ވެލެންސިއާ ބަލިކޮށް މާޒިޔާ އަށް އުއްމީދީ ފެށުމެއް

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެލެންސިއާގެ މައްޗަށް 2-0 އިން ކުރިހޯދައި މާޒިޔާ އިން ވެޓެރަންސް ކަޕްގެ ފެށުން މިއަދު ރަނގަޅުކޮށްފި އެވެ.


ވެލެންސިއާ ވަނީ ކުޅުނު ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް އަތުން 3-0 އިން މޮޅުވެފަ އެވެ. މި ގްރޫޕްގެ ދެ ވަަނަ މެޗުން އީގަލްސް ވަނީ 2-1 އިން ނިއުގެ މައްޗަށް ކުރިހޯދައިފަ އެެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މަޝްހޫރު ގިނަ ކުޅުންތެރިންނާ އެކު އޮތް ވެލެންސިއާގެ މައްޗަށް މާޒިޔާ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މާޒިޔާގައި ވެސް ކުރީގެ މަޝްހޫރު ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ވެލެންސިއާ އަށް ކުޅުނު މުހައްމަދު ނާޒިމް (ފަންތޮށި) އާއި އަހުމަދު ނާޒް (އާކޭ) އަދި އިސްމާއިލް މުހައްމަދު (އިއްސޭ) ހިމެނެ އެވެ.

މި މެޗުގައި މާޒިޔާ އިން ޖެހި ދެ ލަނޑު ވެސް އެ ޓީމުން ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފްގަ އެވެ. މެޗުގެ 18 ވަނަ މިނިޓްގައި އާކޭގެ ލަނޑުން މާޒިޔާ ލީޑުނެގިއިރު، އޭގެ ހަތަރު މިނިޓް ފަހުން އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބުކުރީ މުހައްމަދު ޝާޒްލީ އެވެ.

މި މެޗުގައި ވެލެންސިއާ އިން ލަނޑު ޖަހަން ތަނަވަސްކުރި ގިނަ ފުރުސަތުތައް ހުއްޓުވީ މާޒިޔާގެ ކީޕަރު މުހައްމަދު ޝިނާން (ނާނީ) އެވެ.

ވެެލެންސިއާގެ ގޯލަށް މާޒިޔާގެ ނާދު (މ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު އާކޭ އަށް ލިބުނުއިރު، 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާ ފަހަތުގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ފަންތޮށި ނާޒިމަށެވެ.

މި މުބާރާތަކީ ކޮންމެ އަހަރަކު ރޯދަ މަހާ ދިމާކޮށް ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެެކެވެ. މީގެ ކުރިން އެފްއޭއެމް އިން މި މުބާރާތް އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް ފަހަކަށް އައިސް މި މުބާރާތް ކުރިއަށް ގެންދަނީ އެކި ފަރާތްތަކުންނެވެ. މި ގޮތުން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މީގެ ކުރިން މި މުބާރާތް ކުރިއަށްގެންދިޔައިރު، މިހާރު މި މުބާރާތް އިންތިޒާމްކުރަނީ މޯލްޑިވްސް ސޮކާ މޭޓްސް އިންނެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ދިވެހި ސިފައިންގެ ކްލަބް ވާދަކުރާނީ ވިކްޓަރީއާ އެވެ. ދިވެހި ސިފައިންގެ ކްލަބް ކުޅުނު ފުރަތަމަ މެޗުން ވަނީ ގްރީން ސްޓްރީޓްސްއާ 2-2 އިން އެއްވަރުވެފަ އެވެ. މުބާރާތުގައި މާދަމާ ކުޅޭ މެޗު ފަށާނީ 16:30 ގަ އެވެ.