ނިއު އަށް ޕޯޗުގަލް ކޯޗަކާއި ފިޓްނަސް ކޯޗެއް

ނިއު ރޭޑިއަންޓުގެ ކޯޗަކަށް ޕޯޓޯ އާއި ބެންފީކާގައި މަސައްކަތްކޮށްފައިވާ ޕޯޗުގަލްގެ ބެނާޑޯ ޓަވަރެސް އަދި ފިޓްނަސް ކޯޗަކަށް ޕޯޗުގަލްގެ ޔަކީމް ވެލިންހޯ ހަމަޖައްސައިފި އެވެ.


ކުރިން ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅުނު ޓަވަރެސް އަންނަނީ 1997 ވަނަ އަހަރުން ފެށިގެން ކޯޗިންގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ޕޯޗުގަލްގެ ގަދަބާރު ބެންފީކާގެ ޖޫނިއާ ޓީމަށް ކޯޗުކޮށްދީ އަދި ޕޯޓޯގެ ސްކައުޓެއްގެ ގޮތުގައި މަސައްކަތްކުރި އެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެކަޑަމީ ކަމަށްވާ ސްޕޯޓިން ލިސްބަން އެކަޑަމީގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި އެވެ. އޭގެ ފަހުން ވެސް އޭނާ ވަނީ ޕޯޗުގަލް ލީގުގެ ގިލް ވިސެންޓެގެ ސްކައުޓެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ.

ޓަވަރެސް ވަނީ 2005-2008 އަށް ޕޯޗުގަލްގެ ތިން ވަނަ ޑިވިޝަނުގެ އަލްކޮބަކާގެ ޔޫތު ޓީމުތަކުގެ ހެޑްކޯޗުކަންކޮށް ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފަ އެވެ. އަދި ޕޯޗުގަލްގެ ދެ ވަނަ ޑިވިޝަނުގެ ކަރެގަޑޯގެ އެސިސްޓަންޓް ކޯޗުކަންކޮށް ޕޯޗުގަލް ލީގުގެ ބެލެނެންސެސްގެ ހެޑްކޯޗުކަން ވެސް ކުރި އެވެ.

ނިއުގެ ކޯޗު ޓަވަރޭސް (ވ) ބައެއް ކުޅުންތެރިންނާ އެކު.

އޭނާގެ އޭޝިއާގެ ކޯޗިން ތަޖުރިބާ ފަށާފައިވަނީ 2013 ވަނަ އަހަރެވެ. އެގޮތުން ބަހްރޭން ޕްރިމިއާ ލީގުގެ އަލް-ހިދު ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކޮށް އޭއެފްސީ ޗެމްޕިއަންސް ލީގާއި އޭއެފްސީ ކަޕުގައި ކޯޗުކޮށްދިނެވެ.

އޭގެ ފަހުން އޮމާން ލީގުގެ އަލް-ނަހްދާ ކްލަބަށް އޭއެފްސީ ކަޕުގައި ކޯޗުކޮށްދިނެވެ. މިދިޔަ އަހަރު ޓެންޒޭނިއާ ޕްރިމިއާ ލީގުގައި މަސައްކަތްކުރި ޓަވަރޭސް އަތުގައި ޔުއެފާ ޕްރޯ ލައިސަންސް އަދި ގޯލްކީޕިން ޕްރޯ ލައިސަންސް ފާސް އޮވެ އެވެ.

ނިއުގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރު އައްބާސް ޝަރީފް ވިދާޅުވީ ކްލަބަށް ގެންނަ ފިޓްނަސް ކޯޗަކީ ފިޓްނަސް ޓްރެއިނަރެއްގެ އިތުރުން ކޮންޑިޝަން އާއި ރިކަވަރީ ސްޕެޝަލިސްޓެއް ކަމަށެވެ. މީގެ އިތުރުން އޭނާގެ އަތުގައި ޔުއެފާ ޕްރޯ ބީ ލައިންސަސް ކޯޗިން ފާސް އޮންނަ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

"މި ފެންވަރުގެ ފުލް ޓައިމް ފިޓްނަސް ޓްރެއިނަރެއް ރާއްޖޭގެ ކްލަބަކުން ގެންނަ ފުރަތަމަ ފަހަރު މިއީ. އަޅުގަނޑުމެން ބޭނުންވޭ ކުޅުންތެރިން އަނިޔާ އިން ވީހާ ވެސް ބޮޑަށް ދުރުކޮށް ކުޅުންތެރިން ކޮންޑިޝަންކޮށް ދިގު މުއްދަތަކަށް ފިޓްކޮށް ތިބެ ކުޅެވޭ ގޮތް ހަދަން. އެކަމަށްޓަކައި އެ ހުރިހާ ކަމެއްގެ ތަޖުރިބާކާރު މިގެންނަނީ. އޭނާ އަކީ ކޯޗިން ލައިސަންސް ވެސް އޮތް ފިޒިކަލް ފިޓްނަސް ޓްރެއިނަރެއް،" އައްބާސް ވިދާޅުވި އެވެ.

ނިއުގެ ފިޓްނަސް ކޯޗު.

މިއީ ނިއު އަށް ފަސް އަހަރު ތެރޭ ގެންނަ 10 ވަނަ ކޯޗެވެ. އެގޮތުން 2013 ވަނަ އަހަރު ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް ކޯޗުކޮށްދިން އިރު 2014 ވަނަ އަހަރުގެ ކުރީކޮޅު އިރުޝާދު ދިނީ ސްޕެއިނުގެ ޕެރޭޒް ގާސިއާ އެވެ. އޭގެ ފަހުން އެ އަހަރު އިންގްލެންޑުގެ ސިމޮން މެކްމެނެމީ އާއި މިކާ ލޮމްސްޓްރޮން ވެސް ނިއު އަށް ކޯޗުކޮށްދިނެވެ. ޖެހިގެން އައި އަހަރު ބޮސްނިއާގެ އާމިރު އަލަގިޗާއި ރާއްޖޭގެ ސޮބާހު މުހައްމަދު އަދި ސާބިއާގެ ނިކޮލާ ކަވަޒޮވިޗް ނިއުގެ ބެންޗުން ފެނުނެވެ. އަދި މިދިޔަ އަހަރު އިރުޝާދު ދިނީ ޔޮރްދާން ސްޓޮއިކޯފާއި އަޝްރަތް ލުތުފީ (ސަމްޕަތު) އެވެ.