ކުރު ވާހަކަ- ރަންކަމަނަ

ކާނޭޝަންމަލުގެ ކުލަތަކުގެ ތެރެއިން ހުދުކުލައިގެ މާނައަކީ "ލޯތްބާއި ހިތްހެޔޮކަން" އެވެ. ފިޔާތޮށިކުލައިގެ މާނައަކީ "އަހަރެން ދުވަހަކު ވެސް ހަނދާންނައްތައިނުލާނަން" އެވެ. ރަތް ޓިއުލިޕު ބެލެވެނީ "ލޯބީގެ އިގުރާރު" ކަމުގައެވެ. ރަތް ފިނިފެންމަލުގެ މާނައަކީ "ހިތުގެ އެދުމާއި ލޯބި" އެވެ. ހުވަނދުމަލުގެ މާނައަކީ "ފޮނި ލޯބި" އެވެ. މަނާރާ ތައްޔާރުކުރި ލިސްޓުގައި ވިހި ވައްތަރުގެ މަލާއި އޭގެ މާނަ ހިމެނެއެވެ. އުމުރުން ބާވީސް އަހަރުގެ މަނާރާއަކީ މާލޭގައި ގަސްމަލުގެ ވިޔަފާރިކުރާ ފިހާރައެއްގެ ސޭޓެކެވެ. އިސްކޮޅުން ދިގު، ކަޅިރަވަ ރީތި، ކުލަފަތި ކުއްޖެކެވެ. މަނާރާ ބަލައިލާގޮތުން ގަނޑުފެން ވިރުވައިލައޭ ބުނެ އެކުވެރިން ސަމާސާކުރަނީ ސަބަބެއް ނެތިއެއް ނޫނެވެ. ކަޅިރަވައިގެ ތޫނުކަން ފާޅުކުރުމަކީ މަނާރާ ކުރާހިތްވާކަމެކެވެ. ވިޔަފާރި ކުރިއެރުވުމަށް ޓަކައި އަމިއްލައަށް އިސްނަގައިގެން ކަންކަންކުރުމަކީ މަނާރާ ގަޔާވާކަމެކެވެ. ތައްޔާރުކުރި ލިސްޓު ފިހާރައިގެ ބިއްލޫރިގަނޑުގައި ހިއްޕައިލައިފައި ލިސްޓާ ދިމާއަށް ބަލަހައްޓައިގެން މަނާރާ ހުއްޓެވެ. އެ ލިސްޓުގެ ސަބަބުން ފިހާރައަށް ލިބޭ ފައިދާ އިތުރުވާނެކަމަށް މަނާރާ އުންމީދުކުރެއެވެ. އެ ކަހަލަ ކަންތައްތަކުގެ ސަބަބުން މަނާރާ ވެފައިވަނީ ނާހިދާ ގަޔާވާ މުވައްޒަފަކަށެވެ. ނާހިދާއަކީ ފިހާރައާއި މުދަލުގެ ވެރިމީހާއެވެ.


ގަހާއި މާ ގަންނަން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި މަނާރާ ބައިވެރިކުރުމަކީ ނާހިދާގެ ވިޔަފާރި ކާމިޔާބުވުމުގެ ސިއްރެވެ. ގަންނަ މީހުންގެ ބޭނުންތައް ދަނެގަތުމާއި، މުދާ ލިބޭ ދުވަހު އިސްތިހާރުކުރުމާއި، މޯޅިވިޔަނުދީ ގަސްތަކާއި މާތައް ބަލަހައްޓާ މޭސްތިރިއަކީ ވެސް މަނާރާއެވެ. ނާހިދާ އަބަދުވެސް ބޭނުންވީ މަނާރާ ކަހަލަ ހީވާގި މުވައްޒަފެކެވެ. އެކަމަކު ސޭޓެއް ގޮތުގައި ދުނިޔޭގައި އުޅެ މަރުވުމަކީ މަނާރާ އެންމެ ބޭނުންވާގޮތެއް ނޫނެވެ. ދިރިއުޅުމެއް ފަށަން މަނާރާ ބޭނުމެވެ. މައިންބަފައިން ވަކިވެފައިވުމުން މަނާރާ ހުންނަނީ ދައްތައެއް ގާތުގައެވެ. ދައްތަ ކުއްޔަށްހިފައިގެންއުޅޭ ތަނުން ނުކުމެ، ފިރިޔަކާ އެކުގައި ގެއެއްގައި ދިރިއުޅެން މަނާރާ ބޭނުމެވެ. މަންމަޔަކަށް ވާން ބޭނުމެވެ.

ލޯބިވެރިންގެ ދުވަހާ ދިމާކޮށް މަލުގެ ވިޔަފާރި ރަނގަޅުވެއެވެ. އެ ދުވަހު އެންމެ ގިނައިން ވިކެނީ ފިނިފެންމަލާއި ޓިއުލިޕެވެ. ނާހިދާ ބޭނުންވަނީ އެ ދެ ވައްތަރުގެ އެންމެ ގިނަ ކުލަތައް ނާހިދާގެ ފިހާރައިގައި ހުންނާށެވެ. ވީމާ، ދުރާލައި ރާވައިގެން ނާހިދާ މިސްރާބުޖެހި އެއް ގައުމަކީ ލަންދޭސި ވިލާތެވެ. ލަންދޭސި ވިލާތަކީ ޓިއުލިޕް މަލުގެ ސުވަރުގެއެވެ. ދަތުރުގައި މަނާރާ ބައިވެރިކުރިއެވެ. ނާހިދާގެ ހާއްސަ އެކުވެރިއަކު ކަމުގައިވާ ޒިޔާދު ވެސް ބައިވެރިވިއެވެ. އުމުރުން ތިރީސް އަހަރުގެ ޒިޔާދަކީ ގަސްއިންދުމަށް ޝައުގުވެރިވާ މީހެކެވެ. ދުނިޔޭގެ އެކި ތަންތަނުގައި ހެދޭ ގަސްތައް ރާއްޖެ ގެނެސް ރާއްޖޭގައި އެ ގަސްތައް ހެއްދުމަކީ ޒިޔާދުގެ ހޮބީއެކެވެ. އެހެނަސް ޒިޔާދުގެ އެ ދަތުރުގައި އެހެން ބޭނުމެއް އޮތެވެ.

މަތިންދާބޯޓުގައި ތިބިއިރު މަނާރާ އިންނަންޖެހުނީ ޒިޔާދާ ޖެހިގެންނެވެ. ފިހާރަޔަށް ވިޔަފާރިކުރަން އަންނަ މީހުންނާ ކިތަންމެ ރައްޓެހިކޮށް ވާހަކަދެއްކިޔަސް، ފެންނަ ކޮންމެ މީހަކާ ވާހަކަދެއްކުމަކީ މަނާރާގެ މިޒާޖެއް ނޫނެވެ. ޒިޔާދަށް އެ ކަން އެނގެއެވެ. ފޯނާކުޅެން އިސްޖަހައިލިގޮތަށް މަނާރާ އިސްއުފުލައެއް ނުލިއެވެ. ޒިޔާދު އުންމީދުކުރީ އަޖައިބަކަށެވެ. ކުއްލިއަކަށް މަތިންދާބޯޓު ތެޅިގަތެވެ. ސިއްސައިގެންގޮސްފައި ގޮނޑީގެ އަތްގަނޑުކަމަށް މަނާރާއަށް ހިފުނީ އަތްގަނޑު މަތީގައި އޮތް ޒިޔާދުގެ އަތުގައެވެ. އެއީ ޒިޔާދުގެ އަތްކަން އެނގުނީމަ ވެސް މަނާރާއަކަށް އަތަކުން ދުލެއް ނުކުރެވުނެވެ. ގޮނޑީކަމަރު އަޅައިގެން އިނުމަށް ޕައިލެޓު އިރުޝާދުދިން އަޑު އިވުނެވެ. ބޯޓު ހަމަޔަކަށްއެޅުނީ މިނެޓެއްހާއިރު ފަހުންނެވެ. މަނާރާއާ ވާހަކަދައްކަން ޒިޔާދަށް ލިބުނު ބަހަނާއަކީ އެ ހާދިސާއެވެ.

ލަންދޭސި ވިލާތުގެ އެކި ޓިއުލިޕު ދަނޑުތަކަށް ކުރި ދަތުރުގައި، ކާރުގެ ފަހަތު ސީޓުގައި ތިބެނީ މަނާރާއާއި ޒިޔާދުއެވެ. ކާމިޔާބު ވިޔަފާރިދަތުރަކަށްވުމުގެ އިތުރަށް އެ ދަތުރަކީ މަނާރާގެ ހިތުގެ ފަޅުކަން ފިލުވައިލައިދިން ދަތުރެއް ވެސް މެއެވެ. ލޯބީގެ ދިޔަރެހުގައި ޒިޔާދުގެ އަތުގައިހިފައިގެން މަނާރާ ހުސްފައިގައި އެތައް ހިސާބަކަށް ހިނގިއެވެ. އޯގާތެރިކަމުގެ ރާޅަކަށް ފަހު ރާޅެއް މަނާރާގެ ފައިގައި ބޮސްދިނެވެ. ހަމަ އެހެންމެ ލޮލުކޮޅަށް އޮބައިފައިވާ ޓިއުލިޕު ދަނޑުގައި، ޒިޔާދުގެ ގައިގައި ލެނގިލައިގެން މަނާރާ ހިނގަމުންދިޔައިރު އެއީ ހުވަފެނެއްހެން މަނާރާއަށް ހީވި ކިތަންމެ ފަހަރެއް ދިޔައެވެ. މަނާރާ ހިތަށްއެރިއެވެ. މާލޭގައި އެތައް ބައިވަރު ވަޒީފާއެއް ހުއްޓައި މަލާއި ގަސް ވިއްކާ ފިހާރަޔަކަށް މަނާރާއަށް ވަދެވުމުގައި ސަބަބެއް އޮންނާނެއެވެ. މަނާރާއާއި ޒިޔާދުގެ ގުޅުމަކީ މާ ކުރިން ހަމަޖެހި ނިމިފައިވާ ގުޅުމެކެވެ. އެކަމަކު ތަންކޮޅެއް ކުރިން ޒިޔާދާ ބައްދަލުވި ނަމަ ކިހާ ރަނގަޅުވީސްހޭ އެތައް ފަހަރަކު މަނާރާ ހިތަށްއެރިއެވެ.

ޒިޔާދުގެ ދެ އަނބިން ތިބެއެވެ. ޒިޔާދަކީ ދެ ދަރިންގެ ބައްޕައެކެވެ. ޒިޔާދުގެ އާއިލާއަށް މަނާރާ އެދެނީ އުފާވެރި ދުވަސްތަކެކެވެ. އެ އާއިލާ ރޫޅޭކަށް މަނާރާ ނޭދެއެވެ. ރީތި ހުވަފެނަކުން ހޭލެވުނުހެން ދެ ލޯ ހުޅުވަން މަނާރާ ހުރީ ތައްޔާރަށެވެ. އެހެންނަމަވެސް މަނާރާއާ ކައިވެނިކުރަން ޒިޔާދު ބޭނުން ނަމަ އެއް ޝަރުތު ފުރިހަމަކުރަން މަނާރާ އެދުނެވެ. އެއީ ތިން އަނބިންނަށް ހަމަހަމަކޮށް ޒިޔާދު ކަންތައްކުރާނެކަމުގެ ޔަގީންކަންދިނުމެވެ. ޒިޔާދަށް އެ ޝަރުތު ފެނުނީ މަނާރާގެ އޯގާތެރިކަން ސާބިތުވި ހެއްކެއް ގޮތަށެވެ. މަނާރާއާ ކައިވެނިކުރަން މަނާރާ ފަތުރައިލި ރަތްދޫލައެއް ގޮތަށެވެ.

މަނާރާއާއި ޒިޔާދުގެ ކައިވެނީގެ ހަފުލާއޮތީ ދާލު އަތޮޅު ކަނޑިންމަ ރިސޯޓުގައެވެ. އެހާ ދުރުގައި ހަފުލާ ބޭއްވުމަކީ ޒިޔާދުގެ ނިންމުމެކެވެ. ނޫސްތަކަށް ސުރުހީއެއް ދޭން ޒިޔާދު ބޭނުންނުވީއެވެ. މަނާރާއަށް ވެސް އެ ގޮތް ކަމުދިޔައެވެ. ގިނަ މީހުންނަށް އެނގޭކަށް މަނާރާ ބޭނުމެއް ނޫނެވެ. މަނާރާގެ އަލަތު ކައިވެނި އެހާ ކުލަގަދަކޮށް ބޭއްވިއިރު ވެސް މީހުންނަށް އެ ކަން ސިއްރުކުރަން މަނާރާ ބޭނުންވީ ކީއްވެ ހެއްޔެވެ؟ އެ ސުވާލު ޒިޔާދެއް ނާހައެވެ. ޒިޔާދު ހީކުރީ އެއީ ވެސް ޒިޔާދުގެ ނަސީބުކަމަށެވެ. ދެ މީހުންގެ ހިޔާލު ހަމަ އެއްގޮތީ ކަމަށެވެ.

ޒިޔާދުގެ އަންބަކަށް ވިޔަސް މަނާރާ ވަޒީފާ ދުލެއް ނުކުރެއެވެ. ގަސްމަލުގެ ވިޔަފާރިޔަކީ މަނާރާގެ ލެޔާ ގުޅިފައިވާ ކަމެއް ކަހަލައެވެ. ވަޒީފާއިން ވަކިވާކަށް ޒިޔާދު ވެސް ފުރަތަމަކޮޅު ބާރެއްނާޅައެވެ. މަނާރާ ކުރާހިތްވާކަމަކަށް ވީތީ ކުރަން ދޫކޮށްލީއެވެ. ފޫހިފިލާނެތީއެވެ. މަނާރާއަކީ މިނިވަންކަމަށް ލޯބިކުރާ ކުއްޖެކެވެ.

ފިރިމީހާގެ ކިބައިގައި ވަކި ސިފަތަކެއް ހުންނަން މަނާރާ ބޭނުމެވެ. އެއީ އިތުބާރުކުރުމާއި ދޮގުނުހެދުމެވެ. ބަހުގެ އިތުބާރުބެހެއްޓުމާއި މަނާރާގެ މިނިވަންކަމަށް ހުރަސްނޭޅުމެވެ. ޒިޔާދާ ކައިވެނިކުރިފަހުން މަނާރާގެ އެކުވެރިން ގާތުގައި ފޫހިނުވެ މަނާރާ ދައްކާ ވާހަކައަކީ ޒިޔާދު ހެޔޮކަމުގެ ވާހަކައެވެ. އިތުބާރުކުރާ ވާހަކައެވެ. ވަޒީފާގެ ގޮތުން ލިބޭ ކޮންމެ ދަތުރެއްގައި ވެސް މަނާރާ ދާންވީއެވެ. އެއްވެސް ހުރަހެއް ނެތެވެ. މަނާރާ ބޭނުން ވަގުތަކު، ބޭނުން މުއްދަތަކަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދައޮވެއެވެ. މީހުންގެ ލޯމައްޗަށް ފެންނަ ކަންތައް ވެސް ބައިވަރެވެ. ކާރުގައި މަނާރާ ގެނެސް ގެންދަނީ ޒިޔާދެވެ. އަގު ބޮޑު ސެންޓާއި، ފޯނާއި، ދަބަހާއި، ފައިވާނަކީ މަނާރާގެ ގާތް އެކުވެރިންނެވެ. ފިރިމީހާގެ ހެޔޮކަމުގެ ވާހަކަ އަބަދު ނުދައްކަން އެކުވެރިން އެދުނަސް މަނާރާއަށް މަޑުންނުހުރެވެނީއެވެ. ލޯބިވާ، ހެޔޮ ފިރިޔަކު މަނާރާއަށް ލިބުނީތީ އެކުވެރިން ޝުކުރުކޮށް މަރުހަބާކިޔެވެ. ބުމައަރުވައިގެން ހިތުގައި ޝައްކު އުފެއްދި ބަޔަކު ވެސް އުޅުނެވެ. އެ ބަޔަކު ހިތާހިތުން ބުންޏެވެ. މަނާރާ އުޅުނީ ހަމަ އެހާ އުފަލުގައި ހެއްޔެވެ؟ ނުވަތަ މަނާރާގެ އުފަލަކީ ހިތާމައެއް ފޮރުވަން ބޭނުންކުރި ފަރުދާއެއް ހެއްޔެވެ؟

ލޯބިވެރިންގެ ދުވަހެވެ. ހަވީރުގެ ދަންފަޅި ނިމެމުންދިޔައިރު މަނާރާ އުޅުނީ ރީތި މާބޮނޑިއެއް ތައްޔާރުކުރުމުގައެވެ. މަނާރާގެ ފަރާތުން ޒިޔާދަށް ދިނުމަށް ޓަކައެވެ. މަނާރާއާއި ޒިޔާދު ލޯބިވެރިންގެ ދުވަސް ފާހަގަކުރަން ނިންމައިފައިވަނީ ސަފާރީއެއްގައެވެ. ފިހާރައިގައި މަސައްކަތްކަތްކުރާ ދެ ބިދޭސީންނަށް ވެސް އެ ކަން އެނގޭ ވަރަށް މަނާރާ އެ ވާހަކަދައްކައިފިއެވެ. މަނާރާއަށް ފޯނުކޯލު އައިއިރު ފިހާރަ ލައްޕަންވެގެން ހުރިހާ އެންމެން ނުކުންނަނީއެވެ. ފޯނު ނެގުމަށް ފަހު މަނާރާ ހަޅޭއްލަވައިގަތެވެ. އެ ހިސާބުން މަނާރާ ހޭނެތިގެން ވެއްޓުނީއެވެ.

މަނާރާ ހޭއެރިއިރު އޮތީ ހޮސްޕިޓަލުގައެވެ. ކައިރީގައި މަނާރާގެ ދައްތަ ހުއްޓެވެ. ހޭއެރުމާއެކު ދެވަނަ ފަހަރަށް ހޭނެތުނެވެ. ދެން ހޭއަރައި ހަމަޔަކަށްއެޅުނީ ގަޑިއެއްހާއިރު ފަހުންނެވެ. މަނާރާ ބޭނުންވީ ތެދުވެގެން ދުއްވައިގަންނާށެވެ. ޑަކުޓަރު ހުއްދައެއް ނުދިނެވެ. އެހެންވިޔަސް މަނާރާ ސަހަރާއަށް ދިޔައެވެ. ފުރޮޅުލީ ގޮނޑީގައެވެ. އަދި ޒިޔާދުގެ މޫނު ފަހު ފަހަރަށް ބަލައިލިއެވެ. ޒިޔާދު މަރުވެގެން ކޮޓަރިތެރެއަށް ވެއްޓިފައިއޮތްއިރު ބޭރުފުށުން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށްވެއެވެ. މަންޒަރު ފެނުނީ ޒިޔާދުގެ ދޮށީ ދަރިފުޅަށެވެ. ޒިޔާދުގެ މޫނަށް ބަލަންއިންދައި ހެޔަށް ގޮތްވާހެން ހީވެގެން އަނެއްކާ ވެސް މަނާރާ ގެންދިޔައީ ހޮސްޕިޓަލަށެވެ. މަނާރާ ރޯވަރުން ދައްތަ ހުރީ ހަދާނެގޮތް ހުސްވެފައެވެ.

ހާދިސާ ހިނގާދިޔަތާ އެތައް ދުވަހެއް ފަހެވެ. ތަނަވަސް ކޮޓަރީގެ ބޮޑު އެނދުގައި އޮށޯވެލައިގެން އޮތް މަނާރާ ފޯނުން ބެންކު އެކައުންޓު ބަލައިލިއެވެ. މަނާރާގެ އެކައުންޓަށް ދެ މިލިޔަން ހަތަރު ލައްކަ ރުފިޔާ ޖަމާވެފައިވަނީ އެ ދުވަހުއެވެ. ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިކުރުވަމުން މަނާރާގެ އެފްބީ އެކައުންޓު ހުޅުވައިލިއެވެ. ގަސްމަލަށް ޝައުގުވެރިކަންހުންނަ ދިވެހި މުއްސަނދިންގެ ނަންތައް ހާވަން ފެށިއެވެ. އެ ފަހަރު މަނާރާގެ ލޮލުގައި އަޅައިގަތީ އުމުރުން ފަންސާސް އަހަރުގެ ފިރިހެނެކެވެ.

"ހަލޯ ބޭބީ!" ވައި އަޑުން މަނާރާ ބުނެލިއެވެ.

މަނާރާގެ މިނިވަންކަން ހަނިކުރުމަށާއި، ވަޒީފާއިން ވަކިވާން ޒިޔާދު ބާރުއަޅަން ފެށިކަމެއް މަނާރާ ނޫން އެހެން މީހަކަށް ނޭނގެއެވެ. ކޮންމެ އަންބަކަށް ޒިޔާދުގެ ފައިސާގެ ތެރެއިން ލިބެނީ ކިތައް ޕަސަންޓުކަމާއި، ކޮންމެ އަންބަކަށް އެޕާޓުމަންޓެއް ހިބައިން ލިބޭކަމެއް ވެސް މާ ގިނަ ބަޔަކަށް ނޭނގެއެވެ. އެނދުގައި އޮށޯވެލައިގެން އޮތް މަނާރާ ބަލައިލީ ވައަތްފަރާތުގައި ހުރި ދޮރާ ދިމާއަށެވެ. ބާލުޚާނާގައި ބަރިއަކަށް އަތުރައިފައިވާ ބޮޑެތި ގަސްމުށިތަކުގައި ގަދަޔަށް ހެދިފައިހުރި ޑެޑްލީ ނައިޓްޝޭޑް ގަސްތައް މަނާރާއަށް ލޯއަޅައިގެން ތިބި ކަހަލައެވެ. ގަހުގައި ބަރާވެފައިވާ މޭވާތައް ހީވަނީ ޖޭމުތަކެއްހެންނެވެ. ތަފާތަކީ ކަޅުކުލައިގައި ހުރިކަމެވެ. ފޮނިރަހައެއް ވެސް އޭގައި ހުރެއެވެ. އަނގަޔަށް މީރަސް އެއީ ބާރުގަދަ ވިހައެކެވެ. އެ ގަހަށް "ބެއްލަޑޯނާ" ވެސް ކިޔައެވެ. މާނައަކީ ރީތި އަންހެނާއެވެ. މަނާރާ އެ ގަހަށް ކިޔަނީ ރަންކަމަނައެވެ.

ނިމުނީ