މަކަރުހަދާ ކުޅުންތެރިންނަށް އަދަބުދޭން ނިންމައިފި

ލަންޑަން (މެއި 19) - އިނގިރޭސި ލީގުތަކުގައި މަކަރު ހަދައިގެން ފައުލް ހޯދާ ކުޅުންތެރިންނަށް އަންނަ ސީޒަނުން ފެށިގެން އަދަބުދޭން އިނގިރޭސި އެފްއޭ ނިންމައިފި އެވެ.


އިނގިރޭސި އެފްއޭގެ ގަވާއިދު ހަދާ ޕެނަލުން އިއްޔެ ނިންމާފައިވަނީ އަންނަ ސީޒަނުން ފެށިގެން ޑައިވްކޮށްގެން ފައުލު ހޯދާ ކުޅުންތެރިންނަށް ދެ މެޗުގެ ސަސްޕެންޝަނެއް ދިނުމަށެވެ. މަކަރު ހަދާ ކުޅުންތެރިއާ ސަސްޕެންޑް ކުރުމަށް ނިންމާނީ ޑައިވް ކޮށްގެން ޕެނަލްޓީއެއް ލިބިއްޖެނަމަ ނޫނީ އިދިކޮޅު ކުޅުންތެރިޔާ އަށް ރީނދޫ ނުވަތަ ރަތް ކާޑު ދައްކައިފިނަމަ އެވެ. އަދަބު ކަނޑައެޅުމުގައި ބަލާނީ މެޗު އޮފިޝަލުންގެ ރިޕޯޓަށެވެ.

އެފްއޭ އިން މި ގަވައިދަށް އަމަލުކުރަން ނިންމީ ފާއިތުވި އަހަރުތަކުގައި އިނގިރޭސި ލީގުތަކުގައި ޑައިވްކުރުމުގެ ހާދިސާތައް ގިނަވެފައިވާތީ އެވެ. އަދި ބައެއް މެޗުތަކުގެ ނަތީޖާއަށް މި ކަމުގެ ސަބަބުން އަސަރުކުރާއިރު ނުހަންގުން ބައެއް މެޗުތަކުގައި ގިނަ ކުޅުންތެރިންނަށް ކާޑު ދައްކާފައިވާތީ އެވެ.

އެފްއޭގެ ގަވާއިދު އެކުލަވާލާ ޕެނަލުގައި ހިމެނެނީ ކުރީގެ މެޗު އޮފިޝަލަކާއި ކުރީގެ މެނޭޖަރެއްގެ އިތުރުން ކުރީގެ ކުޅުންތެރިއެކެވެ.

މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ ކޯޗުން ވަނީ ޑައިވް ކުރާ ކުޅުންތެރިންނަށް ހަރުކަށި އަދަބެއް ދޭން ޖެހޭ ކަމަށް ބުނެފަ އެވެ. އެފްއޭގެ ގަވާއިދު ހަދާ ޕެނަލުން މީގެ ތިން ސީޒަނުގެ ކުރިން ވަނީ ޑައިވް ކުރާ ކުޅުންތެރިންނަށް ރީނދޫ ކާޑު ދެއްކުމަށް ނިންމައިފަ އެވެ.

މަކަރުހަދާ ކުޅުންތެރިންނަށް އަދަބުދޭން އެންމެ ފުރަތަމަ ނިންމާފައިވަނީ ސްކޮޓްލެންޑްގެ އެފްއޭ އިންނެވެ. އެ ގައުމުގެ ފުޓްބޯޅަ އިދާރާ އިން ވަނީ 2011 ވަނަ އަހަރު ޑައިވް ކުރާ ކުޅުންތެރިންނަށް ދެ މެޗުގެ ސަސްޕެންޝަނެއް ދޭން ނިންމައިފަ އެވެ.