ރެފްރީންނަށް އިހުތިރާމްކުރަން ސުޒޭން ގޮވާލައިފި

އަލަށް ނުކުންނަށް ރެފްރީންނަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި އެކަމަށްޓަކައި ފުރަތަމަ ޑިވިޝަނުގެ ކޯޗުން ރެފްރީންނަށް އިހުތިރާމްކުރަން ޖެހޭ ކަމަށް ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގެ ގިނަ މެޗުތަކަށް ފަހު ކޯޗުން ވަނީ ރެފްރީންނާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ސުޒޭން ބުނީ އޭނާ ރެފްރީންގެ ވާހަކަ ނުދައްކަނީ އޭޏާގެ ޓީމަށް ރެފްރީންގެ ފަރާތުން ކަމެއް ގޯސްކޮށް ނުދާތީކީ ނޫން ކަމަށެވެ.

"އެއްވެސް މީހަކު ޕާފެކްޓެއް ނުވާނެ. އަޅުގަނޑުމެން އެބަޖެހޭ އަލަށް ނުކުންނަން ރެފްރީންނަށް ފުރުސަތު ދޭން. އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަން އެއްވެސް ރެފްރީއަކު ގަނެލުމުގެ ގާބިލްކަން ފައިނޭންޝަލީ ދިވެހި ކްލަބެއްގައި ނުހުންނާނެ ކަމުގެ. މީހެއްގެ ނަފްސު ގަނެލެވޭނީ ބޮޑު އަގެއް ދީގެން. އެވަރުގެ އަގެއް ދެވޭ ވަރަށް ވުރެ ހާލުގައި ކްލަބްތައް އޮތީ. ރެފްރީން ހެދޭ ގޯސްތަކަކީ ގަސްދުގައި ކުރާ ކަމެއް ނޫން. އެއީ އަތުން ނައްޓާލާ އެއްޗެހި،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ރެފްރީއަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ސްޕެއިނުގެ ގަދަބާރު ބާސެލޯނާ ވެސް ސަލާމަތްވެފައި އެބައޮތް ކަމަށާއި އެއީ ފުޓްބޯޅައިގެ ވެދާނެ ކަންކަން ކަމަށެވެ.

"އަޅުގަނޑު ދިވެހިރާއްޖޭގެ ހުރިހާ ކޯޗުންނަށް ބުނެލަން އޮތީ ރެފްރީން ބުލީ ނުކުރާށޭ. އެއީ ވަރަށް ދެރަ ކަމެއް. ރާއްޖޭގައި މި އަހަރު ފެންނަނީ އާ ރެފްރީންތަކެއް. މި ރެފްރީންނަށް މިގޮތަށް އަމާޒުކޮށްގެން (ފާޑުކިޔަން ވެއްޖެއްޔާ) ކުރިއަށް ދާން އުނދަގޫވާނެ. އެހެންވީމާ އެބަޖެހޭ އެބައި ކޮމްޕްރޮމައިޒްކޮށްގެން ރެފްރީންނަށް އިހުތިރާމްކުރަން،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ސްރީ ލަންކާ ނުވަތަ އިންޑިއާގެ ކޮންމެވެސް ހިސާބަކުން ފީފާ ބެޖެއް ވެސް ނެތް ރެފްރީންތަކެއް ގެނައުމަށް ވުރެ ރާއްޖޭގެ އާ ރެފްރީންނަށް ފުރުސަތު ދިނުން މާ ރަނގަޅުވާނެ ކަމަށާއި އޭގެ ސަބަބުން ކުރިއަރާނެ ކަމަށެވެ.

"ލަންކާ އަށް ބަލާއިރު ކޮލަމްބޯ އިން ބޭރުގައި ނުވަތަ ކޮލަމްބޯގައި އެ ކުޅޭ މުބާރާތްތަކުގެ ފެންވަރު ދަށްވާނެ ރާއްޖޭގެ ދެ ވަނަ ޑިވިޝަނަށް ވުރެ. އެކަން އެނގޭ ދެ ވަނަ ޑިވިޝަނަށް ގެންނަ ލަންކާގެ ކުޅުންތެރިންގެ ފެންވަރު. އެގޮތަށް ގެންނަ ރެފްރީން އެތިބޭ ހިސާބެއްގައި އޮންނަ ލީގަށް ވުރެ ރާއްޖޭގެ ލީގު 10 ގުނަ ފެންވަރު ރަނގަޅު. އެހެންކަމުން ދިވެހި ރެފްރީންނަށް ފުރުސަތު ދޭން ޖެހޭ،" ސުޒޭން ބުންޏެވެ.