އީގަލްސްގައި މަޑުކުރަން ސާންތީ ނިންމައިފި

ކުރިޔަށް އޮތް ސީޒަނުގައި ވެސް ކްލަބް އީގަލްސްގައި މަޑުކުރަން އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ނިންމައިފި އެވެ.


ފާއިތުވި ތިން އަހަރު ވެސް އީގަލްސް އަށް ކޯޗުކޮށްދިން ސާންތީ އީގަލްސްގައި މަޑުކުރަން ނިންމާފައިމިވަނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް މީޑިއާގައި ދެކެވުނު ދުވަސްތަކަކަށް ފަހު އެވެ. ބައެއް ކްލަބްތަކުގެ ކޯޗަކަށް ސާންތީ ގެންދަން މަސައްކަތް ކުރިކަމުގެ އަޑުތަކެއް ވެސް އެރި އެވެ.

ސާންތީ މިއަދު "މިހާރަ"ށް ބުނީ އީގަލްސްގައި މަޑުކުރާ ގޮތަށް މިހާރު ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.

"އީގަލްސްގައި މަޑުކުރާ ގޮތަށް މި ނިންމީ. ހުރިހާ ގޮތަކަށް ވިސްނުމަށް ފަހު މިއީ އެންމެ ރަނގަޅު ގޮތްކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ. ކޮންޓްރެކްޓްގައި ސޮއިކުރުން ދެން އޮތީ،" 2008 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ސާންތީ ބުންޏެވެ.

އީގަލްސް މެޗެއްގެ ތެރެއިން ސާންތީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސާންތީ ވަނީ މިދިޔަ އަހަރުތަކުގައި އާ ކުޅުންތެރިންތަކެއް ގެނެސް އީގަލްސްގައި ވަރުގަދަ ޓީމެއް ބިނާކޮށްފަ އެވެ. އެ ކުޅުންތެރިންނާ އެކު 2014 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ކުޅުނު ނަމަވެސް ނިއު ރޭޑިއަންޓް އަތުން ބަލިވީ އެވެ.

މިދިޔަ އަހަރު އެ ޓީމުން އުރީދޫ ދިވެހި ޕްރިމިއާ ލީގަށް އެ ޓީމުން ވާދަކުރި ނަމަވެސް ފަރުޖައްސާލަން ޖެހުނީ ތިން ވަނަ އަށެވެ. ނަމަވެސް ސީޒަން ނިންމާލީ ޕްރެޒިޑެންޓްސް ކަޕް ތަށި އުފުލާލުމަށް ފަހު އެވެ. މިއީ އީގަލްސްގެ ތާރީހުގައި ފުރަތަމަ ޑިވިޝަންގައި އެ ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެކެވެ.

އީގަލްސް އިން އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޒުވާން ކުޅުންތެރިން ޓީމަށް ގެނެސްފައިވާއިރު، އެ ޓީމަށް ގެނައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ މިދިޔަ އަހަރު މާޒިޔާ އަށް ކުޅުނު ގައުމީ ޓީމުގެ މިޑްފީލްޑަރު އަހުމަދު ނާޝިދު (ނާއްޓޭ) އެވެ.