ދަގަނޑޭ ޕްރެކްޓިހަށް ނުކުމެއްޖެ

ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ކުރި ކަކުލުގެ އޮޕަރޭޝަނަށް ފަހު ފިޓްވެ، އިއްޔެ ނިއުގެ ޕްރެކްޓިހާ ނުކުމެއްޖެ އެވެ. އެކަމަކު އޭނާ އަށް ކުޅެވޭނެ ދުވަހެއް ސީދާ ނޭގެ އެވެ.


ދަގަނޑޭގެ ކަކުލަށް ލިބިފައިވާ އަނިޔާކަށް ފަރުވާ ހޯދުމަށް ސްރީ ލަންކާގައި މިދިޔަ މޭ މަހު ފަހުކޮޅު ކުރި އާތޮސްކޮޕިކް ސާޖަރީ (ކަށި ކޮއްޕައިގެން ކުރާ ސާޖަރީ) އަށް ފަހު ރިހެބިލިޓޭޝަން ކުރިއަށް ގެންދިޔައީ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގެ ތަޖުރިބާކާރު ފިޓްނަސް އިންސްޓްރަކްޓަރު ހުސެއިން ޒިނާނުގެ ބެލުމުގެ ދަށުންނެވެ.

ޒިނާން ބުނީ ދަގަނޑޭ އިއްޔެ ފުރަތަމަ ފަހަރަށް ފީލްޑް ޓްރެއިނިން އަށް ނުކުމެފައިވާ ކަމަށާއި އޭނާ ކޯޗާ އެއްކޮށް ހަވާލުކުރާނެ ދުވަހެއް ދެ ދުވަހެއްގެ ތެރޭގައި ނިންމާނެ ކަމަށެވެ. އެއަށް ފަހު އޭނާ ކުޅޭނެ ދުވަހެއް ކަނޑައަޅާނީ ކޯޗެވެ.

"އަދި ސީދާ ކުޅޭނެ ދުވަހެއް ނުނިންމާ. ސާޖަރީގެ ރިހެބިލިޓޭޝަން ނިމިފައި އެވަނީ. އެކަމަކު ބޯޅައިގައި ޖަހަން ފެށީމާ އިމްޕެކްޓް ރިލޭޓެޑް ސްޓްރެސް އަންނާނެ އެހާ ގިނަ ދުވަހު ނުކުޅެ ހުރުމުގެ ސަބަބުން. އެ ހުރިހާ ކަމަކަށް ހޭނި ހުރިހާ ކަމެއް ފުރިހަމަވުމުން ކުޅެން ފަށާނީ. އަޅުގަނޑު ދެ ދުވަހެއްގެ ތެރޭގައި ނިންމާނަން ކޯޗާ ހޭންޑްއޯވާކުރާނެ ދުވަހެއް. އެއަށް ފަހު ކޯޗު ނިންމާނީ އޭނާ ލައްވާ ކުޅުވާނެ ދުވަހެއް،" ގޯލްކީޕަރު އިމްރާން މުހައްމަދަށް ދެ ފަހަރެއްގެ މަތިން ލިބުނު ސީރިއަސް އަނިޔާ އިން ރިކަވާކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޒިނާން ބުންޏެވެ.

ދަގަނޑޭ އޮޕަރޭޝަން ނުކުރި ނަމަވެސް އޭނާ އަށް އެންމެ އަވަހަށް ވެސް ކުޅެން ނުކުމެވޭނީ އެސްޓީއޯ މާލޭ ލީގުގެ ފަހު މެޗުގައި ބުދަ ދުވަހުގެރޭ މާޒިޔާއާ ދެކޮޅަށް ނިއު ކުޅޭ މެޗުގަ އެވެ. އެއީ އޭނާ ނިއުއާ ގުޅުނީ ސީޒަނުގެ މެދުތެރެއިން ކަމަށްވެފައި އޭނާގެ ނަން ލިސްޓުގައި ޖެހުނީ ބުރާސްފަތި ދުވަހުގެރޭ ހުޅުވުނު ޓްރާންސްފާގައި ކަމަށްވާތީ އެވެ.

މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކުޅުނު ދަގަނޑޭ މި ސީޒަން ފެށުމުގެ ކުރިން ނިއު އަށް ސޮއިކުރަން އެއްބަސްވި އެވެ. އެކަމަކު ނިއު އިން ފަހުން ބުނީ އަނިޔާގެ ސަބަބުން އޭނާ ނިއު އަށް ސޮއިކުރަން ފަސްކޮށްފައިވާ ކަމަށާއި ކުޅުމަށް އެނބުރި އައިސް ރާއްޖޭގެ ކްލަބަކަށް އޭނާ ކުޅޭ ނަމަ، ފެނުން އެންމެ ގާތީ ނިއު އިން ކަމަށެވެ. އެކަމަކު ފަހުން އަޑުއެރީ އޭނާ މެލޭޝިއާގެ ކްލަބަކާ ގުޅެން އުޅޭ ކަމަށެވެ.

މެލޭޝިއާގެ ޕީޑީއާރްއެމް އަށް ތިން ސީޒަން ކުޅުމަށް ފަހު އަނިޔާގެ ސަބަބުން އެ ކްލަބުގެ ކޮންޓްރެކްޓް އުވާލުމަށް ފަހު ދަގަނޑޭ އެނބުރި ރާއްޖެ އައިސް މިދިޔަ ސީޒަނުގެ ފަހު ބައިގައި މާޒިޔާ އަށް ކުޅުނުއިރު ވެސް މި އަނިޔާގެ ސަބަބުން މުހިއްމު ބައެއް މެޗުތައް ގެއްލުނެވެ. މީގެ އިތުރުން ގައުމީ ޓީމަށް ވެސް އޭނާ އަށް ނުކުޅެ ހުންނަން ޖެހުނީ އަނިޔާގެ ސަބަބުންނެވެ.

ދަގަނޑޭގެ އިތުރުން ނިއުއާ އަލަށް ގުޅުނު އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި ސްޕެނިޝް މިޑްފީލްޑަރު ކަންޑޭލާ އާއި ލުބްނާން ޑިފެންޑަރު ހުސެއިން އަލް ޑޯރް އަށް ވެސް ބުދަ ދުވަހުގެރޭ މާޒިޔާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު އޮންނާނެ އެވެ.