ވެޓެރަންސް ކަޕް: ނިއު އާއި ބީޖީ ދެ ވަނަ ބުރަށް، ވިކްޓަރީ ޕްލޭ އޮފަށް

ވިކްޓަރީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ބީޖީ ސްޕޯޓްސް ވެޓެރަންސް ކަޕްގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.


ގްރޫޕް އޭގެ ހުރިހާ މެޗެއް ނިމުނުއިރު ތިން މޮޅާ އެކު ނުވަ ޕޮއިންޓް ހޯދައިގެން އެއް ވަނަ ލިބުނީ ކްލަބް ވެލެންސިއާ އަށެވެ. ދެ ވަނައިގައި ނިއު އޮތީ ހަ ޕޮއިންޓާ އެކު އެވެ. ބީޖީ ތިން ވަނައިގައި އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފުލުގައި އޮތް ވިކްޓަރީ އަށް ޕޮއިންޓެއް ނުލިބެ އެެވެ.

ވެލެންސިއާ އާއި ނިއު އަދި ބީޖީ ދެ ވަނަ ބުރުން ޖާގަ ހޯދިއިރު، ވިކްޓަރީ ޕްލޭ އޮފްގައި ކުޅެން ޖެހޭނީ ގްރޫޕް ބީގެ ތިން ވަނަ ޓީމާ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ދެ ވަނަ ބުރުން ޖާގަ ލިބޭނެ އެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ވިކްޓަރީ ކޮޅަށް ބީޖީގެ ލަނޑުތައް ޖެހީ މުހައްމަދު ޝިފާއު އަދި މުހައްމަދު ޝާޒްލީ (ޝާޒް) އަދި އާދަމް ލަރީފް (ރޮނާ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ރޮނާ އެވެ.

މެޗުގެ 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކީ ބީޖީގެ ޑިފެންޑަރު އިބްރާހިމް އާމިރު އެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭނީ ފުރަތަމަ ބުރުގެ ފަހު މެޗެވެ. ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. މެޗު ފަށާނީ ހަވީރު 16:30 ގަ އެވެ.