ނިޔަތް

ޝައްކުގެ ދުމައްޓަކަށް ލުހޭ ލޯބީގައި ނަފުރަތުގެ ދިލަޖެހޭނެއެވެ. ރައްޓެހިވެގެން އުޅުނުއިރު ނޭވަޔަކު ދެ ކޮޅު ޝާހިނާއަށް އެ ކަން ހަނދާންކޮށްދޭންޖެހެއެވެ. އަހަރެންގެ ދެވަނަ ލޯބިވެރިއެއް ނުހުރެއެވެ. އަހަރެންގެ ފޯނު ބައެއްފަހަރު އެންގޭޖުވެފައި ހުންނަނީ އަންހެންކުއްޖަކާ ވާހަކަދައްކާތީއެއް ނޫނެވެ. އަހަރެން ބުނަމެވެ. ޝާހިނާއަށް ތި ކަހަލަ ގޮތްގޮތަށް ތިޔަ ވިސްނެނީ އަހަންނަށް ޝައްކުކުރާތީއެވެ. ތި ވަރަށް ޝައްކުކުރަންޏާ އަހަރެންދެކެ ރުޅިއާދެވޭނެއެވެ. އަހަންނާ އެކުގައި އުޅެން ބޭނުމިއްޔާ ޝައްކުކުރުން ހުއްޓައިލާށެވެ. އެހެންނޫނީ އަހަރުމެން ޖެހޭނީ ވަކިވާށެވެ.


އަހަންނަށް ޝައްކުރުން ޝާހިނާ ހުއްޓައިލިއެވެ. ކީއްވެގެން ހެއްޔެވެ؟ އަހަރެން މަކަރުނަހަދާނެކަން ޝާހިނާއަށް ކަށަވަރުވީ ހެއްޔެވެ؟ އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. ޝަކުވާކުރުން ޝާހިނާ ހުއްޓައިލީ ޝާހިނާޔާ އަހަރެން ކައިވެނި ނުކޮށްފާނެތީއެވެ. އަހަންނަށް ގަބޫލުކުރަން އެންމެ ފަސޭހަ ގޮތަކީ އެއީއެވެ. އަހަންނަކީ ސަރުކާރުގެ މަތީ ވަޒީފާއެއް އަދާކުރާ މީހެކެވެ. އަހަރެންގެ އަތްމަތި ތަނަވަހެވެ. އަހަންނާ އިންނާނެ މީހުން ބައިވަރެވެ. ވީމާ ޝާހިނާ ބިރުގަތީ ހެއްޔެވެ؟ ވީހާ ވެސް އަވަހަކަށް އަހަރެން ވެރިކޮށްލަން ޝާހިނާ ބޭނުންވީ ހެއްޔެވެ؟

ޝާހިނާ ޝައްކުކުރުން ހުއްޓައިލުމުން އަހަރެން ކައިވެނިކުރީމެވެ. ދިރިއުޅުމެއް ފެށީމެވެ. އަހަންނާ ދޭތެރޭ ޝާހިނާ އެއްވެސް ވަރަކަށް ޝައްކުކުރާހެނެއް އަހަންނަކަށް ހިޔެއްނުވެއެވެ. ވަރަށް އަމާންކަމާއި އޮމާންކަމާ އެކުގައި ދުވަސްތައް ވެއަތުވިއެވެ.

އަހަރުމެންނަށް ދެ އަންހެން ދަރިން ލިބުނެވެ. ދަރިން ބޮޑެތިވެ، މީހުނާ ކައިވެނިކޮށްގެން ފިރިންގެ ގޭގެއަށް އެ ކުދިން ދިޔައެވެ. އަނެއްކާ ވެސް އަހަރުމެން ދެމަފިރިން އެކަނިވިއެވެ. އޭރު އަހަރުމެންގެ އުމުރުން ފަންސާސް އަހަރު ފުރިއްޖެއެވެ. ހަޔާތުގައި އަހަރުމެން ހާސިލުކުރަން ބޭނުންވި ލަނޑުދަނޑިތައް ހާސިލުވެ، މުހިންމު ޒިންމާތައް ވެސް އަދާކުރެވިއްޖެއެވެ. ހިތަށްއެރިއެވެ. އަހަރެން މި ދުނިޔެއިން ވަކިވެގެންދިޔުމަށް ފަހުގައި ވެސް އަހަރެންގެ ދަރިންނާއި، ކާފަދަރިންނަށް ވެސް ދޫކޮށްފައިދާނީ އަހަރެންގެ ރީތި ހަނދާންތަކެކެވެ.

ދިހަބުރިއަށް ހަދައިފައިވާ އަހަރެންގެ ގޭގެ ގިނަ ބައިތައް ހުންނަނީ ކުއްޔަށްދީފައެވެ. ކޮންމެ ފަންގިފިލައެއްގައި ދެ އެޕާޓުމަންޓު ހުރެއެވެ. އަހަރެންގެ އެޕާޓުމަންޓާ ޖެހިގެންހުންނަ އެޕާޓުމަންޓުގައި އުޅުނު މީހުން އެ ތަން ދޫކޮށްލުމުން ދެން އެ ތަން ހިފީ އަމިއްލަ ކުންފުންޏަކުންނެވެ. އެއްބަސްވުމުގައި ސޮއިކޮށް، ތަޅުދަނޑި ހަވާލުކުރިއިރު އިރުއޮއްސިއްޖެއެވެ. އަހަރެން ދިޔައީ މިސްކިތަށެވެ. ގެއަށް އައީ އިޝާނަމާދު ވެސް ނިންމައިފައެވެ. ލިފްޓަށް އަރައިފައި ފަސްވަނަ ފަންގިފިލައަށް މިސްރާބުޖެހީމެވެ. ލިފްޓުތެރޭގައި ވަރަށް މީރުވަހެއް ހުއްޓެވެ. ލިފްޓުން ނުކުމެފައި އަހަރެންގެ އެޕާޓުމަންޓާ ދިމާއަށް ހިނގައިގަތްއިރު އެޕާޓުމަންޓު ދޮރުމަތީގައި ކުރިން ނުދެކޭ އަންހެން ފައިވާނެއް ހުއްޓެވެ. އަހަރެން އެޕާޓުމަންޓުގެ ދޮރު ހުޅުވައިލި ވަގުތު އެތެރެއިން ވެސް އަހަންނަށް ދުވީ ކުރިން ދުވި މީރުވަހެވެ.

"އެއީ އަހަރެންގެ ފިރިމީހާ!" ޝާހިނާ ބުނިއަޑު އިވުނެވެ.

އަހަރެން ބަލައިލިއިރު ނުދަންނަ އަންހެންކުއްޖަކު ޝާހިނާ ގާތުގައި އިށީނދެގެން އަހަންނަށް ބަލަހައްޓައިގެން ހިނިތުންވެފައި އިނެވެ. ހީވަނީ ނޭޕާލު ހިސާބުގެ ކުއްޖެއްހެންނެވެ. ހިމަތޮޅި، ދޮން، އިސްކޮޅުން ދިގު ކުއްޖެކެވެ. އިސްތަށިގަނޑު ހުރީ ކޮނޑަށް ވުރެ ތަންކޮޅެއް ތިރިޔަށެވެ. މޭކަޕުކޮށްފައި ހުރިވަރުން ހީވަނީ ފިލްމެއްގެ މަންޒަރެއް ނިންމައިފައި އައިސް އިންހެންނެވެ. އޭނަ ލައިގެންހުރީ ޓީޝާޓަކާއި ވަރަށް ކުރު ސޯޓެކެވެ. މުޅި ތަނަށް ފެތުރިފައިވި މީރުވަހަކީ އޭނަ ޖަހައިގެންހުރި ސެންޓެއްގެ ވަހެވެ.

"ހައި!" ވަރަށް އެކުވެރި ރާގެއްގައި އޭނަ ބުންޏެވެ. "މީ ގީތޫ!"

އަހަރެން ވެސް އަހަރެންގެ ނަން ބުނީމެވެ. ސަލާންކޮށްލީމެވެ.

"ޖޫސްތައްޓެއް އެއްޗެއް ނުދެންތަ؟" ޝާހިނާއަށް ބަލައިލަމުން އަހަރެން ބުނީމެވެ. "ހުންނާނެއްނު އާފަލު ވެސް. ގެއަށް އަންނަ މެހެމާނުންނަށް ކަމޭހިތަންވާނެ. މިރޭ ނައިންގަދޯ ޝޮޕިންއަށް ނުކުންނާނީ؟"

އަހަރެން ދިޔަގޮތަށް ވަނީ ކޮޓަރިއަށެވެ. ހިތަށްއެރިއެވެ. އެއީ ޝާހިނާ ކިހިނެއް ހޯދި، ކޮން ރަށެއްގެ ކުއްޖެއްބާއެވެ؟ ޝާހިނާގެ ފަރާތުން ފަހުން ހުރިހާ ސުވާލެއްގެ ޖަވާބު ލިބުނެވެ. ގީތޫއަކީ ނޭޕާލު ރަށްވެއްސެކެވެ. ނަސާރާދީނުގެ ކުއްޖެކެވެ. އޭނަ ހުންނަނީ އަހަރެން އެންމެ ފަހުން ކުއްޔަށްދިން އެޕާޓުމަންޓުގައެވެ. ގީތޫއަކީ މޭކަޕްކޮށްދޭ ކުއްޖެކެވެ. އޭނަ މާލެއައީ މާލޭގައި އަލަށް ހުޅުވާ ބިއުޓީ ސެލޫނެއްގައި ވަޒީފާއަދާކުރުމަށް ޓަކައެވެ. ގެއަށް އައި ވަގުތު ސަރައްކާލިން ޝާހިނާއާ ދިމާވީއެވެ. ގީތޫ ހުންނަ އެޕާޓުމަންޓު އެނގުމުން ދެ މީހުންގެ އެކުވެރިކަން އިތުރަށް ބަދަހިވީއެވެ.

ގީތޫ ގޭގައިހުންނަ ވަގުތުކޮޅު ދޭތެރެދޭތެރެއިން ޝާހިނާއާ އަނގަތަޅައިލަން އާދެއެވެ. ގޭގައި ޝާހިނާ ކައްކާއެއްޗެހި ގީތޫއަށް ކާންދެއެވެ. އަހަންނާ ދިމާވެއްޖެއްޔާ އަހަންނާ ވެސް ގީތޫ ވާހަކަދައްކައެވެ. އަހަންނާއި ޝާހިނާއަކީ ކޮފީއަށް ވަރުހުންނަ މީހުންނެއް ނޫނެވެ. ގީތޫއަކީ ކޮފީއަށް މަރެކެވެ. އެހެންވެ، ގީތޫއަށް މީރުވާނެހެން ހީވާ ވައްތަރުގެ ކޮފީ ގޭގައި ބަހައްޓަމެވެ. ބައެއް ފަހަރު ކޮފީއެއް ބޯލަން ވެސް ގީތޫ އާދެއެވެ. ނޫޑުލިހާއި، ވެނީލާ އައިސްކިރިމާއި، ޕޮޓޭޓޯޗިޕްސްއަކީ ވެސް ގީތޫގެ ގާތް އެކުވެރިންނެވެ. އަހަރުމެން އެންމެ މަދުން ކާއެއްޗެއްސެވެ. އެ ވެސް ހުސްނުވާ ވަރަށް ގެނެސްފައި ބަހައްޓަމެވެ. ޝާހިނާ އެ ކަމާ އެއްޗެއް ނުބުނެއެވެ. މައްސަލައަކީ އެއީއެވެ. ޝާހިނާގެ ހިތުގައި ސުވާލު ނުއުފެދިއެއް ނުހުންނާނެއެވެ. ވީއިރު ސުވާލުތައް އެތެރެއަށް ހިންދައިލައިގެން ޝާހިނާ ހުންނަނީ ކީއްވެހެއްޔެވެ؟

އިރުއޮއްސޭ ވަގުތު ހާމަފެންޑާއަށް އެރުމަކީ އަހަންނާއި ޝާހިނާ ކުރާކަމެކެވެ. އިރުއޮއްސޭތާ ކުޑައިރުކޮޅެއް ފަހުން ގެތައް ދިއްލައިލައިފައިހުންނަ މަންޒަރު ދުރުން ފެންނައިރު ވަކީން ހިތްގައިމެވެ. ހާމަފެންޑާގައި ތިން ޖޯލީގެ ޖޯލިފައްޗެއް ހުރެއެވެ. ގީތޫ އައި ފަހުން ޝާހިނާ ގުޅައިގެން ގީތޫ ވެސް މައްޗަށް ގެނެއެވެ. ބައެއް ފަހަރު އަހަންނާ ޝާހިނާއާ ދެމެދުގައި ގީތޫ ބައިންދައެވެ. ގީތޫ އަންނަ ކޮންމެ ފަހަރަކު އަހަރެން ތިރިޔަށް ފައިބައި ޖޫސް ނުވަތަ ކޮފީ ގެންނަމެވެ. ކާނެ އެއްޗެއް ހުންނަ ފަހަރަކުވިއްޔާ އެ އެއްޗެއް ވެސް ގެންނަމެވެ. ގީތޫ އެ ކަންކަން ވަރަށް ފާހަގަކުރެއެވެ. އަހަރުމެން އެންމެން އެކުގައި ފޮޓޯނަގަމެވެ. ބައެއް ފަހަރު އަހަރުމެން ބައިތިއްބައިފައި ޝާހިނާ ތިރިޔަށް ފައިބައެވެ. ގީތޫއަކީ ވަރަށް އެކުވެރިކޮށްއުޅޭ ކުއްޖެކެވެ. ވާހަކަދައްކާއިރު އަހަރެންގެ އަތުގައި އަތްލުމާއި، އަހަރެންގެ ގަމީހުގައި ހަޑިކޮޅެއް ހުރިއްޔާ ފޮޅައިލަދިނުން ކަހަލަ ކަންކަމަކީ އާންމުކޮށް ގީތޫ ކުރާ ކަންކަމެވެ. އަހަރެން ކަމަކަށް ނަހަދަމެވެ.

ގީތޫ މޫދަށްއެރޭހިތުން އުޅެން ފެށުމުން އަހަރުމެން ތިން މީހުން ހުޅުމާލެއަށް ދިޔައީމެވެ. ރޭގަނޑު މަޑުކޮށްފައި އަންނަ ގޮތަށެވެ. އަހަރުމެން ތިބީ ދެ ކޮޓަރީގެ އެޕާޓުމަންޓެއްގައެވެ. އަހަރުމެންނަކީ ދުރު ބައެއްކަމަކަށް ގީތޫ ނުދެކެއެވެ. ރޭގަނޑު އަހަރެން ޓީވީބަލަން އިންދައި ގީތޫ ކޮޓަރިން ނުކުތީ ގައިގައި ތުވާލި އޮޅައިލައިގެންނެވެ. އަހަންނަށް ހިނިތުންވެލައިފައި، ކޮފީތަށްޓެއް ހަދައިލައިގެން ކޮޓަރިއަށް ވަންއިރު އެއީ ގީތޫއަށް ވަރަށް އާދައިގެކަމެއް ކަހަލައެވެ. ޝާހިނާއަކަށް އެ މަންޒަރެއް ނުފެނެއެވެ. ފަހުން ނިދާހެދުމުގައި އައިސް ޓީވީބަލަން އެތައްއިރަކު އިނެވެ. އެ ފަހަރު ޝާހިނާއަށް ވެސް ފެނުނެވެ. ކަމަކަށް ނަހަދައި ޝާހިނާއަށް އިނދެވުނީ ކީއްވެބާއޭ އަހަރެން ހިތަށްއެރިއެވެ. ދަތުރުގައި އެ ފަދަ ކިތަންމެ ކަމެއް ހިނގިއެވެ.

ޝާހިނާގެ މަންމަ ބަލިވެގެން މަންމަ ގޮވައިގެން ޝާހިނާ އިންޑިޔާއަށް ފުރިއެވެ. އަހަރެން އުޅުނީ އެކަންޏެވެ. ބައެއް ރޭރޭ ގީތޫ އާދެއެވެ. ރޭގަނޑު އެގާރަގަޑި ބައިވަންދެން އަހަންނާ އެކުގައި ޓީވީބަލަން އިނދެއެވެ. އަހަރެން ކޮފީހަދައިދެމެވެ. ކޮފީބޮއި ނިމުމުން ފެން ގެނެސްދެމެވެ. އެޕާޓުމަންޓު މާ ބޮޑަށް ފިނިގަދަވެގެން ގީތޫ ހީކަރުވައިފިއްޔާ ރަޖާއަޅައިދެމެވެ. ގީތޫގެ މައިންބަފައިންނާ ވާހަކަދެއްކޭނެ ގޮތެއް ނެތިގެން އުޅުމުން ވައިފައި ފާސްބަސް ދިނީމެވެ. އަހަރެން ހެޔޮކަމުން ގީތޫ ހުންނަނީ ހައިރާންވެފައެވެ. އެ ކަމާ ސުވާލުކުރެއެވެ. އެއީ އަހަރެންގެ މިޒާޖޭ ބުނެފައި ނިންމައިލަނީއެވެ. އޭގެ ފަހަތުގައި ބޭނުމެއް އޮތްކަމެއް ނާންގަމެވެ.

ދެ އަހަރު މާލޭގައި އުޅުމަށް ފަހު އެހެން ގައުމެއްގެ ވަޒީފާއަކަށް ގީތޫ ބަދަލުވިއެވެ. މާލެއިން ފުރަންޖެހުނެވެ. އަލުން ނާންނަގޮތަށެވެ. ފުރަންއޮތީ ދަންވަރުއެވެ. ކުރީބައިގައި ފޮށި ތައްޔާރުކުރުމަށްފަހު، ހަވީރުއްސުރެ ގީތޫ އުޅުނީ އަހަރުމެންގެ އެޕާޓުމަންޓުގައެވެ. ކެއީ ޝާހިނާ ކެއްކި އެއްޗެއްސެވެ. ފުރަންދަމުން ސަލާންކުރިއިރު ގީތޫ ހުރީ ފެންކަޅިވެފައެވެ. ޝާހިނާ ވެސް ހުރީ ފެންކަޅިވެފައެވެ. އަހަރެން ހުރީ ކަރުނަ ހިފާއްޓައިގެންނެވެ. އަހަރުމެން ހަދިޔާ ދިނީމެވެ. ގީތޫއަށް ޓަކައި ހެޔޮ ދުއާކުރީމެވެ.

ޖެހިގެންއައި ދުވަހު އަހަރުމެންނަށް ފެނުނީ ގީތޫގެ އެފްބީގައި އޮތް ފޮޓޯއެކެވެ. ފޮޓޯގައި ތިބީ އަހަރުމެން ތިން މީހުންނެވެ. އަހަރުމެންނަށް ޓެގުކޮށްފައި ގީތޫ ލިޔެފައިވާ ސުރުހީގައި އޮތެވެ.

"ގެއާ ވަރަށް ދުރުގައި ހުރި ގެ،" އޭގެ ތިރީގައި ލިޔެފައި އޮތެވެ. "ފުރަތަމަ ދުވަހުން ފެށިގެން ފަހު ދުވަހާ ހަމައަށް ވެސް، ތި ހިތްހެޔޮ އާއިލާއާ އެކުގައި އަހަރެން ހޭދަކުރީ އުފާވެރި ވަގުތުތަކެކެވެ. ތި އާއިލާ ތެރޭގަޔާއި އެހެން މީހުންނާ ދޭތެރޭގައި ތިޔަ ހިއްސާކުރަނީ ހާދަހާ މަތިވެރި ލޯތްބެކެވެ. ތި ހިތްގައިމު އާއިލާގެ އޯގާތެރިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބުނުކަމީ އަހަންނަށް ލިބުނު މަތިވެރި ޝަރަފެކެވެ. އޭގެ ބަދަލުގައި ޝުކުރުއަދާކުރަން ބޭނުންކުރާނެ ލަފުޒެއް އަހަންނަކަށް ނޭނގެއެވެ. އަހަންނަށް މަރުހަބާކިޔައި، ބެހެއްޓި މެހުމާންދާރީއަށް ފަށްފަށުން ޝުކުރިއްޔާއެވެ. އޭގެ ބަދަލެއް ދުވަހަކު ވެސް އަހަންނަކަށް ނުދެވޭނެއެވެ. އަމިއްލަ ގޭގައި އުޅެވުނުކަމުގެ އިހުސާސް އަހަންނަށް ކުރެވުނު ފަހަރުތަކުގެ އަދަދު ގުނޭ ވަރަށް ވުރެ މާ ގިނައެވެ. އަހަރުމެން ދެއްކި މަޖާ ވާހަކަތަކާއި، ގޭގައި އަހަންނަށް ތައްޔާރުކޮށްދިން ކެއުންތަކާއި، ބެހެއްޓި ގާތްކަމުގެ ސަބަބުން އަހަރެންގެ ހިތަށް ކުރެވުނު އުފާވެރި އިހުސާސް ބަޔާންކުރަން އަހަރެން ނުކުޅެދިފައިވަމެވެ. ޝުކުރުއަދާކުރަން ގުނާ އަދަދުނުކުރެވޭހާ ކަންތައް އެބަހުއްޓެވެ. އާއިލާއާ ނުލާހިކު ދުރުން އަހަންނަށް އާއިލާގެ ލޯތްބާ އެއްފަދަ ލޯތްބެއް ދިންކަމަށްޓަކާ އަހަރެން ކިތަންމެ ޝުކުރެއްއަދާކުރިޔަސް އެ ވަރު މަދުވާނެއެވެ. އެކަމަކު ބުނަމެވެ. ގެއާ ކިތަންމެ ދުރަސް ތިއީ އަހަރެންގެ ދެވަނަ އާއިލާއެވެ."

ގީތޫގެ ބައިވަރު އެކުވެރިން ލައިކުކޮށްފައި ހުއްޓެވެ. އަހަރެންގެ މަގުސަދު ހާސިލުވީއެވެ. އަހަރެން ސާބިތުކޮށްދޭން ބޭނުންވީ އެންމެ ކަމެކެވެ. އަހަރުމެން މުސްލިމުންނަކީ އެއްބައިވަންތަކަމާއި، އެހީތެރިކަމުގެ އަހުލުވެރިންނެވެ. އެ ކަމުގައި އެއްވެސް ދީނެއް ނުވަތަ ނަސްލެއް އަހަރުމެން ތަފާތެއް ނުކުރަމެވެ. އަހަރެންގެ ނިޔަތަކީ މުސްލިމުންގެ ހަގީގީ ސިފަ ދުނިޔެއަށް ހާމަކުރުމެވެ. އުންމަތަށް ޓަކައި ކޮންމެވެސް ކަމެއް ކޮށްދިނުމެވެ.

ނިމުނީ

ނޯޓް: މިއީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.