ލިވަޕޫލް މެޗުގައި ސަޕޯޓަރުންގެ އެހީ މުހިއްމު: މޮރީނިއޯ

މެންޗެސްޓާ (ޖެނުއަރީ 11) - އަންނަ އާދިއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަކީ ސަޕޯޓަރުންގެ އެހީ ވަރަށް މުހިއްމު މެޗެއް ކަމަށް މެންޗެސްޓާ ޔުނައިޓޭޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


ލީގު ކަޕްގައި ރޭ ހަލް ސިޓީ އަތުން މޮޅުވި މެޗަށް ފަހު މީޑިއާ އަށް މޮރީނިއޯ ބުނީ ލިވަޕޫލް މެޗު ހުރިހާ ގޮތަކުން ވެސް ހާއްސަ ކަމަށެވެ.

"އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ދެ ކްލަބްގެ ވާދަވެރިކަން އަބަދުވެސް ބޮޑުވާނެ. މިއީ ކުޅުންތެރިންނާއި ކޯޗުން އަދި ސަޕޯޓަރުން ވެސް ވަރަށް ބަލަން ބޭނުންވާ މެޗެއް. އެއްވެސް ބަޔެއް މި މެޗުން ބަލިވާން ބޭނުމެއް ނުވާނެ،" މޮރީނިއޯ ބުންޏެވެ.

"މި މެޗަކީ ހަމައެކަނި ބަލާލަން ވަންނަ މެޗަކަށް ވުރެން ބޮޑަށް ސަޕޯޓަރުންގެ ޒިންމާ ބޮޑު މެޗެއް. އެއީ ސަޕޯޓަރުންގެ އެހީއާ އެކު ކުޅުންތެރިންނަށް މި ފަދަ މެޗުތަކުން މޮޅުވާން ފަސޭހަވެގެންދާތީ."

ލީގުގައި ލިވަޕޫލް އޮތީ 20 މެޗުން 44 ޕޮއިންޓާ އެކު ލީގުގެ ދެ ވަނައިގަ އެވެ. ޔުނައިޓެޑް އޮތީ 39 ޕޮއިންޓާ އެކު ހަ ވަަނައިގަ އެވެ.

މޮރީނިއޯ ބުނީ ލިވަޕޫލް ފަސް ޕޮއިންޓުން ކުރީގައި އޮތުމުން މިއީ ޔުނައިޓެޑަށް މޮޅެއް މަޖުބޫރު މެޗެއް ކަމަށެވެ.

"ލިވަޕޫލް މި ވަގުތު އޮތީ ލީގުގެ މަގާމަށް ބަލާއިރު ކުރީގައި. އެކަމަކު އަހަރެމެން އޮތް ފޯމު ލިވަޕޫލަށް ވުރެ ރަނގަޅު. އެކަމަކު މިއީ އެޑްވާންޓޭޖެއްގެ ގޮތުގައި ނުދެކެން،" މޮރީނިއޯ ބުންޏެވެ.

ރޭ ހަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ބަލިވުމުގެ ސަބަބުން ޒަލަޓަާން އިބްރަހިމޮވިޗް ނުކުޅެ އެވެ. މޮރީނިއޯ ބުނީ ލިވަޕޫލް މެޗަށް އިބްރަހިމޮވިޗް ފިޓްވާނެ ކަމަށެވެ.

ޔުނައިޓެޑްގެ އޯލްޓް ޓްރެފޯޑްގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭގަ އެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ.