އެސްފިންނާ

އާދިއްތަ ދުވަހާ ގުޅޭ


ޓީޗަރު ދިރިއުޅޭ ގޭގައި އުޅޭ ކުއްޖާ ހުރިހާ ވަގުތަކު ވެސް އެ އުޅެނީ ކިލާހުގައެވެ. އަހަންނަށް ވިސްނުނު ގޮތުގައި ދެބެންގެ ތަފާތަކީ އެއީއެވެ. ހަގީގަތުގައި ޓިއުޝަނަށް ޚަރަދުކުރާނެ ފައިސާ އަހަރެން އަތުގައި ނެތީއެވެ.

ނަސީމަކީ މަހުމުސާރަވެރިޔެކެވެ. އަހަރެން ވެސް ކުރިން ވަޒީފާއަދާކުރީމެވެ. ކުދިން ލިބުނީމައި ނަސީމު ބޭނުންވީ ކުދީންނަށް ތަރުބިއްޔަތުދޭން އަހަރެން ގޭގައި ހުންނާށެވެ. އޭގެ ބަދަލުގައި ނަސީމު ދެގުނައަށް މަސައްކަތް އިތުރުކުރިއެވެ. އަރާމެއް ނެތި، އަމިއްލަ އުފާތައް ގުރުބާންކޮށްފައި އަނބިދަރީންނަށް ޓަކައި ފައިސާ ހޯދިއެވެ. ލިބޭ ލާރިން އެންމެ ރުފިޔާއެއް ވެސް ބޭކާރެއް ނުކުރެއެވެ. ވީއިރު ލީނާއަށް ހަތަރު މާކުސް އިތުރަށް ލިބިގެން ހަފީޒާގެ ހިތުގައި އަލިފާންރޯވާކަށް ނުޖެހެއެވެ. ހަފީޒާއަކީ ނަސީމުގެ އެއްބަޑުއެއްބަފާ ދައްތައެވެ. އެ ފަދަ މީހުންނަކީ އަނެކުންގެ އުފަލުގައި ބައިވެރިވާންޖެހޭ މީހުންނެވެ. ހެޔޮ ދުއާކޮށްދޭ މީހުންނެވެ.

ސީއެޗްއެސްއީއަށް ދެކުދިން ދިޔައީ އެއް އަހަރެއްގައެވެ. އެ އަހަރަކު ލީނާ އަކަށް ޓެސްޓެއް ނުހެދުނެވެ. ކިޔެވި ދުވަސްވަރު ހުރިހާ ކަމެއް ރަނގަޅެވެ. ޓެސްޓުހަދަން ލިޔަން އުޅެއުޅެ ގަލަމެއް ނުހިފޭއްޓުނެވެ. ފުރަތަމަ ކަރުދާސް ނިންމައިފައި ލީނާ ގެއަށް އައެވެ. ދެވަނަ ކަރުދާސް ފެށެނީ ތަންކޮޅެއް ފަހުންނެވެ. އާންމު ގޮތެއްގައި، ދެ ކަރުދާސް ދެމެދުގައި ލިބޭ ހުސްވަގުތުކޮޅުގައި ލީނާ ގެއަކަށް ނާދެއެވެ. ގެއަށް އަންނަންޖެހުނީ އަތުގައި ވަރުނެތިގެން ނުލިޔެވިގެންނެވެ. ލީނާ ގެއަށް އައިއިރު ސަނާޔާއަށް ގުރުއާން ކިޔަވައިދޭ ޒުބެއިދާ ގޭގައި އިނެވެ. އެއީ އަހަރެންގެ ނަސީބެވެ. ލީނާ އޭރު ހުރީ ވައަތުން ކަނާއަތުގައި ހިފަހައްޓައިގެންނެވެ. ލީނާގެ އަތަށް މައްސަލަޖެހިގެން އައިމަ ވެސް އެއީ ކީއްވެގެންކަމެއް އަހަންނަކަށް ނޭނގުނެވެ. ހަފީޒާ ދައްކާފައިހުރި ވާހަކަތަކާއި އެ ކަމާ ގުޅުވާކަށް އަހަރެން ހިތަކަށް ވެސް ނާރައެވެ.

"މި އަތް ހީވަނީ ނެތްހެން." ލީނާ ކަންބޮޑުވެފައި ބުންޏެވެ.

"ތި އަތުން ދޫކޮށްލަބަލަ!" ލީނާ ފެނިފައި ޒުބެއިދާ އެދުނެވެ.

"މި އަތުގަ ވާތްގެއް ނެތޭ!" ލީނާ އަނެއްކާ ވެސް ބުންޏެވެ. "އަހަރެން ލިޔަން ފެށިތަނާ މި އަތަށް މިހެން ވެއްޖެ. ދެން ނުވެސް ލިޔެވުނު."

ޒުބެއިދާ ބޭނުންވީ ލީނާގެ އަތުގައި އެއްޗެއް ލިޔާށެވެ. އަހަރެން އެކަމަށް ހުރަސްއެޅީމެވެ. ލީނާގެ އަތުގައި ލިޔެފައިހުރިތަން ފެނިއްޖެއްޔާ އިމްތިހާން ހޯލަށް ނުވައްދަފާނެތީއެވެ. ކޮޕީކުރާކަމަށް ތުހުމަތުކޮށްފާނެތީއެވެ.

"ބާލިދީއަކަށް ފެންއަޅައިގެން ގެނެސްބަލަ!" ޒުބެއިދާ އެދުނެވެ. "ކަރުދާސްގަނޑެއް ވެސް ގެނެސްދީ!"

އަަހަރެން އެ ސާމާނު ގެނެސްދިނުމުން ކަރުދާސްގަނޑުގައި ޒުބެއިދާ ލިޔަން ފެށިއެވެ. ލިޔުނީ ޤުރުއާނުގެ އާޔަތްތަކެކެވެ.

"ބާލިދީ ކައިރީގައި ބަހައްޓައިގެން އެ ފެނަށް ކިޔަވާ!" ކަރުދާސްގަނޑު ދެމުން ޒުބެއިދާ ބުންޏެވެ. "ކިޔަވާފަ އެ ފެނުން ދަރިފުޅު ފެންވަރުވާ."

ނަސީމު ގެއަކު ނެތެވެ. ކުޑައިރެއްކޮޅެއް ފަހުން ލީނާގެ ދެވަނަ ކަރުދާސް ފެށޭނެއެވެ. ގޮތެއް ނިންމަން އަަހަންނަށް ލިބުނީ ފަޅި ސިކުންތެކެވެ. ހިތަށްއެރިއެވެ. ފެންކިޔަވައިފައި އަޅައިގެން ޔަގީނުން ވެސް ގޯހެއް ނުވާނެއެވެ. ވަގުތު ލީނާ ގޮވައިގެން ގޮސް ބޮލަށް ފެންއެޅީމެވެ. ފެންވަރުވާ ނިމުނުއިރު ލީނާއަށް ކުޑަކޮށް ލުއިވެއްޖެއެވެ. ކަނާއަތުން އަހަރެންގެ އަތުގައި ބާރަށް ހިފެން ފެށިއެވެ.

"ދެން ތެޔޮފޮދަކަށް ވެސް ކިޔަވާފަ އެ ތެޔޮ ވެސް އަތުގަ އުނގުޅާ!" ޒުބެއިދާ އެދުނެވެ.

އަހަރެން އެކަން ވެސް ކުރީމެވެ. ލީނާ އިސްކޫލަށް ފޮނުވިއިރު އަހަރެންގެ މޭ ވަރަށް ބާރަށް ތެޅެއެވެ. ހިތަށްއެރިއެވެ. އިސްކޫލުގައި ހުއްޓާ ދެން އެހެން ވެއްޖެ ނަމަ ޓެސްޓު ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

"އަސްލު ކިހިނެއް އެވީ؟" ލީނާ ދިޔުމުން އަހަރެން ޒުބެއިދާޔާ ސުވާލުކުރީމެވެ.

"އެސްފީނާ ޖެހިފަ އެހެރީ." ޒުބެއިދާ ބުންޏެވެ. "އޭނަ ދެކެ ކާކު އެހާ ރުޅިއަންނަނީ؟"

"އެންމެ މީހަކު ހުންނާނީ،" އަހަރެން ވިސްނާލައިފައި ބުނީމެވެ. "އެއީ ނަސީމުގެ ދޮންތަ. އޭނަ ބުނި އަހަންނަކީ ދެ ދުނިޔޭގެ ވެސް ހަތުރެކޭ."

"ކިހިނެއްވެގެން؟ އޭނައަށް ކީއްކުރީ؟" ޒުބެއިދާ އެހިއެވެ.

"އަހަންނެއް ކަމެއް ނުކުރަން. އޭނަގެ ދަރިފުޅާ އަހަރެންގެ ދަރިފުޅާ އެއްކޮށް އޯލެވެލް ހެދީ. ހަދައިގެން އޭނަގެ ދަރިފުޅަށް ހަތަރު މާކްސް އުނިވީ."

"އެހެރީ ދޯ ގާތްތިމާގެ މީހުންގެ ވެސް ހުންނަ ހިތްނުބައިކަން." ޒުބެއިދާ ބުންޏެވެ.

ނަސީބަކުން ލީނާއަށް ޓެސްޓުހެދުނެވެ. ނަސީމު ގެއަށް އައުމުން އަހަރެން އެ ވާހަކަ ބުނީމެވެ. ޒުބެއިދާ ދެއްކި ވާހަކަ ވެސް ހިއްސާކުރީމެވެ.

"އެހެރީ މީހުން ކުރާ ކަހަލަ ކަންތަކެއް ނޫނެއްނު! އެއްބަޑުއެއްބަފާ މީހުން ވިއްޔަ،" އަހަރެން ބުނީމެވެ. "އަޅެ ލީނާގެ ދުވަހެއްނު އެ ދުއްވާލީ!"

"ދެން ކީއްކުރާނީ؟" ގޮތްހުސްވެފައިވާ މީހަކު ބުނާހެން ނަސީމު ބުންޏެވެ. "އެނގޭނެއްނު އެއީ ދޮންތަގެ ވައްތަރުކަން."

"އަހަންނަކަށް ނޭނގެ އެއީ ދޮންތަގެ ވައްތަރުކަމެއް،" އަހަރެން ބުނީމެވެ. "އަދިކިރިޔާ މި އެނގުނީ."

"ތި އަދި ނޭނގެއެއްނު ތެދެއްކަމެއް ވެސް. މީހަކު ދައްކާހާ ވާހަކައެއް ނުވާނެ ގަބޫލުކުރާކަށް. ޑޮކްޓަރަށް ދައްކަން ހިނގާ!" ނަސީމު އެދުނެވެ. "އެއްވެސް ކަމަކަށް ނުވެވެސް ހިނގައިދާނެ."

ލީނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީމެވެ. ޑަކުޓަރު ބުނި ގޮތުގައި ލީނާގެ އަތަކު އެއްވެސް މައްސަލައެއް ނެތެވެ.

"މާގިނައިން ލިޔުނީމަ އަތް ވާޅުވީކަމަށް ވެދާނެ،" ވަަރަށް ހަމަޖެހިލައިފައި ޑަކުޓަރު ބުންޏެވެ. "ފިޒިޔޯހަދަން އަހަންނަށް ފެންނަނީ."

"ކޮބާ!" ނަސީމު ވެސް ޑަކުޓަރު ބުނި ރާގުގައި ބުންޏެވެ. "އަހަރެން ބުނީމެއްނު."

ފިޒިޔޯހަދަން ތިން މަސްދުވަހު ލީނާ ގެންދިޔައީމެވެ. ކުޑަކޮށް ލުއިވެއެވެ. އަތް މުޅީން ރަނގަޅެއް ނުވިއެވެ. ކިލާހުގެ ވެސް އެއްވެސް ޓެސްޓެއްހަދަން ފަށާއިރަށް އަތުގައި ރިއްސަން ފަށައެވެ. ކުރިޔަށް ވުރެ ދެގުނަ ހިތްވަރުލައިގެން ނޫނީ ގަލަމެއް ނުހިފޭއްޓެއެވެ. ލީނާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ލީނާގެ ސިކުނޑީގައި ކުޑަ އުނިކަމެއް ހުންނަން ފެށިއެވެ. ކުރިން ލީނާއަކީ ޖެހިލުންކުޑަ، މުރާލި ކުއްޖެކެވެ. އޭނަގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑެވެ. އެކަމަކު ލީނާއަކީ ވަރަށް ފަސޭހައިން ބިރުގަންނަ ކުއްޖަކަށް ބަދަލުވިއެވެ. ކަންކަމުގައި އިސްނަގަން ނުކުރެން ފެށިއެވެ. ލީނާ ކުރިމަތިލީ އޭލެވެލް އިމްތިހާނާއެވެ. ހަޔާތުގެ ކޮންމެ ދުވަހަކީ އަހަންނަށް ކުރިމަތިވި ވަރުގަދަ އިމްތިހާނެކެވެ.

ކުރިޔަށް ވުރެ ދެގުނަ އިތުރަށް އަހަރެން މަސައްކަތް ފެށީމެވެ. ފައިސާހޯދަނީ ނަސީމެވެ. ހުރިހާ ކަމެއްގައި ނަސީމުގެ އެހީތެރިކަން އޮވެއެވެ. އަހަންނަކީ ދަރިފުޅުގެ ޓީޗަރެވެ. މަންމައެވެ. ނަފުސާނީ މާހިރެވެ. އެންމެ ގާތް އެކުވެރިޔާއެވެ. ލީނާއަށް ކިޔަވައިދޭން އަހަރެން ކުރި މަސައްކަތް އެންމެ ރަނގަޅަށް އެނގޭނެ ފަރާތަކީ ހުރިހާ ކަމެއް ވެސް މޮޅަށް ދެނެވޮޑިގެންވާ، ގަދަ ކީރިތިވަންތަ ﷲ އެވެ. އަހަރެންގެ ދަރިފުޅު ކިޔެވިޔަނުދޭން ހަފީޒާ ކުރި ހުރިހާ ކަމެއްގެ ބަދަލު ހަފީޒާއަށް ދެއްވާނީ ވެސް ހަމަ އެ ފަރާތުންނެވެ. އަހަރެން ބަދަލެއްނުހިފަމެވެ. ބަދުދުއާއެއް ނުކުރަމެވެ. އެކަމަކު ހިތްދަތިނުވެއޭ ބުނެފި ނަމަ އެވާނީ ދޮގަކަށެވެ. ވަރަށް ދެރަވިއެވެ. އެކަނި އިނދެ ކިތަންމެ ރެޔަކު ރުއީމެވެ. އަހަރެންގެ ލޯބިވާ ދަރިފުޅުގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ އަހަންނަށް އެނގެއެވެ. ލީނާގެ މުސްތަގުބަލު ކުރިން އޮތީ އަމާން، އޮމާން ސީދާ މަގެއްހެންނެވެ. އެ މަގު ކަތި ހަރުގަނޑަކަށް ބަދަލުވެއްޖެއެވެ. ކޮންމެ ހަރުފަތަކުން ލީނާއަށް ގޮންޖެހުންތައް ކުރިމަތިވާނެއެވެ. އެފަކީރުގެ ދިރިއުޅުމަށް ކުރިމަތިވި ތޫފާނުގެ ސަބަބުން އުންމީދުގެ ރިޔާތައް ވީދިއްޖެއެވެ. ބައްތެލި މަޑުޖެހިއްޖެއެވެ. އެކަމަކު އަހަރެން ގުރުބާންކުރި ނިންޖާއި، އަރާމާއި، އުފަލުގެ ބަދަލު އަހަންނަށް ﷲ ދެއްވިއެވެ. ކެތްތެރިކަމުގެ އުޖޫރައަކީ އެއީއެވެ.

އަތްތިލަބަޑިން ހޯލުގެ ހިމޭންކަން ފޫދުއްވައިލި އަޑަށް އަހަރެން ޚިޔާލުން އެނބުރިއައީމެވެ. އިސްއުފުލައިލީމެވެ. ބެރުތަކުގެ އަޑުން ގުގުމަމުން، ދިދަތައް ވިހުރުވަމުން، ދުންމާރިތައް ފުމެމުން އެހެރަ ގެންދަނީ އަހަރެންގެ ލޯބިވާ ދަރިފުޅު ލީނާއެވެ. އޭލެވެލްއިން އޭނަ ހިމެނުނީ މުޅި ދުނިޔެއިން އެއްވަނަ ހޯދި ދަރިވަރުންގެ ލިސްޓުގައެވެ. އަހަރެންގެ ކަރުނައެއް ނުހިފޭއްޓުނެވެ. ސާބިތުކަމާ އެކުގައި ހަރުފަތްތަކަށް ލީނާ އެރިއިރު ހޯލުގައި ތިބި އެންމެނަށް ފެންނާނީ ލީނާގެ ލުއިލުއި ހިނިތުންވުމެވެ. އޭނަގެ ފެންކަޅިވެފައިވާ ދެ ލޯ އަަހަރެން ދުށީމެވެ. މަޑު ތުރުތުރެއް ހުންނަ ލީނާގެ އަތް ވެސް އަހަރެން ދުށީމެވެ. މީ މަންމައެއްގެ ތޫނު ދެ ލޮލެވެ. ސާބިތުކަމާ އެކުގައި ލީނާ ގޮސް އިސްޓޭޖުގެ މެދުގައި ހުއްޓުނެވެ. ހިތަށްއެރިއެވެ. ހަޅޭއްލަވައިގެންފައި ބުނެފާނަމެވެ. ﷲ އަކްބަރެވެ. އެންމެން ރަނގަޅަށް ބަލާށެވެ. އެހެރީ އަހަރެންގެ ދަރިފުޅެވެ.

"އަޅުގަނޑު އިނާމު ބޭނުންވަނީ އަޅުގަނޑު މަންމަގެ އަތުން،" ލީނާ ބުނި އަޑު އަހަންނަށް އިވުނެވެ. "މަންމާ!"

އަހަރެން އިނީ ތެދުވަން ނޭނގިފައެވެ. ގާތުގައި އިން ފިރިމީހާ އަހަންނަށް ހިތްވަރުދިނެވެ. އިސްކޫލުގެ ފަރާތުން މީހުން އައިސް އަހަންނަށް ދައުވަތުދިނެވެ. ދެއަތުން ކަރުނަ ފުހެލައިފައި އަހަރެން ތެދުވީމެވެ. މުޅި ހޯލު އަތްތިލަބަޑިން ގުގުމައިލިއެވެ. އެހެން ކަމަކަށް އަހަންނަކަށް ނުވިސްނުނެެވެ. އަހަންނަށް ހަމައެކަނި ވިސްނުނީ އަހަންނާއި އަހަރެންގެ ދަރިފުޅާ ދެމެދުގައި ހުރި ދުރުމިނަށެވެ. ކޮންމެ ފިޔަވަޅަކުން އަހަރެންގެ ހަނދާންތައް އާކުރުވިއެވެ. ފިޒިއޮތެރަޕީހަދަން ދަރިފުޅު ގޮވައިގެން ދިޔަ ދުވަސްތަކެވެ. ދަރިފުޅު އަތުގައި ތެޔޮއުނގުޅި ދުވަސްތަކެވެ. ދަރިފުޅުގެ ކަރުނަ ފުހެދެމުން އަހަރެންގެ ކަރުނަ ފުހުނު ދުވަސްތަކެވެ. ނުނިދިފައި އަހަރެން އޮތް ރޭތަކެވެ. ވަރުބަލިވެގެން ގޮސް ހަކަތަ ހުސްވެފައިވާއިރު ވެސް ދަރިފުޅަށް ހިތްވަރުދޭން ހޭދަކުރި ވަގުތުތަކެވެ. ދަރިފުޅަށް ޓަކައި އަހަރެން ކުރި ދުޢާތަކެވެ. ދެންނެވި އާދޭސްތަކެވެ. ޖެހި ސަޖިދަތަކެވެ. ހިފި ރޯދަތަކެވެ. އަހަރެން ހުރީ ވަރަށް ހިތްވަރުކޮށްގެންނެވެ. އެކަމަކު އިސްޓޭޖަށް އެރިއިރު އަހަންނަކަށް ކަރުނައެއް ނުހިފޭއްޓެއެވެ. ކެމެރާތަކަށް އަހަރެންގެ ދެ ލޯ ފެނުމާއެކު އެ ތަނުގައި ހުރި ބޮޑު އިސްކިރީނުން ދުނިޔެއަށް އެ ސިއްރު ހާމަކޮށްދިނެވެ. މަންމަގެ ކަރުނައިގެ މާނަ އެންމެން ދަނެގަތެވެ. އެންމެން އެކުގައި ކޮޅަށް ތެދުވިއެވެ. އަހަރެންގެ ކަޅި ސީދާވެފައި ހުރީ އަހަރެންގެ ދަރިފުޅަށެވެ. އަހަރެންގެ ލޮލުގެ ފިނިކަމަށެވެ. ދަރިފުޅަށް އިނާމުދިނީ އަހަންނެވެ.

"މީ އަހަރެންގެ މަންމަ،" މައިކު ދިއްކޮށްލުމުން ލީނާ ބުންޏެވެ. "މި އިނާމުގެ އަސްލު ހައްގުވެރިޔާ!"

ތަސްލީމާ ވެސް ގަދަ ދިހައެއްގައި ހިމެނުނެވެ. އެކަމަކު އެއްވަނަ ދަރަޖަޔަކު ނޫނެވެ. އޭގެ ބަދަލު ހަފީޒާ ހިފާނީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގެއެވެ. މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ނިމުނީ