ސުޒޭން ކުރީގެ ޓީމާ ދެކޮޅަށް، މާޒިޔާ އޮތީ ފޯމުގައި

ފާއިތުވި ތިން އަހަރު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން މާޒިޔާ ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. މިދިޔަ ސީޒަނަށް ފަހު މާޒިޔާ ދޫކޮށް ސުޒޭން މިހާރު ހުރީ އޭނާގެ ރަސްމީ ކްލަބް ވިކްޓަރީގަ އެވެ. ވިކްޓަރީ އަށް އެނބުރި އައުމަށް ފަހު ސުޒޭނަށް އަދި މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައިނުވެ އެވެ. މިއަދު ހަވީރު އޭނާ ކުރީގެ ކްލަބް މާޒިޔާއާ ދެކޮޅަށް ކުޅޭއިރު އެ ޓީމަކީ މި ވަގުތު އެންމެ ރަނގަޅު ފޯމެއްގައި އޮތް ޓީމެވެ.


މެޗުގެ ކުރިން ސުޒޭން ބުނީ ކުރީގެ ޓީމާ ދެކޮޅަށް ކުޅުމުގައި ޖަޒުބާތީ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.

"އެޑްވާންޓޭޖަށް ވުރެން ބޮޑަށް ޖަޒުބާތީ ކަންތައްތަކެއް ހުރެދާނެ. އެއީ މިހާރު މާޒިޔާ އޮތީ ތަފާތު ހާލަތެއްގައި ވަރަށް އޮގަނައިޒްކޮށް ކުޅެނީ. އެކަމު އެ ޓީމުގައި ތިބި ގިނަ މީހުންނަކީ ކޮންމެ ދުވަހަކު ހެން ދިމާވުމުގެ އިތުރުން އެކުގައި ގިނަ ކާމިޔާބީ ހޯދައިފައި ތިބި މީހުން ވީމަ އެ ހަނދާންތައް ހުންނާނެ. އެކަމަކު ކޮންމެ މީހަކީ ވެސް އަމިއްލަ އެދުން ބޮޑު މީހެއް. އެގޮތަށް އަޅުގަނޑު ވެސް ބޭނުމީ ވިކްޓަރީ މޮޅުވާން،" ސުޒޭން ބުންޏެވެ.

އާދިއްތަ ދުވަހުގެރޭ ޔުނައިޓެޑް ވިކްޓަރީން ވެލެންސިއާ ބަލިކުރުމާ އެކު ވިކްޓަރީ ވަނީ ލީގުގެ ހަތް ވަނަ އަށް ވެއްޓިފަ އެވެ. ލީގުގައި ކުރިއަށް ދިއުމަށް ވިކްޓަރީ އަށް މިއަދުގެ މެޗުން މަދުވެގެން ޕޮއިންޓެއް މުހިއްމެވެ.

"ވިކްޓަރީ މިހާރު އޮތީ އަބަދުވެސް އިތުރަށް މަސައްކަތްކުރަން ޖެހިފައި. މިހާރު މިހާލަތުގައި ކުޅެން މި ޖެހުނީ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް. މާޒިޔާ އޮތީ ހުރިހާ މެޗަކުން މޮޅުވެފައި. އެގޮތަށް ބަލާއިރު ވެސް މި މެޗަކީ ވިކްޓަރީ އަށް ވަރަށް އުނދަގޫވާނެ މެޗެއް،" ސުޒޭން ބުންޏެވެ.

މާޒިޔާ ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެފަ އެވެ. އެ ޓީމު ހަމައެކަނި ބަލިވީ އޭއެފްސީ ކަޕްގައި އަމިއްލަ ދަނޑުގައި ބެންގަލޫރު އަތުންނެވެ. ރާއްޖޭގެ ހުރިހާ ކްލަބަކާ ދެކޮޅަށް ކުޅުނު މެޗުތަކުން އެ ޓީމު ވަނީ މޮޅުވެފަ އެވެ.

ސުޒޭން ބުނީ މާޒިޔާ އަކީ މި ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި ޓީމު ކަމަށާއި އެންމެ ވަރުގަދަކޮށް އޮތީ ވެސް އެ ޓީމު ކަމަށެވެ.

"މާޒިޔާ އަކީ މި ވަގުތަށް ބަލާއިރު އެންމެ ވަރުގަދަ ޓީމު. މީގެ އެންމެ ބޮޑަށް ވިސްނަންޖެހޭ ކަމަކީ މާޒިޔާ އެންމެ ފަހުން ކުޅުނު މެޗުގައި މޮޅުވީމަ އެއީ މާޒިޔާގެ އެތެރެ އަށް އިތުރުވެގެންދާނެ ވަރަށް ބޮޑު އެއްޗެއް. އާދައިގެ ޓީމެއް ނޫން މޯހަން ބަގާން އެއީ. އެ މެޗުން މޮޅުވެގެން އައީމަ އެމީހުންގެ މޮޓިވޭޝަން ވެސް ރަނގަޅުވާނެ،" އޭނާ ބުންޏެވެ.

ސުޒޭން ބުނީ މާޒިޔާގެ ދެ ކުޅުންތެރިއަކަށް ވިކްޓަރީން ހާއްސަ ސަމާލުކަމެއްދޭން ޖެހޭނެ ކަމަށެވެ.

"އެންމެ ބޮޑަށް ވިސްނަން ޖެހޭ ދެ ކުޅުންތެރިންނަކީ އުމެއިރު އާއި އަސަދުﷲ. މި ދެ ކުޅުންތެރިންނަކީ މި ވަގުތު ރާއްޖެ އަށް ބަލާއިރު ތަފާތު ދެ ކުޅުންތެރިން،" އޭނާ ބުންޏެވެ.

ވިކްޓަރީގެ ސީރިއާ ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފް އެ ޓީމު އެންމެ ފަހުން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު ލަސްކުރުމުން ސުޒޭން ވަނީ އެ މެޗަށް ފަހު އެކަމަށް ހިތްހަަމަ ނުޖެހުންފާޅުކޮށްފަ އެވެ. ސުޒޭން ބުނީ ޔޫސުފްއާ ދެމެދު ކުރިމަތިވި ކަންތައްތަކަށް ހައްލެއް ހޯދިފައިވާ ކަމަށެވެ.

"ސީރިއާ ކީޕަރު ޔޫސުފް ކުޅޭނެ. އޭނަގެ ކަންތައްތައް މިހާރު ހުރީ ރަނގަޅަށް ކަމަށް މި ބަލަނީ. މިދިޔަ އަހަރު އޭނާ ކުޅެފައި ހުރިގޮތުން ދިމާވި ކަމެއް އެއީ. އެކަމަކު މިހާރު އެކަމަށް ވެސް ހައްލެއް ގެނެވޭނެ ކަމަށް މި ގަބޫލުކުރަނީ." އޭނާ ބުންޏެވެ.

ސުޒޭން ގަބޫލުކުރާ ގޮތުގައި ވިކްޓަރީ އަށް އެއް އެޑްވާންޓޭޖް އެބައޮތެވެ. އެއީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން މާޒިޔާ ކުޅުންތެރިން ވަރުބަލިވެފައިވުމެވެ.

"ވިކްޓަރީ އަށް އޮތް ހަމައެކަނި އެޑްވާންޓޭޖަކީ މާޒިޔާ މެޗެއް ކުޅެފައި ތެޅިފޮޅިފައި އައިސްފައި ދެ ދުވަހެއްގެ ތެރޭގައި މެޗެއް ކުޅެން ޖެހޭތީ. އެ ވަރުބަލިކަން އެ ޓީމުގައި ހުންނާނެ. އެ އެޑްވާންޓޭޖް ވިކްޓަރީ އަށް ނެގޭނީ ވިކްޓަރީ ވަރަށް ރަނގަޅަށް އެ މެޗަށް ފޯކަސް ކޮށްގެން ވަރަށް މަސައްކަތް ކޮށްގެން،" ސުޒޭން ބުންޏެވެ.

ލީގުގެ މެޗުތައް ރާވާއިރު ހުރިހާ ޓީމުތަކަށް މެޗުތައް ހަމަވާގޮތަށް ކުރިއަށް ގެންދިއުން މުހިއްމު ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

"ވިކްޓަރީ އަކީ ވަރުގަދަ ޓީމެއް، ލީގުގައި އޮތް މަގާމު މުހިއްމެއް ނޫން"

ލީގުގައި ރޭ ޓީސީ އަތުން މޮޅުވެ ނިއު ވަނީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ނިއު އެއް ވަނަ އަށް އެރީ ފަސް މެޗުން ހޯދި 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 10 ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް އޮތްއިރު ތިން ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ދެ މެޗު މަދުން ކުޅެފައިވާ މާޒިޔާ އެވެ. މިއަދު ވިކްޓަރީ އަތުން މޮޅުވެގެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު މާޒިޔާ އަށް އެބައޮތެވެ.

މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނީ ލީގުގެ ކޮންމެ މަގާމެއްގައި ވިކްޓަރީ އޮތް ނަމަވެސް އެނާ މެޗަަށް ތައްޔާރުވާނީ ސީޒަނުގެ އެންމެ ވަރުގަދަ އެއް މެޗު ކަމަށް ދެކިގެން ކަމަށެވެ.

"ކޮންމެ މެޗެއް ވެސް މުހިއްމު. އަހަރެންގެ ނަޒަރުގައި ވިކްޓަރީ އަކީ އެންމެ ވަރުގަދަ އެއް ޓީމު. ވިކްޓަރީ ލީގުގައި އޮތް މަގާމަކީ އަހަރެންގެ ގަބޫލުކުރާގޮތުގައި އެ ޓީމުގެ ލެވެލަށް ބަލާއިރު ހައްގު މަގާމެއް ނޫން. ފެންވަރު ރަނގަޅު ކުޅުންތެރިންނާއި ރާއްޖޭގެ އެންމެ މޮޅު އެއް ކޯޗު (ސުޒޭން) އެ ޓީމުގައި އެބަހުރި،" ސެކުލޮސްކީ ބުންޏެވެ.

ވިކްްޓަރީ އަންނަނީ މެޗަކަށް ފަހު މެޗެއް ކުޅުން ރަނގަޅު ކުރަމުންނެވެ. މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ އޭނާގެ ޓީމުން މިއަދުގެ މެޗުގައި އިތުރު ހިތްވަރެއް ލައިގެން ކުޅެން ޖެހޭނެ ކަމަށެވެ.

"މިއީ ދެ ޓީމަށް ވެސް އުނދަގޫވާނެ މެޗެއް. މި ފަހަރުގެ ލީގުގެ އެއްވެސް މެޗެއް ފަސޭހަވާނެއޭ ނުބުނެވޭނެ. އެއީ ކޮންމެ ޓީމެއް ވެސް ގަދަ ހަތަރަކަށް ވަދެ ޕްރިމިއާ ލީގުގައި ކުޅެން ވަރަށް ބުރަކޮށް މަސައްކަތް އެބަކުރޭ،" ސެކުލޮސްކީ ބުންޏެވެ.

ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމަކީ ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ.

"އެހެން ޓީމުތައް އިތުރު މެޗު ކުޅެފައި އޮންނައިރު. އަހަރެމެން ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމަކީ ވެސް ކުރިމަތިވާ އުނދަގުލެއް އެކަމަކު ކުޅުންތެރިންގެ ހިތްވަރުން މިކަމުން އަރައިގަނެވޭނެ،" އޭނާ ބުންޏެވެ.

އޭއެފްސީ ކަޕްގައި މިިދިޔަ ބުދަ ދުވަހު މާޒިޔާ ވަނީ ރަށުންބޭރުގައި މޯހަން ބަގާން 1-0 އިން ބަލިކޮށްފަ އެވެ. އެ މެޗުގައި އަނިޔާގެ ސަބަބުން މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ)، ހުސެއިން ނިޔާޒް (ބޮކުރީ)، އަލީ ހައިޝަމް (ޗުމްޕު) އަދި ޑިފެންޑަރު އަންދްރެއި ކޯޑޯސް ހިމެނެ އެވެ. އެ މެޗުގެ ދެ ވަނަ ހާފްގައި އަނިޔާގެ ސަބަބުން މުހައްމަދު އުމެއިރު ވެސް ވަނީ ބަދަލުކޮށްފަ އެވެ.

މި ކުޅުންތެރިންގެ ތެރެއިން މާދަމާގެ މެޗުގައި ނުފެންނާނެ ހަމައެކަނި ކުޅުންތެރިއަކީ ޑިފެންޑަރު ކޯޑޯސް އެވެ. އެހެން ކުޅުންތެރިން ފެނުމުގެ ފުރުސަތު އެބައޮތެވެ.

މާޒިޔާ އާއި ވިކްޓަރީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.