ފީފާއިން ގާނާ ރެފްރީ އުމުރަށް ސަސްޕެންޑްކޮށްފި

ޒިއުރިކް، ސްވިޒަލެންޑް (މާޗް 21) - ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ގާނާގެ ރެފްރީ ޖޯސެފް އޮޑާޓޭ ލަމްޕްޓޭ މުޅި އުމުރަށް ސަސްޕެންޑް ކުރުމަށް ނިންމައިފި އެވެ.


އޮޑާޓޭ ސަސްޕެންޑް ކުރުމަށް ނިންމީ މިދިޔަ ނޮވެމްބަރު މަހު ވޯލްޑް ކަޕް ކޮލިފައިންގައި ދެކުނު އެފްރިކާ 2-1 އިން ސެނެގޯލް ބަލިކުރި މެޗުގައި އޭނާގެ ނިންމުންތައް އިންސާފުވެރިނުވެ ވަކިކޮޅަކަށް ޖެހިފައިހުރިކަން ސާބިތުވުމުންނެވެ.

ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން މި މައްސަލަ ބެލުމަށް ފަހު ނިންމީ އޮޑާޓޭ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރުމަށެވެ.

"ސެނެގޯލް އާއި ދެކުނު އެފްރިކާ މެޗުގެ ރެފްރީ އޮޑާޓޭ ފަރާތުން އެ މެޗުގައި ފެނުނީ އެންމެ ރަނގަޅު ނިންމުތަކެއް ނޫން. މި ކޮމިޓީން ބެލި ބެލުމުގައި އޭނާ ވަކި ޓީމެއްގެ ކޮޅަށް ޖެހިފައިވާކަން ވަނީ ސާބިތުވެފައި. މި މައްސަލައިގައި ފީފާއިން ނިންމާފައިވަނީ ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި އޮޑާޓޭ އަށް ގައުމީ އަދި ބައިނަލްއަގްވާމީ ލެވެލްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑްކުރުމަށް." ފީފާއިން ނެރުނު ބަޔާނުގައިވެ އެވެ.

ފީފާއިން ބުނީ މި ފަދަ މައްސަލަތަކުގައި އެ ފަރާތުން އަބަދުވެސް ބަލަނީ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމަށާއި މިކަމުގެ ސަބަބުން ދެން ހުރި ރެފްރީންނާއި މި ފަދަ ކަންތައް ހިންގުމަށް މަސައްކަތް ކުރާ މީހުންނަށް މެސެޖެއް ލިބޭނެ ކަމަށެވެ.