ވިކްޓަރީ ތަރުތީބުކޮށް މިއަހަރު ތަށި ނަގާނަން: ސުޒޭން

މިދިޔަ ފަސް ވަރަކަށް އަހަރު ވިކްޓަރީ ސްޕޯޓްސް ކްލަބް ދަށްކޮށް އޮތް ނަމަވެސް އެ ޓީމު އަލުން ތަރުތީބުކޮށް މި އަހަރު ތަށްޓެއް ނަގައިދޭނެ ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


ވިކްޓަރީ ކޯޗުކަމުން މުހައްމަދު ޝާޒްލީ (ޝާޒް) ވަކިކޮށް ސުޒޭނާ އެ ޓީމު ހަވާލުކުރީ މި މަހު 15 ވަނަ ދުވަހު އެވެ. އެ ދުވަހު ސުޒޭން ބުނީ މި ސީޒަނަށް ކަނޑައަޅާނެ ޓާގެޓެއް އެނގޭނީ ކުޅުންތެރިންނާ އެކު މަސައްކަތް ކޮށްލުމަށް ފަހު ކަމަށެވެ.

ވިކްޓަރީއާ ހަވާލުވިތާ ހަފްތާއެއްހާ ދުވަސް ފަހުން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ ވިކްޓަރީ އަށް މި އަހަރު ތަށްޓެއް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މިހާރު މި ކުޅުންތެރިންނާ އެކު މަސައްކަތް ކޮށްލެވިއްޖެ. މި ޓީމުގައި މި އޮތް ސްކޮޑަށް ބަލާއިރު އެނގޭ އެއްޗަކީ ވިކްޓަރީ މި އަހަރު ތަށި ގެންނާނެ. އެންމެ ފަހުން ވިކްޓަރީ ތަށި ގެނައިރު ވެސް އަޅުގަނޑު ކަންނޭނގެ ހުރީ. އަލުން އަނެއްކާ ފަށަން ވެސް މި ޖެހުނީ އަޅުގަނޑަށް،" ސުޒޭން ބުންޏެވެ.

ސުޒޭން ވަނީ މީގެ ކުރިން ވެސް ވިކްޓަރީ އާއި މާޒިޔާއާ ހަވާލުވެ އެ ޓީމަށް ކާމިޔާބު ހޯދައިދީފަ އެވެ. މާޒިޔާއާ ވެސް 2014 ވަނަ އަހަރުގެ ސީޒަން މެދުތެރެއިން ހަވާލުވެ އޭނާ ވަނީ އެ ޓީމަށް އެ އަހަރުގެ އެފްއޭ ކަޕް ހޯދައިދީފަ އެވެ.

އޭނާ ބުނީ ވިކްޓަރީ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.

"މާއްޓޭ ވިކްޓަރީގެ ދެ ތިން އޮފިޝަލުންނާ 13 ވަރަކަށް ކުޅުންތެރިންނާ ގޮވައިގެން ދިޔައީ 2003 ގައި. ސޮބާހު މުހައްމަދު (ސޮބާ) މެން އޭރު ޓީމުގައި ތިބެގެން ލީޑުކޮށްގެން ގައުމީ ތަށްޓާއި މާލޭ ލީގު ނަގައި ވަރަށް ރަނގަޅު ހިސާބަކަށް ދިޔަ. އެ ފަހަރު ވެސް ވިކްޓަރީ ތަރުތީބު ކޮށްލުމުގައި އަޅުގަނޑަށް މައްސަލައެއް ދިމައެއް ނުވި،" ސުޒޭން ބުންޏެވެ.

"ވަރަށް ގިނަ ބަޔަކު ބުނޭ މާޒިޔާގައި އަޅުގަނޑު ކުރި މަސައްކަތަކީ އެއްވެސް އެއްޗެއް ނޫނޭ. އެކަމަކު މިދިޔަ ދިހަ ވަރަކަށް އަހަރަށް ބަލާއިރު މާޒިޔާގެ އެންމެ އުފާވެރި ތިން އަހަރު ކަންނޭނގެ އަޅުގަނޑު އައި ފަހުން އެ އައީ. ބައިވަރު ކާމިޔާބީ އެ ޓީމަށް ލިބުނު އަދި ކްލަބްގެ އަގު ވެސް އަރައިގެން ދިޔަ."

ވިކްޓަރީއާ ހަވާލުވީ ފުޓްބޯޅަ އަށް ރަނގަޅަކަށް - ސުޒޭން

ވިކްޓަރީ ކޯޗުކަމާ ސުޒޭން ހަވާލުވުމުން ފުޓްބޯޅައިގައި އުޅޭ ފަރާތްތަކުން އެކި ގޮތްގޮތަށް ވަނީ ވާހަކަ ދައްކައިފަ އެވެ. އެއް ބަޔަކު ސުޒޭންގެ ނިންމުމަށް ތައުރީފް ކުރަމުން އަންނައިރު، އަނެއް ބަޔަކު ވަނީ އެއީ ގޯސް ނިންމުމެއް ކަމަށް ވަނީ ބުނެފަ އެވެ.

"މިއީ ދިވެހި ފުޓްބޯޅައިގެ ހައްގުގައި ނެގި ޑިސިޝަނެއް. އެއީ މިސާލަކަށް މި އޮތް ވަރުގެ ޓީމަކާ އެއްކޮށް އަޅުގަނޑު އައުމުން ހަމަގައިމުވެސް ފުޓްބޯޅަ އަށް ފައިދާކުރާނެ،" ސުޒޭން ބުންޏެވެ.

ވިކްޓަރީ ކޯޗުކަމުން ވަކިކުރުމުން ކުރީގެ ކޯޗު ޝާޒް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ އެ ޓީމުގައި އޮތީ އޭނާ ނެގި ޓީމެއް ކަމަށާއި ސުޒޭން އެ ޓީމާ ހަވާލުވީ އެ ޓީމު ކާމިޔާބު ހޯދާނެކަން ޔަގީންވާނެތީ ކަމަށް ބުނެފަ އެވެ.

ސުޒޭން އެކަމާ އެއްބަހެއް ނުވެ އެވެ. އޭނާ ބުނީ ކްލަބް އެކުލަވާލަނީ މެނޭޖްމަންޓުން ކަމަށެވެ.

"ކޯޗެއް ނޫން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޓީމެއް ހަދަނީ. އެއީ މެނޭޖްމަންޓުގެ އިންވެސްޓްމަންޓެއް،" ސުޒޭން ބުންޏެވެ.

"މި ޓީމުގައި ތިބި ކުޅުންތެރިން ޕްރެކްޓިހަށް އަޔަނުދޭނީ މައްސަލަތައް އުފައްދަން ބަޔަކު މަސައްކަތް ކުރި. އެކަމަކު ކުޅުންތެރިން ޕްރޮފެޝަނަލް ވީމަ އެކަން ވެސް ނުވީ. ހަގީގަތުގައި މިއީ ދެރަ ކަމެއް. އެއީ ފުޓްބޯޅައިގައި އެމީހެއްގެ ފެންވަރު ދައްކަންޖެހޭނީ ޕްރެސް ކޮންފަރެންސަކުން ނޫނީ. ލިބިފައި އޮތް ކަރުދާހަކުންނެއް ނޫން. ނޫނީ ލިބެން އުޅޭ އެއްޗެއްގެ ވާހަކައެއް ނޫން ދައްކަން ޖެހޭނީ. މީހާގެ އަމަލުން ހޯދާ ކާމިޔާބީތަކުން އެކަން ދައްކަން ޖެހޭނީ،" އޭނާ ބުންޏެވެ.

ވިކްޓަރީގެ ކޯޗު ސުޒޭން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު

ފުޓްބޯޅައިގައި މީހެއްގެ މޮޅު ވާހަކަ ދެއްކޭނީ ބިންވަޅު ނެގޭ ފަދަ ކާމިޔާބެއް ހޯދިފައިވާނަމަ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

ޝާޒް ވިކްޓަރީގެ ކޯޗުކަމުން ވަކިވިތާ ދުވަސްތަކަކަށް ފަހު އެ ޓީމުގެ އެސިސްޓަންޓް ކޯޗުކަމުން އަލީ ނިސްތާރު ވަނީ އިސްތިއުފާ ދީފަ އެވެ. ނިސްތާރު ބުނީ މަގާމުން އިސްތިއުފާދިނީ ޝާޒްއާ މެދު ކަންތައް ކުރިގޮތުން ހިތްހަމަ ނުޖެހުން ވެސް އޮތުމާ އެކު ކަމަށެވެ.

ސުޒޭން ބުނީ އޭނާއާ އެކު އެސިސްޓަންޓް ކޯޗެއް ނުގެންނަ ކަމަށާއި ނިސްތާރުގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށެވެ.

"އަޅުގަނޑު ވިކްޓަރީ އަށް އައީ އެސިސްޓަންޓް ކޯޗަކު ގޮވައިގެނެއް ނޫން. އެ ދިޔަ އެސިސްޓަންޓަކީ ކުރިން ހުރި ކޯޗު ގެނައި މީހެއް. ވަރަށް އަވަހަށް އެސިސްޓަންޓް ކޯޗެއް ވެސް ހޯދާނަން. މިއީ އެއްގޮތަކަށް ވެސް އުޑު ބޮލަށް ވެއްޓުމެއް ނޫން. ކުރިން ހުރީ ވަރަށް ރަނގަޅު ކުރިއަރަމުން އަންނަ ކޯޗެއް. އޭނާގެ ނިންމުމަށް އިހުތިރާމްކުރަން،" އެސިސްޓަންޓް ކޯޗު ވަކިވުމާ ގުޅޭގޮތުން ސުޒޭން ބުންޏެވެ.

އޭނާ ބުނީ ވަރަށް އަވަހަށް ވިކްޓަރީ އަށް އެސިސްޓަންޓް ކޯޗެއް ގެންނާނެ ކަމަށެވެ.

"އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރާނެ ވަރަށް ބައިވަރު މީހުން ވިކްޓަރީ އަށް ލިބޭނެ. އެއީ އަޅުގަނޑާ އެކު މަސައްކަތް ކުރި ވަރަށް ގިނަ ކޯޗުން އަތުގައި ހުންނާނެ މެޑަލާއި ތަށްޓާ އެކު ނަގާފައިވާ ފޭސްބުކް ފޮޓޯ. އެ ކަމަށް ތައްޔާރަށް ތިބޭ މީހުން ވެސް ތިބޭނެ،" ސުޒޭން ބުންޏެވެ.

"ފުރަތަމަ މެޗަށް މިހިރީ ކެތްމަދުވެފައި"

ދެ ހާސް ބާރަ ވަނަ އަހަރު ވިކްޓަރީ ކޯޗުކަމުން ވަކިވިއިރު ސުޒޭން މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. މިދިޔަ އަހަރު މާޒިޔާ ކޯޗުކަމުން އިސްތިއުފާ ދިނުމުގެ ކުރިން ވެސް ސުޒޭން ވަނީ ކުޅުންތެރިންނާ އެކު ވަގުތުތަކެއް ހޭދަކޮށްފަ އެވެ. އެ ދުވަހު ވެސް އޭނާގެ މޫނުމަތިން ހިތާމައިގެ އަސަރު ފެނުނެވެ.

ވިކްޓަރީއާ ހަވާލުވުމަށް ފަހު ސުޒޭން ވަނީ އެ ކްލަބަކީ އޭނާގެ އާއިލާގެ ބައެއްގެ ގޮތުގައި ސިފަ ކޮށްފަ އެވެ. ވިކްޓަރީއާ ހަވާލުވެ މާދަމާރޭ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓާ ދެކޮޅަށް ނުކުންނާނެ އެވެ.

"ހަގީގަތުގައި މިހުރީ ކެތްމަދުވެފައި ފުރަތަމަ މެޗަށް. އެއީ ކޯޗެއް އަބަދުވެސް ބޭނުންވާނެ ކާމިޔާބީ ހޯދަން. އެއީ އަޅުގަނޑުގެ ވެސް ވިސްނުން. އަޅުގަނޑު މިހުރީ އަނެއްކާ ވެސް ކާމިޔާބު ހޯދަން ކެތްމަދުވެފައި،" ސުޒޭން ބުންޏެވެ.

ވިކްޓަރީ ފަރިތަކުރުންތަކުގެ ތެރެއިން އަހުމަދު ނިޔާޒް (ނިޔާ) އާއި މުހައްމަދު އާރިފް (ބަކާ).-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސުޒޭންގެ ފުރަތަމަ މެޗުގައި އޭނާއާ ދެކޮޅަށް ނުކުންނަ ގްރީން ސްޓްރީޓްގެ ކޯޗަކީ ކުރިން އޭނާގެ އިރުޝާދުގެ ދަށުން ވިކްޓަރީ އަށް ކުޅުނު ސޮބާ އެވެ. ސޮބާ ގްރީން ސްޓްރީޓް ގޮވައިގެން ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވިއިރު، ސުޒޭން ބުނީ މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން ކަމަށެވެ.

"ގްރީން ސްޓްރީޓަކީ ދެ ވަނަ ޑިވިޝަނުގައި ވެސް ރަނގަޅު ކުޅުމެއް ކުޅެ. ޕްރޮމޯޓް ވެގެން އައި ޓީމެއް. ގްރީން ސްޓްރީޓުގައި މިހިރަ ކޯޗަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރެއް. އެއީ އެކި ލެވެލްގައި ކުޅެ އެކި ލެވެލްގައި ކޯޗިންގައި މަސައްކަތް ކޮށްފައި ހުރީމަ. އެ ހުރިހާ ކަމަކަށް ބަލާއިރު ވަރަށް ޒަމާނަށް ފަހު ވިކްޓަރީ ވަރުގަދަ ކަމާ އެކު ނުކުންނައިރު އެ ޓީމާ ދެކޮޅަށް ކުޅޭއިރު ވިސްނަން ޖެހޭނެ." ސުޒޭން ބުންޏެވެ.

ސޮބާގެ ކޯޗުކަމުގައި 2015 ވަނަ އަހަރު ނިއު ކުޅުނުއިރު ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ސުޒޭންގެ އިރުޝާދުގެ ދަށުން ކުޅުނު މާޒިޔާއާ ދެކޮޅަށް ވަނީ ކުޅެފަ އެވެ. އެ ފަހަރު މާޒިޔާ މޮޅުވީ 3-1 އިންނެވެ.

ވިކްޓަރީ އާއި ގްރީން ސްޓްރީޓް ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.