ކޯޗު ޒިންމާ ނަގައިފި، ސީނިއާ ކުޅުންތެރިން ވެސް ޒިންމާ ނަގަން ޖެހޭ: މާޒިޔާ

މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބު ނުކުރެވުމުގެ ޒިިންމާ ކުރީގެ ކޯޗު އަލީ ސުޒޭން ނަގާފައިވާ ކަމަށާއި އެ ކަމުގައި ސީނިއާ ކުޅުންތެރިން ވެސް ޒިންމާ ނަގަން ޖެހޭ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޖެނެރަލް ސެެކްރެޓަރީ އަބްދުލް ވައްހާބު ވިދާޅުވެއްޖެ އެވެ.


ވަރުގަދަ ސްކޮޑަކާ އެކު މިދިޔަ ސީޒަނާ މާޒިޔާ ކުރިމަތިލީ ތިން ތަށްޓަށް އަމާޒުކޮށްގެންނެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން ޖާގައެއް ނުހޯދުނެވެ. ސީޒަން ނިމުމާ އެކު ކޯޗު ސުޒޭން ވަނީ އިސްތިއުފާ ދީފަ އެވެ.

ސީނިއާ ކުޅުންތެރިން ޒިންމާ ނަގަން ޖެހޭ ކަމަށް މާޒިޔާ އިން ބުނިއިރު ޓީމުގެ އެންމެ ސީނިއާ ކުޅުންތެރިޔާ އިމްރާން މުހައްމަދު ވަނީ ޓީމު ދޫކޮށް ވާދަވެރި ނިއު ރޭޑިއަންޓަށް ބަދަލުވެފަ އެވެ. އަދި އަލީ އަޝްފާގް (ދަގަނޑޭ) ވެސް މާޒިޔާގައި ނުހުންނާނެކަން ޔަގީނާ ގާތަށް ވަނީ ކަށަވަރުވެފަ އެވެ.

"ކޯޗު ވެސް އެބަޖެހޭ ކަންނޭނގެ ކޮންމެސް ވަރެއްގެ ޒިންމާއެއް ނަގަން. ހަމައެގޮތަށް ސީނިއާ ކުޅުންތެރިން ވެސް އެބަޖެހޭ ޒިންމާ ނަގަން. ހަމަގައިމުވެސް މެނޭޖްމަންޓުން އެންމެ ފަހު ވަގުތާ ޖެހެންދެން ސަޕޯޓް ދިނިން،" އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވައްހާބު ވިދާޅުވި އެވެެ.

"ކުޅުންތެރިންގެ މައްސަލަ ހުރީމަ ކަންނޭނގެ އެ ކުޅުންތެރިން ކްލަބް ދޫކޮށް އެ ދިޔައީ. މައްސަލަ ނެތް ކުޅުންތެރިން އެތިބީ ކްލަބްގައި މަޑުކޮށްގެން."

ވައްހާބް ވަނީ ދަގަނޑޭ އަށް އެ ކްލަބުން ކުރި އިންވެސްޓްމަންޓް ރަނގަޅު ނޫން ކަމަށް ވެސް އިއްޔެ ވިދާޅުވެފަ އެވެ.

މިދިޔަ ސީޒަން ފެށުމުގެ ކުރިން މާޒިޔާގެ އޭރުގެ ކޯޗު ސުޒޭން ވަނީ ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ނުކުރެވިއްޖެނަމަ މަގާމުން އިސްތިއުފާ ދޭނެ ކަމަށް ބުނެފަ އެވެ. ސުޒޭން ވަނީ މިދިޔަ ސީޒަންގެ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުން ޓީސީ އަތުން ބަލިވި މެޗަށް ފަހު މަގާމުން ވަކިވެފަ އެވެ.

"ކޯޗު ޒިންމާ ވާން ޖެހޭނެޔޭ މި ބުނީ ކޯޗު ބުނެފައި އެބައޮތް ތިން ތަށި ނުލިބުނިންޔާ އިސްތިއުފާދޭނެ ކަމަށް. ކޯޗު އެއޮތީ އެގޮތަށް އެކަން ކޮށްފައި. އެކަމަށް މާޒިޔާ އިން އިހުތިރާމް ކުރަން،" ވައްހާބު ވިދާޅުވި އެވެ.

"މާޒިޔާ އިން އަބަދުވެސް ކޯޗުންނަށް ދޭން ޖެހޭ އިހުތިރާމް ދޭނެ. މެޗަކުން ބަލިވާއިރަށް ތަށްޓެއް ނުލިބޭއިރަށް ކޯޗު ބޭރު ކޮށްލާ ކްލަބެއް ނޫން މާޒިޔާ އަކީ. މާޒިޔާ އިން އަބަދުވެސް ކޯޗަށް ދޭން ޖެހޭ އިހުތިރާމްދޭނެ. އެއީ މާޒިޔާ ކުރިޔަށް މިދާ ސަބަބަކީ ވެސް ކޯޗާއި ކުޅުންތެރިންނާއި ބަހައްޓާ ގާތްކަމުގެ ސަބަބުން."

މި ސީޒަނުގައި މާޒިޔާ އަށް އިރުޝާދު ދޭނީ ކުރިން ޔަންގޮން ޔުނައިޓެޑާއި އެޔަޔަވާދީ ޔުނައިޓެޑަށް ކޯޗުކޮށްދިން މެސެޑޯނިއާގެ ކޯޗު މަރްޔާން ސެކުލޮސްކީ އެވެ.

ވައްހާބު ވިދާޅުވީ މި އަހަރުވެސް މެނޭޖްމަންޓުގެ ޓާގެޓަކީ ސީޒަނުގެ ހުރިހާ ތަށްޓެއް ކަމަށެވެ.

"އާ ކޯޗަށް ވެސް މާޒިޔާ މެނޭޖްމަންޓުގެ ޓާގެޓަކީ ސީޒަންގެ ހުރިހާ ތަށްޓެއް. ގައުމީ ޓީމުގެ 12 ކުޅުންތެރިންނާއި ބިދޭސީ ހަތަރު ކުޅުންތެރިންނާ އެކު މާޒިޔާގައި އޮންނާނީ އެންމެ ވަރުގަދަ ސްކޮޑު. އާ ކޯޗާ އެކު ކާމިޔާބު އަހަރަކަށް ހަދަން ހުރިހާ ގޮތަކުން މަސައްކަތް ކުރާނަން،" ވައްހާބު ވިދާޅުވި އެވެ.

މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކުޅުނު ގޯލްކީޕަރު އިމްރާން މުހައްމަދާއި އަހުމަދު ނާޝިދު (ނައްޓޭ) އަދި އިސްމާއިލް އީސަ އަންނަ ސީޒަނުގައި އެ ޓީމުން ނުފެންނާނެ އެވެ. އިމްރާން ނިއު އަށް ސޮއިކުރިއިރު، ނައްޓޭ ބަދަލުވީ އީގަލްސް އަށެވެ. ބެލެވޭ ގޮތުގައި އީސަ ގުޅޭނީ ވިކްޓަރީއާ އެވެ. މާޒިޔާ އިން ވަނީ ނައްޓޭގެ ބަދަލުގައި ނިއު އާއި ޔުނައިޓެޑް ވިކްޓަރީ އަށް ކުރިން ކުޅުނު އަލީ ހައިޝަމް ގެނެސްފަ އެވެ.

މާޒިޔާ އިން ވަނީ އިމްރާން ނެތްތަން ފޫބައްދަން 2015 ވަނަ އަހަރު އެ ޓީމަށް ކުޅުނު ކިރްގިސްތާން ގައުމީ ޓީމުގެ ކީޕަރު ޕަވެލް މަޓިއަޝް އެ ޓީމަށް ގެނެސްފަ އެވެ.