ވެޓެރަންސް ކަޕް: ދެ ވަނަ ބުރުގެ ފުރަތަމަ މެޗުން ވެލެންސިއާ އަށް މޮޅެއް

ވެޓެރަންސް ކަޕްގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުން މިއަދު ދިވެހި ސިފައިންގެ ކްލަބް އަތުން 1-0 އިން ކްލަބް ވެލެންސިއާ މޮޅުވެއްޖެ އެވެ.


މި މޮޅާ އެކު ވެެލެންސިއާ އަށް ވަނީ މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފަ އެވެ. އެއީ ގްރޫޕްގައި ދެން އޮތް ބީޖީ ސްޕޯޓްސް މެޗުން ސެމީ އަށް ދިއުމަށް ވެލެންސިއާ އަށް ބޭނުންވަނީ މަދުވެގެން ޕޮއިންޓެކެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސިފައިން އަތުން ވެލެންސިއާ މޮޅުކޮށްދިން ލަނޑު ޖެހީ، 2008 ވަަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އިން ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި މިޑްފީލްޑަރު އިސްމާއިލް މުހައްމަދު (އިއްސޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ވެސް އޭނާ އަށެވެ.

މި މެޗުގެ 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ މުހައްމަދު ރަޝީދެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭނީ ގްރޫޕް ބީގެ މެޗެކެވެ. ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި މާޒިޔާ ސްޕޯޓްސް އެވެ. މެޗު ފަށާނީ ހަވީރު 4:30 ގަ އެވެ.

ވެޓެރަންސް ކަޕަކީ ކޮންމެ ރޯދަމަހަކާ ދިމާކޮށް، ކުރީގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތް މި ފަހަރު އިންތިޒާމްކުރަނީ މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެލެންސިއާ އެވެ. އެ ޓީމު ވަނީ ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.