ސެމީގެ ފަހު ޖާގަ ސިފައިންނަށް

ކްލަބް އީގަލްސް އަތުން 5-0 އިން ހޯދި ބޮޑު މޮޅާ އެކު ދިވެހި ސިފައިންގެ ކްލަބް ވެޓެރަންސް ކަޕްގެ ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.


ދެ ވަނަ ބުރުގެ ގްރޫޕް އޭ އިން ސެމީގެ ޖާގަ ލިބުނީ މާޒިޔާ އާއި ސިފައިންނަށެވެ. ގްރޫޕް ބީން ސެމީގެ ޖާގަތައް ކަށަވަރުކުރީ ކްލަބް ވެލެންސިއާ އާއި ނިއު ރޭޑިއަންޓް އެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ސިފައިންގެ އަހުމަދު ފަޒާލް ދެ ލަނޑު ޖެހިއިރު، ހަސަން ފަޔާޒް، އަހުމަދު ހާލިދު އަދި ހުސެއިން އަބްދުލް ރަހްމާން ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު ޖެހި އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ ފަޒާލް އެވެ. އަދި 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފަޔާޒެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ގްރޫޕް އޭގެ އެއް ވަނަ ދިޔަ މާޒިޔާ ނުކުންނާނީ ގްރޫޕް ބީގެ އެއް ވަނަ ޓީމާ ދެކޮޅަށެވެ. ގްރޫޕް ބީގެ އެއް ވަނަ ޓީމެއް ކަނޑައެޅޭނީ މިއަދު ވެލެންސިއާ އާއި ނިއު ކުޅޭ މެޗުންނެވެ. ސެމީގެ ފުރަތަމަ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމެއް ދާނީ ތިން ވަނަ ސެމީ ފައިނަލަށެވެ. ތިން ވަނަ ސެމީ ފައިނަލުގައި ކުޅޭނީ ފުރަތަމަ ސެމީން ބަލިވި ޓީމާއި ގްރޫޕް އޭގެ ދެ ވަނަ ދިޔަ ސިފައިންނާއި ގްރޫޕް ބީގެ ދެ ވަނަ ޓީމު ކުޅޭ ދެ ވަނަ ސެމީން މޮޅުވާ ޓީމަކާ އެވެ.

ކުރީގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ރޯދަ މަހު ބާއްވާ ވެޓެރަންސް ކަޕުގައި ކުޅެނީ 35 އަހަރުން މަތީގެ ކުޅުންތެރިންނެވެ. ކުރިން އެފްއޭއެމުން މި މުބާރާތް ބޭއްވި ނަމަވެސް ފަހަކަށް އައިސް އެކި ފަރާތްތަކުންނެވެ. މީގެ ކުރިން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވިއިރު، މި މުބާރާތް ފާއިތުވި ދެ އަހަރު ބާއްވާފައިވަނީ މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ހަތަރު ފަހަރު ކާމިޔާބުކުރި ވެލެންސިއާ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެލެންސިއާ ބަލިކޮށް ތަށި އުފުލާލީ ނިއު އިންނެވެ.

މިއަދު ހަވީރު ވެެލެންސިއާ އާއި ނިއު ކުޅޭ މެޗު ފަށާނީ 16:30 ގަ އެވެ. މި ފަހަރުގެ މުބާރާތުގައި މި ދެ ޓީމު ކުޅުނު މެޗުން ވެލެންސިއާ ވަނީ 3-0 އިން މޮޅުވެފަ އެވެ.