17 ޖުލައި 2025 - 10:12
ބާސެލޯނާ (ޖުލައި 17) - ސްޕެއިންގެ ކެޓަލޫނިއާ އަށް ނިސްބަތްވާ ބާސެލޯނާގައި 2031 ގެ ނިޔަލަށް ކޮންޓްރެކްޓް އާ ކުރުމަށް ފަހު އެ ކްލަބްގެ ލެޖެންޑަރީ 10 ނަމްބަރު ޖޯޒީއާ، ލަމީން ޔަމާލް ހަވާލު ވެއްޖެ އެވެ.
ކޮންޓްރެކްޓުގައި ސޮއި ކުރުމަށް ބާސެލޯނާ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މިދިޔަ އާދިއްތަ ދުވަހު 18 އަހަރު ފުރުނު ޔަމާލްގެ އާއިލާގެ ގިނަ ބަޔަކު ބައިވެރިވި އެވެ. ޔަމާލް އޭނާގެ މާމަގެ އަތުގައި ހިފައިގެން އޮފީހަށް ވަދެގެން އަންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ ވަރަށް ބޮޑަށް އާއްމު ވެފަ އެވެ.
ޔަމާލްގެ ކުރިއެރުންތަކުގެ ބޮޑު ހިއްސާއެއް ކަމަށްވާ އޭނާގެ މާމަ ފާތިމާ، 71، ވެސް ދިރިއުޅެމުން އަންނަނީ ސްޕެއިންގަ އެވެ. ނަމަވެސް އުފަން ގައުމު، މޮރޮކޯއަށް އެނާ ވަރަށް ގިނައިން ދަތުރު ކުރެ އެވެ. ޔަމާލްގެ ބައްޕަ، މުނީރާ އެކު ޖުމްލަ ހަ ދަރިން އޭނާގެ ތިބެ އެވެ. އަދި ޔަމާލް އަކީ އޭނާގެ 24 މާމަ ދަރިންގެ ތެރެއިން އެކަކެވެ.
The moment has arrived. 😍 pic.twitter.com/WZbDECNqi8
— FC Barcelona (@FCBarcelona) July 16, 2025
ފުޓްބޯޅައިގެ ލެޖެންޑުން ކަމަށްވާ ޑިއޭގޯ މަރަޑޯނާ އާއި ރޮނާލްޑީނިއޯ އަދި އެނެމް މަޝްހޫރު ލިއޮނެލް މެސީ ފަދަ ކުޅުންތެރިން ބާސެލޯނާގައި ބޭނުން ކުރި 10 ނަންބަރު ޖޯޒީ އެވެ.
މެސީ 2021 ވަނަ އަހަރު ބާސެލޯނާ ދޫކޮށްލި ފަހުން، މިދިޔަ ސީޒަނާ ހަމައަށް 10 ނަމްބަރު ބޭނުން ކުރީ އަންސޫ ފާޓީ އެވެ. މެސީ ފަދަ ހުނަރުވެރިއަކަށް ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި ފާޓީ ވަނީ ލޯނު އުސޫލުން ފްރާންސްގެ އޭއެސް މޮނާކޯއަށް ބަދަލުވެފަ އެވެ.
"ނަމްބަރު 10 އިން އެއްވެސް ޕްރެޝަރެއް ނެތް. މެސީ ވަނީ މި ނަމްބަރަށް މަގުފަހި ކޮށްދީފަ. މިއީ އަހަރެންގެ ފުރުސަތު. ކޮންމެ ކުޑަކުއްޖަކު ވެސް ހުވަފެން ދެކޭނެ މެސީ، މަރަޑޯނާ، ރޮނާލްޑީނިއޯ ފަދަ ކުޅުންތެރިންގެ ފަރާތުން ކޮންމެވެސް އެއްޗެއް ލިބުމަށް. އަހަރެން މަސައްކަތް ކުރާނަން އެ ކުޅުންތެރިންގެ ލެގަސީ ދަމަހައްޓަން،" ޔަމާލް މީޑިއާއާ ވާހަކަ ދައްކަމުން ބުންޏެވެ.
"ބާސާ އަކީ އަހަރެންގެ ދިރިއުޅުން. އަހަރެން މިތަނަށް އައީ އުމުރުން ހަތް އަހަރުގަ. މިއީ އަހަރެންގެ ގެ، އަދި މިތަނުގައި އަހަރެން މަސައްކަތް ކުރާނީ. މިއީ އަހަރެންގެ ހުވަފެނަކީ، ކޭމްޕް ނޯ ގައި މަޖާކުރުން."
ޔަމާލް ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2023 ވަނަ އަހަރު، އުމުރުން 15 އަހަރުގަ އެވެ. ފުރަތަމަ ސީޒަންގައި 41 ނަމްބަރު ޖޯޒީގައި އޭނާ ކުޅުނީ އެންމެ މެޗެކެވެ. ޖެހިގެން އައި ސީޒަންގައި 27 ނަމްބަރު ޖޯޒީގައި 50 މެޗު ކުޅުނު އިރު، މިދިޔަ ސީޒަންގައި އޭނާ ކުޅުނީ މެސީ ވެސް ކުރިން ބޭނުންކުރި 19 ނަމްބަރު ޖޯޒީގަ އެވެ. މިދިޔަ އަހަރު އޭނާ 55 މެޗު ކުޅެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމިއްޓޭ
17 July 2025
މެސީގެ ލެގަސީ ދަމަހައްޓަން ބޭނުންނަމަ އުޅުން ރަނގަޅުކުރަން އެބަޖެހޭ. މެސީ ތިވައްތަރަށް ސްޕީކަރުކޮނޑަށްލައިގެން މީހުންނަށް މަލާމަތްކުރާގޮތަށް ސެލެބްރޭޓްއެއް ނުކުރޭ.
ޖިނާހް2025
17 July 2025
ރިވާލްޑޯ އެއީ ބާސާ 10 ނަމްބަރ ޖާޒީގައި ކުޅުނު އެއްމެ މޮޅު ކުޅުންތެރިޔާ