ނިއު 4،000 ޑޮލަރުން ޖޫރިމަނާކޮށްފި

މޯލްޑިވިއަން އައިޑަލްގެ ލަވަކިޔުންތެރިން މަނާ ސަރަހައްދަކަށް ވެއްދުމުގެ ސަބަބުން އޭއެފްސީން ނިއު ރޭޑިއަންޓް 3،000 ޑޮލަރު (46،000 ރުފިޔާ) އިން ޖޫރިމަނާކޮށްފި އެވެ.


އޭޕްރީލް 12 ވަނަ ދުވަހު ރަސްމީ ބޯޅަ ދަނޑުގައި ހޮންކޮންގެ ކިޗީއާ ދެކޮޅަށް ނިއު ކުޅުނު މެޗުގައި އޭއެފްސީގެ ހުއްދައަކާ ނުލައި ނިއު އިން ވަނީ މޯލްޑިވިއަން އައިޑަލްގެ ގަދަ ތިން ލަވަކިޔުންތެރިން ވައްދައިފަ އެވެ.

އޭއެފްސީން ބުނީ ނިއުގެ އެ އަމަލް އޭއެފްސީ ކަޕްގެ ގަވައިދުގެ 38.5 ވަނަ މާއްދާއާ ހިލާފު ކަމަށެވެ. އެ ގަވައިދު ބުނާގޮތުން މުބާރާތުގެ މެޗުތައް ކުރިއަށްދާއިރު މިކްސް ޒޯނާއި އެހެނިހެން ޒޯންތަކުގައި ހަރަކާތްތެރިވެވޭނީ އޭއެފްސީ ދޫކުރާ ރަސްމީ ފާހަކާ އެކު އެވެ.

އޭއެފްސީން ވަނީ ނިއުގެ ނައިޖީރިއާ ކީޕަރު އަބޫ ސުލެއިމާނަށް އެ އެމެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން 1000 ޑޮލަރު (15،420 ރުފިޔާ) އިން ވެސް ޖޫރިމަނާކޮށްފަ އެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގައި ނިއު އަށް މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ. އެ ޓީމު ކުޅުނު ހަ މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް މޮޅުވެފައެއް ނުވެ އެވެ. ތިން މެޗުން އެއްވަރުވިއިރު، އަނެއް ތިން މެޗުން ވީ ބައްޔެވެ..

އޭއެފްސީ ކަޕްގައި މިހާތަނަށް ރާއްޖޭގެ ޓީމަކުން އެންމެ ރަނގަޅު ނަތީޖާއެއް ނެރެފައިވަނީ ނިއު އިންނެވެ. އެ ޓީމު ވަނީ މިހާރުގެ ކޯޗު ޔޮރްދާން ސްޓޮއިކޮފްގެ އިރުޝާދުގެ ދަށުން 2005 ގައި އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި 2013 ވަނަ އަހަރުގެ މުބާރާތުގައި ވެލިޒާ ޕޮޕޯފްގެ ކޯޗުކަމުގައި އެ ޓީމު ކުއާޓާ ފައިނަލަށް ވެސް ދިޔަ އެވެ.