ވިކްޓަރީއާ ހަވާލުވެ ސުޒޭން ދިނީ ވާދަވެރިންނަށް މެސެޖެއް

ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމުން 2012 ވަނަ އަހަރު އަލީ ސުޒޭން ވަކިވިއިރު އޭނާގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. ސުޒޭން އެނބުރި އިއްޔެ ވިކްޓަރީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ބުނީ އެ ދުވަހު ވިކްޓަރީ ދޫކޮށްލުމަށް ފަހު ވެސް ހިތުގައި އޮތީ އެ ކްލަބަށް ހިދުމަތް ކޮށްދޭން ކޮންމެވެސް ދުވަހަކުން އައުމުގެ އުއްމީދު ކަމަށެވެ. ސުޒޭން ބުނީ އޭނާ ވިކްޓަރީ އަށް އައުމަކީ ވާދަވެރި ޓީމުތަކުން ވެސް ވިސްނާނެ ކަމެއް ކަމަށެވެ. ސަބަބަކީ ވިކްޓަރީ އޮތް މަގާމަށް ގެންދަން އޭނާ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަން ފުޓްބޯޅައިގެ ހުރިހާ ފަރާތަކަށް ޔަގީންވާތީ ކަމަށެވެ.


"އަޅުގަނޑު 2012 ވަަނަ އަހަރު ވިކްޓަރީ ދޫކޮށް ދިޔައިރު ގައިމު ވެސް ތަށީގެ ގޮތުން ބަލާއިރު ވިކްޓަރީ އޮތީ ކުރީގައި. 32 ތަށި ވަރު ވިކްޓަރީގެ އޮންނާނެ އޭރު ނިއު އުޅޭނީ 31 ނޫނީ 32 ގައި. އެކަމަކު ފާއިތުވެދިޔަ އަހަރުތަކުގައި ނިއު ރޭޑިއަންޓް ވަރަށް ކުރިޔަށް ޖެހިލައިފި. މިއީ އަޅުގަނޑު ވިކްޓަރީ އަށް އެނބުރި އައިސް ވަރަށް ވިސްނާނެ ކަމެއް. ވިކްޓަރީގެ މަގާމަށް އެ ޓީމު ގެންދަން ހުރިހާ މަސައްކަތެއް ކުރާނަން،" އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުންޏެވެ.

އޭނާ ބުނީ ވިކްޓަރީ އަކީ ރާއްޖޭގެ ބޮޑު ކްލަބެއް ކަމަށާއި އެ މަގާމުގައި ވިކްޓަރީ ބާއްވަން ހުރިހާ ގޮތަކުން ވެސް މަސައްކަތް ކުރާނެ ކަމަށާއި މިހާރު އޮތް މެނޭޖްމަންޓާ އެކު އެކަން ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

"މިއީ އަޅުގަނޑު ކުޅުންތެރިޔެއްގެ ގޮތުގައި ވެސް އަދި ކޯޗެއްގެ ގޮތުގައި ވެސް އެންމެ ގިނަ ކާމިޔާބީ ހޯދި ޓީމު. މި ޓީމު މި ވަގުތު އޮތް ހާލަތުން އަރައިގަންނަން އަޅުގަނޑުގެ ފަރާތުން އެހީތެރިވާން ބޭނުން. މިއީ އަޅުގަނޑު އަމިއްލަ އާއިލާއެއްގެ ގޮތުގައި ދެކޭ ކްލަބެއް،" ސުޒޭން ބުންޏެވެ.

ކޯޗިން ކެރިއަރުގައި ކޮންމެ ނިންމުމެއް ވެސް ނިންމާފައިވަނީ ވަރަށް ވިސްނުމަށް ފަހު ކަމަށާއި ޖަޒުބާތުގައި ޖެހިގެން އެއްވެސް ނިންމުމެއް ނިންމާފައިނުވާނެ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

މި އަހަރަކީ ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި އެންމެ އަގުބޮޑު ފުޓްބޯޅަ ސީޒަން ކަމަށާއި މި އަހަރު ވިކްޓަރީ ގޮވައިގެން ނުކުތުމުގެ ފުރުސަތު ދިނީތީ އެ ޓީމުގެ މެނޭޖްމަންޓަށް ޝުކުރުއަދާކުރާ ކަމަށް ސުޒޭން ބުންޏެވެ.

"ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި އެންމެ އަގުބޮޑު އަދި އެންމެ ވާދަވެރި އަހަރު މިއީ. ގާތް ގަނޑަކަށް މުޅި ފުޓްބޯޅަ އަށް އެކި ޓީމުތަކުން ޖުމްލަ 80 މިލިއަން ރުފިޔާ އަށް ވުރެން ގިނައިން ހަރަދުކުރާނެ ކަމަށް ބެލެވޭ މި ފަދަ ވާދަވެރި އަހަރެއްގައި ވިކްޓަރީ ކޯޗަކަށް ހުރެލަން ލިބި ކާމިޔާބު ހޯދަން މަސައްކަތް ކުރުމަކީ ވެސް އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" ސުޒޭން ބުންޏެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވިކްޓަރީގެ ޗެއާމަން ނަޒީމް (ކ) އެ ޓީމުގެ ކޯޗު ސުޒޭންއާ އެއްބަސްވުން ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސުޒޭން އެންމެ ފަހުން ފެނުނީ މާޒިޔާ އިންނެވެ. ފާއިތުވި ދެ އަހަރާއި ބައި ދުވަސް ތެރޭގައި އޭނާ ވަނީ މާޒިޔާ އަށް ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްދީފަ އެވެ. އެހެން ނަމަވެސް މިދިޔަ ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން ޓާގެޓްކޮށް އެކަން ނުކުރެވިއްޖެނަމަ މަގާމުން އިސްތިއުފާދޭނެ ކަމަށް ބުނެ، އެކަން ހާސިލްނުވުމުން ސުޒޭން ވަނީ މާޒިޔާ ދޫކޮށްލައިފަ އެވެ.

މާޒިޔާގެ ކޯޗަކަށް ހުރިއިރު ސުޒޭން ވަނީ އެ ކްލަބަކީ އޭނާ ކޯޗުކޮށްދޭނެ ފަހު ކްލަބަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފަ އެވެ.

"އަކުރުން އަކުރަން ބަހުގައި ހިފާ ދަމަންޏާ ވަރަށް ގިނަ ކަންތައްތައް ހުންނާނެ. މާޒިޔާ އަކީ އަޅުގަނޑު ހަވާލުވިއިރު ހަމައެކަނި ރަނގަޅު މެނޭޖްމަންޓެއް އޮތް ކްލަބެއް. އެ ކްލަބް ގޮވައިގެން އަޅުގަނޑަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. ރާއްޖޭގެ ރަށްތަކަށް ދަތުރުކޮށް މާޒިޔާގައި ރަނގަޅު ފޭން ބޭސް އެއް އުފައްދަން މަސައްކަތް ކުރިން. އެ ހުރިހާ ކަމެއް ކުރެވުނު ކްލަބުގައި އަޅުގަނޑު ހުރީ ހިތްހަމަ ޖެހިގެން އެ ވިސްނުމުގައި އެ ވަގުތު އަޅުގަނޑު ހިއްސާކުރި ހިޔާލެއް އެއީ،" މާޒިޔާއާ ގުޅޭގޮތުން ސުޒޭން ބުންޏެވެ.

މިދިޔަ ސީޒަނުގައި ވިކްޓަރީ ނުކުތީ ސުޒޭނުގެ ކޮއްކޮ މުހައްމަދު ނަޒީހުގެ ކޯޗުކަމުގަ އެވެ. އެހެން ނަމަވެސް ސީޒަން މެދުތެރެއިން ނަޒީހު ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. ސީޒަން މެދުތެރެއިން ވިކްޓަރީއާ ދެން ހަވާލުވީ ކުރިން ވެލެންސިއާ އާއި ވީބީ އަށް ކޯޗުކޮށްދިން ލާޒްލޯ ކިސް އެވެ. އޭނާގެ ކޯޗުކަމުގައި ވިކްޓަރީން ނަތީޖާތަށް ރަނގަޅުކޮށް މި އަހަރުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދީ ރެލިގޭޝަން ޕްލޭއޮފް ކުޅެގެންނެވެ.

ސުޒޭން ބުނީ ފާއިތުވި ތިން ވަރަކަށް މަސް ދުވަހު އުޅުނީ ފުޓްބޯޅައާ ވަރަށް ދުރުގައި ކަމަށާއި ވިކްޓަރީއާ ހަވާލުވުމަށް ފަހު އަމާޒަކީ މެޗަކަށް ފަހު މެޗަކުން ކުރިޔަށް ގޮސް ހާސިލްކުރެވޭނެ ކަންތައްތަކެއް ހޯދުން ކަމަށެވެ.

"ވިކްޓަރީއާ އެކު ޕްރެކްޓިސްތަކެއް ކޮށްގެން ސީދާ ޓާގެޓްތަކެއް ކަނޑައެޅޭނީ މި ވަގުތު ވިސްނުމަކީ މެޗަކަށް ފަހު މެޗެއް ނެގުން. އެއީ ސީދާ އެންމެ މަތީގައި އޮތް ޓީމާ ވާދަކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ވިކްޓަރީ ގޮސް ސީދާ މާޒިޔާއާ ވާދަކުރަން މި ވަގުތު އުނދަގޫވާނެ. އަޅުގަނޑުމެންގެ ހުރިހާ އަމާޒެއް ވެސް ހުރީ މާލޭ ލީގުގެ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓާ ދެކޮޅަށް ކުޅޭ މެޗަށް،" ސުޒޭން ބުންޏެވެ.

ވިކްޓަރީގެ ޗެއާމަން އިބްރާހިމް ނަޒީމް ވިދާޅުވީ އެ ކްލަބްގެ މެނޭޖްމަންޓްގެ ފުރިހަމަ އިތުބާރު ސުޒޭނަށް އެބައޮތް ކަމަށާއި ކްލަބް ކުރިން އޮތް ހިސާބަށް އޭނާ އަށް ގެންދެވޭނެ ކަމަށެވެ.

ވިކްޓަރީގެ ކޯޗުކަން ސުޒޭނާ ހަވާލުކުރުމުން އެ މަގާމުގައި ކުރިން ހުރި ޝާޒްލީ ވަނީ ސުޒޭނާއި ވިކްޓަރީގެ ބޯޑަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ