ދަނޑު މައްޗަށް ވެއްޓުނު ނޫރީ ސީރިއަސް ހާލަތެއްގައި

އަމްސްޓެޑަމް، ނެދަލެންޑްސް (ޖުލައި 16) - އާ ސީޒަނަށް ތައްޔާރުވާން އަޔަކްސް ކުޅުނު މެޗެއްގެ ތެރެއިން ދަނޑު މައްޗަށް ވެއްޓި ފަރުވާ ދެމުން ދަނިކޮށް އެ ޓީމުގެ އަބްދެލަކް ނޫރީ (އައްޕީ ނޫރީ) ގެ ސިކުނޑި އަށް ލިބުނު ދާއިމީ ގެއްލުމާ އެކު ކްލަބްތަކަށް ޝޮކެއް ލިބިއްޖެ އެވެ.


މި މަހުގެ އަށް ވަނަ ދުވަހު އޮސްޓްރިއާގައި ބްރެމެން އާއި އަޔަކްސް ކުޅުނު މެޗު ނިމެން 20 މިނިޓަށް ވެފައި ވަނިކޮށް އުމުުރުން 20 އަހަރުގެ ނޫރީ ދަނޑު މައްޗަށް ހޭނެތިގެން ވެއްޓުމާ އެކު ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ފަސް ދުވަސް ވަންދެން އޭނާ ކޯމާގައި އޮތްއިރު، ޓެސްޓްތަކެއް ހެދުމަށް ފަހު އެނގުނީ އޭނާގެ ސިކުނޑިއަށް ދާއިމީ ގެއްލުމެއް ލިބިފައިވާ ކަމެވެ.

މެޑިކަލް ރިޕޯޓްތައް ބުނާގޮތުން ނޫރީ ދަނޑު މައްޗަށް ވެއްޓުނީ ހިތް ހުއްޓިގެންނެވެ.

ނެދަލެންޑްސްގެ އުމުރުފުރާގެ ހުރިހާ ގައުމީ ޓީމަކަށް ކުޅެފައިވާ ނޫރީ އަކީ އަޔަކްސް އަށް މިދިޔަ ސީޒަނުގައި 15 މެޗު ކުޅެދީފައިވާ ކުޅުންތެރިއެކެވެ. މިިދިޔަ ސީޒަނުގައި އަޔަކްސް ޔޫރޮޕާ ލީގުގެ ފައިނަލަށް ދިޔައިރު، ނޫރީ ވަނީ ތިން މެޗު ކުޅެފަ އެވެ.

ނޫރީގެ މި ހާދިސާއާ ގުޅިގެން ޕްރީ ސީޒަން ޕްރެކްޓިސް ކުރަމުން އަންނަ ގިނަ ކްލަބްތަކަށް ވަނީ ޝޮކެއް ލިބިފަ އެވެ. އެގޮތުން އަޔަކްސްގެ އެންމެ ވާދަވެރި އެއް ކްލަބް ޕީއެސްވީ އެއިންދޯވަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ފުޓްބޯޅަ އަށް ލިބުނު ގެއްލުމެއް ކަމަށާއި މި ފަދަ ކަންތައްތައް ތަކުރާރުނުވާ ގޮތަށް ކުޅުންތެރިންގެ މެޑިކަލް ކަންތައްތައް ޓީމުތަކުން ބަލަހައްޓަން ޖެހޭ ކަމަށެވެ.

ރަޝިއާގެ ޒެނިޓް ޕީޓަސްބާގުން ބުނީ ޕްރީ ސީޒަނަށް ކުޅުންތެރިން ރިޕޯޓްކުރާއިރު އެ ކުޅުންތެރިންގެ ހެލްތު ސްކްރީނިން ކަންތައްތައް ރަނގަޅަށް މޮނިޓާ ކުރެވެން ޖެހޭނެ ކަމަށާއި ނޫރީގެ މި ހާދިސާއާ އެކު ކްލަބްތަކުން މި ކަމަށް ދޭން ޖެހޭ ސަމާލުކަން އިތުރުކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ގިނަ ކްލަބްތަކުން ވަނީ ނޫރީ އަށް އޮތް ސަޕޯޓް ދޭހަކޮށްދިނުމުގެ ގޮތުން މެސެޖްތައް ފޮނުވައިފަ އެވެ.

އަޔަކްސްގެ ޗީފް އެކްޒެކްޓިވް ނެދަލެންޑްސް އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު އެޑްވިން ވެން ޑާ ސާ ބުނީ އެ ކްލަބުން ނޫރީގެ ހުރިހާ ބޭސްފަރުވާ ކަންތައްތައް މުޅި އުމުރަށް ބަލައިދޭނެ ކަމަށާއި ކްލަބްގެ އެމްބެސެޑަރަކަށް ނޫރީ ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އަޔަކްސް ސަޕޯޓަރުން ވަނީ ނޫރީގެ ޝަރަފުގައި އަމްސްޓެޑަމްގައި އިއްޔެ ހާއްސަ ހިނގާލުމެއް ބާއްވައިފަ އެވެ.