. މަރީނާ އަކީ އޭނާ އެންމެ ލޯބިވި ލަތީފުގެ ހުރި ހަމައެކި ނިޝާނެވެ. ގޭތެރޭގައި އިން ޖޯލިފައްޗަށް ފޫހަރާލައިގެން މިފަދަ ވިސްނުންތަކެއްގައި ޚަދިޖާ އޮތެވެ. އަވައްޓެރި ދެތިން އަންހެނަކު އޭރު ވެސް އޭނާގެ ހިތާމަތަކަށް ލުޔެއް ލިބޭތޯ ބަލަމުން ދިޔަ އެވެ.

ބޮޑުކަތީބު އައިސް އެ ގޭތެރެ އަށް ވަނީ އެ ވަގުތު އެވެ. ސަބަބު ބުނުމެއްނެތި ޚަދީޖާ އަށް އޭނާ އެންގީ އަވަހަށް ރަށު އޮފީހަށް ދިއުމަށެވެ. އޮފީހާ ހަމައަށް ދެވުނުއިރު ރަށުގެ ރައްޔިތު އެންމެންހެން އެތަނަށް ޖަމާވެފައިވެއެވެ. ހިރަފުހާ ވެލިން ތަތްތެޅިފައިވާ މަރީނާގެ ތުއްތު ފުރާނަ ނެތް މަސްގަނޑު އޮތީ ރަށު އޮފީހުގެ ތެރޭގަ އެވެ. "މަގޭ ދަރިޔާއޭ" ބުނެ ޚަދީޖާ އަށް އެ ތުއްތު ހަށިގަނޑުގައި އޮޅުލައިގަނެވުނެވެ.

މަރީނަގެ ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހު ޚަދީޖާއާ ކަތީބު ބައްދަލުކުރި އެވެ.

"މިއީ ކާކުގެ އަނގޮޓި އެއްކަން އެނގޭތަ؟ މި އަނގޮޓި ފެނުނީ މަރީނާ ވަޅުލާފައި އޮތް ވަޅުގަނޑުގެ ތެރެއިން" ރިހީގެ ވަށް އަނގޮޓިނަގައި ދައްކާލަމުން ކަތީބު އެހެން ބުނެލުމާއެކު ހަދީޖާގެ ތަލިން ކުޅު ހިކުނު ފަދަ އެވެ. އިތުރު ހަރަކާތެއްނެތި އެންމެ ފުރަތަމަ ވެސް އޭނާ އަށް ބަލައިލެވުނީ އޭނާގެ އަތުގެ ކަށި އިނގިއްޔަށެވެ. އެއީ ރާޝިދު ކާވެނީގެ ހަދިޔާއަކަށް އޭނާ އަށް ދިން އަނގޮޓި އެވެ. ކަތީބު އަތުގައި އެ އޮތީ ރާޝިދުގެ އަތުގައި އޮތް އަނގޮޓިކަން ޚަދީޖާ އަށް ޔަގީނެވެ.

"މަރީނާއަށް އެހެން ހަދަންޖެހުނީ ކީއްވެ؟" ޚަދީޖާގެ އަޑު ކެނޑިކެނޑިގެން އަޔަސް އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ނަފްރަތެވެ. ރަށު އޮފީސް ތެރޭގައި ބަހައްޓާފައި ހުރި ގޮނޑިއެއްގައި އިސްޖެހިފައި ރާޝިދު އިނެވެ.

"އެކަން އެގޮތަށް ކުރަންޖެހުނީ ކީއްވެކަން ޚަދީޖާ އަށް އެނގޭނެ... ކާވެނިކޮށްގެން ކިހާ ދުވަހެއް މިވަނީ.. އަހަންނަކީ އުޅޭ މީހެކޭ ވެސް ޚަދީޖާ އަށް ހީވިތަ؟ އަބަދު ދަރިއާ ހެދި ސަލާމަތް ނުވެވިފަ ހުންނަނީ.. އަހަރެން ޚަދީޖާއާ ކާވެނި ކުރީ ޚަދީޖާގެ ފަރާތުން ވެސް ކަންތައްތަކެއް ބޭނުންވާތީ..." ރާޝިދުގެ ވާހަކަތަކުން ޚަދީޖާގެ ނަފްސަށް ސިހުން ގެނުވި އެވެ.

ކުރިމަތީގައި އެހާ އޮމާން ރީތި ސޫރައެއް ދައްކަމުންގޮސް އެފަދަ ނުބައި ބަދަލެއް ރާޝިދު އޭނާގެ ކިބައިން ހިފާފާނެ ކަމުގައި ދުވަހަކު ވެސް އޭނާ ހިއެއް ނުކުރެއެވެ. ރާޝިދުގެ އަނދިރިފަރާތް އެނގުނުއިރު އިންސާނުންގެ މައްޗަށް އޮންނަ އިތުބާރު ޚަދީޖާގެ ހިތުން ގެއްލި މުޅި އުމުރަށް އޭނާ އެކަނިވި އެވެ.

(ނިމުނީ)