މުނިފޫހިފިލުވުން / ބިންމާ އިބްރާހީމް ވަހީދު

އަހަރެން މަށަށް ގެއްލިފައި

ބުދަ ދުވަހާ ގުޅޭ

އަހަރެންގެ ޕާސްޕޯޓު އަލުން ފެނުނުކަމަށް ހަދައިފައި އެ ވާހަކަ ބުނަން އާސިމަށް ގުޅީމެވެ. ފޯނު އޮތީ ނިއްވައިލައިފައެވެ. ތަކުރާރުކޮށް އެތަކެއް ފަހަރަކު ގުޅުމުން ވެސް ލިބުނީ އެއް ޖަވާބެކެވެ.

"ތިޔަ ގުޅުއްވި ފޯނު މި ވަގުތު އޮތީ ނިވާލައިފަ.."

ދެތިން ގަޑިއިރު ވިއިރު ވެސް އެ ޖަވާބަކަށް ބަދަލެއް ނައެވެ. އަހަރެންގެ ބޮލުގަރިއްސައިލިއެވެ. އާސިމާ އެއްކޮށް އުޅެއުޅެ އާސިމް ވިސްނާހެން ވިސްނަން، ކޮންމެވެސް ވަރަކަށް އަހަންނަށް ދަސްވެއްޖެއެވެ. ހިތަށްއެރިއެވެ. އާސިމް ލަންކާއަށް އަންނަނީއެވެ. ވިދިވިދިގެން އެތައް ބަހަނާއެއް އަހަރެން ދެއްކުމުން އާސިމަށް ޝައްކުވީއެވެ. ވާނީ ވެސް އެހެންނެވެ. އާސިމަކީ ކެހިދިނުމުގެ މާހިރެކެވެ.

އަހަރެން ބިރުގަންނަން ފެށިއެވެ. ޖިސްމާނީ ގޮތުން އަހަންނަށް އެއްވެސް އަނިޔާއެއް އާސިމް ނުކުރެއެވެ. އަހަރެން ނިދައިފައިއޮއްވައި އަހަރެންގެ މޫނުމަތީގައި އާސިމް އެއްޗެއް އެޅިކަން ވެސް ޔަގީންކޮށް ބުނާކަށް އަހަންނަކަށް ނޭނގެއެވެ. އެހެންވިޔަސް އަހަރެން ބިރުގަތެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. މީހެއްގެ ނުބައި ސިފައެއް ނުފެނިއޮތުމަކީ އެ ސިފަ އޭނަގެ ކިބައިގައި ނެތްކަން ދޭހަކޮށްދޭ ދަލީލެއް ނޫނެވެ. އިނދެގެން އުޅެ މުސްކުޅިވާ ފަހުން ވެސް އާ ސިފައެއް ފެނިދާނެއެވެ. ހިތަށްއެރިއެވެ. އަހަންނަށް ރައްކާތެރީ ކޮން ތަނެއް ހެއްޔެވެ؟ ލަންކާ ހެއްޔެވެ؟ ރާއްޖެ ހެއްޔެވެ؟ ރާއްޖެކަން އަހަންނަށް ވިސްނުނުއިރު އެ ދުވަހު ރާއްޖެއަށް ފުރަން އޮތް މަތިންދާބޯޓު ފުރައިފިއެވެ. ދެން ހެދޭނެ އެއްވެސް ގޮތެއް ނެތެވެ. މާލެއިން މީހަކަށް ގުޅައިފައި އެހީއަކަށް އެދޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އާސިމް ލަންކާއަށް އަންނަހެން އަހަންނަށް ހީވަނީއެވެ. އޭނަ އަންނަނީ އަހަންނަށް ކަމެއްކުރަންހެން ވެސް ހީވަނީއެވެ. އެ ވާހަކަތައް އަޑުއިވޭ މީހާ އަހަރެން ހަދާނީ މޮޔައަކަށެވެ.

އަހަންނަކީ ލަންކާގެ އެތައްމިތަނަށް ދަތުރުކުރި މީހެއް ނޫނެވެ. އެކަނި ދަތުރުކުރަން ކެރޭނެ މީހެއް ވެސް ނޫނެވެ. ލަންކާއަށް އައިއްސުރެ އަހަރެން ހުރި ތަނުގައި ހުރީއެވެ. އެ ތަން އާސިމަކަށް ނޭނގޭނޭ އަހަރެން ހީކޮށްގެން ހުއްޓައި ދޮރުގައި ޓަކިޖަހައިލިއެވެ. އޭރު އިރުއޮއްސިއްޖެއެވެ. ދޮރުމަތީގައި ހުރީ ކާކުތޯއެއް ނުބަލަމެވެ. ދޮރެއް ނުހުޅުވަމެވެ. އަހަރެންގެ ފޯނު ދިއްލެން ފެށިއެވެ. އަރާފައި އޮތީ ނުދަންނަ ނަންބަރެކެވެ. އެއީ އާސިމެވެ. އަހަރެންގެ ހިތް ބުންޏެވެ. އެ ފަހަރަކު އަހަރެން ފޯނެއް ނުނަގަމެވެ. ދެވަނަ ފަހަރަށް ގުޅިއެވެ. ފޯނު ނިވިދިއްލެމުން ދިޔައިރު ދޮރުގައި ޓަކި ވެސް ޖެހިއެވެ. އޭރު ހިތުގައި ވިންދުޖަހަމުންދިޔައީ މެޔަށް ނުކުޅަދާނަވާ ވަރަށެވެ. އިރުކޮޅަކުން އަޑުކެނޑުނެވެ. އަޑުކެނޑުނީމައި ހިތަށްއެރިއެވެ. ފޯނު ނެގުނު ނަމައެވެ. ކަންތައް އެ ވީ ގޮތުން ދެން މާ ގިނަ ސުވާލަށް އަހަރެން ޖަވާބުދޭން ޖެހޭނެއެވެ.

"ކޮންތާކު ތިއުޅެނީ؟" ވައިބައިން އަހަންނަށް އާސިމްގެ މެސެޖެއް އައެވެ. "ވަރަށް ގިނަ ފަހަރު ދޮރުގަ ޓަކިޖަހައިފިން. ފޯނު ވެސް ކޮށްފިން. އެތެރޭގަ އުޅެންޏާ ބިރުނުގަނެ ހުޅުވަބަލަ! މީ މަށޭ!"

އަހަރެން ހިތަށްއެރިއެވެ. އެ ލިބުނީ ރަނގަޅު ދަނޑިވަޅެކެވެ. ދެން ވެސް ހުޅުވަންވީއެވެ. އަހަރެން ދޮރު ހުޅުވިއިރު އާސިމް ނިކަން ހެވިފައި ހުއްޓެވެ. އަހަރެން ގަދަކަމުން ހިނިއައިސްފައި ހުރީމެވެ. އާސިމް އެތެރެއަށް ވަދެފައި އޭނަގެ ބުރަކަށީގައި އަޅުވައިފައިވާ ދަބަސް ގޮނޑިމަތީގައި ބޭއްވިއެވެ.

"ސަޕްރައިޒެއް ދޭން އުޅުނީ!" އާސިމް ބުންޏެވެ. "އެ ކަމެއް ވެސް ނުވި."

އަހަންނަށް ހީވީ ކޮއްޓަކަށް މުސަޅެއް ލައިފައި އެ ކޮއްޓަށް ބުޅަލެއް ވެއްދިހެންނެވެ. އަހަރެން ހަމަ ރަނގަޅަށް ހައްޔަރުވީއެވެ. އަމިއްލަ ގައުމެއް ނޫނެވެ. ގާތްތިމާގެ މީހަކު ނެތެވެ. ހިތަށްއެރިއެވެ. މި ކުރެވުނީ ކިހާ މޮޔަކަމެއް ހެއްޔެވެ؟ އަހަރެން ހުރި ތަން އާސިމަށް އެނގުނީ ކިހިނެއް ހެއްޔެވެ؟

"ނާނާ ހިތަށްެއަރާނެ ދޯ ނާނާ ހުރި ތަން އަހަންނަށް އެނގުނީ ކިހިނެއްހޭ؟" އާސިމް އެހިއެވެ.

އާސިމަކީ އަހަރެންގެ މޫނަށް އަރާ ކުލަވަރު މޮޅަށް ތަރުޖަމާކުރާ މީހެކެވެ. ވަރަށް ގިނަ ފަހަރު ސަތޭކަ ޕަސަންޓު ދިމާކުރެއެވެ. އަހަރެން އެއްބަސްނުވަނީއެވެ.

"ހީވޭތަ ނާނާ އެކަނި ތާކަށް ދާއިރު ބޮޑީގާޑެއް ނުލާ ފޮނުވާނެހެން؟" ކެހިވެރި ހިނިތުންވުމަކާ އެކުގައި އާސިމް ބުންޏެވެ. "ކުރަންއައި ކަންތައް ކެންސަލުވީތަ؟ ކީއްވެ އެ ވާހަކަ ނުބުނީ؟ އަހަރެން ދެރަވެދާނެތީ؟"

ދަނޑިވަޅުގެ ބޭނުންހިފުން ނޫން އެހެން ގޮތެއް އަހަންނަކަށް ނެތެވެ. އާނއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯޖަހައިލީމެވެ. އެއީ، ދައްކާނެ ބަހަނާއެއް ނޭނގިފައި އަހަރެން ހުއްޓައި ލެއްގި ބަހަނާއެކެވެ.

"އަޅެ މަށަށް އަންގާލި ނަމަ މަ ވެސް އައީމުހޭ!" އާސިމް ކޮޓަރިއަށް ނަޒަރުހިންގާލަމުން ބުންޏެވެ. "މިހާރު ހަމަ އެއްކޮށް ފްރީވެއްޖެ! ޔަގީންތަ މިތާ ޕާސްޕޯޓު ނޯންނާނެކަން؟"

އަހަރެން ހުރީ މެދު ފަންތީގެ ހޮޓަލެއްގައެވެ. އެއްޗެއް ގެއްލޭނެ މާ ގިނަ ތަންތަނެއް އެ ކޮޓަރިއަކު ނެތެވެ. އަހަރެންގެ ފޮށި އާސިމް ރަނގަޅަށް ހާވައިލިޔަސް ޕާސްޕޯޓު ފެންނާނެއެވެ.

"މިހާރު ފެނިއްޖެ!" އެ ވަގުތަށް ދޭން ފެނުނު އެންމެ ރަނގަޅު ޖަވާބު އަހަރެން ދިނީމެވެ. "އެ ވާހަކަ ބުނަން ކިތަންމެ ފަހަރަކު އަހަރެން ގުޅިން."

އަހަރެން މަސައްކަތްކުރީ ވީހާ ވެސް ބޮޑަށް ހަމަޖެހިލާށެވެ. އެކަމަކު އެ ކަމެއް ނުވިއެވެ. އަހަރެންގެ މޫނާ ދިމާއަށް އާސިމް ނިކަން ރަނގަޅަށް ބަލައިލިއެވެ. މޫނުގައި ލިޔެވިފައިހުރި އަކުރުތައް ވަކިވަކިން ކިޔައިލިއެވެ. އާސިމަކީ އެ ކަމަށް މޮޅު މީހެކެވެ.

"ކޮންކަމަކާ މާ ހާސްވެފަ ތިހިރީ؟" އާސިމް އެހިއެވެ.

"އަހަރެން ހާސްވާންޖެހޭތަ؟" އަހަރެން އެހީމެވެ. "އެ ކަހަލަ ކަމެއް އާސިމް އެބަ ކުރަންތަ؟ އާސިމް ބުނެބަލަ!"

"ނާނާ ބުނެބަލަ! ކީއްކުރަން މިތަނަށް އައީ؟" އާސިމްގެ ރާގު ތަންކޮޅެއް ހަރުކަށިވާން ފެށިއެވެ. "ފުރަތަމަ ޓެކްސީ ކެޓީ. ދެން ޕާސްޕޯޓު ގެއްލުނީ. އަހަރެންތަ ނޫނީ ނާނާތަ ކަންތައްގަނޑެއް ހިންގަނީ؟ އަހަރެން ހިތަށްއަރާ އަންހެނުން ކީއްވެގެންބާއޭ ހިތް ނުފުރެނީ؟ ކިހާ ލޯބިން އަހަރެން އުޅުނީ؟ އެކަމަކު ދުވަހަކު ވެސް އަހަންނަކަށް އެ ލޯބި އަނބުރައެއް ނުއެއް ލިބޭ. ތި ކަހަލަ މީހުން ދެކެ ލޯބިވާނެ މީހުން ބައިވަރު. އަހަރުމެން ދެ މީހުންގެ އެބައުޅޭ ފަސް ހާސް ނޫނީ ހަހާސް ލައިކުގެ ތަފާތު. ނާނާޔާ އިން ފަހުން އަހަންނަށް އަހަރެން ގެއްލިއްޖެ! މަގުމައްޗަށް ނުކުތަސް ބޯފަޅައިގެންދާ ވަރު ވޭ! ނާނާގެ ހަސްބަންޑް ނާނާގެ ހަސްބަންޑް. ބައްޔެއްނު! މީ ނާނާގެ ހަސްބަންޑަށް ވާއިރު، ކީއްވެގެންތަ ތީ އާސިމްގެ ވައިފަށް ނުވަނީ؟"

ރުޅިއައުމަކީ ހިތުގައި ފޮރުވިފައިހުންނަ ސިއްރުތައް ދުލުން ހާމަކުރަން ހިތްވަރުލިބޭ ކަމެކެވެ. އާސިމަށް ވެސް ވީ އެހެންނެވެ. މައްސަލައަކީ އެ ވަގުތު އަހަންނަށް ހުރެވުނު ތަނެވެ. އަހަންނަށް ބަލަމުން ފަހަތަށް ހިނގައިފައި ގޮސް އާސިމް ކުޑަދޮރެއް ހުޅުވައިލިއެވެ. އަހަރެންގެ ކޮޓަރި ހުރީ އިމާރާތުގެ ހަތެއް ނުވަތަ އަށްވަނަ ފަންގިފިލާގައެވެ.

"ނާނާ މިހާރު އުޅެނީ ވަރަށް ބޮޑަށް ޑިޕްރެސް ވެގެން،" އާސިމް ވާހަކައެއް ހަދައިލިއެވެ. "ލަންކާއަށް ނާނާ އައީ އަހަންނަށް އޮޅުވައިލައިގެން ނާނާގެ ބިޓާ ބައްދަލުކުރަން. ޕާސްޕޯޓު ގެއްލުނޭ ކިޔާފަ ހެދީ ދޮގެއް. އެ ހުރިހާ ކަމެއް އަހަންނަށް ފަޅާއެރީމަ ނާނާ ވިންޑޯއިން ބޭރަށް ފުންމާލީ. ސިންޕަލް!"

އާސިމް ފޯނު ނަގައިފައި އަހަރެން ފޯނުން ދެއްކި ވާހަކަ އަހަންނަށް އިއްވިއެވެ.

"އާސިމް ކީއްވެގެން އަހަންނަށް ތިހެން ތިހަދަނީ؟" އަހަރެން އެހީމެވެ. "ހަނދާންއެބަހުރިތަ އަހަރުމެން ފުރަތަމަ މީޓްވި ނިވް ޔިއަރ ނައިޓް؟" އާސިމް މަޑުމަޑުން ބުނެލިއެވެ. "އެރޭ ގެއަށޭ ކިޔާފަ ނާނާ ދިޔައީ އެހެން ޑޭޓަކަށްނު! ކީއްވެ ނާނާ އަހަންނަށް އެހެން ހެދީ؟ ދެން ބުނޭ ނާނާ އެހެނެއް ނަހަދަމޭ! ކޮންމެ މީހަކު ވެސް ވަރަށް ލޯބިވާކަމަށް ހެދިގެން އުޅޭނީ. އަންހެނަކަށް ދުވަހަކު ވެސް ޓްރަސްޓްކުރާކަށް ނުވާނެ."

އާސިމް ވާހަކަދެއްކީ އޭނަގެ ތަޖުރިބާގެ އަލީގައެވެ. ދިރިއުޅުމުގައި އޭނައަށް ކަންތައްތައް ދިމާވެފައިވަނީ ވަރަށް ގޯސްކޮށް ކަމުގައި ވެދާނެއެވެ. އެ ކަމާ އަހަރެން ކުރާނެކަމެއް ނެތެވެ. އޭގެ އަދަބު އަހަންނަށް ދީގެން ވެސް ނުވާނެއެވެ.

"ނާނާ ހާސްނުވޭ!" އާސިމް އެހެން ބުނީ ހިނިތުންވާން މަސައްކަތްކުރަމުންނެވެ. "މަރުވާކަށް މާ ގިނައިރެއް ނުނަގާނެ. މިހެން ހަދާނީ."

އާސިމް ގޮނޑިއެއް ކައިރިކޮށްލައިފައި ގޮނޑިމައްޗަށް އެރިއެވެ. އަދި ގޮނޑިން ކުޑަދޮރަށް އެރިއެވެ. އާސިމް ހުރީ އަހަންނަށް ފުރަގަސްދީގެންނެވެ. ހިތަށްއެރިއެވެ. އަހަންނަށް އާސިމް ކޮއްޕައިލެވިދާނެއެވެ. އަހަރެން ސަލާމަތްވާން އެ ނޫން އެހެން ގޮތެއް ނެތެވެ. އެކަކަށް ވެސް ނޭނގޭނެއެވެ.

"މިހާ މަތިން ވެއްޓިއްޖެއްޔާ، ބިންމަތީގަ ޖެހުމުގެ ކުރިން ވެސް މަރުވެދާނެ،" އަހަންނަށް ބަލައިލައިފައި އާސިމް ބުންޏެވެ. "ނާނާއަށް އެނގޭތަ ނާނާ ދެކެ އަހަރެން ކިހާ ލޯބިވާކަން؟"

އާސިމް އެންމެ ފަހުން ކުރި ސުވާލު އަހަރެންގެ ވިސްނުން ބަދަލުކޮށްލިއެވެ. ހިތަށްއެރިއެވެ. ވާން އެ އުޅެނީ އެހެން ކަމެކެވެ. އާސިމަކީ އެހެން މީހުން ނުވިސްނާ ގޮތަކަށް ވިސްނާ މީހެކެވެ. އެހެން މީހުން ނުކުރާ ގޮތަކަށް ކަންކަން ކުރާ މީހެކެވެ. ވަގުތުން އަހަރެންގެ ބިރު ބަދަލުވީ ހަމްދަރުދީއަށެވެ.

"އާސިމް! ތި ތަނުން ފައިބާ!" އަހަރެން އެދުނީމެވެ. "ހަމަ މިހާރު ތި ތަނުން ފައިބާ!"

އާސިމް ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގައި މާޔޫސްކަމެއް ހުއްޓެވެ. ހިތްދަތިކަމެއް ހުއްޓެވެ.

"ކީއްވެ އަހަރެން ދެކެ އެކަކު ވެސް ލޯބިނުވަނީ؟" އާސިމްގެ ރާގުގައި ވަނީ ފޫހިކަމާއި ހިތާމައެވެ. "ކޮންމެ މީހަކާ ހެދިވެސް އަހަރެން ކިހާ ވަރަކުން މި އުޅެނީ. ނޫންތަ؟ މީހުން ބުނާނެ ލޯބިވަންޏާ ހަމައެކަނި އެހެން ބުނާނީކީ ނޫނޭ. ލޯބިވާކަން ޖެހޭނެ ދައްކަން. ކީކޭތަ އެ ބުނަނީ؟ ކިހާ ވަރަކަށް އަހަރެން ދެއްކިން."

"އާސިމް!" އަހަރެން ކުރިޔަށް އެއް ފިޔަވަޅު އަޅަމުން ބުނީމެވެ. "ތި ތަނުން ފައިބާ ހުރެގެން ވެސް ވާހަކަދެއްކިދާނެ. އިހަށް ފައިބާ! ހަމަޖެހިލައިގެން ތިބެ ވާހަކަދައްކާނީ."

އާސިމް ފައިބާކަށް ގަސްތެއް ނުކުރިއެވެ. ތިރިޔަށް ބަލައިލިއެވެ. އަނެއްކާ ވެސް އަހަންނަށް ބަލައިލިއެވެ. އަދި މަޑުމަޑުން ލަވަކިޔަން ފެށިއެވެ.

"ފުރާނަދީ.. ފުރާނަދީގެންނޭ.. ސާފު ލޯބިވެވޭނީ.."

ފޯނެއް ރަނގަބީލުވާން ފެށިއެވެ. ބޭއިހުތިޔާރުގައި އަހަންނަށް އެ ދިމާއަށް ބަލައިލެވުނެވެ. ދެން ބަލައިލިއިރު އާސިމެއް ނެތެވެ.

ނުނިމޭ

11 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 32%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުނަރުކުޑަބެ

04 February 2020

އަހަރެން ގައިން ނެގި ހީބިހިތައް އޮބެން ނޭނގި ފާނުބަސަންދަށް ބަދަލުވެފައި ހުރި ކަހަލައެވެ. އާސިމް ނެންގެވީ ކަމެއް ނުވަތަ ބިމާލައި ޖެއްސެވީ ކަމެއްވެސް އަހަރެންނަކަށް ބުނާކަށް ނޭނގެއެވެ. މަޑުމަޑުން ކުޑަދޮރާ ކައިރިވާ ވަރަކަށް އަހަރެންގެ ހިތް 'ގުއްޓަ' ނަގަމުން ދެއެވެ. ކުޑަގޮރާއަރާ ހަމަވެފައި ދެލޯ މަރާލީމެވެ. ހިތް ހީވަނީ ކަތިލައިފައި އޮތް ކުކުޅެއް މަރަށް ތެޅޭހެންނެވެ.

The name is already taken The name is available. Register?

ސޮރީ

03 February 2020

ފޫހި

The name is already taken The name is available. Register?

ާނެކްސްޓް

02 February 2020

އިންޓްރަސްޓިންގ

The name is already taken The name is available. Register?

ޢާސިފު

02 February 2020

އެއީ ހުވަފެނެއްް

The name is already taken The name is available. Register?

ޛުބު

02 February 2020

އާސި މް އަ މިއްލައަށް މަރުވާނެކަ މަށް ނުބެލެވޭ.

The name is already taken The name is available. Register?

ބަނިއާދަން

02 February 2020

އައްދެ. ކޮމެންޓެއް ކޮށްލާނެ މީހަކުވެސް ނެތް؟؟

The name is already taken The name is available. Register?

ބޫމް

02 February 2020

ދެން މިވާހަކަ ނިންމަބަލަ. ހެޔޮނުވާނެ.

The name is already taken The name is available. Register?

ބިންމާ ވަޙީދު

02 February 2020

ތި ބޭފުޅާ ވާހަކަ ވިދާޅުވުން ހުއްޓާލެއްވުމުން އެ އޮތީ ވާހަކައިގެ މެދުން ނިމިފަ

The name is already taken The name is available. Register?

ޢާސިމް

02 February 2020

ޔޭ މަ ފަސްޓު

The name is already taken The name is available. Register?

ނާޝް

02 February 2020

ވަރަށް ޝައުގުވެރި. ހިތައްވެސް ނާރާ ގޮތަކަށް މިދަނީ ވާހަކަ. މާޝާﷲ ބިންމާ ތީ ހަމަ ބެސްޓް ރައިޓާ ރާއްޖޭގަ ހުރި.

The name is already taken The name is available. Register?

ކްއިކްގަން މުރުގަން

02 February 2020

އިންޓްރެސްޓިންގ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454