އަހަރެން މަށަށް ގެއްލިފައި

ބުދަ ދުވަހާ ގުޅޭ


އާސިމްގެ އަނދިރި ފަރާތެއް އޮވެދާނެބާއެވެ؟ ނޫނީ އަހަރެންގެ ޝައްކުބަލި ބޮޑީބާއެވެ؟ ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނެއެވެ. އަހަރެން ކުރިން ކައިވެނިކުރި ދެ ފިރިހެނުންނާ ހިލާފަށް އާސިމްގެ ހަގީގަތް ހުރީ ފެންނާށެވެ. އޭނައަކީ މަޝްހޫރު މީހެކެވެ. މަޝްހޫރު މީހުންގެ ވިޔާނުދާ ސިފަތައް ވެސް އެ މީހަކާ އެކުގައި މަޝްހޫރުވާނެއެވެ. އެކަމަކު ކޮންމެ ފަހަރަކު ވެސް އަހަރެންގެ ހިތަށްއަރައެވެ. އާސިމްގެ ދެ ކައިވެނި ނާކާމިޔާބުވީ ކީއްވެގެން ހެއްޔެވެ؟ އަހަރެން އަޑުއެހި ގޮތުގައި އާސިމް ކައިވެނިކުރި ދެ އަންހެނުންނަކީ ވެސް ހިލޭފިރިހެނުން ގެންގުޅޭ މީހުންނެވެ. މައްސަލައަކީ އެއީއެވެ. އަހަންނަށް މައްސަލައަކީ ސަބަބު ކަށަވަރު ނުކުރެވޭތީއެވެ. އެ ސުވާލު އެހޭކަށް ނެތެވެ. އާސިމް ވެސް އަހަންނާ އެ ސުވާލު ނުކުރާތީއެވެ.

އަހަރުމެންގެ ގުޅުމަށް އެކުވެރިކަމުގެ ތާޒާ ވައިޖެހެމުން ދިޔައިރު، ތަންކޮޅެއް ގާތުން އާސިމް ދަސްކުރުމުގެ މަގު އަހަންނަށް ފަހިވިއެވެ. އާސިމަކީ އަންހެނުންނަށް އިހުތިރާމުކުރާ މީހެކެވެ. ހެދުންއެޅުމާއި ކާމޭޒުމަތީގެ އަދަބުތައް އާސިމަށް އެނގެއެވެ. އަހަރެން ހެއްވާލަން އެނގެއެވެ. ގަޑިއަށް ވަރަށް ފަރުވާތެރިއެވެ. އެހެން މީހުންގެ ވަގުތަށް ކަމޭހިތައެވެ. މުހުތާދު ޖެހިގެން އަންނަ މީހުންނަށް އެހީފޯރުވައެވެ. މައިންބަފައިން ދެކެ ލޯބިވެއެވެ. އެއީ އާސިމްގެ ރީތި އަދަބުތަކުގެ ތެރެއިން މަދު މިންވަރެކެވެ. އޭގެ އިތުރަށް، އަހަރެންގެ ކުދިކުދި ހަރަކާތްތައް އާސިމް ނިކަން ބަރާބަރަށް ތަރުޖަމާކުރެއެވެ. ބައެއް ފަހަރު ބިރުގަންނަ ވަރަށެވެ.

"އަހަންނަށް ހީވަނީ ދެ މީހުންނާ މެރީކޮށްގެން އަހަންނަށް ނޫޅެވުނު ރީޒަން ނާނާ އެނގެން ބޭނުންވޭހެން،" އެއީ ހަމަ އެހެން އިނދެލައިފައި އަހަރެންގެ މޫނަށް ބަލައިލައިފައި އާސިމް ބުނެލި އެއްޗެކެވެ. "ރަނގަޅަށްތަ މި ހީވީ؟"

އާސިމަށް ހީވީ ރަނގަޅަށެވެ. އެކަމަކު އަހަރެން އެއްބަހެއް ނުވަމެވެ.

"މި ފަހަރު ދިމައެއް ނުވި!" އަހަރެން ސަމާސާ ރާގަކަށް ބުނީމެވެ. "އަހަރުމެންނަކީ ޖަސްޓް ފްރެންޑްސް. އެހެންވެ އަހަރެން ނުޖެހޭ ތި ކަމާ ވިސްނާކަށް ވެސް."

"ކޮން އިރަކުން އަހަރުމެން އެ ކަމާ ވިސްނަނީ؟" އާސިމް އެހިއެވެ. "ނާނާ ބޭނުމިއްޔާ މިހެން ވެސް ތިބެވިދާނެ. އަހަރެން ބޭނުމެއް ނޫން އަހަރުމެންގެ ގުޅުންކެނޑޭކަށް. އެކަމަކު ފްރެންޑަކަށް ވުރެ އަހަރުމެން ކްލޯސް. ނޫންތަ؟"

"ތިއުޅެނީ އަހަރެން ދެކެ ލޯބިވާ ވާހަކަ ބުނަން ނުކެރިގެންތަ؟" އަހަރެން އިސްނަގައި އެހީމެވެ.

އާސިމަށް ލިބުނީ ޝޮކެކެވެ. ކުޑަކޮށް ރަކިވިހެން ވެސް އަހަންނަށް ހީވިއެވެ. ލޯތްބަކީ ސުވިޗެއް ނޫނެވެ. އެއީ ދަތުރެކެވެ. ލޯބިވާ ވާހަކަ ބުނަން ނުކެރިގެން ވެސް އުޅެންޖެހެއެވެ. އެއީ ލޯބީގެ އެއް މަރުހަލާއެވެ. ލޯބި ހުށައަޅަންޖެހެއެވެ. ގަބޫލުކުރަން މުއްދަތެއް ނަގަންޖެހެއެވެ. އެ މުއްދަތުގައި ހިތްއަވަސްވާން ޖެހެއެވެ. ނިދިނަގާލަން ޖެހެއެވެ. އެއަށް ފަހު ލޯބި ގަބޫލުކުރަންޖެހެއެވެ. ލޯބިވެރިންގެ ގޮތުގައި ދެމިތިބެން ޖެހެއެވެ. ކައިވެނިކުރަން ޖެހެއެވެ. ދެން ވެސް ލޯތްބަކަށް ނިމުމެއް ނާންނާނެއެވެ. މަރުވަންދެން އެކުގައި އުޅެންޖެހެއެވެ. ލޯތްބަކީ މަންޒިލެއް ވެސް ނޫނެވެ. އެއީ ހަމަ ދަތުރެކެވެ. ކުއްލިއަކަށް މަގު ކުރުކޮށްލައިފައި އަހަރެން ދަތުރުން ބައެއް އުނިކޮށްލީމައި އާސިމް ހުއްޓުންއެރީއެވެ.

"ތި ދިނީ ވަރުގަދަ ސަޕްރައިޒެއް!" ފުން ނޭވައެއް ބޭރުކޮށްލައިފައި އާސިމް ބުންޏެވެ. "އަހަރެން ވެސް ދޭނީ ސަޕްރައިޒެއް. ތިއުޅެނީ އިންނާށޭ ބުނަން ނުކެރިގެންތަ؟"

އަހަރުމެންގެ އެކުވެރިކަން ކައިވެންޏަށް ދަތުރުކުރި ގޮތަކީ އެއީއެވެ. ލޯބި އޮތީ ދެ މީހުންގެ ވެސް ހިތުގައެވެ. ދޮންވެ ފައްކާވީ ވެސް ހިތު ތެރޭގައެވެ. ލޯބީގެ ރަހަ އަހަރުމެން ބެލީ ވަކިވަކީންނެވެ. އެކުވެރިންގެ ގޮތުގައި ބައްދަލުވެ އުޅުނަސް އަހަންނަކަށް ލޯބި އުންޏެއް ނުވެއެވެ. އަހަރުމެން އުޅުނީ ހުވަފެނީ ދުނިޔެއެއްގައެވެ. އެކަކުއަނެކަކަށް އަހަރުމެން ބެލީ ލޯބިންނެވެ. ވާހަކަދެއްކީ ލޯބިވެރިންގެ ގޮތުގައެވެ. އެކަމަކު ލޯބީގެ ވާހަކައެއް އަހަރުމެންނަކަށް ނުދެއްކެއެވެ. އެ މަރުހަލާ ގެއްލުނެވެ. އާސިމް ގެއްލޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އާސިމަކީ ވަރަށް ފުރިހަމަ އިންސާނެކެވެ. އެ ފަދަ މީހަކާ އިނދެގެން ދެ އަންހެނުންނަށް ނޫޅެވުނީ ކީއްވެގެން ހެއްޔެވެ؟

ކައިވެނީގެ ތާރީހު ކައިރިވަމުން އައިއިރު، ޖަވާބުދޭން ދަތިވާހާ ގިނައިން އާސިމް ފޯނުކުރެއެވެ. އެއީ ރަތް ސިގުނަލެއް ކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ. މެސެޖުތައް ފުލުފުލުގައި އާދެއެވެ. އިރުއިރުކޮޅާ ގެއަށް އާދެއެވެ. ކޮންމެ ރެޔަކު ދެ މީހުން އެކުގައި ކޮންމެވެސް ތާކަށް ދާންޖެހެއެވެ. އަހަރެން ހީކުރީ އެއީ ފެހި ސިގުނަލެއް ކަމަށެވެ. އަހަރެން ވާންޖެހޭނީ އުފާކަމަށެވެ. އާސިމްގެ އެ މިޒާޖުން ދޭހަކޮށްދެނީ އަހަރެން ދެކެ އާސިމް ވާ ލޯބިކަމަށެވެ. އަހަންނަށް އާސިމް ދޭ ސަމާލުކަމާއި، އަހަންނާ ނުލައި އުޅެން އާސިމަށް ދަތިވާ މިންވަރުކަމަށެވެ. ލޯތްބަކީ ތަނަވަސް ބެންކު އެކައުންޓެއް ކަހަލަ އެއްޗެކެވެ. ލިބޭ މިންވަރު ގިނަވެގެން އެކަކު ވެސް ޝަކުވާއެއް ނުކުރާނެއެވެ. އޭރު އަހަންނަށް ވިސްނައިލެވުނު ނަމައެވެ.

އާސިމް އުޅޭ ގޮތަކަށް އަހަންނެއް ނޫޅެމެވެ. އިރުއިރުކޮޅާ ދިގު ކޯލުތަކެއް ނުކުރަމެވެ. ދައްކާނެ އެހާ ގިނަ ވާހަކައެއް ނުހުރެއެވެ. އަމުދުން ލަވައިގެ ތަންތަންކޮޅު ލިޔެފައި މެސެޖުފޮނުވަން އަހަންނަކަށް ވަގުތެއް ނޯވެއެވެ. އެ ކަމާ އާސިމް ޝަކުވާކުރި ދުވަހު އެއީ ބޮޑުކަމަކަށް އަހަންނަށް ނެހެދުނީ ކީއްވެގެން ހެއްޔެވެ؟ ކައިވެނީގެ ފަހުން އެ "ބަލިގަނޑު" ހިލޭނެކަން ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟

ކޮންމެ ރެޔަކު އަހަރުމެން ދެ މީހުން ބައްދަލުކުރަން އާސިމް ބޭނުންވެއެވެ. އެހާ ގިނައިން ބައްދަލުކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އޭގެ އިތުރަށް، އިރުއިރުކޮޅާ އާސިމް ގެއަށް އާދެއެވެ. އެތައް ފޯނުކޯލެކެވެ. އެތައް މެސެޖެކެވެ. ރޭގަނޑު ބައްދަލުވެއެވެ. އިރުއިރުކޮޅާ އާދެއެވެ. އެ ވަރުވީމައި އަހަންނަށް އުނދަގޫވެއެވެ. އެ ހަގީގަތް ވެސް އަހަރެން ފޮރުވީއެވެ. އުނދަގޫވޭހޭ އާސިމް އެހީމައި އަހަރެން އިންކާރު ވެސް ކުރީމެވެ. އެ ފަދަ ކިތަން ކަންތަކާ އާސިމް ވެސް އިންކާރުކުރާނެ ހެއްޔެވެ؟ އޮޅުވައިލާނެ ހެއްޔެވެ؟ އަނެކާގެ ރުހުންހޯދުމަށް ޓަކައި ދޮގުހެދުމަކީ އިންސާނުން ދެވިހިފައިފައިވާ އާދައެކެވެ. ކޮންމެ މީހަކަށް ވެސް ހީކުރެވެނީ އަނެކާއަށް އެ ކަން ނޭނގޭނެ ކަމަށެވެ.

އުނި ސިފައެއް ނެތް، ދޮގުނަހަދާ އިންސާނުން އުޅޭ ހެއްޔެވެ؟ އާސިމްގެ ދެ ކައިވެނި ރޫޅުނު ސަބަބު އަހަރެން އެނގެން ބޭނުންވިއެވެ. އެކަމަކު އާސިމް އެ ސުވާލުކުރުމުން އަހަރެން އެއްބަސްވި ހެއްޔެވެ؟ އަހަރެން ހެދީ ދޮގެއްކަން އާސިމަށް ނޭނގުނުއިރު އާސިމް ހަދާ ދޮގު އަހަންނަށް އެނގޭނެ ހެއްޔެވެ؟ ހަގީގަތުގައި ފިރިހެނުން ކުޅަދާނައީއެވެ. ނުވަތަ އާސިމް މާ ކުޅަދާނައީއެވެ. އުނި ސިފަތައް ރަންދުކުރަން އާސިމް ބޭނުންކުރާ އުކުޅުތައް މޮޅީއެވެ.

ހިލޭފިރިހެނަކާއި އަންހެނަކު އެހެން މީހުންނާ އެކަހެރިކޮށް ބައްދަލު ނުކުރަން އަންގަވާފައި އޮންނަނީ ހިކުމަތްތެރި ސަބަބަކަށް ޓަކައެވެ. އެ ފަދަ ދެ މީހަކު ކުރާނެ ކަންތަކާއި ދައްކާނެ ވާހަކަ ދަނެގަންނާކަށް ސައިންސްވެރިޔަކަށް ވާކަށް ނުޖެހެއެވެ. އެ ތަޖުރިބާ އަހަރެން ދެ ފަހަރަށް ކޮށްފީމެވެ. އާސިމް ބޭނުން ނަމަ އަހަރެން ލައްވާ ކިތަންމެ ކަމެއް ކުރެވުނީހެވެ. ކުރާހިތުން އަހަރެން ކޮށްދިނީމުހެވެ. އެކަމަކު އާސިމް ތަފާތެވެ. އޭނަ ސާބިތުކޮށްދިނީ އޭނައަކީ އެހެން ފިރިހެނުން ކަހަލަ ފިރިހެނެއް ނޫންކަމެވެ. އެއީ، ދުރާލާ އާސިމް ކުޅެލި މޮޅު ކުޅިއެކެވެ. ކުރިލިބުނީ އަހަންނަށެވެ. އެކަމަކު ކާމިޔާބު ހޯދީ އާސިމެވެ.

އަހަރުމެންގެ ކޮންމެ ބައްދަލުވުމެއްގައި ވެސް އާސިމް ހަމައެކަނި ކުރާކަމަކީ ވާހަކަދެއްކުމެވެ. އަހަރެންގެ އާއިލާގެ ވާހަކައެވެ. އަހަރެންގެ ކުޑައިރުގެ ވާހަކައެވެ. އާސިމް އަބަދުވެސް ބޭނުންވާނީ އަހަރެންނާ ބެހޭ ކަންކަން އޮޅުންފިލުވާށެވެ. އޭނަ ގިނައިރު އިންނާނީ އަޑުއަހާށެވެ. އާސިމަކީ މަދުން ވާހަކަދައްކާ ގިނައިން އަޑުއަހާ މީހެކެވެ. ވާހަކަދައްކާނީ އަހަރެންނެވެ. ތިމާގެ ވާހަކަ އަޑުއަހާނެ ކަންފަތަކާއި، ވަރުބަލިވުމުން ބޯއަޅާލާނެ އުނގެއް ކޮންމެ އަންހެނަކު ވެސް ބޭނުންވެއެވެ. ކުރިން އަހަންނަކަށް އެ ކަހަލަ މީހަކާ ދިމައެއް ނުވެއެވެ. މުޅީން ވެސް ދިމާވަނީ ކުރިމަރާ މީހުންނެވެ. އަހަރެން ދައްކާ ވާހަކަތަކަށް ފަރުވާލެއް ނުބަހައްޓާ މީހުންނެވެ. އާސިމްގެ އެ ސިފަޔަކީ ކެހިވެރި ސިފައެއްކަމަށް އަހަރެން ނިންމާނީ ކިހިނެއް ހެއްޔެވެ؟

އަހަރެންގެ އަންހެން ރައްޓެހިން ތިބެއެވެ. ފިރިހެން ރައްޓެހިން ވެސް ތިބެއެވެ. ހުކުރުދުވަހުގެ ހެނދުނާއި ހަވީރަކީ އަހަރެން ރައްޓެހިންނާ އެކީގައި ސައިބޯން ދާ ދެ ވަގުތެވެ. އާސިމަށް ދައުވަތު ދެމެވެ. އާންމު ފިރިހެނުންގެ ގޮތަކީ ފަހަތުގައި އެލިގަނެގެން ނަމަވެސް ދިޔުމެވެ. އަހަރެންގެ ރައްޓެހިން ދަސްކުރުމާއި، އަހަރެންގެ ބޯކޮޅުބެލުމަށް ޓަކައެވެ. އާސިމް އެއްފަހަރު ވެސް ދައުވަތު ގަބޫލެެއް ނުކުރެއެވެ. އަހަންނަށް މިނިވަންކަން ދިނުމަށް ޓަކައެވެ. އަހަންނަށް އިތުބާރުކުރާކަން އެންގުމަށް ޓަކައެވެ. އެ ސިގުނަލު ރަތްކުލައިން ފެންނާނެ އެކަކު ވެސް އުޅޭނެހެނެއް ހިޔެއްނުވެއެވެ. އަހަރެން ވެސް ވީ އުފަލެވެ. ހިތަށްއެރިއެވެ. އަހަރެން ބޭނުންވާ ކަހަލަ މީހަކު މި ލިބުނީ އަދިކިރިޔާއެވެ.

އާސިމްގެ ހަގީގީ ބޭނުމަކީ، އަހަންނާ ބެހޭ ގޮތުން ވީހާ ވެސް ގިނަ މައުލޫމާތު އެއްކުރުމެވެ. އަހަރެން އެންމެ ބޭނުންވާ، އަހަންނަށް އެންމެ ކަމުދާ ކަހަލަ މޫނުމައްޗެއް ތައްޔާރުކޮށްގެން އެ މޫނުމަތި އަޅައިގެން ހުރުމެވެ. އާސިމްގެ އަނގައިން އަލިމަހާއި ޔާގޫތު އޮހޭ ގޮތް ހެދުމެވެ. ކޮންމެ ވާހަކައެއް ވެސް އާސިމް ބުނަނީ އަހަރެން އަހާހިތްވާ ގޮތަށެވެ. އަހަރެންގެ އިތުބާރުހޯދުމަށް ޓަކައެވެ. އަހަރެންނަށް އަންގައި ވެސް ނުލައި އާސިމް އަހަރެން ހިތުދަސްކުރިއެވެ. ކޮންމެ ފަދަ "އަގެއްދީގެން" ނަމަވެސް ބަހައްޓަން ބޭނުންވާ ކަހަލަ މީހަކަށް އާސިމް ހެދިއެވެ. އާސިމް އެދޭ އެއްވެސް ކަމަކަށް އަހަރެން އިންކާރުކުރަން ބިރުގަންނަވަރު ކުރިއެވެ. އަބަދުވެސް އާސިމް ވިސްނީ އާސިމަށެވެ. ކޮންމެ ކަމެއް ވެސް ނިމެނީ އާސިމް ބޭނުންވާ ގޮތަށެވެ. ކެހިވެރި ރޭވުމަކުން އަހަރެންގެ ރުހުން ވެސް ހޯދައިގެންނެވެ. އަހަރެން ހުރީ ކަނުއަނދިރީގައެވެ. އާސިމާ އަހަރެން ކައިވެނިކުރީ އާސިމަކީ ލައްކައެއްކަމަށް އަހަރެން ލައްވާ ހީކުރުވައިފައެވެ.

އަހަރެން ހެއްވާލަން އާސިމަށް އެނގެއެވެ. އުފާކޮށްދޭން ވެސް އެނގެއެވެ. އަހަރެން ނޫނެކޭ ބުނާނެ ކަންކަމަށް އާނއެކޭ ބުނުވާނެ ގޮތާއި، އަހަރެން ކުރަން ބޭނުންވާ ކަންކަމަށް ނޫނެކޭ ބުނުވަން އާސިމް ދަސްކުރިއެވެ. އާސިމަކީ އަހަރެންގެ ވާހަކަތައް އަޑުއަހާ މީހަކަށްވެގެން އޭގެ ނާޖާއިޒު ފައިދާ ނެގި މީހެކެވެ. ބަދުނަސީބުގެ ކަޅު ވިލާތައް ބޯމައްޗަށް އަރަމުންދިޔައިރު ވެސް އަހަރެން ހުރީ ނޭނގުމެއްގެ ތެރޭގައެވެ.

ނުނިމޭ