ސްވައިން ފްލޫއާ ބެހޭ މައުލޫމާތު/ ފަހުގެ ޚަބަރު

ބަލި ޖެހެނީ ކިހިނެއް؟

މިއީ ހަމަ އާންމު އަރިދަފުސް ރޯގާ ޖެހޭ ގޮތަށް ޖެހޭ ބައްޔެކެވެ. ބަލި ޖެހިފައި ތިބޭ މީހުން ކެއްސައި ކިނބިހި އަޅާއިރު ވައިރަސް ހުންނަ ކުޅު ތިކިތައް ވައިގެ ތެރެއަށް ސްޕްރޭވެގެން ދެ އެވެ. މިގޮތަށް ބުރައިގެންދާ ކުޅުން އަދި ކުޅު އުނގުޅިފައި ހުންނަ ތަނެއްގައި އަތްލުމުން އެޗް1އެން1 ވައިރަސް ހަށިގަނޑަށް ވަނުމަށް މެދުވެރިވެ އެވެ. ބަލި ޖެހި، އެކަމަކު ބަލީގެ އަލާމާތްތައް ފެންނަން ފެށުމުގެ އެއް ދުވަސް ކުރިން ބަލީގެ ވައިރަސް ހަށިގަނޑުން ބޭރުވެ އެހެން މީހުންނަށް ބަލި ޖެހޭނެ އެވެ. އަދި ބަލި ރަނގަޅުވާތާ ހަތް ދުވަސް ވަންދެން ވެސް އެ މީހެއްގެ ސަބަބުން އެހެން މީހުންނަށް ބަލި ޖައްސަ އެވެ. ކުޑަ ކުއްޖެއް ނަމަ، ބަލި ޖެހޭތާ 10 ދުވަސް ވަންދެން އެ ކުއްޖެއްގެ ކިބައިން އެހެން މީހުންނަށް ބަލި ޖެހިދާނެ އެވެ.

ސްވައިން ފްލޫގެ އަލާމާތްތައް

  • ހުންއައުން

  • ކެއްސުން

  • ހީކެރުވުން

  • ބޮލުގައި ރިއްސުން

  • ގައިގައި ރިއްސުން

  • ވަރުދެރަވުން

  • ކަރުގައި ރިއްސުން

  • ނޭފަތުން ފެން އައުން ނުވަތަ ބެދުން

އާންމު ރޯގާތައް ފަދައިން ސްވައިން ފްލޫގެ ސަބަބުން ވެސް ނިއުމޯނިއާ އާއި ފުއްޕާމޭގެ އިންފެކްޝަންތައް އަދި މި ނޫނަސް ނޭވާލާ ނިޒާމުގެ މައްސަލަތައް ސީރިއަސްވެ އެވެ. އަދި ހަކުރު ބައްޔާއި ނޭވާހިއްލުމުގެ މައްސަލަ ހުންނަ ނަމަ އެ ކަންކަން މާބޮޑަށް ގޯސްވެ އެވެ. ނޭވާ ކުރުވުމާއި ގަދަޔަށް ހޮޑުލެވުމާއި ބަނޑުގައި ރިއްސުމާއި ބޯއެނބުރުން ފަދަ ކަމެއް ބަލީގެ ސަބަބުން ކުރިމަތިވާ ނަމަ އަވަހަށް ޑޮކްޓަރަށް ދައްކަން ޖެހޭނެ އެވެ.

ބަލީގެ ނުރައްކާ ބޮޑީ ކޮން ބަޔަކަށް؟

  • އުމުރުން ފަސް އަހަރުން ދަށުގެ ކުދިން

  • އުމުރުން 65 އަހަރުން މަތީގެ މީހުން

  • މާބަނޑު މީހުން

  • ފުއްޕާމޭ، ހިތް، ފުރަމޭ، ލޭ، ނާވަސް ސިސްޓަމް، ނިއުރޯމަސްކިއުލާ ނުވަތަ މެޓަބޮލިކް މައްސަލަތައް ހުންނަ ބޮޑެތި މީހުންނާއި ކުޑަކުދިން

  • ދިފާއީ ނިޒާމު ބަލިކަށި ބޮޑެތި މީހުންނާއި ކުޑަކުދިން އަދި އެޗްއައިވީ ޖެހިފައިވާ މީހުން

  • ބަލިވެ އުޅޭ، ދާއިމީ ފަރުވާއެއް ހޯދާ މީހުން

ފަރުވާ އަކީ ކޮބާ؟

އާންމު ރޯގާތަކާ ދެކޮޅަށް ބޭނުންކުރާ ބައެއް އެންޓިވައިރަލް ބޭސްތަކުން އެޗް1އެން1 އަށް ފަރުވާ ކުރެވެ އެވެ. އެގޮތުން ޓެމިފްލޫ، ރެޕިވެބް އަދި ރެލެންޒާ އަކީ އެންމެ ރަނގަޅު ބޭސްތަކުގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. މި ބޭސްތަކުން ބަލި ފަސޭހަކޮށްދިނުން އަވަސްކުރުވަ އެވެ. ބޭހުގެ އަސަރު އެންމެ ރަނގަޅަށް ކުރަނީ ބަލީގެ އަލާމާތްތައް ފެންނަން ފަށާތާ 48 ގަޑިއިރު ތެރޭގައި ބޭސް ބޭނުންކުރަން ފެށުމުންނެވެ. އެންޓިބަޔޮޓިކްސް އިން ފައިދާއެއް ނުކުރާނެ އެވެ. އެއީ ފްލޫ އަކީ ވައިރަސް އަކުން ޖެހޭ ބައްޔަކަށް ވާތީ އެވެ. އެންޓިބަޔޮޓިކްސް އިން ރަނގަޅުވާނީ ބެކްޓީރިއާ އިން ޖެހޭ ބަލިތަކެވެ.

ސްވައިން ފްލޫގެ ވެކްސިން ހުރޭތަ؟

އާންމު ފްލޫތަކާ ދެކޮޅަށް ބޭނުންކުރާ ވެކްސިނުން ވެސް އެޗް1އެން1 އިން ހިމާޔަތްކޮށްދޭނެ އެވެ. މި ވެކްސިން ނޭފަތަށް ސްޕްރޭއެއްގެ ގޮތުގައި ވެސް ދޭނެ އެވެ. ކޮންމެ ގޮތަކަށް ދިން ނަމަވެސް ވައިރަސްއާ ދެކޮޅަށް ދިފާއީ ނިޒާމު މަސައްކަތްކުރަންވީ ގޮތް އަންގައިދީ، ހަށިގަނޑު ހިމާޔަތްކޮށްދެ އެވެ.

ރައްކާތެރިކަމުގެ ގޮތުން؛ ކުރެވިދާނެ ކަންތައްތައް

  • އަތް ނުދޮވެ ލޮލާއި ނޭފަތާއި އަނގަތަށް އަތް ނުލުން

  • މީހުންނާ ސަލާންކުރުމާއި ބެއްދުން ފަދަ ކަންކަން ނުކުރުން

  • ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ވަގުތުން ނައްތާލުން

  • ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން

  • ރޯގާ ޖެހިއްޖެ ނަމަ ބޭރަށް ނިކުމެ ނޫޅުން އަދި އެހެން މީހުންނާ ދުރުގައި އުޅުން

  • ބަލީގެ އަލާމާތްތައް ފެންނަ ނަމަ އެހެން މީހުންގެ ސަލާމަތަށްޓަކައި، އެހެން މީހުންނާ މީޓަރަކަށް ވުރެ ކައިރި ނުވުން

  • ރޯގާގެ އަލާމާތްތައް ފެންނަ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން

  • ސައިބޯނި ލައިގެން ގިނައިން އަތް ދޮވުން. ހޫނު ފެން ނުވަތަ ސެނިޓައިޒާއަކުން އަތް ސާފުކުރުން