ސަލްސާގެ ފަރާތުން އޭދަފުށީގައި ކުރީގެ ކުުޅުންތެރިންގެ ހާއްސަ މެޗެއް

ސަލްސާ އިންވެސްޓްމަންޓުން ބ. އޭދަފުށީގައި ހުޅުވި "ސަލްސާ ރިޓްރީޓް" ރެސްޓޯރެންޓް ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެ ރަށުގައި ކުރީގެ ކުޅުންތެރިންގެ ހާއްސަ ފުޓްބޯޅަ މެޗެއް ބާއްވަން ސަލްސާ އިން ތައްޔާރުވެއްޖެ އެވެ.


ސަލްސާ އިންވެސްޓްމަންޓުގެ މެނޭޖިން ޑިރެކްޓަރު އަދި ކުޅިވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވަމުން އަންނަ އިބްރާހިމް އާމިރު (ސަލްސާ އާމިރު) އާއި އޭދަފުށީ ވެޓްރަންސް ކްލަބާއި ވެޓްރަންސް ފުޓްބޯޅަ ޖަމިއްޔާއެއް ކަމަށްވާ ސޮކާމޭޓްސް ގުޅިގެން ރާވާ މި މެޗު އޮންނާނީ ބ. އޭދަފުށީ ދަނޑުގައި މިމަހުގެ 21 ވަނަ ދުވަހު އެވެ. މި މެޗު އިންތިޒާމްކުރަނީ އޭދަފުށީ ކައުންސިލްގެ ވަރަށް ބޮޑު އެއްބާރުލުމާ އެކު ވެސް މެ އެވެ.

އޭދަފުށީގެ ކުރީގެ ކުޅުންތެރިންނާއި ފުރަތަމަ ޑިވިޝަނުގެ ކުރީގެ ކުޅުންތެރިންގެ ޓީމު ބައްދަލުކުރާ މި މެޗުގައި ދެ ޓީމަށް ވެސް ކުރީގެ މަޝްހޫރު ތަރިން ކުޅޭނެ އެވެ. އެގޮތުން އޭދަފުށީ ޓީމުގައި ހިމެނޭނީ އެ ޓީމުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު ކުޅުނު ކުޅުންތެރިންނެވެ. މީގެ އިތުރުން އެ ރަށުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިއާ ކަމަށްވާ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޖަމީލް ވެސް ކުޅޭނެ އެވެ.

ސޮކާމޭޓްސް ޓީމަށް ކުޅޭ ކުޅުންތެރިންގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަނުން ކަމަށްވާ އަންދަރުސަވާ އިބްރާހިމް ރަޝީދު (އަންދަރޭ) އާއި އިސްމާއިލް އާސިފް (ކުޑަހީނާ) އާއި މުހައްމަދު ކަލީމާއި ގަރުނުގެ ފުޓްބޯޅަ ޝަހުސިއްޔަތު މޯނިންސަން މޫސާމަނިކު (ކުޑަމޫސަ) ހިމެނެ އެވެ. މީގެ އިތުރުން ނިއުގެ ކުރީގެ ކެޕްޓަން އަހުމަދު ނިޔާޒާއި އަލީ ޝަމީމް (ކޮޔަރޭ) އާއި ވެލެންސިއާގެ ކުރީގެ ކުޅުންތެރިއާ ބިންމާ އަބްދުﷲ ވަހީދާއި ގޯލްކީޕަރު އަސްލަމް އަބްދުއްރަހީމާއި 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ކެޕްޓަން އައްސަދު އަބްދުލްގަނީ އާއި އަލީ ސުޒޭނާއި ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) އަދި އިބްރާހިމް ނާޒިމް (ރޮމޭ) ވެސް މި މެޗުން ފެންނާނެ އެވެ. އަދި އޭދަފުށްޓަށް އުފަން ވިކްޓަރީގެ ކުޅުންތެރިއާ އިބްރާހިމް ފައުޒީ ވެސް މި މެޗުގައި ކުޅޭނެ އެވެ.

"މިއީ ސަލްސާ ރިޓްރީޓް ހުޅުވުމުގެ ގޮތުން އޭދަފުށީ ރައްޔިތުންނަށް ސަލްސާގެ ފަރާތުން ދޭ ހަދިޔާއެއް. އޭފަދުށްޓަކީ ފުޓްބޯޅައިގެ ފޯރިގަދަ އަދި މަޝްހޫރު އެތައް ކުޅުންތެރިންނެއް ނެރެފައިވާ ރަށެއް،" ސަލްސާ އާމިރު ވިދާޅުވި އެވެ.

ކުރިން ފުޓްބޯޅަ ކުޅުއްވައި އަދި ފަހުން އެފްއޭއެމްގެ އިންޓަރިމް ކޮމިޓީގެ މެމްބަރުކަމާއި ގައުމީ ޓީމުގެ މެނޭޖަރުކަމުގެ މަގާމް ވެސް ފުރުއްވާފައިވާ އާމިރު ވިދާޅުވީ މެޗަށް ފަހު އޭދަފުށީ ރައްޔިތުންނަށް ކުރީގެ ކުޅުންތެރިންނާ ބައްދަލުކޮށްލައި ފޮޓޯ ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ކުރީގެ ވިދުން ގަދަ ކުޅުންތެރިން އެއްތަނަކުން ބައްދަލުވެ، ފުޓްބޯޅައިގެ ރަން ޒަމާނުގެ ފޯރި އަނެއްކާ ވެސް ގެންނާނެ ހަރަކާތެއް މިއީ،" މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ ބޯޑް މެމްބަރުކަން ވެސް ކުރައްވާ އާމިރު ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކެއިންބުއިމުގެ ހިދުމަތްދޭ އެއް ކުންފުނި ކަމަށްވާ ސަލްސާ އިންވެސްޓްމަންޓުން އޭދަފުށީގައި ރެސްޓޯރެންޓް ހުޅުވާފައިވަނީ މިދިޔަ މޭ މަހުގެ 17 ވަނަ ދުވަހު އެވެ. ރެސްޓޯރަންޓް ރަސްމީކޮށް ހުޅުވާނީ މެޗަށް ފަހު އެރޭ ބާއްވާ ރަސްމިއްޔާތެއްގަ އެވެ.

ސަލްސާ އަކީ ކުޅިވަރަށް ވަރަށް ބޮޑު ސްޕޮންސާއެއް ދެމުން އަންނަ ކުންފުންޏެވެ. އެގޮތުން މިދިޔަ އަހަރުގެ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ މެއިން ސްޕޮންސަރަކީ ސަލްސާ އެވެ. އެއީ ރާއްޖޭގެ ބޮޑު ކުޅިވަރު މުބާރާތެއްގެ ޓައިޓްލް ސްޕޮންސަރުކަން މެދު ފަންތީގެ ކުންފުންޏަކުން ނެގި ފުރަތަމަ ފަހަރެވެ.