ބުލްބުލް

ބުދަ ދުވަހާ ގުޅޭ


ދަމުންދަމުން އަހަރެން ފަހަތް ބަލައިލިއިރު ދީމާ ފެންނާކަށް ނެތެވެ. އޭނަ ކުރަނީ ކީއްތޯ ބަލައިލަން ހިތަށްއެރިއެވެ. ހަމަ އެ ވަގުތު ހިތަށްއެރިއެވެ. އިންނަން ބޭނުން ނޫނިއްޔާ ބޭކާރު އުންމީދެއް ދީމާއަށް ދިނުމުގެ ބޭނުމެއް ނެތެވެ. އަހަރެން ދީމާގެ ފަހަތުން ގޮއްސިއްޔާ ދީމާއަށް އެ ދެވެނީ ރަނގަޅު ސިގުނަލެއް ނޫނެވެ. އަޅާނުލާ ނުކުމެގެން ދާން އަހަންނަށް ކިތަންމެހާ ވެސް އުނދަގޫވިއެވެ. އެހެންނަމަވެސް އިނދެފައި ދީމާ ހިތްދަތިކުރުމަށް ވުރެ އަހަރެންނަށް ބުއްދިވެރިވީ ނީނދެ ދުރަށްޖެހިލުމެވެ.

އަހަރެން ހުންނަ ގެއަށް ވަދެ އެނދުގައި އޮށޯވެލީމެވެ. ދީމާއަކީ ރީތި ކުއްޖެކެވެ. އޭނަ ދެކެ އަހަންނަށް ލޯބިވެވިއްޖެއެވެ. ލޯމަތިން ގެއްލުވައިލެވުނަސް ހިތުން ގެއްލުވައިލުމަކީ ފަސޭހަކަމަކަށް ނުވިއެވެ. އަހަރެން އޮތީ ފޯނަށް ބަލަހައްޓައިގެންނެވެ. ކޮންމެ ވަގުތަކު ވެސް ދީމާގެ މައިންބަފައިން ގުޅައިފާނެކަން އަހަންނަށް އެނގެއެވެ. އަހަރެން އޮތީ ދޭނެ ޖަވާބާއި ކަންތައް ކުރާނެ ގޮތް ވެސް ވިސްނައިގެންނެވެ. އެ މީހުން ރުޅިއަޔަސް އަހަރެން ރުޅިއެއް ނާންނާނަމޭ ހިތަށްއެރިއެވެ. މާފަށް އެދެންޖެހިއްޖެއްޔާ މާފަށް ވެސް އެދޭނީއެވެ. އެކަމަކު އެ ފޯނުކޯލެއް ނައެވެ. އެ ކަމާ ވިސްނަންޖެހިއްޖެއެވެ. ހިތަށްއެރިއެވެ. ދީމާ އެ ވާހަކަ ނުބުނަނީ ހެއްޔެވެ؟ ދީމާ އަތުންފައިން ގޯހެއްހެދީ ހެއްޔެވެ؟ ހެދިކަމަށްވާ ނަމަ އެ ކަމުގެ ޒިންމާއުފުލަން ޖެހޭނީ އަހަރެން ހެއްޔެވެ؟

އަހަރެން ތެދުވީމެވެ. ބޭރަށް ނުކުތީމެވެ. ހިނގަމުންހިނގަމުން ދެވުނީ މޫދުކައިރިޔަށެވެ. ހަނދުވަރު ރީތި ރެޔެކެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ފާލަމުގެ ކޮޅުގައި އިށީނދެލައިގެން އިން މީހެކެވެ. ހިތަށްއެރިއެވެ. އޭނައަކީ ވެސް އަހަރެން ފަދައިން ނިދިން މަހުރޫމްވެފައިވާ މީހެއް ހެއްޔެވެ؟ އޭނަގެ ނިދި ނަގައިލީ ކާކު ހެއްޔެވެ؟ ތަންކޮޅެއް ގާތަށް ޖެހިލީމެވެ. އެއަށް ވުރެ ގާތަށް ޖެހިލީމެވެ. ހިތުގައި އުފެދުނު ޝައްކު ޔަގީނަށް ބަދަލުވާން ފެށިއެވެ. އެ ތަނުގައި އިނީ އަންހެންކުއްޖެކެވެ. ދީމާއެވެ. އޭނަޔާ ކުރިމަތިލާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ފަސްއެނބުރި ފާލަމާ ދުރަށް ހިނގައިގެންފައި ކުރިޔަށްދާނެ ހިތްވަރެއް ނުލިބުނެވެ. އަހަރެން ހުއްޓުނީމެވެ. އަނެއްކާ ވެސް ފާލަމާ ދިމާއަށް ހިނގައިގަތީމެވެ. މަޑުމަޑުން ހިނގައިފައި ގޮސް ފާލަމަށް އެރީމެވެ. ދީމާޔާ ދިމާއަށް ހިނގަމުން ގޮސް ވަކި ހިސާބަކަށް ގާތްވުމުން ދީމާ ނުވެސް ބަލައި ވާހަކަދައްކަން ފެށިއެވެ.

"ކީއްކުރަން މި ތަނަށް ތި އައީ؟" ދީމާ ސުވާލުކުރިއެވެ.

އަހަންނަށް ދީމާ ފެނުމުގެ ކުރިން ދީމާއަށް އަހަރެން ފެނިފައިވާކަން އެނގުނީ އެ ހިސާބުންނެވެ.

"ދަންވަރުދަޅައިގަ އެކަނި ކީއްތިކުރަނީ؟" އަހަރެން ވެސް ސުވާލެއްކުރީމެވެ.

"އެ ސުވާލުކުރަން ތީ ކާކު؟" އަހަންނަށް ފުރަގަސްދީގެން އިނދެ ދީމާ ބުންޏެވެ. "މީ އަހަރެންގެ ރަށް. އަހަރެން ބޭނުން އިރަކު ބޭނުން ތާކު އިންނާނީ. މިހާރު ހިތަށްއަރާ އަހަރެން ކީއްކުރަންހޭ މީހުންނަށް އިތުބާރުކުރަނީ. ހަންނާނަކީ ވަރަށް ރަނގަޅު މީހެކޯ. ވަރަށް ވިސްނޭ މީހެކޯ. ފޯނުން ވާހަކަދެއްކިއިރު އަހަރެން ވެސް ހީކުރީ އެހެން. ހުސް މަކަރު."

"އަހަރެންތަ މަކަރުހެދީ؟" ރައްދުގައި އަހަރެން ބުނީމެވެ. "އެ ވަރު ކަމެއް ދީމާ ސިއްރުކުރީ ކީއްވެ؟"

"އަހަރެން ސިއްރުކުރި ނަމަ އަދިވެސް ހަންނާނަކަށް ތަނެއްދޮރެއް ނޭނގޭނެ،" ސާބިތުކަމާ އެކީގައި ދީމާ ބުންޏެވެ. "އެކަމަކު އެންމެ ފުރަތަމަ ދުވަހު ވެސް އަހަރެން ނިންމައިގެންހުރީ ހަންނާނަށް ހުރިހާ އެއްޗެއް ކިޔައިދޭން. ވެދާނެ އަހަރެން މޮޔައީކަމަށް. އެހެންވެގެންތާ އަހަރެން ހިތަށްއަރާނީ، އަހަރެން ކުށެއް ނުކުރަމޭ. އެހެން މީހުން އަހަންނަށް ހަމްދަރުދީވާނޭ. އަހަރެންގެ ހަަތަރެސްފައި ބަނދެ އަނގަޔަށް ފޮތި.."

"ހުއްޓާލާ!" އަހަރެން އެދުނީމެވެ.

"އެއީ ކީއްވެ؟" ދީމާ ތެދުވެގެން އަހަރެން ކައިރިއަށް އަންނަމުން ބުންޏެވެ. އޭނަ ހުރީ ފެންކަޅިވެފައެވެ. "ދެ މީހުން އެކި ފަހަރުމަތިން އަހަންނަށް ހެދި ގޮތް ކިޔައިދޭން ނުވެސް ފެށިގެން މިއުޅެނީ. އަޑުއަހާ! އަހަރެން ރޮއިހޭރި އާދޭސްކޮށްފަ ބުނިން.."

އަހަރެން ނިކަން ބާރަށް ދީމާ ގައިގައި ބައްދައިލީމެވެ. ދީމާ ގަދަހަދަން އުޅުނެވެ. އަހަރެންގެ އަތުތެރެއިން ދެމިގަންނަން އުޅުނެވެ. އަހަރެން ދުލެއްނުކުރަމެވެ. ދީމާގެ ކުށަކީ ކޮބައި ހެއްޔެވެ؟ އަހަރެން ހިތަށްއެރިއެވެ. އަހަންނަކީ ކޮން ކަހަލަ އިންސާނެއް ހެއްޔެވެ؟ ދީމާ ބުނީ ތެދެކެވެ. އޭނަ އެ ވާހަކަ ނުބުނި ނަމަ އަހަންނަށް އެ ކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟ ވީ ކަމެއް ވެ ނިމިއްޖެއެވެ. އެއިން އެއްވެސް ކަމެއް ނުވާ ކަމަކަށް ނެހެދޭނެއެވެ. އަހަރެން ދެކެ ދީމާ ލޯބިވެފައި، އަހަންނަށް ދީމާ ތެދުވެރިއްޔާ އެ ވަރު ނުފުދެންވީ ކީއްވެގެން ހެއްޔެވެ؟ ލޯބިވާންޖެހޭނީ ޝަރުތަކާ ނުލައެވެ.

"ހާދަ ހާލެއްގައޭ އަހަރެން އުޅުނީ.. މީހަކަށް ނޭނގޭނެ އަހަރެން.." ކިޔައިދޭން ދީމާ މަސައްކަތްކުރިއެވެ. "ނުވެސް ނިދޭ. ކިރިޔާ ނިދޭއިރަށް ސިއްސައިގެން ގޮއްސަ..."

"ޝޫޝޫޝޫ!" ވާހަކަނުދެއްކުމަށް އަހަރެން އެދުނީމެވެ.

ދީމާއަށް ހިތްވަރުލިބެންދެން ބައްދާލައިގެން އަހަރެން ހުރީމެވެ. ބޭއިހުތިޔާރުގައި ކުރެވުނު ކުށެއް ނުކުރާ ކުށަކަށް ހެދިދާނެކަމުގެ އުންމީދުގައެވެ. އެންމެ އިންޗިއެއް ވެސް ދީމާ ދުރަށްޖެހުނަކަ ނުދެމެވެ. ދުރުން ބަލާ މީހަކަށް ފެންނާނީ އެކަކެވެ. އެއް ހަށިގަނޑެވެ. ދެ ހިތް ވަކިން ވިންދުޖެހި ނަމަވެސް އުންމީދަކީ އެކައްޗެކެވެ. ރިހި ހަނދުވަރުން ފާލަން ފަވަމުން، މޫދުގެ ކުދިކުދި ބާނިތައް ގިރިޓީކުރަމުން، ލޯބީގެ ފުރިހަމަ ތަސްވީރެއް ވުޖޫދަށް ގެނައީ އަހަރުމެން ވެސް އޭގައި ޝާމިލުވާ ގޮތަށެވެ. ދެ ހިތެއްގެ މިޔުޒިކީ ވިންދާއި، ރޯޅީގެ ޝާއިރީ ލަފުޒާއި، ބަބުޅާވިދާ ތަރިތައް، މަންޒަރަށް ދިރުން ގެނެސްދިނެވެ. ހަތަރު އުދަރެސް ހެކިކޮށް ބުނަމުންނެވެ. ލޯތްބަކަށް ބަހުރުވައެއް ބޭނުމެއް ނުވެއެވެ. އަހަންޖެހެނީ ހިތުގެ އަޑެވެ. ދީމާއަކީ ތެދުވެރި ކުއްޖެކެވެ. ވަފާތެރި އަންބަކަށް ވާނެއެވެ. އަހަރެން ބޭނުންވީ މާޒީ ހަނދާންނައްތައިލާށެވެ. ތެދުވެރިކަމުގެ އަގު އަދާކުރާށެވެ.

ކައިވެންޏަށް ރަށުގެ ވަރަށް ގިނަ މީހުންނަށް ދައުވަތުދިނީމެވެ. ތައްޔާރުކުރީ ވަރުގަދަ ސަޔެކެވެ. ރަށު ފެންވަރުގައި ބަލާ ނަމަ، އެ ފެންވަރުގެ ސަޔެއް ކުރިން ހެދިފައެއް ނެތެވެ. ދައުވަތުދިން އެންމެން އައެވެ. ހަފުލާގައި ދީމާ ލައިގެންހުރީ ފިރިހެނުންގެ ލޮލުގައި އަޅައިގަންނަ ކަހަލަ އަތް ކުރު، ކަރު ބޮޑު ހެދުމެކެވެ. ދީމާއަކީ ބުރުގާއަޅާ ކުއްޖެއް ނޫނެވެ. އަހަންނަށް ބޮޑަށް ބެލުނީ ދީމާގެ ހެދުމަކަށް ނޫނެވެ. އެ ހެދުމާއި ދީމާއަށް ކަޅިއެޅި އެހެން މޫނުތަކަށެވެ. ދީމާގެ ހެދުމަކަށް އަހަރެން ފާޑެއް ނުކިޔަމެވެ. އަހަންނަކީ އެ ކަހަލަ މީހެއް ނޫނެވެ. އެކަމަކު އަހަރެންގެ އާއިލާއާއި އެކުވެރިންގެ ތެރޭގައި ދީމާ އެ ފަދަ ހެދުމެއް ނުލުމަކީ އަހަރެންގެ ހިތުގައިވާ އެދުމެކެވެ. އަހަރެންގެ އަނބިމީހާ އެ ފަދަ ހެދުމެއްލައިފި ނަމަ އަހަރެންގެ ވަށްބުރުގައި ހިމެނޭ މީހުންގެ ލޮލަށް ކަށި ހެރޭނެއެވެ. އަހަންނަށް ކަށަވަރެވެ. ސުވާލަކީ، ދީމާ ގާތުގައި އެ ވާހަކަ ބުނާނީ ކިހިނެއް ހެއްޔެވެ؟ އެ ފަދަ އެއްޗެއް އަހަރެން ބުނެފި ނަމަ އެ ވާނީ ބާރުލިބުމާއެކު ބާރުގެ ބޭނުންކުރީކަމަށެވެ. އަހަންނަކީ މީހުންގެ ރުހުން އެދޭ މީހެކެވެ. ނުރުހުން ބޭނުންވާ މީހެއް ނޫނެވެ.

ކައިވެނިކޮށްފައި ޖެހިގެންއައި ދުވަހު އަހަރެން ފުރީމެވެ. ތާވަލުގައި އެހެން ރަށްތަކެއް ވެސް ހިމެނިފައިވާތީއެވެ. ދަތުރު ނިންމައިފައި އަހަރެން އައީ މާލެއަށެވެ. އަހަރެން ރާވައިގެންހުރީ ދީމާ ގާތަށް ދިޔުމުގެ ބަދަލުގައި ދީމާ މާލެގެންނާށެވެ. އެ ކަމުގައި އުޅެނިކޮށް ދީމާގެ މަންމަ ގުޅިއެވެ. އޭނަ ހުރީ ވަރަށް ކަންބޮޑުވެފައެވެ. ކައިވެނިކޮށްފައި އެހާ އަވަހަށް އަހަރެން ފުރަންޖެހުނީމައި ދީމާ ރޮނީއެވެ. ކައިވެނިކުރާނަމޭ އަހަރެން ބުނި ނަމަވެސް އެހާ އަވަހަށް ކައިވެނިކުރާނެ ކަމަކަށް ދީމާގެ މައިންބަފައިން ހިޔެއްނުކުރެއެވެ. އަހަރެން ކަންތައް ކުރި ގޮތުން އަހަންނަށް ފަތަހަކުރެވުނީ ދީމާގެ ހިތް އެކަންޏެއް ނޫނެވެ. އެ އާއިލާ އެންމެންގެ ހިތުން އަހަންނަށް ޖާގަ ލިބިއްޖެއެވެ.

"ދީމާ ބޭނުމެއް ނޫން އެހާ އަވަހަށް ހަންނާނު ފުރައިގެން ދާކަށް،" ދީމާގެ މަންމަ ވަރަށް އޯގާތެރިކަމާ އެކުގައި ބުންޏެވެ. "އެކަމަކު މަންމައަށް ވެސް އެނގޭ އޮފީސް ދަތުރެއްކަން. ބޭނުންހާ އިރަކު ނުހުރެވޭނެކަން. ދީމާ ބޭނުމެއް ނޫން އޭނަ ރޯކަން ހަންނާނަށް އަންގާކަށް. މަންމައަށް ނުހުރެވިގެން ހަމަ މި ގުޅާލީ."

"މަންމަ އެއްގޮތަކަށް ވެސް ހާސްވާނެކަމެއް ނެތް،" އަހަރެން ބުނީމެވެ. "ވަރަށް އަވަހަށް ދީމާ މާލެގެންނާނަން. ރަނގަޅު ތަނެއް ހަމަޖައްސާފަ ގެންނަންވެގެން މިއައީ."

ދީމާގެ މަންމަ ހިތްހަމަޖައްސައިފައި ފޯނު ބޭއްވީމެވެ. އެންމެ މުހިންމު ވާހަކަ ބުނާކަށް ނުކެރުނެވެ. އެއީ ދީމާގެ ހެދުމުގެ ވާހަކައެވެ. އެކަމަކު އެ މައްސަލަ ކޮޅެއްގައި ނުޖައްސައި ދީމާ މާލެއަކަށް ނުގެނެވޭނެއެވެ. ހިތަށްއެރިއެވެ. ބަހަނާދައްކައިގެން ލަސްކުރުމުގެ ބަދަލުގައި ތެދަށް ބުނިއްޔާ ވާކީ ކީއްހެއްޔެވެ؟ ގަބޫލުކުރިއްޔާ ކުރީއެވެ. ނުކުރިއްޔާ ނުކުރީއެވެ. ދީމާ ގާތުގައި އެ ވާހަކަދައްކަން އަހަންނަށް ގުޅުނީ ރޭގަނޑު އެގާރަޖަހަން އުޅެނިކޮށެވެ.

"ކޮބާ ކިހިނެއް ކަންތައްތައް؟" ކަރުކެހިލައިފައި އަހަރެން ބުނީމެވެ.

ދުރުން ވާހަކަ ފަށައިގެން ވަރަށް ހަމަޖެހިލައިގެން ވާހަކަދައްކަން އަހަރެން މަސައްކަތްކުރީމެވެ. ޒައްރެއްގެ މިންވަރަށް ވެސް އެ ކަން ކާމިޔާބެއް ނުވިއެވެ. ކަރުބެދެން ފެށިއެވެ. ކެއްސައި ކަރުކެހެން ޖެހުނެވެ. އަޑުގައި ތުރުތުރެއް ހުއްޓެވެ. އެންމެ ފަހުން ދީމާއަށް ޝައްކުވިއެވެ.

"ހާދަ ހާސްވެފަހުރިހެން ހީވެޔޭ!" ދީމާ ކުޑަކޮށް ހައިރާންވެފައި ބުންޏެވެ. "ކިހިނެއްވީ؟"

"އެއްޗެކޭ ހީނުކުރާމަތިން ވާހަކައެއް ބުނަންތަ؟" އަހަރެން ތައްޔާރުވީ އެ ވާހަކަ ބުނާށެވެ. "ކައިވެނިކުރި ދުވަހު ވެސް ހިތަށްއެރި މި ވާހަކަ ބުނާނަމޭ. އެކަމަކު އޭރު ވެސް މިހާރު ވެސް ބުނަން ނުކެރިގެން މިއުޅެނީ. ދީމާ ހިތްހަމަނުޖެހިއްޖެއްޔާ މީ ނުދައްކާ ވާހަކައެއް."

"ދެން ބުނެބަލަ!" ހީނގެންފައި ދީމާ ބުންޏެވެ. "ބިރުން ގޮސް މަގޭ ހިތް ހުއްޓުނީމަތަ ބުނާނީ."

"އަހަރެންގެ މައިންބަފައިން ގާތުގަ ދީމާއަށް ވަރަށް ތައުރީފުކޮށްފަ އޮންނާނީ،" ކުޑަ ދޮގުކޮޅެއް ލައިގެން ރަހަ ހެޔޮވަރުކޮށްލީމެވެ. "އެ މީހުންނަކީ ވަރަށް ދީންވެރިބަޔެއް. ދީމާ ވީނު ބުރުގާއަޅަން."

"ބުރުގާއަޅާށޭ؟" ކުއްލިއަކަށް ދީމާއަށް ބުނެވުނެވެ. އަދި ބުންޏެވެ. "މާލެ ގޮސް ތި ކަމާ ވިސްނާނަން. އެ ގޮތް ކިހިނެއް؟"

އަހަރެން ބޭނުންވާ ގޮތަކީ އެއީއެއް ނޫނެވެ. އެންމެ ފަހުން ހިތުގައި އޮތް އެތި ދުލަށް ގެނައީމެވެ.

"މާލެއަންނައިރު ބުރުގާއަޅައިގެން ހުންނަންވީ،" ނޭވާ ހިފާއްޓައިލައިގެންހުރެ އަހަރެން ބުނީމެވެ. "އޯކޭތަ؟"

ނުނިމޭ