ކުޅިވަރު / އެސްޓަން ވިލާ

ޑީނޭ އެސްޓަން ވިލާއަށް، ބާންލީގެ ވުޑް ނިއުކާސަލް އަށް

ޑީނޭ އެސްޓަން ވިލާގެ ޖޯޒީގައި.--

ބާމިންހަމް (ޖެނުއަރީ 13) - އެވަޓަންގެ ލޫކާ ޑީނޭ އެސްޓަން ވިލާއަށް ބަދަލުވުމާ އެކު ނިއުކާސަލް ޔުނައިޓެޑުން، ބާންލީ އަށް ކުޅޭ ނިއުޒިލެންޑުގެ ފޯވާޑް ކްރިސް ވުޑުގެ ސޮއި ހޯދައިފި އެވެ.

ޑީނޭ އެސްޓަން ވިލާ އަށް ބަދަލުވީ 25 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށެވެ. އޭނާ ވަނީ އެވަޓަންގައި ކުޅުމުގެ ފުރުސަތު ނުލިބޭތީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް، ޓީމުގައި މަޑުކުރަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. މިދިޔަ ޑިސެމްބަރު މަހު ލީގުގައި އެވަޓަން އިން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެޓީމުގެ ކޯޗު ރަފައެލް ބެނިޓޭޒް އޭނާއަށް ކުޅުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ.

އެސްޓަން ވިލާއިން ވަނީ ބާސެލޯނާގެ ފިލިޕޭ ކުޓީނިއޯ ވެސް މި ސީޒަނުގެ ނިޔަލަށް ލޯނު އުސޫލުން އެޓީމަށް ގެނެސްފަ އެވެ. ވިލާއިން ބޭނުން ނަމަ މި ސީޒަނަށް ފަހު 33 މިލިއަން ޕައުންޑް (40 މިލިއަން ޔޫރޯ) އަށް ކުޓީނިއޯގެ ޑީލް ދާއިމީ ކުރެވޭނެ އެވެ.

އެވަޓަން އިން ވަނީ އެސްޓަން ވިލާގެ ނެދަލެންޑްސް މިޑްފީލްޑަރު އަންވަރު އަލްގާޒީ، 26، ލޯނު އުސޫލުން ގެނެސްފަ އެވެ. ސްޓީވަން ޖެރާޑް އެސްޓަން ވިލާއާ ހަވާލުވި ފަހުން އޭނާ ގިނައިން ފެނިފައި ވަނީ ބަދަލު ކުޅުންތެރިއެއް ގޮތުގަ އެވެ.

ފްރާންސްގެ ޕީއެސްޖީ އާއި ސްޕެއިންގެ ބާސެލޯނާއާ އެކު ވެސް ކުރިން ކުޅުނު ލޫކަސް ޑީނޭ، 28، އަށް ނިއުކާސަލް އިން ވެސް ޝައުގުވެރިކަން ފާޅުކުރި އެވެ. ނަމަވެސް އޭނާ ވަނީ ނިއުކާސަލް އަށް ބަދަލުވާން ބޭނުން ނުވާކަން މީގެ ކުރިން ހާމަކޮށްފަ އެވެ.

ކްރިސް ވުޑް ނިއުކާސަލް އަށް ސޮއިކުރަނީ.--

ބާންލީއާ އެކު ވުޑްގެ ކޮންޓްރެކްޓުގައި ބާކީ ދޮޅު އަހަރު އޮއްވައި ނިއުކާސަލް އިން އޭނާ ގެނައީ، ބާންލީ އިން އޭނާގެ ކޮންޓްރެކްޓުގައި ހިމަނައިފައިވާ ރިލީޒް ކްލޯސްގައިވާ 25 މިލިއަން ޕައުންޑް ދައްކައިފަ އެވެ. އޭނާ ނިއުކާސަލް އަށް ބަދަލުވީ 2024/2023 ސީޒަނުގެ ނިޔަލަށެވެ.

ނިއުކާސަލް އިން އުމުރުން 30 އަހަރުގެ ވުޑް ގެނައި މައިގަނޑު ސަބަބަކީ އެ ޓީމުގެ އެންމެ މުހިއްމު ފޯވާޑް ކެލަމް ވިލްސަން އަށް އަނިޔާވެ ދެ މަސްދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމުން އޭނާ ނެތް ތަން ފޫބައްދާށެވެ. އެ ކުލަބުގެ ކޯޗު އެޑީ ހޯވް ބުނީ ވުޑް އަކީ މި ދަނޑިވަޅުގައި ޓީމަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި، އޭނާއަކީ ފިޒިކަލީ ވަރުގަދަ އަދި އެޓޭކްތަކުގައި އިދިކޮޅު ޓީމަށް ނުރައްކާ ކުރާ ކުޅުންތެރިއެއް ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހު ސައުދީ އަރަބިޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލްގެ 80 ޕަސެންޓު ހިއްސާ ވަނީ ގަނެފަ އެވެ. އެ ކުލަބުން މި ޖެނުއަރީގައި އެންމެ ފުރަތަމަ ގެނައީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި އިނގިރޭސި ގައުމީ ޓީމުގެ ފުލްބެކް ކީރެން ޓްރިޕިއާ އެވެ. ޓްރިޕިއާގެ ސޮއި ހޯދީ އެންމެ 12 މިލިއަން ޕައުންޑަށެވެ.

މީގެ ކުރިން ވެސްޓް ބްރޮމް އާއި ލެސްޓާ ސިޓީ އަދި ލީޑްސް ޔުނައިޓެޑަށް ވެސް ކުޅުނު ނިއުޒިލެންޑުގެ ފޯވާޑް ބާންލީ އަށް ބަދަލުވީ 2017 ވަނަ އަހަރު، ކުލަބުގެ ރެކޯޑް ފީއެއް ކަމަށްވާ 15 މިލިއަން ޕައުންޑަށެވެ. ބާންލީއާ އެކު މި ސީޒަނުގައި މިހާތަނަށް ކުޅުނު 17 މެޗުން ތިން ގޯލު ޖަހައިފައިވާ ވުޑް ވަނީ އެޓީމާ އެކު ވޭތުވެދިޔަ ހަތަރު ސީޒަނުގައި ވެސް 10 ލަނޑަށް ވުރެ ގިނަ ގޯލު ޖަހައިދީފަ އެވެ.

ބޮޑު އަގަކަށް ނިއުކާސަލް އަށް ވުޑް ގެންދިއުމުން އެ ކުލަބަށް އަންނަނީ ފުޓުބޯޅައިގެ ގިނަ ފަރާތްތަކަކުން ފާޑު ކިޔަމުންނެވެ. ނަމަވެސް ބާންލީގެ ޓެކްނިކަލް ޑިރެކްޓަރު މައިކް ރިގް ބުނީ، އެއްވެސް ޓީމަކުން އެޓީމެއްގެ އެންމެ މޮޅު ކުޅުންތެރިޔާ ރަނގަޅު އަގަކަށް ނޫނީ ވިއްކާލަން އެއްބަސް ނުވާނެ ކަމަށެވެ. އަދި ވުޑް އާ އެކު ނިއުކާސަލް މި ސީޒަނުގައި ރެލިގޭޝަނުން ސަލާމަތް ވެއްޖެ ނަމަ އެއީ ރަނގަޅު ޓްރާންސްފާއެއް ކަމަށް ނިންމިދާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ނިއުކާސަލް މި ވަގުތު އޮތީ ޕްރިމިއާ ލީގުގައި ކުޅުނު 19 މެޗުން ހޯދި 11 ޕޮއިންޓާ އެކު ތާވަލުގެ 19 ވަނައިގަ އެވެ. ދެ މެޗު މަދުން ކުޅެގެން ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ބާންލީ އޮތީ 18 ވަނައިގަ އެވެ. އެންމެ ފުލުގައި އޮތީ ރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވި ނޯރިޗް ސިޓީ އެވެ. މިހާތަނަށް ކުޅުނު 20 މެޗުން އެޓީމަށް ލިބިފައި ވަނީ 10 ޕޮއިންޓެވެ.

ޑީނޭ (ކ) އެވަޓަން ޖޯޒީގައި، އަދި ވުޑް (ވ) ބާންލީގައި ކުޅެނީ.--

ކުރިން މެންޗެސްޓާ ސިޓީގައި ވެސް ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ފުރި ރިގް އިތުރަށް ބުނީ، ކުލަބުތަކުންނާއި ފުޓުބޯޅަ އެޖެންޓުން ވެސް ކުޅުންތެރިންގެ އަގު މަތިކުރަން މި ދުވަސްވަރު އެކިއެކި ކުޅުންތެރިން ނިއުކާސަލްއާ ގުޅުވައިގެން ފައިދާ ނަގަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ނިއުކާސަލް އަށް ބޭނުންވަނީ އެ ޓީމަށް ކުޅޭ ހިތުން ކުޅެދޭނެ ވަރުގެ ކުޅުންތެރިން ކަމަށް ވެސް އޭނާ ބުންޏެވެ.

ޓްރިޕިއާ އާއި ވުޑްގެ އިތުރުން ނިއުކާސަލް އިން އަންނަނީ، އެޓީމުގެ ކޯޗު އެޑީ ހޯވްއާ އެކު ކުރިން ބޯންމައުތުގައި ކުޅުނު ޑޮމިނިކް ސޮލަންކޭ އާއި، ބެޔާ ލެވަކޫސަން އަށް ކުޅޭ ޗެކް ރިޕަބްލިކްގެ ޕެޓްރިކް ޝިކް ވެސް ހޯދަން މަސައްކަތް ކުރަމުންނެވެ. އަދި ނޯރިޗް ސިޓީގެ ޓޮޑް ކެންޓްވެލް އާއި ޓޮޓެންހަމްގެ ޓަންގީ އެންޑޮމްބެލޭ ވެސް އެޓީމަށް ގެންނަން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ނިއުކާސަލް އިން އަންނަނީ ފްރާންސްގެ ރެއިމްސް އަށް ކުޅެމުން އަންނަ އެ ގައުމުގެ 19 އަހަރުގެ ފޯވާޑް ހޫގޯ އެކިޓިކޭ ގެންނަން މަޝްވަރާ ކުރަމުންނެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454