29 ޖޫން 2022 - 06:54
ލަންޑަން (ޖޫން 29) - ލީޑްސް ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ ރަފީނިއާ ހޯދަން ބާސެލޯނާ އާއި އާސެނަލް އިން މަޝްވަރާތައް ކުރަމުން ދަނިކޮށް ޗެލްސީން އޭނާ ހޯދަން ލީޑްސް ޔުނައިޓެޑާ އެކު ޓްރާންސްފާ ފީއަކާ މެދު އެއްބަސްވުމަކަށް އާދެވިފައި ވާކަަމަށް ބުނެފި އެވެ.
ރަފީނިއާ ގަންނަން ޗެލްސީން ލީޑްސް އަށް ފުރަތަމަ 65 މިލިއަން ޑޮލަރު ދައްކާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެޑޯންސްއާ އެކު މި ޑީލްގެ އަގު 80 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް ރިޕޯޓް ކޮށްފައިވެ އެވެ.
ލީޑްސް ޔުނައިޓެޑް މިދިޔަ ސީޒަނުގައި ރެލިގޭޝަނުން ސަލާމަތްވުމުގައި ރަފީނިއާ ވަނީ އެ ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ހަމަ އެއާ އެކު އެ ޓީމު ޕްރިމިއާ ލީގަށް ކޮލިފައި ކޮށްދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރި ކެލްވިން ފިލިޕްސް 55 މިލިއަން ޑޮލަރުގެ ފީއަކަށް މެންޗެސްޓާ ސިޓީއަށް ވިއްކާލަން ވެސް ވަނީ އެއްބަސް ވެފަ އެވެ.
އޭރު ވެސް ބާސެލޯނާ އިން ރަފީނިއާ އަށް ދިޔައީ ފާރަލަމުންނެވެ. ލީޑްސް ރެލިގޭޓްވި ނަމަ ބާސެލޯނާއަށް ހެޔޮ އަގެއްގައި އޭނާ ހޯދުމުގެ ފުރުސަތު އޮތީހެވެ. ރަފީނިއާ ވަނީ ލީޑްސް އަށް ކުޅުނު ދެ ސީޒަނުގައި 67 މެޗުން 17 ލަނޑު ޖަހައިދީފަ އެވެ.
ޗެލްސީން ބާސެލޯނާގެ އުސްމާން ޑެމްބެލޭ ހޯދަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ބާސާއިން ޑެމްބެލޭ ބަހައްޓަން މަސައްކަތް ކުރަމުން ދާތީވެ، ޗެލްސީން ވަނީ އެކަން މަޑުޖައްސާލައި، ރަފީނިއާ ހޯދަން މަސައްކަތް ފެށީ އެވެ.
ރަފީނިއާގެ އެޖެންޓަކީ ބާސެލޯނާ އާއި ޗެލްސީ އަށް ކުރިން ކުޅުނު މިޑްފީލްޑަރު ޑެކޯ އެވެ. އޭނާ އެންްމެ ފުރަތަމަ ރަފީނިއާ ގެންދަން ބޭނުންވީ ބާސާއަށެވެ. ނަމަވެސް އެކުލަބުގެ މާލީ ދަތިތަކާ ހުރެ ލީޑްސްއާ އެކު އަގަކާ މެދު އެއްބަސްވުމަކަށް ނާދެވުނެވެ.
އާސެނަލް ވެސް ފަހު ވަގުތު ލީޑްސްއާ އެކު އަނގަބަހުން އަގަކާމެދު އެއްބަސްވުމަކަށްދާން މަސައްކަތް ކުރި ނަމަވެސް ލީޑްސް އަށް ކަމުދިޔައީ ޗެލްސީގެ ހުށަހެޅުމެވެ. ރަފީނިއާ ލީޑްސްގެ ކޮންޓްރެކްތުގައި ހުރީ 2024 ވަނަ އަހަރުގެ ޖޫންއާ ހަމައަށެވެ.
ލީޑްސް އާއެކު ޓްރާންސްފާ ފީއެއް ހަމަޖެއްސުމަށް ފަހު، ރަފީނިއާގެ މުސާރަ އާއި ކޮންޓްރެކްޓުގެ މަޝްވަރާތަކުގައި އޭނާގެ އެޖެންޓާ އެކު މަޝްވަރާތަކުގައި އިސްކޮށް އުޅެނީ އެޓީމުގެ ޗެއާމަންކަމާ ހަވާލުވެ ހުރި އާ ކޯ އޯނަރު ޓޮޑް ބޯލީ އެވެ.
ފްރާންސްގެ ރެންސް އިން 25 މިލިއަން ޑޮލަރަށް 2019 ވަނަ އަހަރު ލީޑްސް އަށް ބަދަލުވި ރަފީނިއާ ޔޫރަޕުގެ ބޮޑު ކުލަބަކަށް ބަދަލުވާން ނިންމީ މިއަހަރު ފަހުކޮޅު ބާއްވާ ފީފާ ވޯލްޑް ކަޕުގައި ވާދަކުރާ ބްރެޒިލް ގައުމީ ޓީމުން ޖާގަ ހޯދުމުގެ އުންމީދުގަ އެވެ. މިދިޔަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ރަފީނިއާ، 25، ވަނީ ނުވަ މެޗުން ތިން ގޯލު ޖަހައިދީފަ އެވެ.
ޗެލްސީން އަންނަނީ މެންޗެސްޓާ ސިޓީގެ ވިންގާ ރަހީމް ސްޓާލިން އަށް ދެވަނަ ބިޑެއް ހުށަހަޅަން ތައްޔާރު ވަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ސްޓާލިން އަށް 40 މިލިއަން ޔޫރޯއާ އެކު އިތުރު އެޑޯންސް ހުށަހަޅާނެ އެވެ. އެންމެ ފުރަތަމަ ޗެލްސީން ކުރި 25 މިލިއަން ޔޫރޯގެ ބިޑު ސިޓީން ވަނީ ބޭރުކޮށްލައިފަ އެވެ.
ވިންގަށް ކުޅޭ ދެ ކުޅުންތެރިންނާއި ދެ ސެންޓަ ބެކުން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބޭނުންވާކަމަށް ރިޕޯޓް ކޮށްފައި ވާއިރު، ސެވިއްޔާގެ ޑިފެންޑަރު ޔޫލުސް ކޫންޑޭ އާއި ޔުވެންޓަސްގެ މެތައިސް ޑިލިޓް އަދި ނަޕޯލީގެ ކަލިދޫ ކުލިބަލީގެ އިތުރުން ސިޓީއަށް ކުޅޭ ނޭތަން އަކޭ އަށް ވެސް ޗެލްސީން ޝައުގުވެރި ވެއެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy