ކުޅިވަރު / ބުންޑެސްލިގާ

އިންޓަނޭޝަނަލް ބްރޭކަށް ފަހު ބެޔާން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

ބެޔާންގެ ދެވަނަ ލަނޑު ޖެހުމަށް ފަހު މުސިއަލާ އުފާފާޅުކުރަނީ. ލެވެކޫސަން ކޮޅަށް ޖެހި ފުރަތަމަ ތިން ލަނޑުގައި އޭނާ ހިއްސާވޭ.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (އޮކްޓޫބަރު 1) - އިންޓަނޭޝަނަލް ބްރޭކަށް ފަހު ޖަރުމަންގެ ޗެމްޕިއަން ބެޔާން މިއުނިކް ކުޅުނު ފުރަތަމަ މެޗުގައި ބެޔާ ލެވެކޫސަންއާ ވާދަކޮށް 4-0 އިން ކާމިޔާބު ކޮށްފި އެވެ.

އިންޓަނޭޝަނަލް ބްރޭކަށް ކްލަބް ފުޓުބޯޅަ މެދުކަނޑާލި އިރު ބެޔާނަށް ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުހޯދެ އެވެ. ތިން މެޗުން އެއްވަރު ވިއިރު އެންމެ ފަހުން ކުޅުނު މެޗުގައި ވީ ބައްޔެވެ.

ޖެހިޖެހިގެން ކުޅުނު މެޗުތަކުން މޮޅެއް ނުހޯދުމުން ބެޔާންގެ ކޯޗު ހޫލިއަން ނާގެލްސްމަންގެ ކުރިމަގާ މެދު ސުވާލު އުފެއްދި އެވެ. ނަމަވެސް ކުލަބުގެ ޑިރެކްޓަރު ހަސަން ސަލިހަމިޑްޒިކް ވަނީ އިންޓަނޭޝަނަލް ބްރޭކަށް ފަހު އަލުން ކުރިއަށް ވުރެ މާ ވަރުގަދަ ބެޔާން އެއް ފެންނާނެ ކަމަށް ބުނެފަ އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ހޯދި މޮޅަކީ، މި ސީޒަނުގައި ލީގުގައި ބެޔާނުން ހޯދި ހަތަރު ވަނަ މޮޅެވެ. ލީގު ފެށިގެން ފުރަތަމަ ތިން މެޗު އެޓީމުން ކާމިޔާބު ކުރި އެވެ. މިއާ އެކު ބެޔާން މިވަގުތު އޮތީ އަށް މެޗުން 15 ޕޮއިންޓް ހޯދައިގެން ދެ ވަނައިގަ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ބެޔާނުން ލީޑު ނެގީ މެޗު ފެށިގެން ތިން ވަނަ މިނިޓުގައި ލީރޮއީ ސާނޭ އެވެ. އޭނާ އަށް ލަނޑު ޖަހަން އެހީވީ ޖަމާލް މުސިއާލާ އެވެ. އަދި ތޯމަސް މުލާއާ އެކުވެގެން އުފެއްދި އެޓޭކެއްގައި މުސިއާލާ ވަނީ 17 ވަނަ މިނިޓުގައި ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްދީފަ އެވެ.

މިއީ އުމުރުން 19 އަހަރުގެ މުސިއާލާ މި ސީޒަނުގައި ލީގުގައި ކުޅުނު ހަތް ވަނަ މެޗުގައި ކާމިޔާބުކުރި ފަސް ވަނަ ލަނޑެވެ. އަދި އޭނާ ވަނީ މިހާތަނަށް ތިން ގޯލު ޖަހަން އެހީވެފަ އެވެ.

ބެޔާނުން ރޭގެ މެޗުގައި ޖެހި ތިންވަނަ ލަނޑު ޖަހަން އެހީވީ ވެސް މުސިއާލާ އެވެ. އޭރިއާ ކުރިމަތީ ހުރި ސަޑިއޯ މާނޭއަށް ޖައްސާލުމުން ބޯޅަ ގޯލަށް ފޮނުވާލައިގެން މާނޭ ވަނީ 39 ވަނަ މިނިޓުގައި ބެޔާންގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ މާނޭ ބެޔާން އަށް ބަދަލުވެ، މިހާތަނަށް ލަނޑު ޖެހި ތިން ވަނަ މެޗެވެ. ލީގުގައި އޭނާގެ ހަތަރު ވަނަ ލަނޑެވެ.

ދެ ވަނަ ހާފު ފަށައިގެން މާ ގިނައިރެއް ނުވެ، މުސިއާލާ ތަނަވަސްކުރި ފުރުސަތެއްގައި މާނޭ އިތުރު ލަނޑެއް ޖެހި އެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރަފްރީ ނިންމީ އޭގެ ކުރިން ބެޔާންގެ ޑިފެންޑަރު މެތިއުސް ޑި ލިޓް ފައުލް ކޮށްފައި ވާކަމަށެވެ.

ބޮޑު ލީޑެއް ލިބިފައި ވުމާ އެކު ބެޔާނުން މެޗުގެ ޓެމްޕޯ ދަށް ކޮށްލި ނަމަވެސް ނުރައްކާ ހަމަލާތައް ފޮނުވައިލި އެވެ. މުސިއާލާ އާއި މާނޭ ގެ ހަމަލާތައް ލެވެކޫސަންގެ ގޯލްކީޕަރު ލޫކަސް ރަޑެކީ ދިފާއު ކުރި އެވެ. ނަމަވެސް 83 ވަނަ މިނިޓުގައި ކީޕަރަށް ފެދުނު ގޯހެއްގެ ފައިދާ ނަގައި ބެޔާންގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ މުލާ އެވެ.

ބެޔާން އަށް ދެން އޮތީ ޗެމްޕިއަންސް ލީގުގައި ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕެލްޒެންއާ ދެކޮޅަށް ކުޅޭ މެޗެވެ. ގުރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި ބެޔާނުން ވަނީ އިންޓަ މިލާނާއި ބާސެލޯނާ ބަލިކޮށްފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454