ދެ ވަނަ ބުރުގެ ފަހު ޖާގަ ނިއު އަށް

ވިކްޓަރީގެ މައްޗަށް 6-0 އިން ހޯދި ބޮޑު މޮޅާ އެކު އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ފަހު ޖާގަ ހޯދައިފި އެވެ.


ހަ ޓީމެއްގެ މެދުގައި ކުޅެވޭ ދެ ވަނަ ބުރުގެ ގްރޫޕް އޭގައި ހިމެނެނީ މާޒިޔާ އާއި އީގަލްސް އަދި ސިފައިންނެވެ. ގްރޫޕް ބީ ގައި ހިމެނެނީ ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް އަދި ނިއު އެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ނިއު އިން ޖެހި ހަ ލަނޑުގެ ތެެރެއިން ތިން ލަނޑު ކާމިޔާބުކޮށް އެ ޓީމުގެ ކުރިއަށް ކުޅޭ އަލީ ޝަމީމް (ކޮޔަރު އައްޔަ) އެވެ. އޭނާ އަކީ މިދިޔަ އަހަރުގެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އެވެ.

އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މައުސޫމް އަބްދުލް ގަފޫރު (މާސޭ) އެވެ. އަނެއް ލަނޑު ކާމިޔާބުކުރީ މުހައްމަދު ޒިޔާދު އެވެ.

މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ކޮޔަރު އައްޔަ ހޯދިއިރު، 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކީ ނިއުގެ އިއްޝާގް މުހައްމަދު އެވެ.

ދެ ވަނަ ބުރުގެ މެޗުތަކަށް ފަހު ދެ ގްރޫޕުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމެއް ސެމީ އަށްދާނެ އެވެ. ފުރަތަމަ ސެމީ ފައިނަލުގައި ކުޅޭނީ ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ގްރޫޕް ބީގެ އެއް ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމެއް ދާނީ ތިން ވަނަ ސެމީ ފައިނަލަށެވެ. ތިން ވަނަ ސެމީ ފައިނަލުގައި ކުޅޭނީ ފުރަތަމަ ސެމީން ބަލިވި ޓީމާއި ގްރޫޕް އޭގެ ދެ ވަނަ ޓީމާއި ގްރޫޕް ބީގެ ދެ ވަނަ ޓީމު ކުޅޭ ދެ ވަނަ ސެމީން މޮޅުވާ ޓީމަކާ އެވެ.

ދެ ވަަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މާޒިޔާ ވާދަކުރާނީ ދިވެހި ސިފައިންގެ ކްލަބާ އެވެ.