ފުރަތަމަ ސެމީން މިސްކިތްމަގު ފުރުސަތު ހޯދައިފި

ފުވައްމުލަކުގައި ކުރިއަށްދާ ވީއޭއެމް އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުން ފުވައްމުލަކު މިސްކިތްމަގު ފުރުސަތު ހޯދައިފި އެވެ.


ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެ ޓީމު އެއް ވަނައިގައި އޮތްއިރު އެ ޓީމަށް މިހާރު ވަނީ ދަށްވެގެން ދެ ވަނަ މަގާމް ލިބޭނެކަން ކަށަވަރުވެފަ އެވެ. މާނައަކީ އެ ޓީމަށް ފުރަތަމަ ސެމީން ޖާގައެއް ކަށަވަރުވުމެވެ.

ދެ ވަނައިގައި ތިން މެޗުން ހަ ޕޮއިންޓް ހޯދާފައިވާ ޕޮލިސް ކްލަބް އޮތްއިރު ތިން ވަނައިގައި އޮތީ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދާފައިވާ ފުނާޑު ކްލަބް ފްރެންޑްސް އެވެ. ހަތަރު ވަނައިގައި އޮތީ ތިން މެޗުން ތިން ޕޮއިންޓް ހޯދާފައިވާ ދަ ފޭދޫ އެވެ. ފަސް ވަނައިގައި ތިން މެޗުން ދެ ޕޮއިންޓް ހޯދާފައިވާ ފޭދޫ ޔޫތު ކޮމިއުނިޓީ އޮތްއިރު ފުލުގައި އޮތީ ތިން މެޗުން އެއް ޕޮއިންޓް ހޯދާފައިވާ ވިލިނގިލި ޒުވާނުންގެ ޓީމެވެ.

ހަ ޓީމުގެ މެދުގައި ލީގު އުސޫލުން ކުޅޭއިރު ފުރަތަމަ ސެމީ ފައިނަލުގައި ބައްދަލުކުރާނީ އެއް ވަނަ ޓީމާއި ދެ ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ސީދާ ޖާގައެއް ލިބޭނެ އެވެ. ބަލިވާ ޓީމަކަށް ޖެހޭނީ ދެ ވަނަ ސެމީގައި ތިން ވަނަ ޓީމާއި ހަތަރު ވަނަ ޓީމު ކުޅެ މޮޅުވާ ޓީމަކާ އެކު ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.