މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ހާއްސަ ކޮށްގެން "މިހާރު" ނޫހުން ތައްޔާރުކުރި ފޮތް "މިހާރު ވޯލްޑް ކަޕް ގައިޑް" ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ނެރެދެއްވައިފި އެވެ.

މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި ބޭއްވި، މި ހަފުލާގައި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެސިސްޓެންޓް ރެފްރީކަން ކުރި ދިވެހި ލައިސްމަން މުހައްމަދު ސައީދު ވެސް ބައިވެރިވި އެވެ. 

ފޮތް ނެރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ރާފިއު ވިދާޅުވީ، "މިހާރު" ނޫސް ވުޖޫދުކުރުމުގެ ކުރިން "މިހާރު" ގެ މެނޭޖްމެންޓުން ކުރިން ހިންގި "ހަވީރު" ނޫހުގައި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެށިގެން ކޮންމެ ވޯލްޑް ކަޕެއްގައި އެ މުބާރާތަށް ހާއްސަ އެޑިޝަނެއް އެކުލަވާލަމުން ދިއުމަކީ ފާހަގަ ކުރެވޭ މަސައްކަތެއް ކަމަށެވެ. 

"މިހާރު" ގެ ވޯލްޑް ކަޕް ގައިޑަށް ކޮންޓްރަބިޔުޓް ކުރި ލިޔުންތެރިޔާ އަލީ ޝަހީމް އާއި އޭނާގެ އާއިލާ --- ފޮޓޯ: ނިޝާން އަލީ | މިހާރު
"މިހާރު" ގެ ވޯލްޑް ކަޕް ގައިޑަށް ކޮންޓްރަބިޔުޓް ކުރި ލިޔުންތެރިޔާ އަލީ ޝަހީމް އާއި އޭނާގެ އާއިލާ --- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭގެ ފަހުން ކޮންމެ ވޯލްޑް ކަޕަކަށް ނެރުނު ސަޕްލިމެންޓެއް ވިޔަސް ފޮތެއް ވިޔަސް އޭގެ ކުރީގެ ވޯލްޑް ކަޕަށް ނެރުނު ސަޕްލިމެންޓަށް ވުރެ ރަނގަޅަށް، ގިނަ މައުލޫމާތާ އެކީގައި "މިހާރު" ގެ މެނޭޖްމެންޓުން ނެރެމުން އަަންނަ ކަމަށް ވިދާޅުވި އެވެ. އަދި 1998 ގެ ވޯލްޑް ކަޕުން ފެށިގެން  ވޯލްޑް ކަޕަށް ހާއްސަކޮށް އެކުލަވާ އެޑިޝަންގެ މަސައްކަތް ފުޅާކޮށް، ސަޕްލިމެންޓަކުން ފޮތަކަށް ބަދަލުކުރުމަކީ ވެސް ފާހަގަ ކުރެވޭ ކަމެއް ކަމަށް ރާފިއު ވިދާޅުވި އެވެ. 

"މިކަމުގައި ވެސް ['މިހާރު' ގެ ޓީމުން] މިދަނީ އެއް އަހަރުން އަނެއް އަހަރަށް އެއް ވޯލްޑް ކަޕުން އަނެއް ވޯލްޑް ކަޕަށް މައުލޫމާތުތައް ފުޅާކުރަމުން،" ރާފިއު ވިދާޅުވި އެވެ.

"...އެހެންވީމަ މި މަސައްކަތަކީ ފުޓްބޯޅައިގެ މި މޫސުމުގެ މައުލޫމާތުތައް ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ލިބި އެ މައުލޫމާތުތަކުގެ އަލީގައި އަޅުގަނޑުމެން ވެސް އެކަމުގައި ޝާމިލުވެ ވަރަށް ފޯރިއާ އެކު ވަރަށް ޖޯޝުގައި ކުރަމުންދާ ކަމެއް. އެހެންކަމުން މި މައުލޫމާތުތައް މިހާ މުއްސަނދިކޮށް ގެނެސްދީ. އަޅުގަނޑުމެންނާ ހަމައަށް މި ފޮތުގެ ސިފައިގައި ގެނެސްދިނުމަކީ އަޅުގަނޑުމެން ނިހާޔަތަށް ޝުކުރުވެރިވާ ކަމެއް."

"މިހާރު" ގެ ވޯލްޑް ކަޕް ފޮތް ނެރުމުގެ ހަފުލާގެ ތެރެއިން --- ފޮޓޯ: ނީޝާން އަލީ | މިހާރު
"މިހާރު" ގެ ވޯލްޑް ކަޕް ފޮތް ނެރުމުގެ ހަފުލާގެ ތެރެއިން --- ފޮޓޯ: ނީޝާން އަލީ | މިހާރު

"މިހާރު" ގެ އެޑިޓަރު އަހުމަދު ހަމްދޫން ވާހަކައިގައި، އޭނާ ވަނީ ވޯލްޑް ކަޕަށް ހާއްސަ ގައިޑެއް އެކުލަވާލުމަށް "މިހާރު" ގެ ލިޔުންތެރިން ކުރި މަސައްކަތް ފާހަގަ ކުރައްވައިފަ އެވެ. އަދި އިގްތިސޯދީ ގޮތުން ދަތި ދުވަސްވަރެއްގައި ވެސް ފޮތަށް އިޝްތިހާރު ހޯދުމަށާއި މާކެޓް ކުރުމަށް "މިހާރު" ގެ މާކެޓިން ޓީމުން ކޮށްފައިވާ މަސައްކަތަށް ހަމްދޫން ވަނީ ތައުރީފް ކުރައްވައިފަ އެވެ. 

ފޮތް އެކުލަވާލުމުގައި ލީޑް ކުރެއްވި، "މިހާރު" ގެ ސްޕޯޓްސް އެޑިޓަރު މުހައްމަދު ހަމްދޫން ވިދާޅުވީ އެހެން އަހަރުގެ ވޯލްޑް ކަޕްގައި ނެރުނު މަޖައްލާތަކާ ހިލާފަށް، ރާއްޖެއާ ވީހާ ވެސް ގޫޅޭގޮތަކަށް ފޮތް އެކުލަވާލުމަށް އިސްކަންދީފައިވާނެ ކަމަށެވެ. 

ހިލޭ ބަހާގޮތަށް "މިހާރު" އިން ތައްޔާރު ކުރި އެ ފޮތާ އެކު، ސްކޯ ޗާޓެއް ވެސް ހިމެނެ އެވެ. ފޮތް ނެރުމާ އެކު އެތަނަށް ދިޔަ އާންމުންނަށް ފޮތާއި ސްކޯ ޗާޓް ދޫކުރި އެވެ. 

"މިހާރު" ވޯލްޑް ކަޕް ފޮތް، ކުޑަކުއްޖަކު ބަލަހައްޓައިގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު
"މިހާރު" ވޯލްޑް ކަޕް ފޮތް، ކުޑަކުއްޖަކު ބަލަހައްޓައިގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު

"މިހާރު" ގެ ވެބްސައިޓްގައި ވޯލްޑް ކަޕަށް ހާއްސަ އޮންލައިން އެޑިޝަނެއް ވެސް ހމެނެ އެވެ. 

ވޯލްޑް ކަޕްގައި މިފަހަރު 48 ޓީމު ވާދަކުރާނެ އެވެ. އެމެރިކާ އާއި މެކްސިކޯ އަދި ކެނާޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕަކީ ތިން ގައުމެއްގައި އެއްފަހަރާ ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ. 

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފަށާ މުބާރާތުގެ ފައިނަލު މެޗު އޮންނާނީ އަންނަ ޖުލައި މަހު 19 ވަނަ ދުވަހު އެވެ.