ކުރީގެ ފޯމަށް އެޅެން އަސަދުﷲ އަށް ބޭނުންވަނީ އެންމެ ލަނޑެއް: ކޯޗު

ފާއިތުވި ތިން އަހަރަށް ބެލިޔަސް ލަނޑު ޖެހުމުގައި މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ ވަރެއް ނެތެވެ. އޭނާ ވަނީ މިދިޔަ ތިން އަހަރު ތެރޭގައި ދެ ފަހަރު ރަން ބޫޓު ހޯދައިފަ އެވެ. އެކަމަކު މިހާރު ކުރިއަށްދާ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރު ފެށިގެން މިހާތަނަށް މާޒިޔާ އަށް އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެވިފައިނުވާއިރު، އަސަދުﷲގެ ލަނޑު ޖެހުމުގެ ފޯމު ވެސް ވަނީ ދަށްވެފަ އެވެ.


އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރާއި އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗުތަކުގައި އަސަދުﷲ ވަނީ 11 ލަނޑު ޖަހައިފަ އެވެ. ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން މާޒިޔާ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ކުރިމަތިވާކަން އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ވަނީ ފާހަގަކޮށްފަ އެވެ.

މާލޭ ލީގުގެ ދެ ވަނަ ބުރުގައި މާޒިޔާ މިހާތަނަށް ހަ މެޗު ކުޅެފައިވާއިރު، މީގެ ތެރެއިން ފަސް މެޗުގައި އަސަދުﷲ ވަނީ ކުޅެފަ އެވެ. ފާއިތުވި ދެ އަހަރަށް ބަލާއިރު އަސަދުﷲ ލަނޑެއް ނުޖަހާ ޖެހިޖެހިގެން ހަތަރު މެޗަށް ވުރެ ގިނަ ނުވެ އެވެ.

މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ އަސަދުﷲގެ ފޯމު ދަށްވުމުގައި އެންމެ ބޮޑު މައްސަލަ އަކީ އޭނާ އަށް އެކަށީގެންވާ ވަރުގެ ރެސްޓެއް ނުލިބޭތީ ކަމަށެވެ.

"ހަތަރުން ދުވަހުން ތިން ދުވަހުން ވެސް ކުޅެފި. (އޭއެފްސީ މެޗުތައް ވެސް ހިމަނައިގެން). އަބަހާނީއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެފައި ހުއްޓައި އޭނާ އަށް ދެން ކުޅުނު މެޗު (ވިކްޓަރީ މެޗު)ގައި ރެސްޓް ދިނިން. އެ އަށް ފަހު އަނެއްކާ ބެންގަލޫރު މެޗު ކުޅެނިކޮށް އޭނާ އަށް އަނިޔާވެއްޖެ. ދެން އޭނާ އަނިޔާގައި ހުއްޓައި ގައުމީ ޓީމަށް ކުޅުވައިފި. އޭނާ އަށް ގައުމީ ޓީމުގެ މުއްދަތުގެ ތެރޭގައި އަނިޔާއިން ރިކަވާވާން ފުރުސަތު ލިބުނު ނަމަ މިހާރު ވެސް އޭނާ ފެންނާނީ ވަރުގަދަކޮށް،" އަސަދުﷲގެ އަނިޔާ މައްސަލަތަކާ ގުޅޭގޮތުން ސެކުލޮސްކީ ބުންޏެވެ.

ލީގުގެ ދެ ވަނަ ބުރުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އަސަދުﷲ ބޮލުން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ބުނީ އަސަދުﷲ އަކީ މިހާތަނަށް އޭނާ ދެކުނު އެންމެ ޕްރޮފެޝަނަލް އެއް ކުޅުންތެރިއާ ކަމަށެވެ.

"އޭނާ އަކީ އަމިއްލަ އަށް ވެސް މަސައްކަތްކުރާ ކުޅުންތެރިއެއް. އަމިއްލަ ފިޓްނަސް އަށް ވެސް އިސްކަންދޭ ކުޅުންތެރިއެއް. އަސަދުﷲ އަކީ އަހަރެންގެ ހަޔާތުގައި މިހާތަނަށް އަހަންނަށް ފެނުނު އެންމެ ޕްރޮފެޝަނަލް ކުޅުންތެރިއާ. އޭނާ އަކީ އަބަދުވެސް ޓީމަށް 100 ޕަސެންޓްދޭ ކުޅުންތެރިއެއް." ކުރިން މިޔަންމާގެ ޔަންގޮން ޔުނައިޓެޑާއި އަޔެޔަވާދީ ޔުނައިޓެޑަށް ކޯޗުކޮށްދިން ސެކުލޮސްކީ ބުންޏެވެ.

ލީގުގައި ތިން މެޗު އޮއްވައި މާޒިޔާ ވަނީ ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. މާޒިޔާއިން މިހާރު އަމާޒު ހިފާފައިވަނީ މާލޭ ލީގު ކާމިޔާބު ކުރުމަށެވެ. ލީގުގެ އެއް ވަނައިގައި މި ވަގުތު މާޒިޔާ އޮތީ ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓާ އެއްވަރަށް 13 މެޗުން 26 ޕޮއިންޓާ އެކު އެވެ. މާޒިޔާ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.

މާޒިޔާ އަށް ކުރިއަށް އޮތީ ނިއު މެޗެވެ. މި މެޗު އެއްވަރުކޮށްލައިގެން ވެސް ލީގު ކާމިޔާބު ކުރެވެން މާޒިޔާ އަށް އޮތްއިރު، ސެކުލޮސްކީ ދެކޭގޮތުގައި މިއީ އަސަދުﷲ ކުރީގެ ފޯމަށް އެޅެން ބޭނުން ހިފިދާނެ މެޗެކެވެ.

"މި ވަގުތު އަސަދުﷲ އަށް ބޭނުންވަނީ އެންމެ ގޯލެއް. އެއީ އޭނާގެ ކޮންފިޑެންސް ރަނގަޅުވާނެ އެ ހިސާބުން. ދެން އޭނާ ފެންނާނީ ކުރީގެ ފެންވަރުގައި،" ސެކުލޮސްކީ ބުންޏެވެ.