އަހަރެން މަށަށް ގެއްލިފައި

އާދިއްތަ ދުވަހާ ގުޅޭ


"އެއީ ވަރަށް ބިރުވެރި ވާހަކައެއް،" ނުޒުހާ ބުންޏެވެ. "އޭނަ އުޅުނީ އަހަރެން މަރާލަން."

އަހަރެންގެ ގައިން ހީބިހިނަގައިގެންދިޔައެވެ. އެއްޗެއް ބުނަން ނޭނގިފައި އަހަރެން ބަލަހައްޓައިގެން އިނީމެވެ. ނުޒުހާއަށް ނެގުނީ އެހެން މާނައެކެވެ.

"އަހަރެން ބުނީމެއްނު ގަބޫލެއް ނުކުރެވޭނެޔޭ!" ނުޒުހާ ކުޑަކޮށް މާޔޫސްވެފައި ބުންޏެވެ. "އާސިމަކީ އެ ކަހަލަ ކަމެއް ކުރާ ވަރަށް ވުރެ މާ ނައިސްކޮށް އުޅޭ މީހެއް."

ނުޒުހާ މަރާލަން އާސިމް ކުރީ ކީއްހެއްޔެވެ؟ އެ ސުވާލު އަހަން އަހަރެން ހާދަހާ ބޭނުންވިއެވެ. އެކަމަކު އަހަރެން ބިރުގަތީއެވެ.

"ނާނާ ގަބޫލުނުކުރިޔަސް އަހަރެން މި ބުނާ ވާހަކަ ހަނދާންބަހައްޓާތި!" ނުޒުހާ ބުންޏެވެ. "އޭނަޔާ އެއްކޮށް ރަށްރަށަށް ނުދާތި! މިހެން ބުންޏަސް އޭނަ ވަރަށް މަކަރުވާނެ އިނގޭ. އެހެން ތާކަށް ގޮސްގޮސް ހުރެފައި ކުއްލިއަކަށް އަނބުރާލައިފައި ގޮސް އޭނަ ބޭނުންވާ ރަށާ ކައިރިކުރާނީ. ފަހަރެއްގަ އެހެން ދިމާވިޔަސް، އޭނަޔާ އެއްކޮށް ރޭގަނޑު ހިނގަން ނުދާތި. އުޅޭނެ ގެންދަން. އޭތިމީތި ކިޔައިގެން ހައްލައިލާނެ. އަހަންނަށް ވެސް ހެދީ އެހެން. އޭނަގެ ކޮންމެވެސް ގާތް މީހަކު ހުންނަ ރަށަަކަށް ގެންދާނީ. އޭނަޔަށް އެނގޭނެ އެ ރަށުގެ އެންމެ އޮއިގަދަ ދިމާލާ، ފުން ދިމާ. އެ ތަނަށް ވެއްޓިއްޖެއްޔާ ސީދާ ބޭރަށް ދަމައިގަންނާނީ."

އަހަރެން ވަރަށް ފަރުވާތެރިކަމާ އެކުގައި އަޑުއަހަން އިނީމެވެ. އެ ދަންތުރައިން އަހަރެން ސަލާމަތްވީތީ ހިތާހިތުން ޝުކުރުކުރަމުންނެވެ. ހަގީގަތުގައި އަހަރެން ސަލާމަތްކޮށްދިނީ އަހަރެންގެ ބޮލުގަރިހުމެވެ. ހަށިގަނޑަށް ލިބޭ އެ ފަދަ ވޭނެއްގެ ފަހަތުގައި ފައިދާއެއް އޮވެދާނެކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟ ނުޒުހާޔާ ދިމާނުވި ނަމަ، މުޅި އުމުރަށް ވެސް އެ ސިއްރު އޮންނާނީ ސިއްރެއްގެ ގޮތުގައެވެ.

"ވަރަށް ނޭނގޭކަމަށް ހަދާފަ އޭނަ ކޮއްޕާލީ،" ނުޒުހާ އިތުރަށް ކިޔައިދިނެވެ. "އަހަރެން އެއްލި އަތުން އޭނަގެ ޓީޝާޓުގަ ނުހިފުނު ނަމަ އެ ވާހަކަ ކިޔައިދޭކަށް މިއަދަކު އަހަންނެއް ނުހުންނާނެ. އެ ދަތުރު ނިންމާފަ މާލެއައިތަނާ އޭނަ ކުރިން މެރީކުރި މީހާޔާ ދިމާވީ. އަސްލު އޭނަ އެހާ ރައްޓެއްސެއް ވެސް ނުވާނެ. ހަމަ އަހަރުމެން މި ދިމާވި ކަހަލަ ގޮތަކަށް ދެ މީހުން ދިމާވެގެން، އޭނަ ވެސް ހަމަ މި ކަހަލަ ސްޓޯރީއެއް ކިޔައިދިނީ. އެ ހިސާބުން އަހަންނަށް ގެޓުވީ. އެ ހިސާބުން އަހަރެން ޑިވޯސްވީ ވެސް. ހިތަށްއެރީ ނާނާއަށް ވެސް، ކޮންމެވެސް ދުވަހަކުން އޭނަ އެހެން ހަދައިފާނޭ. އެހެންވެ މި ބުނީ. ގަބޫލުކުރަންޏާ ކުރަންވީ ނުކުރަންޏާ ނުކުރަންވީ."

"އަހަންނަކަށް ތި ކަހަލަ ކަމެއް ނުކުރޭ!" އަހަރެން ދޮގުހެދީމެވެ.

އަހަރެންގެ ލޯހުޅުވައިދިން މީހަކީ ނުޒުހާއެވެ. އަހަރެންގެ ބޮލުގަނުރިއްސި ނަމަ ނުވަތަ ކޮޓަރީގެ ދޮރުގައި ބޮޑުދައިތަ ޓަކިނުދިން ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެ ހުރިހާ ކަމެއް އެނގުމުން، ދެން ވެސް އަހަންނަށް ބަހަނާދެއްކުނީހެވެ. ނުޒުހާގެ ވާހަކަ އަހަރެން ގަބޫލުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެން އަޑުއަހާފައި އޮތްގޮތަށް، ނުޒުހާ އެހެން މީހެއް ދެކެ ލޯބިވީކީ ނޫން ހެއްޔެވެ؟ އޭގެ ސަބަބުން ނުޒުހާ ވަރިކުރީކީ ނޫން ހެއްޔެވެ؟ އަހަރެންގެ މޫނުމަތީގައި އެއްޗެއް އެޅުން އެއީ ހުވަފެނެއް ނޫން ހެއްޔެވެ؟ އާސިމްގެ މުލައްދަނޑީގައި ހުރި ނިޝާނަކީ އެ ރޭ މަސްފިހަން ގޮސް އުޅެނިކޮށް ވީކަމެއް ނޫން ހެއްޔެވެ؟ އިންސާނުންނަކީ ފުރިހަމަ ބުއްދިއެއް ދެއްވައިފައިވާ މަހުލޫގެކެވެ. އެކަމަކު ކިތަންމެ ހެއްކަކާއި، އިންޒާރެއް ފެނުނަސް ބީރުކަންފަތް ދޭ މީހާ ދޭނީ ބީރުކަންފަތެކެވެ. ކަނުލޯބިވާ މީހާ ވާނީ ކަނުލޯތްބެވެ. އަހަރެން ލޯބިވަނީ އަހަރެން ދެކެ ލޯބިވާ މީހުން ދެކެއެވެ. އާސިމަކީ އަހަރެން ދެކެ ލޯބިވާ މީހެއް ނޫނެވެ. އިންނަ ކޮންމެ މީހަކު މަރާލަން އާސިމް ބޭނުންވަނީ ކީއްވެގެންކަމެއް އަހަންނަކަށް ނޭނގެއެވެ. ދުވަހަކު ވެސް އެ ކަން ނޭނގި ހިނގައިދާނެއެވެ. އެހެންވިޔަސް އަހަރެންގެ ސަލާމަތް އަހަރެން ހޯދަންޖެހޭނެއެވެ. އެ ކަން އަހަންނަށް ކަށަވަރެވެ.

މީހަކަށް ޝައްކުކުރަން ފަށައިފިއްޔާ އޭނަ ލާ ނޭވާޔާ ދޭތެރޭގައި ވެސް ބެލޭނީ ޝައްކުގެ ނަޒަރަކުންނެވެ. އިސާހިތަކު އެކިއެކި ޚިޔާލުތަކުން ސިކުނޑި ގަޑުބަޑުކޮށްލާނެއެވެ. އަހަންނަކަށް އެހެނެއް ނުވެއެވެ. އާސިމް ކައިރިން ވަރިވާނެ ގޮތަކާ މެދު އަހަރެން ވިސްނަމުންދިޔައިރު، އޭނަގެ އަތްދަށުން ސަލާމަތްވާން އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަހަރެން އެޅީމެވެ. ފުރަތަމަ ކަމަކީ، އާސިމް އަތް ނުފޯރާ ހިސާބަކަށް ދިޔުމެވެ.

ހެދުން ވިއްކާ ލަންކާގެ މަޝްހޫރު ކުންފުންޏަކުން އަހަންނަށް ފުރުސަތުލިބުނެވެ. ލިބުނީކީ ނޫނެވެ. ލިބުނުކަމަށް ހެދުނީއެވެ. އެދުވަހުން އެދުވަހަށް އަހަރެން ފުރަންޖެހުނެވެ. ލަންކާގެ އެކި ތަންތަނުގައި އެ މީހުން ޝޯތައް ބާއްވާނެއެވެ. ދެ ދުވަހަކު އެއްތާކު އަހަންނަކަށް ނުހުރެވޭނެއެވެ. ދަތުރުގައި ހަފުތާއެއް ހޭދަވާނެއެވެ. އެއްގަމު ދިގު ދަތުރުތައް ކުރުމަކީ އާސިމަށް ވަރަށް އުނދަގޫކަމެކެވެ. އަހަންނަށް ވުރެ ރަނގަޅަށް އެ ކަން އެނގޭނީ ކާކަށް ހެއްޔެވެ؟ އަހަރެން ފުރީ އެކަންޏެވެ. އާސިމަށް ބައިވެރިނުވެވޭތީ އެ ކަމާ "ހިތާމަކުރަމުންނެވެ." ހިތާހިތުން އަހަރެން ބުނީމެވެ. ދުވަސް ގުނަން ފަށާށެވެ. ހަތް ދުވަސް ކީއްކުރަން ހެއްޔެވެ؟ ހަތް އަހަރު ރާއްޖެއިން ބޭރުގައި އުޅެންޖެހުނަސް، އެއް ފުރާޅެއް ދަށުގައި އަހަރުމެން ދެނެއް ނޫޅޭނެއެވެ.

ލަންކާގައި އަހަރެން ހުރިއިރު، ކޮންމެ ދުވަހަކު އެތަކެއް ފަހަރަކު އާސިމް ގުޅައެވެ. ހައިރާންވާކަށް ނުޖެހެއެވެ. ކުރިން އަހަންނަށް އެނގޭކަމަކާ ފަހުން ޝަކުވާކުރާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ކާންވީ އެއްޗެއްސާއި، ނިދަންޖެހޭ ގަޑިއަށް ދާންދެން އާސިމް ކިޔައިދެއެވެ. ކުރިން ނުކުރާ ކަމެއް ވެސް އޭނަ ކުރިޔެވެ. އާސިމް ގާތުގައި އަހަރެން އަހަންވީ ސުވާލު ވެސް ބުނެދެނީ އާސިމެވެ. އާސިމް ދެކޭގޮތުގައި އެހެން ގައުމެއްގައި އަނބިމީހާ ހުއްޓައި ފިރިމީހާ ގުޅައިފިއްޔާ ފުރަތަމަ ހާލުއަހަންޖެހޭނީ އަނބިމީހާއެވެ. ފުރަތަމަ އަހަންޖެހޭ ސުވާލަކީ ހާލު ކިހިނެއްތޯއެވެ. ދެވަނައަށް އަހަންޖެހޭނީ ކައިފިންތޯއެވެ. ތިންވަނައަށް އަހަންޖެހޭނީ ބަލިތޯއެވެ. ފޯނު ބޭއްވުމުގެ ކުރިން، ކޮންމެ ފަހަރަކު އާސިމް ފޫހިވޭތޯ އަހަރެން އަހަޖެހޭނެއެވެ. އަހަންނާ ވަކިން އާސިމަށް އުޅެންޖެހިފައިވާތީ އާސިމްގެ ހިތްވަރަށް އަހަރެން ތައުރީފުކުރަން ވެސް ޖެހޭނެއެވެ. މުޅީން ވެސް އާސިމް، އާސިމް، އާސިމެވެ. އެހެން ގޮތަކުން އަހަންނަށް ބާރު ނުފޯރުވޭނެތީ އާސިމް ބޭނުންވީ އަހަރެންގެ ބަހުރުވަ އޭނަގެ މުށުތެރޭގައި ބާއްވާށެވެ. އާސިމް ހުންނަނީ އަހަރެން ކޮންޓުރޯލު ކުރާހިތުން މޮޔަވެފައެވެ.

ވަޓްސްއަޕް ނުވަތަ ވައިބަރއިން ވާހަކަދައްކަންޏާ އާސިމް ދެކިލާހިތް އަހަރެން ވާންޖެހޭނެއެެވެ. އާސިމް ފޮޓޯއެއް ފޮނުވީމައި ފޮޓޯއާ ބެހޭގޮތުން ކޮންމެވެސް ރަނގަޅު އެއްޗެއް އަހަރެން ބުނަންޖެހޭނެއެވެ. އަހަރެން ލަންކާގައި ކުރާ ކަމަކާއި، އުޅޭ ގޮތް އާސިމަކަށް މުހިންމެއް ނޫނެވެ. އެ ފަދަ ވާހަކައެއް ދައްކަން އަހަރެން އުޅުނަސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން ހުއްޓުވައެވެ. އާސިމް ހީކުރަނީ އަހަންނަށް އެ ކަން ފާހަގަ ނުވާނެ ކަމަށެވެ. ހަގީގަތުގައި އަހަރެން އަޅާނުލަނީއެވެ. އެ ގޮތް އަހަންނަށް ފަސޭހަވީމައެވެ. އާސިމަކީ އަހަރެންގެ ފިރިމީހާއެވެ. އެހެންނަމަވެސް ހީވާނީ އެއީ އަހަރެންގެ ލޯބިވެރިޔާ ހެންނެވެ. އާސިމްގެ ފޮޓޯ ފޮނުވާ ވަރުން ވެސް އަހަންނަށް އޮންނަނީ ނުކުޅަދާނަވާ ވަރު ވެފައެވެ. ކޮންމެ ފޮޓޯއަކަށް އަހަރެން ފާޑުކިޔަންޖެހެއެވެ. ކުރަންޖެހޭނީ ތައުރީފެވެ. ކޮންމެ ދުވަހަކު ފަންސާހަކަށް ފޮޓޯ ފޮނުވައެވެ. އެ ހުރިހާ ފޮޓޯއަކަށް ވަކިވަކިން ތައުރީފުކުރުމަކީ ކުޑަ ކަމެއް ނޫނެވެ. އެއްކަހަލަ ގޮތަކަށް ދެ ފަހަރު ތައުރީފުކޮށްގެން ވެސް ކަމަކުނުދެއެވެ. އާސިމް ބޭނުންވަނީ ދުރުގައި ހުއްޓަސް އަހަރެންގެ ހުރިހާ ވަގުތެއް އޭނައަށް ދޭށެވެ. އެ ވަރަށް އަހަރެންގެ ހަތަރެސްފައިގައި ވާޖަހައިފައި ވާންކުރުމުން އާސިމަށް ލިބެނީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟ އޭގެ ޖަވާބު އެނގޭނީ އެ ފަދަ ފިރިހެނަކަށް އެކަންޏެވެ.

އާސިމަކީ އަހަރެން ވަރަށް ލޯބިން ކައިވެނިކުރި މީހެކެވެ. ވަރަށް ފޮނި އުންމީދުތަކެއް ކުރި މީހެކެވެ. އަހަރެންގެ ސަމާލުކަން ހޯދަން އާސިމް އުޅުނު ދުވަސްވަރު އޭނަ ކުރި މަޖާ ކަންތައްތަކާއި، ދެއްކި ވާހަކަތައް އަހަރެން ހަނދާނެއް ނުނެތެއެވެ. އެ ފަދަ ވާހަކަތަކުގެ ބޭނުމަކީ ވެސް އެއީއެވެ. ލަންކާގައި ހުރެގެން ވެސް ވަރިވާން ކޯޓަށް ސިޓީލުމަކީ އަހަންނަށް ކުރެވިދާނެކަމެކެވެ. ކޮށްދޭނެ މީހުން ތިބޭނެއެވެ. އެކަމަކު، ހަމަ ވަރިވާންވީ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު އަހަންނަށް ފެނުނީ ފުސްކޮށެވެ. ލިޔެފައިވާ އެއްޗެއް ސާފުކޮށް ކިޔަން ނޭނގޭ ކަހަލަ ގޮތަކަށެވެ. ބޭއިހުތިޔާރުގައި އާސިމްގެ ފޮޓޯތައް އަހަންނަށް ބެލެއެވެ. މަޖާ ގޮތްގޮތަށް އާސިމް ނަގައިފައި ހުންނަ ފޮޓޯތައް ފެނުމުން އަހަރެންގެ ތުންފަތަށް ހިނިތުންވުން ގެނެސްދެއެވެ. ލޮލަށް ކަރުނަ ޖަމާކޮށްދެއެވެ. ރުޅިއައިސްގެންގޮސް ރޮވުނީމައި ފޫހިވާ ފަދައިން ހިނިއައިސްގެންގޮސް ރޮވުނީމައި ލޯބި ވެސް ވެވެއެވެ.

ދެ ޚިޔާލެއްގައި އަހަރެން ހުއްޓައި ހަތް ދުވަސް ހަމަވިއެވެ. ފުރަން އޮތް ދުވަހު އެއާޕޯޓަށް ދާން އަހަންނަށް ޓެކްސީ ލިބުނުލެއް ލަސްވީއެވެ. އެ ބަހަނާ ވަރަށް ފަސޭހައިން އާސިމް ގަބޫލުކުރިއެވެ. އެކަމަކު އެހާ ފަސޭހައިން އާސިމް ގަބޫލުކުރީ ކީއްވެގެން ހެއްޔެވެ؟ އާސިމް ކަހަލަ ކެހިވެރި މީހަކަށް އަހަރެންގެ މަގްސަދު ނުވިސްނި ހިނގައިދާނެ ހެއްޔެވެ؟ ނުވަތަ ކޮންމެވެސް މޮޅު ރޭވުމެއް އާސިމް ރާވަނީ ހެއްޔެވެ؟ ދެން އަހަންނަށް މަތިންދާބޯޓުން ޖާގަލިބުނީ ހަތަރު ދުވަސް ފަހުންނެވެ. ލަންކާއިން މާލެއަންނަން އެހާ ދުވަހު އިންތިޒާރުކުރަން ޖެހޭނެ ހެއްޔެވެ؟ ސިކުނޑީގައި ކިރިޔާ ތެތްކަމެއް ހުރި މީހެއްގެ ހިތުގައި ވެސް އެ ސުވާލު އުފެދޭނެއެވެ.

ހަތަރު ދުވަސް ހަމަވިއެވެ. އަނެއްކާ ބަހަނާއެއް ދެއްކީމެވެ. އަހަރެންގެ ޕާސްޕޯޓު ގެއްލުނުކަމަށް ހެދުނީމެވެ. އަލުން ޕާސްޕޯޓު ހައްދަން ވަގުތުނަގާނެއެވެ. އެ ކަމާ އުޅުނީ އާސިމެވެ. ގުޅަންވާ މީސްމީހުންނަށް ގުޅައި، ކުރަންވާ ހުރިހާ ކަމެއް ކުރީ އޭނައެވެ. އަހަރެން ކައިރިއަށް އަންނަން ވެސް އާސިމް ބޭނުންވިއެވެ. އެކަމަކު އޭރު ހިނގަމުންދިޔަ މަސައްކަތެއްގެ ސަބަބުން އޭނައަކަށް އާދެވޭ ގޮތެއް ނުވިއެވެ.

އާސިމް ހިތްދަތިވާން ފެށިއެވެ. އަހަރެން ދެރަވާ ކަހަލަ މެސެޖުތައް ފޮނުވަން ފެށިއެވެ. އަހަރެން އެއްބަސްވާން ޖެހެއެވެ. އާސިމް އެ ކަމަށް ވަރަށް ކުޅަދާނައެވެ. އަހަރެންގެ ޕާސްޕޯޓު އަލުން ފެނުނުކަމަށް ހަދައިފައި އެ ވާހަކަ ބުނަން އާސިމަށް ގުޅީމެވެ.

ނުނިމޭ