މިދިޔަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު މެޗެއްގައި ޝްމައިކަލް.--
04 އޯގަސްޓް 2022 - 09:56
ނީސް، ފްރާންސް (އޮގަސްޓް 4) - އިނގިރޭސި ކްލަބް ލެސްޓާ ސިޓީ ގައި 11 އަހަރު ހޭދަ ކުރުމަށް ފަހު އެޓީމުގެ ޑެންމާކު ގޯލްކީޕަރު އަދި ކެޕްޓަން ކެސްޕާ ޝްމައިކަލް ފްރާންސްގެ އޯޖީސީ ނީސް އަށް ބަދަލު ވެއްޖެ އެވެ.
ޝްމައިކަލްގެ އިތުރުން ވޭލްސްގެ މިޑްފީލްޑަރު އާރޮން ރަމްސޭ، 31، ވެސް ވަނީ ޔުވެންޓަސް އާއެކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލު ކުރުމަށް ފަހު ނީސް އާ ގުޅިފަ އެވެ.
ޑެންމާކުގެ ގައުމީ ޓީމަށް 84 މެޗު ކުޅެދީފައިވާ ގޯލްކީޕަރު ނީސް އަށް ބަދަލުވީ އެއް މިލިއަން ޕައުންޑުގެ އަގަކަށް، ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އުމުރުން 35 އަަހަރުގެ ގޯލްކީޕަރު ވަނީ ލެސްޓާ ސިޓީ އަށް ޖުމްލަ 479 މެޗު ކުޅެދީ، އެޓީމާ އެކު އިނގިރޭސި ޕްރިމިއާ ލީގާއި އިނގިރޭސި އެފްއޭ ކަޕް އަދި ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްފަ އެވެ. މެންޗެސްޓާ ސިޓީ އިން ސީނިއާ ކެރިއަރު ފެށި ޝްމައިކަލް ވަނީ ލެސްޓާ އަށް ބަދަލު ވުމުގެ ކުރިން ނޮޓްސް ކައުންޓީ އަށާއި ލީޑްސް ޔުނައިޓެޑަށް ވެސް ކުޅެފަ އެވެ.
ލެސްޓާ އާއެކު ޝްމައިކަލް ވަނީ އިގިރޭސި ޗެމްޕިއަންޝިޕް ކާމިޔާބުކޮށް އެ ޓީމު އަލުން ޕްރިމިއާ ލީގަށް ގެނައުމުގައި ވެސް މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.
ލެސްޓާގެ ޗެއާމަން އައިޔަވަތު ސްރިވަދާނަޕްރަބާ ވިދާޅުވީ ޝްމައިކަލް އަކީ ކެޕްޓަނެއްގެ ގޮތުގަޔާއި ވައިސް ކެޕްޓަނެއްގެ ގޮތުގައި ވެސް ޒިންމާ ނަގައި ޓީމު ލީޑް ކުރުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެއް ކަމަށެވެ.
"ދަނޑުގަ އާއި ދަނޑުން ބޭރުގައި ވެސް އޭނާގެ (ޝްމައިކަލްގެ) ނުފޫޒާއި ލީޑާޝިޕްގެ ސަބަބުން ޕްރޮފެޝަނަލް ކުޅުންތެރިއެއް ގޮތުގައި އޭނާއަކީ ނަމޫނާ އެއް. އަދި އަހަރެންނަށް އެނގޭ އޭނާގެ ކާމިޔާބީތަކާ އެކު ސަޕޯޓަރުން ވެސް އޭނާއަށް ދޭންވާ ފުރިހަމަ އިހުތިރާމު ދޭނެކަން އަދި ފްރާންސްގައި އޭނާގެ ކެރިއަރުގައި އޭނާއަށް ކާމިޔާބު ލިބުމަށް އަހަރެންނާ އެކު އެންމެން ވެސް އެދޭނެ ކަމާ މެދު އަހަރެން ޝައްކެއް ނުކުރަން،" ސްރިވަދާނަޕްރަބާ ބުންޏެވެ.
މިހާރު ކުރިއަށްދާ ޓްރާންސްފާ ބާޒާރުގައި ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ކުޅުންތެރިއަކު ސޮއި ނުކުރާ ހަމައެކަނި ކްލަބަކީ ލެސްޓާ އެވެ. އެޓީމުގެ ކޯޗު ބްރެންޑަން ރޮޖާސް ވަނީ ކްލަބުގައި ފައިސާ ނެތި، ކުޅުންތެރިން ސޮއިކުރުވަން މަސައްކަތް ކުރެވެން ނެތް ކަމަށް ބުނެފަ އެވެ.
ލެސްޓާ އިން ވަނީ ނިއުކާސަލް ޔުނައިޓެޑުން އެ ޓީމުގެ މިޑްފީލްޑަރު ޖޭމްސް މެޑިސަން ހޯދަން ކުރި ބިޑު ބޭރު ކޮށްލައިފަ އެވެ. ހަމަ އެއާ އެކު ޑިފެންޑަރު ވެސްލީ ފޮފާނާ ހޯދަން ޗެލްސީ އިން މަސައްކަތް ކުރާ އިރު އޭނާ ވިއްކާލަން ވެސް ލެސްޓާ ބޭނުމެއް ނުވެ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy