ހާއްސަ މެޗަކަށް ފަހު ގައުމީ ކެޕްޓަނުންގެ ތާރީހީ ފޮޓޯއެއް!

ދިވެހި ފުޓްބޯޅައިގައި 70ގެ އަހަރުތަކާއި 80ގެ އަހަރުތަކުގައި ވިދާލި ތަރިންނާއި 90ގެ "ޒުވާން ތަރިން"ނެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަނުންނާއި ކުޅުންތެރިންނެވެ. ކްލަބްތަކުގެ ހިންގުންތެރިންނާއި އިސް ސަޕޯޓަރުންނެވެ. ވެޓްރަންސް ފުޓްބޯޅަ މުބާރާތް ފެށުމުގެ މުނާސަބަތުގައި މާފަންނު ޓާފް ދަނޑުގައި މިއަދު ކުޅުނު 50 އަހަރުން މަތީގެ ކުޅުންތެރިންގެ ހާއްސަ މެޗު އިންތިޒާމްކުރުމުގައި އިސް ދައުރެއް އަދާކުރި ސޮކާ މޭޓްސްގެ އަލީ ސުޒޭން ބުނިހެން މިއަދު ކުރިއަށް އެދިޔައީ ފުޓްބޯޅައިގެ ކާނިވަލެކެވެ.


"ލެޖެންޑްސް އޭ" ޓީމުގެ މައްޗަށް 4-1 އިން "ލެޖެންޑްސް ބީ" ޓީމު ކުރި ހޯދި މި މެޗަށް ފަހު ވަނީ ތާރީހީ ފޮޓޯއެއް ނަގައިފަ އެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ 38 އަހަރުވީ ތާރީހުގައި އެކި ދުވަސްވަރު މެޑަލް ނުވަތަ ތަށި ހޯދައިދިން ކެޕްޓަނުންގެ ހާއްސަ ފޮޓޯއެކެވެ.

މި އާޓިކަލްގެ މަތީގައި ޖަހާފައިވާ އެ ފޮޓޯގެ ކަނާތް ފަރާތުގައި އެ ހުންނެވީ ރާއްޖެ ފުޓްބޯޅައިން އެންމެ ފުރަތަމަ މެޑެއްޔެއް ހޯދައިދިން ކެޕްޓަން އިބްރާހިމް ނޫރައްދީނެވެ. ނޭޕާލުގައި 1984 ވަނަ އަހަރު ބޭއްވި ސާފް ގޭމްސްގެ ލޯ މެޑަލް މެޗުގައި އިބްރާހިމް ފާއިގުގެ ލަނޑުން ބޫޓާން އަތުން 1-0 އިން މޮޅުވެ ރާއްޖޭން ލޯ މެޑަލް ހޯދިއިރު ކެޕްޓަންކަންކުރެއްވި ނޫރައްދީނަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މަސްއޫލުވެރިކަމާއި ކޯޗުކަމާއި ކެޕްޓަންކަން ވެސް ކުރެއްވި ހިދުމަތްތެރިއެކެވެ.

ދެން ހުންނެވީ ރާއްޖެ އަށް ފުޓްބޯޅައިން އެންމެ ފުރަތަމަ ރިހި މެޑެއްޔެއް ހޯދައިދެއްވި ކެޕްޓަން މުހައްމަދު ކަލީމެވެ. ސްރީ ލަންކާގައި 1991 ވަނަ އަހަރު ބޭއްވި ސާފް ގޭމްސްގެ ރަން މެޑަލް މެޗުން ޕާކިސްތާން އަތުން ބަލިވި ނަމަވެސް ކަލީމުގެ ލީޑާޝިޕުގެ ދަށުން ރާއްޖޭން ހޯދި ރިހި މެޑަލް ވެގެން ދިޔައީ ފުޓްބޯޅައިގައި ދިވެހިން ކުރިއަރަން ލިބުނު އެންމެ ބޮޑު ހިތްވަރަށެވެ. އެ ފަހަރު ކަލީމާ އެކު ގައުމީ ޓީމަށް ކުޅުނު ގޯލްކީޕަރު މައުރޫފް އަހުމަދު (މާއްޓޭ) އާއި ޑިފެންޑަރު އަހުމަދު ނިޔާޒް އަދި މޯނިންސަން މޫސާމަނިކު (ކުޑަމޫސަ) ވެސް މިއަދުގެ މެޗުގައި ކުޅުނެވެ.

ކަލީމާ ޖެހިގެން ހުރީ 1997 ވަނަ އަހަރު ބޭއްވި ފުރަތަމަ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ މަގާމް ރާއްޖޭން ހޯދިއިރު ކެޕްޓަންކަންކުރި އަންދަރުސަވާ އިބްރާހިމް ރަޝީދު (އަންދަރޭ) އެވެ. އެ އަހަރު ފުޓްބޯޅައިން ރިޓަޔާކުރި އަންދަރޭ އަކީ ނިއު ރޭޑިއަންޓުގެ ޒަމާންވީ ކެޕްޓަނެކެވެ. އިތުބާރު ޑިފެންޑަރެކެވެ.

ފޮޓޯގައި ތިބި ހަތަރު މެމްބަރުންގެ ތެރެއިން އެންމެ ޒުވާން އައްސަދު އަބްދުލްގަނީ އަކީ ދިވެހި ފުޓްބޯޅައިގެ އެންމެ ބުރަދަން ބޮޑު ކެޕްޓަނެވެ. ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ފުޓްބޯޅައިން ފުރަތަމަ ފަހަރަށް ތަށްޓެއް ހާސިލްކުރީ އައްސަދުގެ މޭސްތިރިކަމުގެ ދަށުންނެވެ. އޭގެ ކުރިއަށް ޖެހިލާއިރު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ހަތަރު ވަނަ ހޯދި ގަދަފަދަ ދެކުނު ކޮރެއާއާ ރާއްޖޭން ލަނޑެއް ނުޖެހި އެއްވަރުކުރި މެޗުގައި ވެސް ކެޕްޓަންކަން ކުރީ އޭނާ އެވެ. އެ ދުވަހު ސްޕީވަރެއްގެ މަގާމުގައި އޭނާ ދެއްކި މޮޅު ކުޅުމާއި އަދި ނުސީދާ ހިލޭ ޖެހުމަކުން ކޮރެއާ ކުޅުންތެރިން ހާސްކޮށްލި ކުރުން ދިވެހިންގެ ހިތްތަކުގައި ވަނީ ބިންވަޅު ނެގިފަ އެވެ.

ރާއްޖެ އަށް ފުޓްބޯޅައިގައި ދަށްވެގެން ތިން ވަނަ ނުވަތަ ލޯ މެޑަލް ހޯދައިދިން ކެޕްޓަނުންގެ ތެރެއިން މި ފޮޓޯގައި މަދުވަނީ ތިން ކުޅުންތެރިއެކެވެ. އެއީ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީގެ ފައިނަލުން ސްރީ ލަންކާ އަތުން ބަލިވިއިރު ކެޕްޓަންކަން ކުރި މުހައްމަދު އިބްރާހިމް (ކައްޕި) އާއި 2003 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ ރާއްޖޭން ހޯދިއިރުގެ ކެޕްޓަން ޝާހު އިސްމާއިލް (ސާޔާ) އާއި ބަންގްލަދޭޝްގައި 2010 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސް އާއި 2014 ވަނަ އަހަރު މާލޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ރާއްޖޭން ހޯދިއިރު ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

މިއަދުގެ މެޗުގެ އޮފިޝަލުން (ކ-ވ) ސައީދު، މައްލާ އަދި އަބީރު. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދުގެ މެޗާ އެކު މިފަދަ ކުރީގެ އެތައް ހަނދާންތަކެއް އާވި އެވެ. ކުރީގެ އެއް ވަނަ ރެފްރީ މައްލާ ޅަތުއްތުގެ އިންސާފުކުރި މި މެޗުގައި އޭނާގެ ކަށިގަނޑު މާގިނައިން ފެމުން ނުޖެހުނު ނަމަވެސް އޭނާ ހުރީ ކުރިން ވެސް އެ ހުންނަ ސާބިތުކަންމަތީގަ އެވެ.

"ރަތްކާޑެއް ދައްކަން ޖެހިއްޖެއްޔާ ދައްކާނަން،" މެޗުގެ ކުރިން މައްލާ ބުންޏެވެ.

ނިއު ރޭޑިއަންޓަށް މަރުދިން ސަޕޯޓަރު ކޮއްޔަ ހަސަން މަނިކު ވެސް މިއަދުގެ ހަރަކާތުގައި ބައިވެރިވި އެވެ. އޭނާ ބުނީ މިއަދު އެންމެ އުފާވަނީ، ވާދަވެރި ވިކްޓަރީގެ މައްޗަށް އޭނާގެ ނިއު އިން ކުރި ހޯދުން ކަމަށެވެ.

"އަބަދުވެސް އަހަރެމެންގެ އެންމެ ބޮޑު ވާދަވެރިއަކީ ވިކްޓަރީ. އޭރު އަހަރެމެންނަށް ވުރެ ކުރީގައި ވިކްޓަރީ އޮތް ނަމަވެސް މިހާރު ނިއު ރޭޑިއަންޓް މިއޮތީ ރަސްގެފާނުގެ މަގާމުގައި. އެއީ ފާހަގަކޮށްލަން ބޭނުންވާ ކަމެއް މިއަދު ވެސް،" ކޮއްޔަ ހަސަނު ބުންޏެވެ.

މެޗުގެ ތެރޭގައި މަޖާ އެތައް ކަންތައްތަކެއް ވެސް ހިނގި އެވެ. އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް އިހުތިރާމްކުރުމުގެ ގޮތުން ކެޕްޓަން ބޭންޑާ ހަވާލުވާނެ ކުޅުންތެރިއަކު ވެސް ނެތިދިޔަ އެވެ. މީގެ އިތުރުން އިބްރާހިމް އިސްމާއިލާއި އިބްރާހިމް ނޫރައްދީން ދަނޑުމަތީގައި ސަކަރާތް ޖައްސަވައި ސަމާސާކުރެއްވި މަންޒަރު ވެސް ހިތްގައިމެވެ.

"އިބްރާހިމް އިސްމާއިލް އަދިވެސް ވަރަށް ނުރައްކާވާނެ. ވަރަށް މަކަރުވެރިވާނެ،" ކުޅުންތެރިންގެ އަތުން މެދުތެރެއިން ބޯޅަ އަތުލައްވައި އުފެއްދުންތެރިން ޕާސް އިބްރާހިމް އިސްމާއިލް ދެއްވާ ދެއްވުމަށް އިޝާރާތްކުރައްވައި ނޫރައްދީން ސަމާސާކުރެއްވި އެވެ.

ކުޑަމޫސަ (ކ) ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދާއިރު އިބްރާހިމް އިސްމާއިލް ސަމާލުވެގެން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމް ހަ އަހަރު ހާސިލްކުރެއްވި އިބްރާހިމް އިސްމާއިލް ވަނީ އޭނާ އަށް ވުރެ އެތައް އަހަރެއް ހަގު ބައެއް ކުޅުންތެރިންނަށް ވެސް ދޫދެއްވުމެއް ނެތި މެދުތެރޭގައި ބޯޅަ ގެންއުޅުވައި ރަނގަޅު ޕާސްތަކެއް މިއަދު ވެސް ދެއްވައިފަ އެވެ. އެކަމަކު މުޅި މެޗުގައި ވެސް އެންމެ މޮޅު ކުޅުމެއް ދެއްކީ ގަރުނުގެ ފުޓްބޯޅަ ޝަހުސިއްޔަތު ކުޑަމޫސަ އެވެ.

ގައުމީ ޓީމުގެ ފުރަތަމަ ކެޕްޓަން އިބްރާހިމް އިސްމާއިލްގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު "ލެޖެންޑް ބީ" ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ކުޑަމޫސަގެ ހުރަހަކުން ވިކްޓަރީގެ ކުރީގެ ފޯވާޑް އަބްދުﷲ މުފީދެވެ. އޭގެ ފަހުން ނޫރައްދީނުގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު "ލެޖެންޑް އޭ" ޓީމަށް އެއްވަރުކޮށްދިނީ އިބްރާހިމް ޝަރީފް (ގަރޭ) އެވެ.

ދެ ވަނަ ހާފުގައި "ލެޖެންޑް ބީ" ގެ ޓީމަށް އަލުން ލީޑު ނަގައިދިނީ ވެސް މުފީދެވެ. މެދުތެރެއިން ލިބުނު ބޯޅަ މުފީދު ވަނީ އޭނާއާ އެކު ވިކްޓަރީއަށް ކުޅުނު ގޯލްކީޕަރު މާއްޓޭގެ ބޯމަތިން ގޯލް ތެރެއަށް އޮއްސާލައިފަ އެވެ. ތިން ވަނަ ލަނޑު މުފީދުގެ ހުރަހެއް ބޮލުން ގޯލަށް ވައްދާލީ ވެލެންސިއާގެ ކުރީގެ ކުޅުންތެރިއާ މުހައްމަދު ހަމީދު (އެމްސީ ހަމިއްޓެ) އެވެ. ހަތަރު ވަނަ ލަނޑު ޖަހައިދިނީ މުހައްމަދު ހަލީމް (ބޮޑުޖަޑާ) އެވެ. ކުޑަމޫސަ މެދުތެރެއިން ޖައްސާލި ބޯޅަ ވެލެންސިއާގެ ކުރީގެ ކުޅުންތެރިއާ ގޯލަށް ވައްދާލީ މާއްޓޭ ކައިރިން ނައްޓާލުމަށް ފަހު އެވެ.

ކުޑަމޫސަ (ކ) އާއި މުފީދު: މޮޅަށް ކުޅުނު. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މި މެޗުގައި "ލެޖެންޑް ބީ" ޓީމަށް، 70ގެ އަހަރުތަކުގައި ސ. ފޭދޫ ޑީއެންސީގައި ވިދާލި ފޯވާޑް އަބްދުﷲ މުފީދު (އުދުހޭ މުފީދު) އާއި މިސްރާބު ސައީދު ވެސް ކުޅުނެވެ. މީގެ އިތުރުން އިބްރާހިމް ހަމީދު (ލެއްބެ) އާއި ގޯލްކީޕަރު މުހައްމަދު ޝަރީފް (ބޮބީ ޝަރީ) އާއި ނިއުގެ ކުރީގެ މަސްއޫލުވެރިޔާ ކާމިނީޕޫލް ހަސަން މަނިކު ވެސް ފެނިގެންދިޔަ އެވެ.

"ލެޖެންޑް އޭ" ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި ނޫރައްދީނާއި ކަލީމާއި އަންދްރޭ އާއި ނިޔާ ފާހަގަލޮށްލެވެ އެވެ.

މެޗު ޝަރަފްވެރިކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އޭނާގެ ބައްޕަ އަދި ވެލެންސިއާގެ ރަން ދައުރުގައި ކްލަބް ހިންގެވި އަދީލް ޖަލީލް އަދި ނިއުގެ ބާނީ ކުއީން އަހުމަދު ވަހީދެވެ.

"ވަރަށް އުފާވެރި އިހުސާސެއް ކުރެވެނީ މި އެންމެން އެއްތާކުން ބައްދަލުވުމުން،" ވަހީދު ވިދާޅުވި އެވެ.

މިއަދުގެ ހާއްސަ މެޗަށް ފަހު ވެޓްރަންސް ކަޕް މާދަމާ ހަވީރު ފަށާނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި ކްލަބް ވެލެންސިއާ އެވެ.