ވެލެންސިއާ ދެ ވަނަ ބުރަށް، ނިއު ޕްލޭ އޮފަށް

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ 5-0 އިން ކްލަބް އީގަލްސްގެ މައްޗަށް ހޯދި ފަސޭހަ މޮޅާ އެކު ވެލެންސިއާ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދިއިރު، ނިއު ރޭޑިއަންޓް ޕްލޭއޮފްގައި ކުޅެން ޖެހިއްޖެ އެވެ.


ދެ ވަނަ ބުރުގެ ޖާގަތައް ކަށަވަރުކޮށްފައިވާ ޓީމުތަކަކީ މާޒިޔާ، ވެލެންސިއާ، އީގަލްސް، ގްރީން ސްޓްރީޓްސް އަދި ސިފައިންނެވެ. ދެ ވަނަ ބުރުގެ ފަހު ޖާގަ ލިބޭނީ އަންނަ ހޮނިހިރު ދުވަހު ހަވީރު ނިއު ރޭޑިއަންޓާއި ވިކްޓަރީއާ ދެމެދު ކުޅޭ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މެޗުން ވެލެންސިއާގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ. އިސްމާއިލް އަނިލް އާއި މުހައްމަދު އިބްރާހިމް ކޮންމެ ކުޅުންތެރިއަކު ލަނޑެއް ޖެހިއިރު، އަނެއް ލަނޑަކީ އީގަލްސްގެ ހުސެއިން ރަޝީދު އަަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުގެ 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލެންސިއާގެ އަބްދުﷲ ޝިފާއު އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކީ އެ ޓީމުގެ އައްސަދު އެވެ.

ދެ ވަނަ ބުރުގެ ގްރޫޕް އޭގައި ހިމެނެނީ މާޒިޔާ އާއި އީގަލްސް އަދި ސިފައިންނެވެ. ގްރޫޕް ބީ ގައި ހިމެނެނީ ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް އަދި ޕްލޭއޮފް މެޗުން މޮޅުވާ ޓީމެކެވެ.

ދެ ވަނަ ބުރުގެ މެޗުތަކަށް ފަހު ދެ ގްރޫޕުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމެއް ސެމީ އަށްދާނެ އެވެ. ފުރަތަމަ ސެމީ ފައިނަލުގައި ކުޅޭނީ ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ގްރޫޕް ބީގެ އެއް ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމެއް ދާނީ ތިން ވަނަ ސެމީ ފައިނަލަށެވެ. ތިން ވަނަ ސެމީ ފައިނަލުގައި ކުޅޭނީ ފުރަތަމަ ސެމީން ބަލިވި ޓީމާއި ގްރޫޕް އޭގެ ދެ ވަނަ ޓީމާއި ގްރޫޕް ބީގެ ދެ ވަނަ ޓީމު ކުޅޭ ދެ ވަނަ ސެމީން މޮޅުވާ ޓީމަކާ އެވެ.

މުބާރާތުގައި ދެން އޮންނާނީ ނިއު އާއި ވިކްޓަރީ ކުޅޭ ޕްލޭއޮފް މެޗެވެ. އެ މެޗު އޮންނާނީ މާދަމާ ހަވީރު 16:30 ގަ އެވެ.