ސުޒޭނާއި ސާންތީގެ ފިނި ހަނގުރާމަ: އަސްލެއްތަ؟

މަޝްހޫރު ދެ ކޯޗުން ކަމަށްވާ އަލީ ސުޒޭނާއި އިހުސާން އަބްދުލްގަނީ (ސާންތީ) މެދުގައި ފުޓްބޯޅަ ދަނޑުގައި މާބޮޑު ކުރިމަތިލުންތަކެއް ފެނިގެންގޮސްފައެއް ނުވެ އެވެ. އެކަމަކު އެއީ ރާއްޖޭގެ އެންމެ ވާދަވެރި ދެ ކޯޗުންނެވެ. ފެށުނީއްސުރެ ކްލަބް ކޯޗެއްގެ ގޮތުގަައި ފެނިގެން ދިޔަ ސުޒޭނާއި މީގެ ކުރިން ގައުމީ ޓީމުގައި މަސައްކަތްކޮށް ފަހުން ކްލަބް ކޯޗިންގެ ތެރެއަށް ވަން ސާންތީއާ ދެމެދު އޮތީ ފިނި ހަނގުރާމައެކެވެ. މީޑިއާ މެދުވެރިކޮށް ނުސީދާކޮށް ބަހުގެ ހަމަލާތައް ދޭތެރެ ދޭތެރެއިން ބަދަލުކުރެ އެވެ.


އެސްޓީއޯ މާލޭ ލީގުގައި ސުޒޭނުގެ ވިކްޓަރީ އާއި ސާންތީގެ އީގަލްސް އިން މާދަމާ ހަވީރު ބައްދަލުކުރާ އިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ކޯޗުން ވަނީ އެއް މޭޒަކުން ބައްދަލުވެފަ އެވެ. ދެ ކޯޗުންގެ މެދުގައި އޮންނަ ގޮތްނޭގޭ ވާދަވެރިކަމާ ގުޅޭ ގޮތުން ސުވާލުކުރަން މިއަށް ވުރެ ރަނގަޅު ދަނޑިވަޅެއް ނުލިބޭނެ އެވެ. އެކަމަކު އޭގެ ކުރިން އުފެދޭ ސުވާލަކީ މިއީ ކިހިނެއް އުފެދުނު ވާދަވެރިކަމެއް ބާވަ އެވެ؟

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ވިކްޓަރީގެ ކޯޗިންގެ ތެރެއަށް ސުޒޭން ވަންއިރު، ސާންތީ ފެނިގެން ދިޔައީ ގައުމީ ޓީމުގެ ބެންޗުންނާއި އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓުންނެވެ. އެނގިފައިވާ ގޮތުގައި ދެ ކޯޗުންގެ މެދުގައި އެންމެ ފުރަތަމަ ހިތްހަމަނުޖެހުންތަކެއް އުފެދުނީ ކޯޗިން ލައިންސަންސް ނެގި ދުވަސްވަރެވެ. އޭރު ސާންތީ އާއި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު މެލޭޝިއާގެ ލިމް ކިމްއާ ގާތް ގުޅުމެއް އޮވެ އެވެ. އަދި ސުޒޭނާ ދެކޮޅަށް ބައެއް ކަންކަން އޭރު ދިޔަ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ. އޭނާ ތުހުމަތުކުރާ ގޮތުގައި އެކަމުގައި އެފްއޭއެމުގައި އޭރު މަސައްކަތްކުރި ކޯޗުންގެ އަތެއްވެ އެވެ.

ސުޒޭނާއި ސާންތީގެ މެދުގައި ވާދަވެރިކަން އެންމެ ބޮޑަށް އުފެދުނީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުންނަށް ނެގި ހިސާބުންނެވެ. އޭރުގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވަނޯފާ ހަވާލާދީ ބައެއް ނޫސްވެރިން ބުނާ ގޮތުގައި، އެ ފަހަރު ސުޒޭނާއި ސާންތީގެ މެދުގައި އޮތް ވާދަވެރިކަން ކޯޗަށް ވެސް ވަރަށް ކައިރިން ފެނުނެވެ.

ދެ ކޯޗުންގެ މެދުގައި ގާތް ގުޅުމެއް ނެތުމުގެ ސަބަބުން ބައެއް ޓީވީ ޝޯތަކަށް ދެ ކޯޗުން އެކުގައި އެރުވުމަށް ދަތިތަކެއް ދިމާވި ކަމަށް ވެސް ނޫސްވެރިން ބުނެ އެވެ.

ގައުމީ ޓީމުގައި މަސައްކަތްކުރުމަށް ފަހު ސާންތީ ކްލަބް ކޯޗިންގެ ތެރެއަށް ހިސާބުން ދެ ކޯޗުންގެ ވާދަވެރިކަން އިތުރަށް ބޮޑުވުމަށް ފުރުސަތު ހުޅުވުނެވެ. ސާންތީއާ ދެކޮޅަށް މެޗުތަކަށް ނުކުންނަ ކޯޗަށް ސުޒޭން ސަޕޯޓްކުރުން ފަދަ ކަންކަން ފެނިފައިވެ އެވެ. އަދި ދާދި ފަހުން ވިކްޓަރީގެ ކޯޗުކަމުން މުހައްމަދު ޝާޒްލީ ވަކިކޮށް ކޯޗަކަށް ސުޒޭން ގެނައުމާ އެކު، ޝާޒަށް ތާއީދުކޮށް ސާންތީ ދެއްކި ވާހަކައިގައި ނުސީދާކޮށް ސުޒޭނަށް ހަމަލާތައް އަމާޒުކުރި އެވެ.

ތަންކޮޅެއް ކުރިއަށް ޖެހިލާއިރު ސާންތީ ދެއްކި ވާހަކައަކަށް ރައްދު ދެމުން ސުޒޭން ވަނީ ސާންތީ މުޅި އުމުރު ހޭދަކުރީ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ކަމަށް ވުމުން، ކުރިމަތީގައި ހެޑްކޯޗު ހުންނާނެތީ ސާންތީ އަށް ދަނޑުމަތީގައި ހިނގާ ކަންކަން އެހާ ރަނގަޅަށް ނޭގިދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ސުޒޭނަކީ ހިތުގައި އޮންނަ އެއްޗެއް އަބަދުވެސް ނޫސްވެރިން ގާތު ބުނާ ކޯޗެކެވެ. އެކަމަށް އިޝާރާތްކޮށް ސާންތީ ދާދި ފަހުން ބުނީ އޭނާ އަކީ ހިތުގައި އެއްޗެހި ބަހައްޓާ މީހެއް ކަމަށާއި އެކަމަކު ބައެއް މީހުން ފުޓްބޯޅައިގެ ފޯރި ގެންނަން ވެގެން ހިތުގައި އޮންނަ އެއްޗެހި ބުނާތީ ތިމަންނާ ވެސް މިހާރު ހިތުގައި އެއްވެސް އެއްޗެއް ނުބާއްވާ ކަމަށެވެ.

އިއްޔެ މިކަންކަމާ ބެހޭގޮތުން ސުވާލުކުރުމުން ދެ ކޯޗުން ވެސް އެޅީ ހިހޫ ފެނެވެ. ބުނީ ފުޓްބޯޅައިގައި އޮންނަ ވާދަވެރިކަން ފިޔަވައި އެހެން އެއްވެސް ކަމެއް ނެތް ކަމަށާއި ޒާތީ އެއްވެސް ކަމެއް ހިތުގައި ނެތް ކަމަށެވެ.

"ފުޓްބޯޅައިގައި އޮންނާނެ މިފަދަ ކަންކަން. ހަގީގަތުގައި ވާދަވެރިކަން އުފައްދާ ބަޔަކީ ވެސް މީޑިއާ. އަޅުގަނޑާއި ސުޒޭން ފުޓްބޯޅައިގައި އެއް މޭޒެއްގެ ދޮށުގައި ތިބެ ވާހަކަދެއްކޭނެ އަދި ދައްކާފައި ހުންނާނެ. ސުޒޭން އެފްއޭއެމުގައި ހުރިއިރު ސުޒޭނުގެ ދަށުން ވެސް މަސައްކަތްކުރިން. ފުޓްބޯޅައިގައި އަޅުގަނޑާއި ސުޒޭނު އަށް އެއް މޭޒެއްގެ ދޮށުގައި ތިބެގެން ވާހަކަދެއްކޭނެ ފުޓްބޯޅައިގެ ތަރައްގީއާ މިކަހަލަ ކަންކަމުގައި،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ އޭނާ އާއި ސުޒޭން އެއްކޮށް ކޮފީ ބޯތަން ނުފެނިދާނެ ކަމަށާއި އެކަމަކު ފުޓްބޯޅައިގެ ކަމެއް ވެއްޖެއްޔާ އެކުގައި ކޮފީ ވެސް ބޮވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ދެ މީހުންނަކީ މައްސަލަތަކެއް އޮންނަ ދެ މީހުނެއް ނޫން. ފުޓްބޯޅައިގައި ވާދަވެރިކަން އޮންނާނެ. ސުޒޭން ކީއްކުރަން އެހެން ކޯޗެއް މިތާ ހުއްޓަސް ވާދަވެރިކަން އޮންނާނެ،" ސާންތީ ބުންޏެވެ.

ސުޒޭން ބުނީ އޭނާ އަކީ ފުޓްބޯޅަ އާއިލާގައި އެކްޓިވްކޮށް މަސައްކަތްކުރާ މީހުންގެ ތެރެއިން އެންމެ ދޮށީ އެކަކު ކަމަށާއި ދެން ތިބި އެންމެންނާ ޖައްސާލައިގެން އުޅުމުގެ އެއްވެސް ފިކުރެއް އޭނާ ނުގެންއުޅޭ ކަމަށެވެ.

"މީގައި ވާގޮތަކީ ހުންނާނެ ތަފާތު އެއްޗެހި ބުނެވިފައި. އެގޮތަށް ވާހަކަ ދައްކާއިރު ޒާތީކޮށް ނަގާ މީހަކު ހުރެއްޖެއްޔާ އެހެން ކަހަލަ ވިސްނުމެއް އޮންނަނީ ކަމަށް ވެދާނެ. ފުޓްބޯޅަ އިންޓަވިއުއެއްގައި ދެކެވޭ ވާހަކައެއްގައި މީހަކާ ދޭތެރޭ އެއްވެސް އިރެއްގައި ޒާތީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނޯންނާނެ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ އޭނާ ކްލަބް ކޯޗިންގެ ތެރެއަށް ވަންއިރު ސާންތީ މަސައްކަތްކުރީ ޑިވެލޮޕްމަންޓް ސައިޑުގައި ކަމަށާއި އެހެންވެ އޭރު އެއްވެސް ވާދަވެރިކަމެއް ނެތް ކަމަށެވެ. އެކަމަކު ކްލަބް ފުޓްބޯޅައަށް ސާންތީ ނުކުތުން އެ ވާދަވެރިކަން އޮންނާނެކަން އޭނާ ފާހަގަކުރި އެވެ.

"އަޅުގަނޑު އިންޓަވިއުގައި ބުނަން ޖެހޭ އެއްޗެއް ބުނާނަން. ހިތުގައި އެއްޗެހި ސްޓޯކުރުމުގެ ބައި ވަރަށް ދަށްވާވާނެ. ހިތަށް އަރާ އެއްޗެހި ހިތުގައި ބަހައްޓައިގެން ހުރުމުގެ ގާބިލްކަން ނުވަތަ ހިތްވަރު ނުހުންނާނެ އަޅުގަނޑުގެ ކިބައިގައި. އެގޮތަށް ވާހަކަދައްކާއިރު ސީދާ ތަންކޮޅެއް ތޫނު އެއްޗެހި ގޮސްފައި ހުރެދާނެ. އެކަމަކު ފުޓްބޯޅަ އާއިލާގެ މަސައްކަތްކުރާ އެއްވެސް މީހަކާ ޒާތީ ކަމެއް ނޯންނާނެ،" ސުޒޭން ބުންޏެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ